ރިޕޯޓް

ޓޯކުރާ އުޅަނދުތަކަށް މި ނޫން ގޮތެއް ނެތްތަ؟!

ގަވައިދާ ޚިލާފުވުމުން، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ވެހިކަލެއް ނައްތާލަނީ --ފޮޓޯ: ނިޝާން އަލީ/މިހާރު

މަންޒަރު ދުށް މީހަކު ބުނިގޮތުގައި އެއީ އެ ދުވަހު އޭނާއަށް ފެނުނު އެންމެ ހިތްދަތި މަންޒަރެވެ. ބޭނުން ކުރެވޭ ހާލަތުގައި ހުރި އެ އުޅަނދުތައް، ހައިމާކުގެ ދަތްގަނޑު ދަށަށް ލައި ފިސްކޮށް ހަލާކުކޮށްލީ އެވެ. ބައެއް މީހުންގެ ސުވާލަކީ ގަވައިދާ ހިލާފުވެގެން މަގުމަތިން ނަގާ އުޅަނދުތަކަށް ހެދޭނެ އެހެން ގޮތެއް ނެތް ހެއްޔެވެ؟ ހައްލަކީ އެ އުޅަނދުތައް ހަމަ ނައްތާލުން ހެއްޔެވެ؟

ގަވައިދާ ހިލާފު ވެގެން މިދިޔަ ފެބުރުއަރީ މަހު 238 ވެހިކަލެއް ވަނީ ނައްތާލައިފަ އެވެ. އޭގެ ތެރޭގައި 180 ސައިކަލާއި 58 ކާރު ހިމެނެ އެވެ. މިދިޔަ ހޮނިހިރު ދުވަހު ވެސް 79 އުޅަނދު ނައްތާލި އިރު އޭގެ ތެރޭގައި ގިނައީ ސައިކަލެވެ.

އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނުން ލިބިދޭ ބާރުގެ ދަށުން، މިފަދަ އެތައް އުޅަނދެއް ފުލުހުން ކޮންމެ އަހަރަކު ވެސް ނައްތާލަ އެވެ. އޭގެ ތެރޭގައި ވަރަށް އާ އަދި ބޭނުންކުރެވޭ ހާލަތުގައި ހުރި އުޅަނދުތައް ވެސް ގިނަ އެވެ. އެކަމަކު އެއީ މަގުމަތީގައި ބަހައްޓާފައި ހުންނަތާ ގިނަ ދުވަސް ވެގެން ނުވަތަ ގަވައިދާ ހިލާފަށް ޕާކުކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުން، އަނބުރާ ނުގެންގޮސް ހުރި ތަކެއްޗެވެ. އަދި ވެރިފަރާތް ބަދަލުވި ނަމަވެސް ރަޖިސްޓްރީ ބަދަލުކޮށްފައިނުވުމުގެ ސަބަބުން ރަޖިސްޓްރީ އޮތް ފަރާތުގެ ލިޔުމެއް ނެތި އަނބުރާ ނުގެންދާ އުޅަނދުތައް ވެސް ހިމެނެ އެވެ.

ގަވައިދާ ހިލާފުވެގެން ޓޯ ކޮށްފައިވާ ސައިކަލްތަކެއް ނައްތާލަން ތިލަފުއްޓަށް ގެންދަނީ

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަދި ހެޑް އޮފް ޓްރެފިކް ޕޮލިސް ހުސައިން ސަމީރު ވިދާޅުވި ގޮތުގައި އުޅަނދުތައް ނައްތާލަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާތާ 60 ދުވަސް ފަހުން ކަމުން، އެއީ އެ އުޅަނދުތައް އަނބުރާ ގެންދަން ވެރިފަރާތްތަކަށް ލިބޭ އެކަށީގެންވާ މުއްދަތެކެވެ. ޓޯ ކުރާ އުޅަނދުތަކުގެ ތަފްސީލު ތިން ދުވަހުގެ ތެރޭގައި އާއްމު ކުރެ އެވެ. ޖޫރިމަނާ ދައްކައި ވެހިކަލް އަނބުރާ ގެންދަން ފުރުސަތު ދެ އެވެ. ނައްތާލަނީ ނުގެންދާ އުޅަނދުތައް ކަމަށް ސަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ތަކެތި ނައްތާލަނީ ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ މަރުހަލާތަކަކަށް ފަހު އެވެ.

