އޭޝިއާ ކައުންޓަ ޓެރަރިޒަމް ލީޑާސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވާހަކަ ދައްކަވަނީ. ފޮޓޯ: ހުސައިން ވަހީދު /މިހާރު
17 ޖޫން 2019 - 12:07
ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކަށް ގޮސް އެނބުރި އަންނަ މީހުން ރިހެބިލިޓޭޓްކޮށް މުޖުތަމަ އަށް އަނބުރާ ނެރެން ކުރަންޖެހޭ މަސައްކަތްތައް މިހާރު ވެސް ކުރިއަށްދާ ކަމަށް ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެެ.
ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އިސްކޮށް އުޅޭ ފަރާތްތައް މަޝްވަރާކުރަން ރާއްޖޭގައި މިއަދު ފެށި ފޯރަމެއް ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުވީ ހަނގުރާމަތަކުގައި ބައިވެރިވާން ދުނިޔޭގެ އެކި ސަރަހައްދުތަކަށް ދިވެހިންގެ ތެރެއިން ބައެއް މީހުން ދަތުރުކޮށްފައި ވާތީ ކަންބޮޑުވާ ކަަމަށެވެ. އެފަދަ މީހުންނާ މެދު އަމަލުކުރާނެ ގޮތްތައް ހޯދަން ދައުލަތުގެ އެކި މުއައްސަސާތައް ގުޅިގެން މިހާރު ވެސް މަސަައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ފަރާތްތައް ރާއްޖެ އަނބުރާ އައުމަށް ފަހުގައި ދެވިގެންދާނެ ރިހެބިލިޓޭޝަން އަދި އެ ފަރާތްތައް އަނބުރާ މުޖުތަމައު ތެރެއަށް ގުޅިގެން ދިއުމަށްޓަކައި ނުވަތަ މުޖުތަމައު ތެރޭގައި ހިމެނުމަށްޓަކައި ކުރަމުންދާ މަަަސައްކަތްތަކެއް މިހާރު އެބަ ކުރަމުން ގެންދޭ،" ހަމީދު ވިދާޅުވި އެވެ.
އޭޝިއާ ކައުންޓަ ޓެރަރިޒަމް ލީޑާސް ފޯރަމް ފެށުމުގެ ރަސްމިއްޔާތު. --ފޮޓޯ: ހުސައިން ވަހީދު/މިހާރު
ސީޕީ މިހެން ވިދާޅުވި އިރު، ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދާދި ފަހުން ވިދާޅުވީ ހަނގުރާމަތަކަށް ދާ ދިވެހިން ރާއްޖެ އަށް އަނބުރާ ގެންނަން ބޭނުން ނުވާ ކަމަށެެވެ.
ސްރީ ލަންކާ އަށް ކުރެއްވި ދަތުރުފުޅުގައި ނަޝީދު ވިދާޅުވީ މެދުއިރުމަތީގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ފަހު ހަނގުރާމަވެރިން އެހެން ގައުމުތަކަށް ފެތުރިގަންނަން އަބަދުވެސް ބޭނުންވާ ކަމަށާއި އެކަމަކު އޭގެ ތެރޭގައި ހިމެނޭ ދިވެހިންނަށް އެނބުރި ރާއްޖެ ނާދެވޭނެ ގޮތް ހަދަން ބޭނުންވާ ކަމަށެވެ. ނަޝީދު ވިދާޅުވީ އެ މީހުން އަނބުރާ ގެނަޔަސް، އެ މީހުންގެ ފަރާތުން ނުރައްކަލެއް ކުރިމަތި ނުވާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ.
"އެ މީހުންގެ ފަރާތުން މުޖްތަމައަށް އިތުރު ނުރައްކަލެއް ވިޔަ ނުދިނުމަށްޓަކައި އެ މީހުން ރިހެބިލިޓޭޓް ކުރެވޭނެ ގޮތްތަކެއް ވެސް އަޅުގަނޑުމެންގެ ނެތް،" ނަޝީދު ވިދާޅުވި އެވެ.
