ދުނިޔެ / ހޮންކޮންގް

ހޮންގް ކޮންގްގައި ދެ މިލިއަން މީހުންގެ އެއްވުން!

އިިއްޔެ ހޮންގް ކޮންގްގައި ބޭއްވި ބޮޑު މުޒާހަރާ: މިއީ ހޮންގް ކޮންގް ތާރީޚުގައި ވެސް ބޭއްވި އެންމެ ބޮޑު މުޒާހަރާ ކަމަށްވޭ

17 ޖޫން 2019 - 10:50

ކުށަށް ތުހުމަތުކުރެވޭ މީހުން ޗައިނާއާ ހަވާލުކުރެވޭ ގޮތަށް ހޮންގް ކޮންގްގެ ގާނޫނަކަށް ގެންނަން އުޅޭ ބަދަލާ ދެކޮޅަށް އިއްޔެ ދެ މިލިއަނަށް ވުރެ ގިނަ މީހުން އެއްވެ އަޑުއުފުލައިފި އެވެ. މިއީ ޗައިނާގެ ބައެއްގެ ގޮތުގައި އޮތް ހޮންގް ކޮންގްގައި މިހާތަނަށް ފެނުނު އެންމެ ބޮޑު އެއްވުމެވެ.

ބިލްގެ މަސައްކަތް ހުއްޓާލަން އެދި މިދިއަ ހަފުތާއިން ފެށިގެން ހޮންގް ކޮންގްގައި ބޮޑެތި މުޒާހަރާތައް އައީ ކުރަމުންނެވެ. އެގޮތުން ބުދަދުވަހު އޮތް މުޒާހަރާ ފުލުހުން ރޫޅާލުމުގައި ހަމަނުޖެހުން ހިނގައި 60 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.

އާންމުންގެ ޕްރެޝަރު ބޮޑުވެގެން ހޮންގް ކޮންގްގެ ލީޑަރު ކެރީ ލެމް މިހާރު ވަނީ ބިލްގެ މަސައްކަތް ވަގުތީ ގޮތުން މަޑުޖައްސާލަން ނިންމަވަައިފަ އެވެ. އެކަމަކު ބިލާ ދެކޮޅު މީހުން ގޮވާލަމުން ދަނީ ބިލް އަނބުރާ ގެންދިއުމަށެވެ. އަދި އެގޮތަށް ސަރުކާރުން ކަންތައް ކުރަންދެން މުޒާހަރާ ކުރިއަށް ދާނެ ކަމަށް ވެސް އެ މީހުން ބުނެ އެވެ.

ހޮންގް ކޮންގްއަކީ ޗައިނާގެ ބައެއް ނަމަވެސް 50 އަހަރު ވަންދެން ވަކި ވަރެއްގެ މިނިވަންކަމެއް އެތަނަށް ލިބެ އެވެ. އަދި އިނގިރޭސިންގެ ދަށުގައި 100 އަހަރަށް ވުރެ ގިނަ ދުވަހު އޮތް ހޮންގް ކޮންގްގެ ރައްޔިތުންނަކީ ޑިމޮކްރަސީގެ އުސޫލުތަކަށް ލޯބިކުރާ ބައެކެވެ.

އިއްޔެ ހޮންގް ކޮންގް މުހިންމު ސަަރަހައްދުތަކަށް ދެ މިލިއަނަށް ވުރެ ގިނަ މީހުން އެއްވި ކަމަށްވޭ

އެކަމަކު ހޮންގް ކޮންގްގެ ލީޑަރަކަށް މިހާރު ހަމަޖައްސަނީ ޗައިނާއާ އެއްކޮޅުގެ ފިކުރުގެ މީހުންނެވެ. ލެމްއަކީ ވެސް އޭގެ ބޭފުޅެކެވެ. މިހާރު އޮތް ހިޔާލުތަފާތުވުންތަކުގައި އާންމުން އޭނާ ސިފަކުރީ ޗައިނާއަށް ހޮންގް ކޮންގް ވިއްކާލަނީ ކަމަށެވެ. ނަމަވެސް އެ ތުހުމަތުތައް އޭނާ ދޮގުކުރެއްވި އެވެ.

ހޮންގް ކޮންގްގައި 2014 ގައި އޮތް "އަބްރެއްލާ މޫވްމަންޓް"ގެ އިސް ދަރިވަރު ޖޮޝުއާ ވޮންގް ގޮވާލީ ލެމް އިސްތިއުފާ ދެއްވުމަށެވެ.