"ބައެއް ވެހިކަލްތަކުގެ ޑޮކިއުމެންޓް ފުރިހަމަކޮށް، ބައެއް ކަންކަން ނިންމަން ގިނަ ދުވަސްތަކެއް ވެސް ނަގާ. އެހެންވެ އަނބުރާ ގެންދަން ބޭނުން ނަމަ އެކަށީގެންވާ ވަގުތު އަޅުގަނޑުމެންނަށް އެބަ ދެވޭ،" ސަމީރު ވިދާޅުވި އެވެ.

ގަވައިދާ ޚިލާފުވުމުން، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ވެހިކަލެއް ނައްތާލަނީ: ބައެއް އުޅަނދުފަހަރު މިހާ ބާކޮށް އޮތަސް، ބޭނުންކުރެވޭ ވެހިކަލްތައް ވެސް ހުރޭ ---ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ވިދާޅުވީ ބައެއް ވެހިކަލްތައް މަގުމައްޗަށް ދޫކޮށްލަނީ އޭގެ ބޭނުން ނެތިގެން ނޫނީ ނައްތާލެވޭނެ ގޮތެއް ނެތިގެން ކަމަށެވެ. އަދި އުޅަނދުތައް ނައްތާލުމުގައި ފަހަކަށް އައިސް ފުލުހުން އިސްކަން ދެނީ ޕާކިން ޒޯންތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުންނަ އުޅަނދާއި ގިނަ ދުވަސްވެ، ހަލާކުވެފައި ހުންނަ އެއްޗިއްސަށް ކަމަށް ސަމީރު ވިދާޅުވި އެވެ.

އުޅަނދުތައް ނައްތާލުން ނޫން އެހެން ގޮތެއް!

ކޮންމެ އަހަރަކު ވެސް އެތައް މިލިޔަން ރުފިޔާގެ ވެހިކަލް ނައްތާލާއިރު، މިއީ ބޭކާރު ކަމެއް ކަމަށް ދެކޭ މީހުން ގިނަ އެވެ. އެ މީހުންގެ ނަޒަރުގައި އަގުބޮޑުކޮށް މީހުން ގަންނަ މުދާ ނައްތާލުމުގައި މި ނޫން ގޮތެއް އޮންނަން ޖެހެ އެވެ.

"ނިކަމެތި ރައްޔިތު މީހާ ސައިކަލެއް މި ހޯދަނީ ވަރަށް ދުވަހުން، ދަރާ ވިކިގެން. ރައްޔިތުން ބުރަ މަސައްކަތުން ހޯދާ މި ފަދަ އެއްޗެއްސާ މެދު މި ނޫން ގޮތަކަށް އަމަލު ކުރެވެން ޖެހޭނެ ކަމަށް ގަބޫލުކުރަން،" ޓްވިޓާގައި ހިޔާލުފާޅުކުރި މީހަކު ބުންޏެވެ.

ޓްވީޓް ކުރި އެހެން މީހަކު ބުނީ މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކަން ކުރާ ގޮތް ނޫން ކަމަށެވެ. އިގްތިސޯދީ ނަޒަރަކުން ބެލިކަމުގައި ވިޔަސް މިއީ ގައުމަށް ލިބޭނެ ގެއްލުމެއް ކަމަށް އޭނާ ދެކެ އެވެ. އަދި ބޭނުން ހިފޭނެ ކިތަންމެ އެއްޗެއް އޭގެ ތެރޭގައި ހުންނާނެތީ އެ ތަކެތި ވިއްކައިގެން އެއިން ފައިދާ ހޯދިދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ގަވައިދާ ހިލާފުވެގެން ޓޯ ކޮށްފައިވާ އުޅަނދުތަކެއް ނައްތާލުމުގެ މަސައްކަތް ފުލުހުން ކުރަނީ-- ފޮޓޯ/ ޕޮލިސް

އުޅަނދުތައް ނައްތާލުމާ ދެކޮޅަށް ވާހަކަ ދައްކާ ގިނަ މީހުންގެ ހިޔާލަކީ ހަލާކުކޮށް ނުލައި ނީލަން ކިޔުމެވެ. އަދި ހެޔޮ އަގެއްގައި މިފަދަ އުޅަނދުތައް ގަންނާނެ މީހުން ގިނަ ކަމަށާއި އޭރުން އެއިން ދައުލަތަށް އާމްދަނީއެއް ވެސް ލިބޭނެ ކަމަށް އެމީހުން ދެކެ އެވެ.

