ނައިބު ރައީސް މިއަދު ހއ. މޮޅަދު އަށް ވަޑައިގެން އެ ރަށު ކުޑަ ކުއްޖަކާ ސަލާމް ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް
20 ޖޫން 2019 - 14:00
ސަރުކާރުގެ ވެރިންނަކީ ރައްޔިތުންގެ އަޑު ނާހާނެ ބައެއް ނޫން ކަމަށާއި ރަށްރަށުގައި ހިންގާ އެއްވެސް މަޝްރޫއެއް ފެއްޓުމަށް ފަހު ނުހުއްޓާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މޮޅަދު އަށް ވަޑައިގެން އެ ރަށުގެ ކައުންސިލް މެމްބަރުންނާ ބައްދަލު ކުރައްވައި ނައިބު ރައީސް ވިދާޅުވީ މި ސަރުކާރުގެ ވެރިންނަކީ ރައްޔިތުންގެ ކަންކަން އަޑުއަހައި ބަލާނެ ބައެއް ކަމަށެވެ.
"އެއްވެސް ކަމެއް ފައްޓާފައި ނުހުއްޓާނަން. އެކަންކަން ފެންނަން ހުންނާނެ،" ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް މިއަދު މޮޅަދޫ ސިއްހީ މަރުކަޒަށް ވަޑައިގެން އެތަނުގެ މުވައްޒަފުންނާ ސަލާމް ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް
މޮޅަދޫ ރައްޔިތުން ބޭނުންވާ ގިނަ ކަންތައްތަކެއް ކުރަން ހުރި ކަން ނައިބު ރައީސް ފާހަގަ ކުރެއްވި އެވެ. ރަށުގައި ބަނދަރެއް ނެތުމުގެ ދަތިކަމާއި ސިއްހީ މަރުކަޒާއި ސްކޫލްގެ ތަރައްގީ އަށް ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށާއި އެކަން ފުރިހަމަ ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މޮޅަދޫގައި ދިރިއުޅޭ ރައްޔިތުންނާ ވަކިން ބައްދަލު ކުރައްވައި ފައިސަލް ވިދާޅުވި ގޮތުގައި ރަށްރަށަށް ވަޑައިގަންނަވަނީ "އަރާފައި ފޭބުމުގެ" ބަދަލުގައި ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ބެލުމަށެވެ. އަދި ރަށްރަށަށް ވަޑައިގަތުން ނުހުއްޓަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސް މޮޅަދޫ ސްކޫލަށް ވަޑައިގެން ދަރިވަރަކާ ސަލާމް ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް
"އަޅުގަނޑުމެން ބޭނުން ވަނީ ރައްޔިތުންގެ ހާލު ގާތުން ބަލަން. ރައްޔިތުން ދަތިތަކެއް ތަހަންމަލް ކުރަމުން އަންނަ ކަން އަޅުގަނޑުމެންނަށް އެނގޭ،" ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވަނީ މޮޅަދޫ ކައުންސިލްގެ މެމްބަރުން ޒިންމާދާރު ކަމާއި އިހްލާސްތެރިކަމާ އެކުގައި މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރައްވައިފަ އެވެ. އަދި ކައުންސިލަރުން ފަރުވާ ކުޑަ ނުކުރައްވައި ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
ނައިބު ރައީސް މިއަދު ހއ. މޮޅަދޫގައި. --- ފޮޓޯ: ރައީސް އޮފީސް
ރައްޔިތުންނާ ބައްދަލު ކުރައްވައި ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފް ވެސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންނާ ވީހާ ވެސް ގާތުން ކަމަށެވެ. އަދި ރައްޔިތުންގެ އުންމީދުތަކުގައި ހަގީގީ ކުލަ ޖެއްސުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސް މޮޅަދު އަށް ވަޑައިގެން ރަށުގެ ސްކޫލާއި ފެނަކަ އިން ހިންގަމުން އަންނަ އިންޖީނުގެ އާއި ސިއްހީ މަރުކަޒީ އެކި ތަންތަން ވަނީ ބައްލަވައިލައްވައިފަ އެވެ. ނައިބު ރައީސް މިއަދު މޮޅަދު އަށް ވަޑައިގެންނެވުމުން އެ ރަށުގެ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝާން
21 June 2019
އަހަރެން ހަނދަށް ދާން ކުރާ ދަތުރެއް ވެސް ނުހުއްޓޭނެ.ދަތރެއް ނުކުރަން ވިއްޔަ ފެށިގެން ދޯ ހުއްޓޭނީ
ރޯނުއެދުރ
20 June 2019
ވަރައްބޮޑު ތެދުފުޅެއް، ނުފެށޭ މަސްރޫއުއެއް ހުއްޓުވޭނެގޮތެއްނޯންނާނެ. ހުއްޓޭނީވެސް ފެށިގެންތާ!!!!.
ދޮގެއްތަ؟
20 June 2019
މަޝްރޫއެއް ފެއްޓިގެންތާ. ނުއެއް ފެއްޓޭނެނު. މާޒީގަ ވަކި އަޅަމުން ދުވަނީ ކަމެއް ނުކުރެވޭތީ ސަމާލުކަން އަނބުރާލާފަ ބައިތިއްބާކަށްނު.
ނަގޫރޯޅި
20 June 2019
މާތްކަލާކޯ އިހައްކަމެއް ފެށޭތޯބަލާބަލަ. އިހައްދުވަހުވެސް މިސްކިތެއްގެ ކުޑަތަންކޮޅެއްގެ ޓައިލްސް ބަދަލުކޮއްލަން ކޮރަޕްސަނާ ދުރު ޕާޓީގެ އެކްޓިވިސްޓަކާ ހަވާލުކޮއްލީމަ ރައްޔިތުން އެތައްހާސް ލާރިއެއް ސަރުކާރުންނަގާފަ އެޔޮއްހޭވި ހަޑިއެއްދޯ!!
ތަރަބެ
20 June 2019
އެންމެ މަޝްރޫއުއެއްވެސް ފެއްޓޭތޯ ބަލާބަލަ.
މުރާސިލް
20 June 2019
މަނިކުފާނެވެ. މަސްރޫޢުތައް ފެށުމަށް ފަހު ނުހުއްޓޭނެކަމަށް ވިދާޅުވި އިރު ވެރިކަމުގެ މުއްދަތުން %12 ވޭތިވެގެން ދިޔައިރު ފެށުނީ ކޮން މަސްރޫޢުއެއް ހެޔެވެ؟ މަސްރޫޢުއެއް ހުއްޓޭނީވެސް ކަމެއް ފެށިގެންނެވެ. ތިހެން ބައިސާ ކަނޑާލަ ކަނޑާލަ ދައުރު ނިންމާލާށެވެ. އޭރުން ހުންނާނީ ''ނަނާ ހުވަފެން ދެކި'' ޖަޒީރާ ވަންތަ ވެރިކަން ކުރެވިފައެވެ.
ރާއްޖެ
20 June 2019
އެ ނުވެސް ނިމޭނެ ދޯ؟