ދުނިޔެ / ހޮންކޮންގް

ބިލް އުވާލަންދެން ހޮންގް ކޮންގްގެ މުޒާހަރާ ކުރިއަށް ގެންދާނެ

ކުށުގެ ތުހުމަތުކުރެވޭ މީހުން ޗައިނާއާ ހަވާލުކުރެވޭ ގޮތަށް ހޮންގް ކޮންގްގެ ގާނޫނަކަށް ބަދަލު ގެންނަން ހުށަހެޅި ބިލާ ދެކޮޅަށް މުޒާހަރާ ކުރަނީ

ކުށުގެ ތުހުމަތުކުރެވޭ މީހުން ޗައިނާއާ ހަވާލުކުރެވޭ ގޮތަށް ހޮންގް ކޮންގްގެ ގާނޫނަކަށް ބަދަލު ގެންނަން ހުށަހެޅި ބިލް އަނބުރާ ގެންދަން މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށް ބިލާ ދެކޮޅު ފަރާތްތަކުން ބުނެފި އެވެ.

ޗައިނާއާ ހަވާލުކުރެވޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ހުށަހެޅި ބިލްގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލަން ލެޖިސްލޭޓިވް ކައުންސިލް (ލެގްކޯ)އިން ނިންމީ މިހާތަނަށް ނުކުރާ ވަރުގެ މުޒާހަރާތަކެއް ކޮށް ބޮޑެތި ހަމަނުޖެހުންތައް ހިންގާފައި ވަނިކޮށެވެ. އެ ބިލްގެ މަސައްކަތް މަޑުޖައްސައިލިޔަސް ބިލާ ދެކޮޅު ފަރާތްތަކުން ބުނަނީ އެވަރަކުން ނުފުދޭ ކަމަށެވެ. އެގޮތުން މިއަދު ވެސް މުޒާހަރާ ކުރާނެ ކަަމަށާއި ހުއްޓާލާނީ ބިލް އަނބުރާ ގެންދިއުމުން ކަމަށް އެމީހުން ބުންޏެވެ.

ހޮންގް ކޮންގްގައި މުޒާހަރާ ކުރުމުގައި އިސްކޮށް އުޅޭ ސިވިލް ހިއުމަން ރައިޓްސް ފްރޮންޓްގެ ޖިމީ ޝާމް އެ ބިލް ސިފަކުރަނީ "ރައްޔިތުންގެ މެޔަށް ހަރާލާފައިވާ ވަޅިއެއް"ގެ ގޮތުގަ އެވެ.

"[އެވަޅި] ވަނީ ގާތްގަނޑަކަށް އަހަރެމެންގެ ހިތާ ހަމަޔަށް ވަދެފައި. މިހާރު ސަރުކާރުން އެބުނީ އިތުރަކަށް ނުކޮށްޕާނަމޭ. އެކަމަކު އެ ދަމައިގަންނަން ވެސް ދެކޮޅު އެބަ ހަދާ،" އޭނާ ބުންޏެވެ.

ބިލްގެ ދެވަނަ ކިޔުން ފަސްކުރަން މިދިއަ ހަފުތާގައި ލެގްކޯ އިން ނިންމި އެވެ. އެކަމަކު އެއީ ބިލް އަނބުރާ ގެންދިއުމުގެ ބަދަލުގައި ވަގުތީ ފިޔަވަޅެކެވެ. ހޮންގް ކޮންގްގެ އެންމެ އިސް ވެރިޔާ ޗީފް އެގްޒެކެޓިވް ކަރީ ލެމްއަށް އޭނާގެ އިސް ބައެއް މުޝީރުން އިއްޔެ ގޮވާލެއްވީ ބިލާ މެދު މިވަގުތު ގޮތެއް ނިންމުން ފަސްކުރުމަށެވެ. އެހެންކަމުން ލިމް ވަނީ އެގޮތަށް އެންމެ ފަހުން ނިންމައިފަ އެވެ.

މުޒާހަރާގެ އިސް ވެރިން ގޮވާލަމުން ދަނީ ބިލްގެ މަސަައްކަތް އެއްކޮށް ހުއްޓާލައި، ލެމް ވެސް އިސްތިއުފާ ދެއްވާށެވެ.

މުޒާހަރާތައް ހޫނުވާން ފެށުމުން ހޮންގް ކޮންގްގެ ސަރުކާރުން ގެންދަނީ ރައްޔިތުންނަށް ބައެއް ކަންކަން ކަށަވަރުކޮށްދެމުންނެވެ. އެގޮތުން އެ ގާނޫނު އިސްލާހުކުރިޔަސް، ސިޔާސީ އަދި ދީނީ ހަރަކާތެއްގެ ތުހުމަތުކުރެވޭ އެއްވެސް މީހަކު ޗައިނާއާ ހަވާލުނުކުރާނެ ކަމަށް ކަނޑައެޅުން ހިމެނެ އެވެ. އޭގެ އިތުރުން ޗައިނާއާ ހަވާލުކުރާނީ ހަތް އަހަރަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް އަންނަ ކުށްކުށުގެ ތުހުމަތުކުރެވޭ މީހުން ކަމަށް، ސަރުކާރުން ބުނެ އެވެ.