ގިނަ މީހުންގެ ނަޒަރުގައި ނައްތާލާ އުޅަނދުތަކުގެ ސްޕެއާޕާޓްސް ނުވަތަ ބޭނުން ކުރެވޭ ގޮތަށް ހުރި ބައިތައް ވިއްކާލުން ނުވަތަ ނީލަން ކިޔުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. އަދި އެއީ ފައިދާވާނެ ވިޔަފާރިއެއް ކަމަށާއި އެހެންވެ، އެގޮތް ހިޔާރުކުރުމުން ދައުލަތަށް ވެސް މަންފާކުރާނެ ކަމަށް އެ މީހުން ބުންޏެވެ.

"ދައުލަތަށް ނެގޭ ތަކެތި ފަނާކޮށްލުމުގެ ބަދަލުގައި އެއިން އެހެން މީހުންނަށް ފައިދާ ކުރަނިވި ގޮތަކަށް ކަންކުރުން މުހިއްމު. ކަންކަން ރާވާ ހިންގަން ތިބޭ މީހުން މިފަދަ ކަންކަމާ ވިސްނަން އެބަ ޖެހޭ،" ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި މީހަކު ބުންޏެވެ.

އެހެން ބައެއް މީހުންގެ ނަޒަރުގައި މިފަދަ އުޅަނދުތަކުން ދައުލަތަށް ފައިދާ ކުރަނިވި އެހެން ކަމެއް ވެސް ކުރެވިދާނެ އެވެ. އެގޮތުން ބޭނުން ކުރެވޭ ގޮތަށް ހުރި ކާރާއި ޕިކަޕް ފަދަ ތަކެތި، ދައުލަތުގެ ބޭނުންތަކަށް ރަށްރަށަށް ވެސް ފޮނުވިދާނެ ކަމަށާއި އޭރުން އެތަކެތި ހޯދަން ކުރާ ހޭދައިން ސަލާމަތް ކުރެވޭނެ އެވެ.

ގާނޫނުގައި އޮންނަ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މިފަދަ އުޅަނދުތައް ނީލަން ކިޔުމުގެ ފުރުސަތު އޮވެ އެވެ. އެގޮތުން ޓޯކުރާ އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންދާ އުޅަނދުތައް ނީލަމުގައި ވިއްކާލުމުގެ އުސޫލެއް މިދިޔަ އަހަރު އެކުލަވާލި އެވެ.

އެކަމަކު އެކަން ނުކުރެވެނީ އެހެން މީހެއްގެ ރަޖިސްޓްރީގައި އޮތް އުޅަނދެއް ނީލަން ކިޔައި، މީހަކަށް ވިއްކާލުމުން އޭގެ ސަބަބުން ގާނޫނީ މައްސަލަތަކެއް ފެންމަތިވެދާނެތީ ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުންޏެވެ.

ޓްރާންސްޕޯޓް މިނިސްޓްރީންނާއި ފުލުހުން ވެސް ބުނީ ދައުލަތަށް ނަގާ މުދާ ނީލަން ކިޔައިގެން ލިބޭ ފައިސާ، އޭގެ ވެރިފަރާތުން ހޯދަން އުޅެފި ނަމަ ގާނޫނީ ބޮޑެތި މައްސަލަތައް ކުރިމަތިވުން އެކަށީގެންވާ ކަމަށެވެ. އެހެންވެ މިއަދާ ހަމައަށް ވެސް އެކަން އޮތީ ހަމައެކަނި އަމަލު ނުކުރެވޭ އުސޫލެއްގެ ގޮތުގަ އެވެ.

ނައްތާލާ ވެހިކަލްތައް ބާ ދަގަނޑުގެ ގޮތުގައި ވިއްކާލައި، ރާއްޖެއިން ބޭރުކުރަން ފުލުހުން މީގެ ދެ އަހަރު ކުރިން ބަޔަކާ ހަވާލުކުރި އެވެ. އެ ކުންފުނިން ވެހިކަލްގެ އެކި ބައިތައް ރޫޅާލުމަށް ފަހު ދަގަނޑުގެ ގޮތުގައި އެކްސްޕޯޓް ކުރީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ. އެކަމަކު އެ މަސައްކަތުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ.

ފުލުހުން ތިބީ އެހެން ބަޔަކު ލިބިއްޖެ ނަމަ އެގޮތަށް ހަވާލުކުރަން ތައްޔާރަށެވެ.

