ހޯރަފުށީގައި ސްޕީޑް ފެރީގެ ހިދުމަތް ނައިބު ރައީސް ފައިސަލް ނަސީމް އިފްތިތާހުކޮށް ދެއްވުމަށް ފަހު، ދާއިރާގެ މެމްބަރު އަހުމަދު ސަލީމާ ސަލާމް ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް
21 ޖޫން 2019 - 08:34
ހއ. ހޯރަފުށީގައި ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ އިފްތިތާހުކޮށް ދެއްވި ސްޕީޑް ފެރީގެ ހިދުމަތާ އެކު، މިއީ ތަރައްގީ އަށް އިތުރުވި ބޮޅެއް ކަމަށް އެ ރަށު މީހުން ބުނެފި އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އަލަށް ސްޕީޑް ފެރީގެ ހިދުމަތް ދެނީ ހޯރަފުއްޓާ އެކު ހއ. އަތޮޅުގެ ތިން ރަށަކާއި ހދ. އަތޮޅުގެ ތިން ރަށަކާ ދެމެދު އެވެ. އެއީ ހއ. އިހަވަންދޫ އާއި ހއ. ދިއްދޫ އާއި ހދ. ހަނިމާދޫ އާއި ހދ. ނޮޅިވަރަންފަރާއި ހދ. ކުޅުދުއްފުއްޓަށެވެ.
ސްޕީޑް ފެރީގެ ހިދުމަތް އިފްތިތާހު ކުރަން ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ މި ވެރިކަމުގައި އެންމެ ބޮޑަށް ތަރައްގީ ގެންނާނީ ދަތުރުފަތުރުގެ ނިޒާމަށް ކަމަށެވެ. ރަށުގައި ބަންދުވެފައި ތިބުން ނިމުމަކަށް ގެނެސް، ބޭނުންވާ ތަންތަނަށް ފަސޭހަކަމާ އެކީގައި ދަތުރު ކުރެވޭނެ ގޮތް ފަހިވެފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ހޯރަފުށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް
ނައިބު ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަށް އިސްކަން ދީ، އެއްވެސް ބަޔަކު ބާކީނުކޮށް މަސައްކަތްތައް ކުރުމެވެ. އެގޮތުން ދޮށީ އުމުރުގެ މީހުންނަށް ލިބެން ޖެހޭ ހައްގުތައް ކަށަވަރުކޮށް، ކުޑަކުދިންގެ މުސްތަގުބަލް އާރާސްތު ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން ނައިބު ރައީސް ވަނީ ދެއްވައިފަ އެވެ.
ނައިބު ރައީސް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކަކީ ރައްޔިތުންގެ ކަންކަން ވީހާވެސް ގާތުން ބައްލަވައި ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންކަން ބަލައި އެކަންކަމަށް ފޯރުކޮށްދެވެން އޮތް އެހީތެރިކަން ދެނެގަތުމަށް ކުރައްވާ ދަތުރުފުޅުތަކެއް ކަމަށެވެ.
ރައީސަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ނައިބު ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނަކީ ރައްޔިތުންގެ އަޑު އައްސަވާނެ ބޭފުޅެކެވެ. އަދި ރާއްޖެ އަށް ތަރައްގީ ހޯދާނީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ އިރުއޮއްސުނު އިރު، ހއ. ހޯރަފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ސަލާމް ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް
މި ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖޭގެ ރަށެއްގައި އިފްތިތާހު ކުރި އެންމެ ބޮޑު އަދި މުހިންމު މަޝްރޫއަކީ ހޯރަފުށީގައި ގާއިމު ކުރި ސްޕީޑް ފެރީގެ ހިދުމަތް ކަމަށެވެ. އެކަމަށްޓަކައި ސަލީމް ވަނީ ރައީސް އާއި ނައިބު ރައީސަށް ޝުކުރު ދަންނަވައިފަ އެވެ.
އެމްޓީސީސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ހުކުރު ދުވަސް ފިޔަވައި ހުރިހާ ދުވަހެއްގައި ހަ ރަށަކަށް ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދަތުރުގެ އަގުތައް އުޅެނީ 75ރ. އިން ފެށިގެން 250ރ. އާ ދޭތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ހޯރަފުށީގައި ދިރިއުޅޭ ގިނަ މީހުން އެންމެ ގިނަ އިން ގޮސް އުޅެނީ ބޭސްފަރުވާ ކުރުމަށް ހދ. ކުޅުދުއްފުއްޓަށެވެ. އަދި ސަރުކާރުގެ އިދާރާތަކުން ކުރަން ޖެހޭ ބައެއް ކަންކަން ކުރުމަށް ހއ. އަދި ހދ. އަތޮޅުގެ ރަށްރަށަށް ދަތުރުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހޯރަފުށީގައި ދިރިއުޅޭ ބައެއް މީހުން "މިހާރު" އަށް ބުނީ ހއ. އަދި ހދ. ގެ ބައެއް ރަށްރަށަށް އެމްޓީސީސީން ސްޕީޑް ފެރީގެ ހިދުމަތް ދޭން ފެށުމަކީ ލިބުނު ލުޔެއް ކަމަށެވެ. މީގެ ކުރިން އެ ރަށްތަކަށް ދަތުރު ކުރަމުން ދިޔައީ އަގު ބޮޑުކޮށް ކަމަށް އެމީހުން ބުންޏެވެ.
ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ ހއ. ހޯރަފުށީގައި: އެމަނިކުފާނު ހޯރަފުއްޓަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން ހޫނު މަރުހަބާއެއް ދެންނެވި. --- ފޮޓޯ: ރައީސް އޮފީސް
"މީގެ ކުރިން ރަށަކަށް ދާން ޖެހިއްޖެ ނަމަ، 3،000ރ. ހަރަދުކޮށްގެން ލޯންޗެއް ހިފައިގެން އެރަށަކަށް ދިއުމުގެ ފުރުސަތު އޮންނާނީ،" ހޯރަފުށިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ހޯރަފުށިން ވާހަކަ ދެއްކި އެހެން މީހަކު ބުނި ގޮތުގައި އެމްޓީސީސީން ސްޕީޑް ފެރީގެ ހިދުމަތް ފެށުމަކީ އެރަށުގައި އުޅޭ ޓީޗަރުންނަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ.
"ޓީޗަރުން ޓެސްޓެއް ހަދަން ކުޅުދުއްފުއްޓަށް ދާންވީމަ، އަގު ބޮޑުކޮށް ދަތުރު ކުރަނީ. ކަނޑު ގަދަވެއްޖެ ނަމަ، ލޯންޗު ދަތުރު ކުރުން ހުއްޓާލާ. ޓެސްޓަށް ހާޒިރުނުވެއްޖެ ނަމަ، ޓެސްޓުން ފެއިލްވި ކަމަށް ނިންމަނީ. މިހާރު އެ ކަން ވެސް ނިމުމަކަށް މި އައީ،" ތިންހާހަށް ވުރެ ގިނަ މީހުން އުޅޭ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަފަބޭ
21 June 2019
ފައިސަލް ދިއްދޫ އައް ވަޑައިގެން ނެވުމުން (ލަތީފު ގުރުވާން މުރާރާތައް) މަރުހަބާ ދެންނެވީ ހައެއްކަ މުސްކުޅިންނާ ދެތިން ކުޑަކުދީން އެމްޑީޕީ މެންބަރުން ތިބީ ފިލާ ވަކިއޯޑަރެއް އަންނަދެން
ތުރާކުނުމީހާ
21 June 2019
ކޮބާހޭ ސަރުކާރުހޮވަން އަހަރެމެން ދިން ވޯޓު؟ ތުރާކުނު އުލިގަމު މޮޅަދޫ މީހުން ތިފެރީގެ ޚިދުމަތުން މަޙްރޫމް ކުރީމަ ވަރަށް ހިތާމަ ކުރަން! އަހަރެމެން ރައްރަށުގެ އާބާދީ މަދުވުމުން އެއީ އަހަރެމެންނަށް އެެހެން ރައްރަށު މީހުންނަށް ސަރުކާރުންދޭ ޚިދުމަތްތަކުން އަހަރެމެން މަޙްރޫމްކުރަންޖެހޭ ސަބަބެއް ކަމަށް ނުދެކެން. އިބޫ ކެމްޕޭނުގަވެސް މިރަށުގަ ބުނީ ކުޑައާބާދީ އެކޭ ކިޔައިފަ އެކަހެރި ނުކުރާނެ ކަމަށް! ދެއްކިވާހަކަ ކޮންދާކަށް މިދިޔައީ!