ގާނޫނަށް އިސްލާހު ގެންނަނީ ކީއްވެ؟

މިހާރު ގެންނަން އުޅޭ އިސްލާހުތަކުގައި ވާ ގޮތުން ޗައިނާ އާއި ތައިވާން އަދި މަކާއޯގެ ރަސްމީ ފަރާތްތަކުން އެދިއްޖެ ނަމަ ތުހުމަތުކުރެވޭ މީހާ އެތަންތަނާ ހަވާލުކުރަން ޖެހޭނެ އެވެ. މި ބަދަލު ގެންނަން އުޅެނީ މިދިއަ އަހަރުގެ ފެބްރުއަރީ މަހު ހޮންގް ކޮންގްގެ 19 އަހަރުގެ ފިރިހެނަކު އޭނާގެ 20 އަހަރުގެ ލޯބިވެރިޔާ ތައިވާންގައި މަރާލިކަމުގެ ތުހުމަތު އެޅިފައި އޮއްވާ ފިލައިގެން ހޮންގް ކޮންގް އަށް ދިޔުމުންނެވެ. އޭރު ދެ މީހުން ގެންދިޔައީ އެކުގައި ޗުއްޓީ ހޭދަކުރަމުންނެވެ. އަދި ލޯބިވެރިޔާ މަރާލި އިރު އޭނާ އިނީ ބަލިވެ އެވެ. ފިރިހެންމީހާ ތައިވާނާ ހަވާލުކުރަން ތައިވާނުން އެދުނު ނަމަވެސް ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއް ހެދިފައި ނެތުމުން އެކަން ކުރެވޭ ގޮތެއް ނުވި އެވެ. މިހާރު އޮތް ގާނޫނަށް އިސްލާހު ގެނަޔަސް ހޮންގް ކޮންގްގެ ރަސްމީ ފަރާތްތަކުން ބުނީ އެގޮތަށް ހަވާލުކުރާ މީހުންނާ މެދު ގޮތެއް ނިންމާނީ ހޮންގް ކޮންގްގެ ކޯޓުތަކުން ކަމަށެވެ. އަދި އާންމުންގެ ރުހުން ހޯދުމުގެ ގޮތުން ބިލަށް ވަނީ އެހެން ބަދަލުތަކެއް ވެސް ގެނެސްފަ އެވެ. އެއީ މަދުވެގެން ހަތް އަހަރުގެ ހުކުމެއް ނާންނަ އެއްވެސް ކުށެއްގެ ތުހުމަތުގައި މީހުން ޗައިނާއާ ހަވާލުނުކުރުމެވެ. އަދި ސިޔާސީ ގޮތުންނާއި ދީނީ ކަންކަމާ ގުޅުވައިގެން އެއްވެސް މީހަކު ފޮނުވާނުލާނެ ކަމަށް ވެސް ރަސްމީ ފަރާތްތަކުން ބުނެ އެވެ.

ހޮންގް ކޮންގް އާއި ޗައިނާގެ ދެ ނިޒާމް

އިނގިިރޭސންގެ އަތްދަށުގައި 1841 އިން ފެށިގެން 1997 އާ ހަމައަށް އޮތް ހޮންގް ކޮންގް ޗައިނާއާ ހަވާލުކުރީ، ޗައިނާގައި އޮންނަ ނިޒާމްތަކާ ހިލާފަށް ވަރަށް ގިނަ ކަންކަން، ބޭސިކް ލޯގެ ގޮތުގައި މަޝްހޫރު ކުޑަ ގާނޫނުއަސާސީއަކުން، ކަށަވަރުކޮށްފަ އެވެ. އެކަމަކު ބޭސިކް ލޯގެ މުއްދަތަކީ 50 އަހަރެވެ. މިހާތަނަށް ވެސް ހޮންގް ކޮންގް ހިންގަމުން އަންނަނީ "އެއް ގައުމެއް، ދެ ނިޒާމެއް"ގެ އުސޫލުތަކުގެ ދަށުންނެވެ. އެގޮތުން ހޮންގް ކޮންގްގައި މިނިވަން ޝަރުއީ ނިޒާމެއް އޮވެ އެވެ. އަމިއްލަ ގާނޫނުތައް ހެދެ އެވެ. އިގުތިސާދީ ނިޒާމް ތަފާތެވެ. އަދި ފައިސާގެ ގޮތުގައި ހޮންގް ކޮންގް ޑޮލަރު ބޭނުންކުރެވެ އެވެ. ޗައިނާއަށް ބާރު ލިބެނީ ހާރިޖީ ގުޅުންތަކާއި ދިފާއީ ބައިގަ އެވެ. އަދި ޗައިނާ އާއި ހޮންގް ކޮންގްއާ ދެމެދު ދަތުރުކުރަން ވިސާ ނުވަތަ ހުއްދައެއް ބޭނުންވެ އެވެ. ބޭސިކް ލޯގެ މުއްދަތު 2047 ގައި ހަމަވުމުން ހޮންގް ކޮންގްގެ އެތެރޭގެ މިނިވަންކަމާ މެދު ވާނެ ގޮތެއް ސާފެއް ނޫނެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454