"މި ވަގުތަށް އޮތް ހައްލަކީ މިއީ"

ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ނައްތާލާ ވެހިކަލްގެ ތެރޭގައި ވަރަށް އާ އުޅަނދު ވެސް ހިމެނޭތީ އެ އެއްޗެހި އެގޮތަށް ހަލާކުކޮށްލުމަކީ ހިތްދަތި މަންޒަރެއް ކަމަށެވެ. އެކަމަކު މި ވަގުތު މި ނޫން ހައްލެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ގާނޫނުގެ ދަށުން އަޅުގަނޑުމެންނަށް ކުރެވެން އޮންނަ ހަމައެކަނި ކަމަކީ. މިކަން ބަދަލުކުރެވޭނީ ގާނޫނަށް އިސްލާހު ގެނެސްގެން،" އޮފިޝަލް ވިދާޅުވި އެވެ.

ގަވައިދާ ޚިލާފުވުމުން، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ވެހިކަލެއް ނައްތާލަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ވިދާޅުވި ގޮތުގައި ގާނޫނަށް ބަދަލު ގެނެސްގެން، އުޅަނދުތަކާ މެދު ކަންކުރާނެ އެހެން ގޮތެއް ހޯދުމުގެ މަޝްވަރާތައް ކުރިއަށް ދެ އެވެ. އެކަމަކު އަމަލީ ސިފަ އަންނާނެ ދުވަހެއް ބުނަން ނޭނގޭ ކަމަށް ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފުލުހުންނާ ގުޅިގެން މި އަހަރު ކުރީކޮޅު ވެސް އޭގެ މަޝްވަރާތަކެއް ކުރި އެވެ. ޓޯކުރާ އުޅަނދުތައް ވެމްކޯ މެދުވެރިކޮށް ބާ ދަގަނޑުގެ ގޮތުގައި ބޭރުކުރަން ވެސް ވާހަކަ ދެއްކި އެވެ. އެކަމަކު މިއިން އެއްވެސް ކަމަކަށް އަދި އަމަލީ ސިފައެއް ނުފެނެ އެވެ. އަދި އޮތީ އުޅަނދުގެ ހާލަތަށް ބެލުމެއް ނެތި ހަމަ ހަލާކުކޮށް، ނައްތާލުމެވެ.

49 ކޮމެންޓް, 58 ރިއެކްޝަންސް

icon happy icon happy 24%
icon sad icon sad 55%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ންންންން

17 June 2019

"ނިކަމެތި ރައްޔިތު މީހާ ސައިކަލެއް މި ހޯދަނީ ވަރަށް ދުވަހުން" ސައިކަލެއްް ހޯދޭ ރައްޔިތުމީހާ ނިކަމެތި ވާގޮތެއް ނުވިސްނުނު..

The name is already taken The name is available. Register?

ކޮބާ..ކޮބާ

17 June 2019

ސިލޯނު މީހުން ގަންނަން އެތިބީ ތއްޔާރަޢް..

The name is already taken The name is available. Register?

ޖޮއްބެ

17 June 2019

ރިސޯޓެއްގައި އުޅުނަސް އެމީހަކު ފުރަންވީމާ ހިތައްއެރި ތަނެއްގަ ޕާކުކޮށްފަ ދާކަށްނުޖެހޭ. ގޮއްސިއްޔާ ފިޔަވަޅު އަޅަންޖެހޭނެ. އަނެއްކާ ޓޯކުރާ އުޅަނދު ތައްބަލާ ރެޖިސްޓްރީ ހިފައިގެން ދިޔައިމާ އެއޮންނަ އުޞޫލުން ދޫކުރާނެ. ޕާކިންގޒޯނުގައި ހުއްޓާ ސްޓިކަރ އެއްވެސް ނުޖަހާނެ ޓޯއެއްވެސް ނުކުރާނެ.

The name is already taken The name is available. Register?