އޭޝިއާ ކައުންޓަ ޓެރަރިޒަމް ލީޑާސް ފޯރަމް ފެށުމުގެ ރަސްމިއްޔާތަށް ފަހު، ޕޮލިސް ކޮމިޝަނަރު ހަމީދާއި ޑެޕިއުޓީ ކޮމިޝަނަރު މަންނާން، އެ ފޯރަމްގެ ބައިވެރިވެރިންނާ އެކު މިއަދު ގުރޫޕް ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ހަމީދު ވިދާޅުވިގޮތުގައި މި ސަރަހައްދުގައި ވެސް ޓެރަރިޒަމްގެ ނުރައްކާ ވަރަށް ބޮޑަށް އޮތް އިރު އަވަށްޓެރި ސްރީ ލަންކާގައި ދިިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ވެސް ރާއްޖޭގައި އިތުރު މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ޓެރަރިޒަމް ހުއްޓުވުމަށް މަސައްކަތްކުރަން މިހާރު އޮތް އޮނިގަނޑަށް ވުރެ ހަރުދަނާ އޮނިގަނޑެއް ގާއިމުކުރުމުގެ މަސައްކަތް ވެސް އެބަ ހިނގާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ޓެރަރިޒަމް ހުއްޓުވުމަށް މިހާރު މަސައްކަތް ކުރަމުން އަންނަނީ ގިނަ މުއައްސަސާތަކެއް ގުޅިގެން ކަމަށާއި އެގޮތަށް މަސައްކަތް ކުރުމުގެ ރަނގަޅު ފްރޭމްވޯކެއް މިހާރު އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭޝިއާ ކައުންޓަ ޓެރަރިޒަމް ލީޑާސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި، ފުލުހުންގެ ބައެއް އިސް އޮފިސަރުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
"އޭޝިއާ ކައުންޓާ ޓެރަރިޒަމް ލީޑާސް ފޯރަމް"ގެ ނަމުގައި ފުލުހުންގެ އިސްކަންދަރު ކޮށީގައި މިއަދު ފެށި ފޯރަމްގައި ރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ތައިލެންޑް، ބަންގްލަދޭޝް އަދި މިއަންމާގެ ފުލުހުން ބައިވެރި ވި އެވެ. ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުވީ ރާއްޖޭން މިހާރު އިިސްކަން ދެނީ އެފަދަ މީީހުންގެ ތަހުގީގުކޮށް، އިވެލުއޭޓްކޮށް ރިހެބިލިޓޭޓް ކުރުމަށް ކަމަށެވެ. މިއަދު ފެށި ފޯރަމް މި ބޭއްވެނީ ވަރަށް މުނާސަބު ވަގުތެއްގައި ކަމަށާއި ސްރީ ލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކުގެ ހަނދާންތައް އަދި ހުރީ ތާޒާކޮށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާގީ88
17 June 2019
ސިއްކަ ވެސް؟
އަައްދޮ
17 June 2019
ހަމީދު ތިވިދާޅުވީ ވަރަށް ކްރިޓިކަލް ކަމެއްގެ ވާހަކައެއް. ރަގަޅަށް ކުރެވިއްޖިއްޔާ ރަގަޅު ކަމެއް އެކަމަކު އެކަށީގެންވާ ގޮތަކަށް ނުކުރެވިއްޖިއްޔާ މިމުޖުތަމައުގެ ތެރޭގައި ފިލުވާ ނުލެވޭވަރުގެ ނުރައްކާތެރި ވައިރަހަކަށް ތިމީހުން ވާނީ.
ހިޔާލު
17 June 2019
ނަޝީދު ބުނީ ބޭރުގަ ތިބި މީހުން ސަރުކާރުން އުޅެގެން ނުގެންނާނެ ވާހަކަ، ހަމީދު ބުނީ ދިޔަބަޔަކު އަމިއްލައަށް އެބުރި އައިސްފިނަ މިހާރުވެސް އެމީހުން މޮނިޓާކުރާ ވާހަކަ. ނޫސްވެރިން އެބަޖެހޭ ބުންޏޭ ބުންޏޭ ނުކިޔާ މައްސަލާގެ ފުނަށް ފީނާގެން ލިޔަން.
ޙިނި
17 June 2019
ތީ ކޮލެއްޓިވް ސައިކޯސިސް ބަލި، ރަންގަޅު ކުރަން އުންދަގޫވާނެ
ކޮރަލް
17 June 2019
ބަސްބުނާ ދެރައީސުން އުޅޭތީ ވ އޮޅެއެވެ. އެކަކު ބަހައްޓަން ވީ ސައިޒްގައެވެ. އޮރިޖިނަލް ރައީސް އަކީ އިބުއެވެ.
ބަބުރުކަލޯ
17 June 2019
އެބުނާހެން....
ސަކީނާ
17 June 2019
ހަނގުރާމައިގެ އުކުޅުތައް ދަސްކޮށް ބޮމާއި ގޮވާތަކެތި ހަދަން ދަސްވެ އެތައްބައެއްގެ ފުރާނަ އެއްވެސް ރަހުމެއްނެތި ނަގާލި ބަޔަކަށް އޮންނަން ޖެހޭނީ މަރުގެ އަދަބު. ރީހެބިލިޓޭޓުކުރަންޖެހޭނީ ރައްޔިތުންގެފުރާނައާއި ރައްކާތެރިކަމަށް އަރައިނުގަންނަ މީހުން.. މިއީ ބަލައިގަނެވޭނެ ކަމެއްނޫން. އިބޫ ކުރިޔަސް މިއީ ބިރުވެރިކަމެއް..