ބިދޭސީންތަކެއް ދޯންޏެއްގައި ހުރެ ކޮތަޅަކަށް މަހެއްލަނީ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު އަދިވެސް ގިނަ.--- ފޮޓޯ: މިހާރު
27 ޖޫން 2019 - 20:39
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށް ދިނުމަށް އެދި، 19 ވަނަ ރައްޔިތުންގެ މަޖިލިހަށް އިއްޔެ ޕެޓިޝަނެއް ހުށަހަޅައިފި އެވެ. މިއީ، އާ މަޖިލިހުގެ މަސައްކަތްތައް ފެށި ފަހުން، އެ މަޖިލިހަށް ހުށަހެޅި ފުރަތަމަ ޕެޓިޝަނެވެ.
އެކަމަކު، އެ ޕެޓިޝަންގައި ހުންނަން ޖެހޭ ޝަރުތުތަކެއް ފުރިހަމަ ނުވާ ކަމަށް ބުނެ، އެ ކަންކަން ފުރިހަމަ ކުރުމަށް ފަހު، އަލުން ފޮނުވަން ޕެޓިޝަން ކޮމިޓީން ވަނީ ހުށަހެޅި ފަރާތަށް އަންގައިފަ އެވެ.
ގިނަ ބަޔަކު ސޮއިކޮށްފައިވާ ޕެޓިޝަންގައި ވަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަކީ ގައުމީ ސަލާމަތަށް ނުރައްކަލަކަށް ވެފައިވާ މައްސަލައެއް ކަމަށާއި އެ މައްސަލަ ހައްލުކޮށް ދިވެހިންނަށް ވަޒީފާގެ ބާޒާރުގައި ފުރުސަތުތައް އިތުރުކޮށް ދިނުމަށް އެދިފަ އެވެ.
އެގޮތުން މިކަމަށް ވުޒާރާއެއް އުފައްދަން ވެސް ޕެޓިޝަންގައި އެދިފައިވެ އެވެ.
ޕެޓިޝަން ކޮމިޓީގެ މުގައްރިރު، އަދި ރައްޔިތުންގެ މަޖިލިހުގެ މުލަކު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނަސީރު "މިހާރު" އަށް މިއަދު ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށް ދިނުމަށް އެދި މަޖިލިހަށް ޕެޓިޝަން ފޮނުވީ ބައެއް ކަންކަން ފުރިހަމަ ނުކޮށް ކަމަށެވެ.
އެހެންވެ، ޕެޓިޝަނެއްގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަކޮށް ހުށަހަޅަން ސިޓީއަކުން އަންގާފައިވާނެ ކަމަށް ވެސް އިބްރާހިމް ނަސީރު ވިދާޅުވި އެވެ. އެކަމަކު އޭގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ނަސީރު ވިދާޅުވި ގޮތުގައި، ޕެޓިޝަން ހުށަހެޅި ކަމަށް ބުނަނީ 2،000 މީހުން ސޮޔާ އެކުގަ އެވެ.
މަޖިލިހުގެ ގަވައިދުގައި ޕެޓިޝަން ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕެޓިޝަންގައި ހިމެނޭ ކަންކަން ބަލައި ދިރާސާ ކުރުމާއި ކަމާ ގުޅޭ ގޮތުން ބަޔާންތަކާއި ހެކިތައް ހޯދުމާއި ޕެޓިޝަންގައި ބުނާ ކަންކަން އިސްލާހު ކުރުމަށް ކުރެވިދާނެ ކަންކަން ބަޔާން ކުރުމާއި ޕެޓިޝަންގައިވާ ކަންކަން މުސްތަގުބަލުގައި ވިޔަ ނުދިނުމަށް އެޅިދާނެ ފިޔަވަޅުތައް ކޮމިޓީ އަށް ފާހަގަކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.
އެމްޑީޕީގެ މެމްބަރުން މުޅިން ތިއްބަވާ ކޮމިޓީގެ ނައިބު މުގައްރިރު އަދި ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްމުޣްނީ ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ސީރިއަސް މައްސަލައެއް ކަން ކޮމިޓީގައި ތިއްބެވި ހުރިހާ މެމްބަރުން ވެސް ގަބޫލު ކުރައްވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ނުބަލައި ދޫކޮށްލުމުގެ ވިސްނުމެއް މެމްބަރުންގެ ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕެޓިޝަންގައި ހުރި ކަންކަމުގައި ކުރިއަށް ދާން މެމްބަރުން ޝައުގުވެރިކަން ހުރީ. އެކަމަކު، ޕެޓިޝަން ހުށަހެޅުމުގައި ޝަރުތުތަކެއް ހުންނާތީ އަނގަ ބަހުންނާއި ލިޔުމުން އަންގާފައި ވަނީ ޕެޓިޝަން ފުރިހަމަ ކުރަން. އެއީ އެކަމަކު، އެ މައްސަލަ ނުބަލާ ދޫކޮށްލީކީ ނޫން،" މުޣްނީ ވިދާޅުވި އެވެ.
ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންގެ އަދަދު ދޮޅު ލައްކަ އަށް ވުރެ ގިނަ ކަމަށް ލަފާ ކުރެވެ އެވެ. އަދި އޭގެތެރެއިން ބޮޑު ބައެއް އެއީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނެވެ.