މަހާރެހެންދި

17 June 2019

ޑިއަރ ސުޕުރިންޓެންޑޫ، ރިސޯޓުތަކުގަ އޮފް ޑޭ އެއް ނުލިބި 6 މަސް އަދި 12 މަސް ދުވަހު މަސައްކަތްކުރާ އެތަކެއް ދިވެހީންނެއް އުޅޭ. ސައިކަލް ދަރަންޏަށް ނަގާފަ ޕާކިން ޒޯނެއްގަ ބަހައްޓާފަ ރިސޯޓަށް ގޮއްސަ ދެން އޮފަކަށް އާދެވޭ އިރު (ހައެއްކަ މަސް ފަހުން) އަގު ބޮޑު މުދާ ތިޔަ ހަލާކު ކޮއްލަނީ. ރިސޯޓުތަކުގަ އުޅޭ ކުދިންނަކަށް ކަލޭމެންގެ އެނައުންސްމަންޓެއްވެސް އަޑެއް ނީވިދާނެ. ޓޯ ކުރިކަމެއްވެސް ނޭގިދާނެ. ތިހެން ނަހަދާ.

The name is already taken The name is available. Register?

ހަބީބު

17 June 2019

ވެހިކަލުތައް އެއާޕޯޓު ހުރި ރައްރަށައް ފޮނުވާ ދިވެހި ސަރުކާރުގެ ތަކެތި ގޮތުގަ ހަލާކު ނުކުރޭ

The name is already taken The name is available. Register?

އައިިރޯނިކް

17 June 2019

ގޮނޑަށް އަޅާފަހުންނަ ސުޕާރިޕެކެޓާއި ބާޒާރުކޮތަޅުން ލިބާސްފެހީމަ އެވަނީ ވަރަށް މޮޅުކަމަކަށް. މިއިރު ހަމަ އެގޮނޑުގައި އެހެރީ ކޮންޑިޝަން ރަނގަޅު އެންމެ ފަހުގެ ކާރާއި ލޮރީއާއި ސައިކަލު، މިއިން އެއްޗެއްގަ އަތްލުން މަނާ.

The name is already taken The name is available. Register?

އަބްދުﷲ

17 June 2019

އެކަށީގެންވާ ފުރުސަތު ދިނުމުންވެސް ނުގެންދާނަމަ ނައްތާލުން އެންމެ ރަނގަޅީ. އިންޑިސްޓްރިއަލް ވިލެޖާއި ހުޅުމާލެ އިންޑަސްޓްރިއަލް އޭރިއާ ބަލާލީމަ އިނގޭނެ ނައްތާލާވަރު އަދިވެސް މަދުކަން.

The name is already taken The name is available. Register?

Dhaadhey

17 June 2019

ދުނިޔޭގެ އެހެންގައުމުތަކުގައި ކަންކުރާ އެންމެ ރަނގަޅުގޮތަކީ ނައްތާލުން. ދެން އަލުން އެ ތަކެތި މުޖުތަމަޢަށް ނެރެ މާލޭގެ ޖާގަ ފުލްކުރުމުގެ ބޭނުމެއް ނެތް. ނައްތާއެލަނީ އެތަކެތީގެ ވެރިޔަކު ނެތީމާ. ފަހަރުގާ ވެދާނެ ވަގަށްނަގާފައި ނުވަތަ ވަގަށް އެތެރެކޮށްފައިވާ ތަކެއްޗަށްވީމާ އެކުށުން ބަރީއަވާން ނުދަނީކަމަށްވެސް ތަކެތި ބޭނުންކުރިމީހުން.

The name is already taken The name is available. Register?

ހެޔޮެެއެދޭ

17 June 2019

ތިއުޅަނދުތައް ނައްތާލުމުގެ ބަދަލުގަ ނީލަން ކިޔައިގެން ނަމަވެސް ވިއްކާލައިގެން ބަޖެޓް ޑެފިސިޓް ކުޑަކުރެވޭތޯ ބަަލަން ވެއްޖެއެއްނު.

The name is already taken The name is available. Register?

ދޮންބެއްޔާ

17 June 2019

ޤާނޫނީގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު ނައްތާލަނީ. އެހެންވެއްޖެއްޔާ މައްސަލައެއް ނެތް އަޅުގަނޑު ދެކޭގޮތުގައި. ނީލަމުގައި ވިއްކާލުމަށް ވުރެން ރަނގަޅީ ބާދަގަނޑުގެ ގޮތުގައި ބޭރަށް ވިއްކާލުން. ސަބަބަކީ ތިޔަބުނާ ނީލަމުން ނަގައިގެންވެސް ގެންގޮސް ބާއްވާނީ ހަމަ ކުރީގެ ބީދައިން ކޮންމެވެސް ޒޯނެއްގަ ނޫނީ ޒޯނުން ބޭރުގަ ޤަވާޢިދާ ޚިލާފަށް ބާއްވާނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454