ބަޑު ކުކުރާ
21 June 2019
ކަލޭމެނައް އެއޮތީ ދޯނިފެރީ
ހޮޅުއަށި
22 June 2019
ދެންވެސް މިކަހަލަ ތަންތާ ކޮމެންޓު ކުރަން ނުތިބެ އާބާދީ އިތުރު ވޭތޯ ބަލާބަލަ.
ދިވެހިދަރި
21 June 2019
ހޯރަފުށި ނޫންރަށެއް މިރާއްޖޭގަ ނެތީިބާ؟ ވަކިމީހަކު މެމްބަރަކަށް ހުރީމަ އެރަށަކާއިދިމާލަށް ދައުލަތުގެ ޚަޒާނާ ހޮއްސާލުން މިއީވެސް އިންސާފުބާ؟ މިހާރު މިފެންނަނީ އެމަންޒަރު.
ނޫރު
21 June 2019
ރާއްޖޭގެ އެންމެ ބާރަށް ކުރިއަރަމުން އަންނަ ނ، ރ، ބ ، ޅ ޒޯންއަށްވެސް މިފަދަ ސްޕީޑް ފެރީ ނިޒާމެއް ބޭނުންވޭ. މަނަދޫ، ވެލިދޫ، އުނގޫފާރު، ދުވާފަރު، އޭދަފުށި، ނައިފަރު، ހިންނަވަރު ގުޅުވާލަން ޖެހޭ.. ސަރުކާރުން މިކަން އަވަސް ކޮށްދެއްވާ. ލޮބުވެތި މިނިސްޓަރ އައިޝާ މިކަމާ ވިސްނަވާ..
ޜާއްޖެތެރޭމީހާ
21 June 2019
ލޮބުވެތި މިނިސްޓަރުގެ ރަށަށް ޚައްސަ ނަޒަރަކުން މިދެކެނީ... ކޮރަޕްޝަނަކީ އެންމެންނާއިވެސް ވަރަށް ރައްޓެހި އެއްޗެއް...
ޝެލަރީ
21 June 2019
ވަރަށް އިހްތިރާ ނިންމުމެއް ނަމަވެސް ބުނަލަން އޮތީ ބ.އަތޮޅު ފެރީ އަދިވެސްއޮތީ ބަރަވެލި ދުވެލީގަ އަންޒަމާނު ކަރައިގައި ދުއްވި ޓޫޓީ އެންޖީނާ އެއްވަރަށް އެފެރީތައް ދުއްވަނީ މީ ޖޯކެއްނޫން ހަގީގަތް ފެރީ ނިޒާމައް ވަނީ އިންތިހާ އަށް ނުފޫޒުވަދެފަ މީ ރިއަލިޓީ އަކީ ދެއްތޯ؟
ގޯދއ
21 June 2019
ދެންކޮބާ ނިކަމެތި ހިދުމަތެއްނެތް ތަކަންދޫ މާރަންދޫ މީހުންނަށް އޮތް ހައްލަކީ. ނިކަމެތިންނަށް ނިކަމެތިކަން.
ހޯރަ
21 June 2019
މުޅިރާއްޖެއަށް ވެސް ސުފީޑް ފެރީބޭނުން. އަޅުގަނޑް މިއަދު ވަރަށް އުފާވެއްޖެ އަޅުގަނޑް ރަށުގަ ތި ހިދުމަތް ފެށީމަ. ސުކުރިއްޔާ އިބޫ. ސުކުރިއްޔާ އެމްޓީސީސީ. ސުކުރިއްޔާ ސައްލެ.
އާރީ
21 June 2019
ސުކުރިއްޔާ ރައީސް ސޯލިހް.