މާފުށީ ޖަލު: އެ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ މާފު ނުދެވޭ ކުށްތަކެއްގައި ހިމެނޭ ބަޔަކު ދޫވި މައްސަލަ ކަރެކްޝަނަލް ސާވިސް އިން ދޮގުކުރޭ. --ފައިލް ފޮޓޯ
16 ޖޫން 2019 - 16:10
މާފު ނުދޭ އިތުރު ކުށްވެރިންތަކެއް ޖަލުން ދޫވިތޯ ބުނަން އެނގޭނީ ގައިދީއަކު ދޫވި މައްސަލައިގައި ކަމާގުޅޭ އިދާރާތަކުން ކުރަމުން އަންނަ ތަހުގީގު ނިމުމުން ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އަދަބު ލުއިކޮށްދިނުމާއި މާފު ދިނުމުގެ ގާނޫނުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގައިދީންތަކަކަށް މާފު ދެއްވިއިރު، އޭގެ ތެރޭގައި ނުހިމެނޭ ގައިދީއަކު ޖަލުން ދޫކުރި މައްސަލަ ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަންނަނީ ބަލަމުންނެވެ.
އޭނާގެ އިތުރުން ވެސް މާފު ނުދެއްވޭނެ ކުށްތަކުގައި ހިމެނޭ ގާތްގަނޑަކަށް ނުވަ ގައިދީއަކު ދޫކޮށްފައިވާ ކަމުގެ އަޑު ފެތުރި ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ވެސް ކޮށްފަ އެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ އިތުރު ގައިދީންތަކެއް ދޫވިތޯ އެ މިނިސްޓްރީ އަށް ސާފުވާނީ ފުލުހުންނާއި ކަރެކްޝަންސްގެ ތަހުގީގު ނިމުމުން ކަމަށެވެ. ރައީސް މާފު ނުދެއްވާ ގައިދީއަކު ދޫވި މައްސަލަ ބަލަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފުލުހުންނަށް އަންގަވާފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިތުރު ގައިދީންތަކެއް ދޫވި ކަމަށް ދައްކާ ވާހަކައަކީ ދޮގެއް ކަމަށެވެ. އެތަނުން ދޫވީ އެންމެ ގައިދީއެއް ކަމަށާއި ކަރެކްޝަންސް އިން ވެސް އެ މައްސަލަ ބެލުމަށް ފަހު ތަހުގީގު ކުރަން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.
އެ ގައިދީ އަލުން ބަންދުކޮށްފައިވާ އިރު، "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެއީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލައެއްގައި 25 އަހަރަށް ޖަލަށް ލާފައިވާ މީހެކެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަކީ ރައީސަށް މާފު ނުދެވޭނެ ކުށެއްގެ ގޮތުގައި ގާނޫނުގައި ވަނީ ކަނޑައަޅައިފަ އެވެ.
މިނިވަންކުރަން ނުޖެހޭ މި ގައިދީ ދޫވި މައްސަލައިގައި ސަސްޕެންޑްކުރީ ޗިޓު ތައްޔާރު ކުރި ކަރެކްޝަނަލް ސާވިސްގެ އޮފެންޑާ މެނޭޖްމަންޓް ޑިޕާޓްމަންޓުގެ އޮފިސަރެވެ. އެންމެ މީހަކާ ދޭތެރޭގައި ފިޔަވަޅު އެޅި ނަމަވެސް އެކަމަކު ކުށްވެރިޔާ މިނިވަންވި ޗިޓުގައި އެ ޑިޕާޓްމެންޓުގެ އިސް ވެރިޔާ މުހައްމަދު ތޮލާލް އާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވަނީ ސޮއިކުރައްވައިފަ އެވެ. ކުށްވެރިން ދޫވާނީ ތައްޔާރުކުރާ ޗިޓުތައް އިސްވެރިން ބެލުމަށް ފަހު ސޮއި ކުރެއްވުމުންނެވެ.
ކަރެކްޝަންސުން ބުނީ އެ ތަނުން މައްސަލަ ބެލި އިރު ވެސް މަސްލަހަތު ފުށުއަރާ އެއްވެސް މީހަކު ތަހުގީގުގައި ބައިވެރި ނުކުރާ ކަމަށެވެ. އެގޮތުން މުނާޒާއި ތޮލާލްގެ ވެސް ބައިވެރިވުމެއް ނެތް ކަމަށް އެ ކޮމިޝަނުން ޔަގީންކޮށް ދިނެވެ.
ޖަލުން ގައިދީއަކު މި ދޫވީ ޖަލުތަކާ ބެހޭ އޮޑިޓެއް ހަދައި ގިނަ މައްސަލަތަކެއް ހުރި ކަން އެ ރިޕޯޓުން އާއްމުކޮށްފައި ވަނިކޮށެވެ. ކޮންމެ ގައިދީއަކަށް ދައުލަތުން މަހަކު 15،000 ހޭދަވާ އިރު، ޖަލަކީ އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ތަނެއް ކަމަށާއި ގައިދީންނާ ދޭތެރޭގައި އިންތިހާ އަށް ތަފާތުކުރުން ގެންގުޅޭ ކަމަށް ވެސް އެ ރިޕޯޓުގައި ވެ އެވެ.