"އަބްރެއްލާ މޫވްމަންޓް" އަކީ ހޮންގް ވޮންގް ލީޑަރު ކަނޑައެޅުމުގެ ބާރު ހަމައެކަނި ރައްޔިތުންނަށް ދޭން ގޮވާލައި އެ އަހަރު ދަރިވަރުން އިސްވެ ބޭއްވި ބޮޑެތި އެއްވުންތަކުގެ އެންމެ އިސް އެކެކެވެ. އޭނާ އިއްޔެ ވަނީ އެއް މަސް ދުވަހުގެ ޖަލުގެ ހުކުމެއް ތަންފީޒުކޮށް، މިނިވަންވެފަ އެވެ.

"ކެރީ ލެމް ހޮންގް ކޮންގް ލީޑަރަކަށް މިހާރު ކޮލިފައިއެއް ނުވޭ،" ޖަލުގައި ހުރެ ވޮންގް ބުންޏެވެ.

"ޒިންމާ ނަގައި އޭނާ ޖެހޭނީ އިސްތިއުފާ ދެއްވަން. އޭނާ ޒިންމާކުރުވަން ވެސް ޖެހޭނެ."

މިނިވަންވުމާ އެކު ވޮންގް ކުރި ފުރަތަމަ ޓްވީޓްގައި ވެސް ގޮވާލީ މިހާރު ޑްރާފްޓްކޮށްފައި އޮތް ބިލް އަނބުރާ ގެންދިއުމަށެވެ. އަދި ސިޔާސީ މީހުންނާ ދެކޮޅަށް އުފުލާ ދައުވާތައް ހުއްޓާލަން ވެސް އޭނާ ގޮވާލި އެވެ.

ޖޫން 16، 2019: ކުށަށް ތުހުމަތުކުރެވޭ މީހުން ޗަައިނާއާ ހަވާލުކުރެވޭ ގޮތަށް ގާނޫނަށް ގެންނަން އުޅޭ ބަދަލާ ދެކޮޅަށް ހޮންގް ކޮންގްގައި ކުރިއަށް ދާ މުޒާހަރާ.

މި ދަނޑިވަޅު ވޮންގް މިނިވަންވުމަކީ މިހާރު ކުރިއަށް ދާ މުޒާހަރާތަކަށް ލިބުނު ދިރުމެއް ކަމަށް ބެލެވެ އެވެ.

އިއްޔެ އޮތް މުޒާހަރާގައި ހޮންގް ކޮންގް މުހިންމު ސަރަހައްދުތަކަށް ދެ މިލިއަނަށް ވުރެ ގިނަ މީހުން އެއްވިކަމަށް، އިންތިޒާމްކުރި ފަރާތްތަކުން ބުނެ އެވެ. އެއީ ހަގީގީ އަދަދު ނަމަ އެ ވާނީ ތާރީޚުގައި ވެސް ހޮންގް ކޮންގްގައި ބޭއްވި އެންމެ ބޮޑު އެއްވުމަށެވެ.

ގާނޫނަށް އިސްލާހު ގެންނަނީ ކީއްވެ؟

މިހާރު ގެންނަން އުޅޭ އިސްލާހުތަކުގައި ވާ ގޮތުން ޗައިނާ އާއި ތައިވާން އަދި މަކާއޯގެ ރަސްމީ ފަރާތްތަކުން އެދިއްޖެ ނަމަ ތުހުމަތުކުރެވޭ މީހާ އެތަންތަނާ ހަވާލުކުރަން ޖެހޭނެ އެވެ. މި ބަދަލު ގެންނަން އުޅެނީ މިދިއަ އަހަރުގެ ފެބްރުއަރީ މަހު ހޮންގް ކޮންގްގެ 19 އަހަރުގެ ފިރިހެނަކު އޭނާގެ 20 އަހަރުގެ ލޯބިވެރިޔާ ތައިވާންގައި މަރާލިކަމުގެ ތުހުމަތު އެޅިފައި އޮއްވާ ފިލައިގެން ހޮންގް ކޮންގް އަށް ދިޔުމުންނެވެ. އޭރު ދެ މީހުން ގެންދިޔައީ އެކުގައި ޗުއްޓީ ހޭދަކުރަމުންނެވެ. އަދި ލޯބިވެރިޔާ މަރާލި އިރު އޭނާ އިނީ ބަލިވެ އެވެ.