ޖަލު އޮޑިޓް ކުރި ކޮމިޝަނުން ލަފާ ދީފައި ވަނީ، ގައިދީންނާ ދޭތެރޭގައި މިހާރު އަމަލުކުރަމުންދާ އުސޫލްތައް ވީހާ ވެސް އަވަހަށް ބަދަލުކޮށް ޖަލުތައް ހިންގުން ހަރުދަނާ ކުރުމަށެވެ. އެ މަސައްކަތް ހޯމް މިނިސްޓްރީން ކުރިއަށް އެބަ ގެންދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮހޮޑާ
17 June 2019
ބުރޯދޯ...
ބޯޅަ
17 June 2019
ތެޅި ފޮޅެނީ ހަަމަ ސީ ޕީ ކަން ނުލިބިގެން
އާސިފް
17 June 2019
އާސިފްއަށް ސީޕީ ކަން ލިބޭނޭ މި ފަހަރު އެހެންވެ ތި ތެލިފޮޅެނީ
ދާދޭ
16 June 2019
ކުށްވެރިންނަށް މަހަކު 15000ރުފިޔާތަ؟ ސިވިލް ސާވަންޓުންކުރާ މަސައްކަތަށް 4000ރުފިޔާ. ކޮންފަދަ ނާއިންސާފެއްތޯ؟
ފަންފަތް
16 June 2019
ޖަލުން ދޫކުރާ ޗިޓްގައި ތޮލާލް އާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވަނީ ސޮއިކުރައްވައިފަ އެވެ. އެހެންކަމަށްވާނަމަ ތިކަމުގަ އެ ދެފަރާތުންވެސް ޒިންމާ ނަގަން ޖެހޭނެ. ކިތައްމެވަރަކަށް ނުފޫޒް ނެތޭ ބުނިކަމުގައިވިޔަސް ތިކަމުގަ ސީ.ޕީ ހިމެނޭކަމުގައިވާނަމަ އިންސާފް ތަހުގީގެއް އެމުއަސަސާއިން ނުހިންގޭނެ. މައުލޫމާތު ލިބޭގޮތުގައި ޑިސިޕްިނަރީ ބޯޑުން ގޮތް ނިމްމާފި، އެހެން ނަމަވެސް ފިޔަވަޅު އަޅަން ނުކުރިގެން ސީ.ޕީ ވަނީ އެނިމްމުން ބާއްވާފަ.
ޖުމްހޫރީ
16 June 2019
ޗިޓު ހެދި މުއައްޒަފަށްތުރެ ދެން ސޮއި ކުރި ވެރިންގެ ޒިންމާ އަދި މާބޮޑު. އެމީހުން ޒިންމާދާރު ނުކޮށް ދަށުގަ ހުރި ކުއްޖަކަށް ފިޔަވަޅު އެޅުމަކީ ޒިންމާ އިން ރެކުން. އަދި އެކަން ތަކުރާރު ވާނެ ކަމެއް.
ލަމް
17 June 2019
ސީ.ޕީ އަދި ތޮލާލް އިސްތިއުފާ!
ބަބުރަންޖީ ހާޖީ
16 June 2019
ކޮމެޓީއެއް އެކުލަވާލަން ފެނޭ.
މަރޭމިރުތާ
16 June 2019
މަށަށް އެނގޭނެ ތިބި މީހުންނާއި، ދޫކުރި މީހުންނާ އަދި މަޢާފުކުރި މީހުންގެ ލިސްޓަށް ބަލާލިޔަސް! ތިޔަހާ ވަރުގަދަ ތަޙްޤީޤެއް ނުހިންގިއަސް!
ޖުމާ
16 June 2019
ޖަލު ހިންގަން ކޮންމެ ސަރުކާރަކުން ވެސް މި ހަވާލު ކުރަނީ މިކަމަށް ގާބިލުނޫން މީހުންނާ. ދެން މިވާގޮތަކީ މީހުން ދޫވަނީ
ާބޮޑުމީހާ
16 June 2019
ވެރިކަން ހަވާލުކުރީ އިންސާފާއި ހަމަހަމަކަމާއިއެކު މަސައްކަތްކުރުމަށް ވައުދުވީމަ. ރާވައިގެން ނޫންގޮތަކަށް ގައިދީއަކު ދޫނުވާނެ
ޅޮސް އުނދޯލި
16 June 2019
ތިވަރު ކަމެއް ބަލަން ކަލޭމެން ކިހާ މުއްދަތެއް އެބަ ނަގާ އަޅެ. މިހާރު ތި ވާހަކަ ދައްކާތާ ކޮން ދުވަހެއް.
ދާދޭ
16 June 2019
4އަހަރާ 4 މަސް 10 ނަގާނެ. 5 އަހަރު ނުވެ ބާކީވާ 7 މަހާ 21 ދުވަހަކީ ރިޔާސީ ކެމްޕޭނުގެ ވައުދުތައް އިއްވާ މުއްދަތު.