ފިރިހެންމީހާ ތައިވާނާ ހަވާލުކުރަން ތައިވާނުން އެދުނު ނަމަވެސް ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއް ހެދިފައި ނެތުމުން އެކަން ކުރެވޭ ގޮތެއް ނުވި އެވެ.

މިހާރު އޮތް ގާނޫނަށް އިސްލާހު ގެނަޔަސް ހޮންގް ކޮންގްގެ ރަސްމީ ފަރާތްތަކުން ބުނީ އެގޮތަށް ހަވާލުކުރާ މީހުންނާ މެދު ގޮތެއް ނިންމާނީ ހޮންގް ކޮންގްގެ ކޯޓުތަކުން ކަމަށެވެ. އަދި އާންމުންގެ ރުހުން ހޯދުމުގެ ގޮތުން ބިލަށް ވަނީ އެހެން ބަދަލުތަކެއް ވެސް ގެނެސްފަ އެވެ. އެއީ މަދުވެގެން ހަތް އަހަރުގެ ހުކުމެއް ނާންނަ އެއްވެސް ކުށެއްގެ ތުހުމަތުގައި މީހުން ޗައިނާއާ ހަވާލުނުކުރުމެވެ. އަދި ސިޔާސީ ގޮތުންނާއި ދީނީ ކަންކަމާ ގުޅުވައިގެން އެއްވެސް މީހަކު ފޮނުވާނުލާނެ ކަމަށް ވެސް ރަސްމީ ފަރާތްތަކުން ބުނެ އެވެ.

ހޮންގް ކޮންގް އާއި ޗައިނާގެ ދެ ނިޒާމް

އިނގިިރޭސންގެ އަތްދަށުގައި 1841 އިން ފެށިގެން 1997 އާ ހަމައަށް އޮތް ހޮންގް ކޮންގް ޗައިނާއާ ހަވާލުކުރީ، ޗައިނާގައި އޮންނަ ނިޒާމްތަކާ ހިލާފަށް ވަރަށް ގިނަ ކަންކަން، ބޭސިކް ލޯގެ ގޮތުގައި މަޝްހޫރު ކުޑަ ގާނޫނުއަސާސީއަކުން، ކަށަވަރުކޮށްފަ އެވެ. އެކަމަކު ބޭސިކް ލޯގެ މުއްދަތަކީ 50 އަހަރެވެ.

އިނގިިރޭސންގެ އަތްދަށުގައި 1841 އިން ފެށިގެން 1997 އާ ހަމައަށް އޮތް ހޮންގް ކޮންގް ޗައިނާއާ ހަވާލުކުރީ، ޗައިނާގައި އޮންނަ ނިޒާމްތަކާ ހިލާފަށް ވަރަށް ގިނަ ކަންކަން، ބޭސިކް ލޯގެ ގޮތުގައި މަޝްހޫރު ކުޑަ ގާނޫނުއަސާސީއަކުން، ކަށަވަރުކޮށްފަ އެވެ. އެކަމަކު ބޭސިކް ލޯގެ މުއްދަތަކީ 50 އަހަރެވެ.

މިހާތަނަށް ވެސް ހޮންގް ކޮންގް ހިންގަމުން އަންނަނީ "އެއް ގައުމެއް، ދެ ނިޒާމެއް"ގެ އުސޫލުތަކުގެ ދަށުންނެވެ. އެގޮތުން ހޮންގް ކޮންގްގައި މިނިވަން ޝަރުއީ ނިޒާމެއް އޮވެ އެވެ. އަމިއްލަ ގާނޫނުތައް ހެދެ އެވެ. އިގުތިސާދީ ނިޒާމް ތަފާތެވެ. އަދި ފައިސާގެ ގޮތުގައި ހޮންގް ކޮންގް ޑޮލަރު ބޭނުންކުރެވެ އެވެ.

ޗައިނާއަށް ބާރު ލިބެނީ ހާރިޖީ ގުޅުންތަކާއި ދިފާއީ ބައިގަ އެވެ. އަދި ޗައިނާ އާއި ހޮންގް ކޮންގްއާ ދެމެދު ދަތުރުކުރަން ވިސާ ނުވަތަ ހުއްދައެއް ބޭނުންވެ އެވެ.

ބޭސިކް ލޯގެ މުއްދަތު 2047 ގައި ހަމަވުމުން ހޮންގް ކޮންގްގެ އެތެރޭގެ މިނިވަންކަމާ މެދު ވާނެ ގޮތެއް ސާފެއް ނޫނެވެ.

0 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 10%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454