ލޭބާ ރިލޭޝަންސް އޮތޯރިޓީން ކުރިން ބުނި ގޮތުގައި ރާއްޖޭގައި ބިދޭސީ މަސައްކަތު މީހުންގެ ރަސްމީ އަދަދު ނުވެސް އެނގެ އެވެ. އެތަނަށް އެނގޭހާ ވެސް އެއްޗަކީ އެތައް ހާސް ބިދޭސީންނެއް ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ކަމެވެ.
ގަވައިދާ ހިލާފު ބިދޭސީން ހޯދުމަށް ދޭތެރެ ދޭތެރެއިން އިމިގްރޭޝަނުން އޮޕަރޭޝަންތައް ހިންގަ އެވެ. އޮޕަރޭޝަންގެ ދަށުން ގަވައިދާ ހިލާފަށް އުޅޭ ގިނަ ބިދޭސީންތަކެއް އަތުލައިގަނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަތިޔަ މުރުތީ
30 June 2019
ބަލަ ތިމާމެންގެ ފުރިހަމަ ޒިންމާއަދާނުކުރެވި ދާތީ ބަޔަކު އިސްނަގައި އެވާހަކަ ހުޝައެޅީމަވެސް ފުރިހަމަ ނުވަނީއޭ ކިޔާފަ މީޑިއައް ހަބަރުދޭން ކޮބާލަދު...ތިމާމެން ހޭލާތިބެގެންވެސް ބިދޭސީންގެ މައްސަލަ ހައްލުކުރާކައް ނުވޭތަ ..މިގައުމު ހަމަމަގައް އަޅުވަށޭ..ވެރިކަމައް ގެނެސްފަ ތިޔަތިބީ...
ރަށުމީހާ
29 June 2019
ތީއީ ވަރަށްރަގަޅުކަމެށް އަރެންވެސް ތާއީދުކުރަން
އައްޒާމް
28 June 2019
ހަވަރު ތިނަދޫގަ ފަޅުގޯއްޗެއް އޮވެއްޖެއްޔާ އެތާގަ ވަޒަންވެރިވެގެން އުޅެނީ ބަންގާޅީން އަވައްޓެރިންނަށް އެމީހުންގެ އުދަގޫ ބޮޑުބެގެން ކައުންސިލްގަ ބުނީމަ ކައުންސިލުން ދިން ޖަވާބަކީ އެއީ އަވައްޓެރިންނާ ބެހޭކަމެއްނޫނޭ ބަންގާޅީންގެ ވެސް މިނިވަންކަން އޮންނާނެއޭ. ރަށުމީދާ ރަށަށްގަދަވެ މިނިވަންކަން ދައްކަންވެއްޖެއްޔާ ދެން ވާނެގޮތެއް ބުރާންތި ކައުންސިލަރުންނަށް ހަމަ ނުވިސްނެނީބާ؟
އަބްދުﷲ
28 June 2019
ތިޔަ މެމްބަރުންގެ ޕްރޮޖެކްޓްތަކާއި، ފިހާރަތަކައި، ވޯރކްޝޮޕް ތަކާއި އަދި ކޮންސްޓްރަކްޝަން ސައިޓް ތަކުގައި މަސައްކަތް ކުރާ ބޭރު މީހުން ގިނަވާނީ. އެހެންވެ ތިމައްސަލަ ހައްލުނުވެ މިހާ ދިގުލައިގެން ދަނީވެސް. އަދި ހައްލެއްވާނެ ކަމުގެ އުންމީދެއްވެސް ނެތް. ޖަލުމީހުން ޕެޓިޝަނެއްލީނަމަ މިހާރު ތިކަން ބަލާ ހައްލުކޮށްވެސް އޮންނާނީ ނިމިފައި. ޔޫތު މިނިސްޓަރުވެސް އުޅުނެނު ގްރޫޕް ހަދައިގެން ކުއްކުރާ މީހުންގެ ހިމާޔަތުގައި އެމީހުން ރުއްސަން...
ނޫސް ކިޔާމީހާ
28 June 2019
ބޭކާރު ހުށަހެޅުމަކަށް ތިޔަވާނީ . ޢެންމެގިނައިން ޤަވާއިދާޚިލަފަށް މީހުން ގެންގުޅެނީ ރިސޯރޓްތަކުގައި. ޢެމީހުންނަކީ ޤައުމިއްޔަތު ކިޔާއެއްޗެއް ދަންނަ އަދި ވިސްނާވެސް ބައެއްނޫން. ޟަޖިލީހުގައިވެސް އެއްކޮޅަށް ވާހަކަސްކާނެ. ޢަމަލު ދިމޢެއްނުވާނެ. ވިސްނާނީ ޑޮލަރ ޑޮލަރ. ދެން ބުނެބަލާ ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި އެއްވެސް ކައުންސިލަކަށް އެންގިތޯ އެމީހުންގެ ރެޖިސްޓަރީއެއް ހަދަން. ދިވެއްސެއް އުފަންވާއިރަށް ރެޖިސްޓަރީ ނުކުރީވިއްޔާ އެއީ ނެތްމީހެއް.
އާރީ
28 June 2019
ފެޓިސަން ނެހެދިޔަސް މަޖިލިހުން އަމިންލައަށް އިސްނަގައިގެންވެސް މިގައުމުން ގަވާއިދާހިލާފަށް އުޅޭ ބިދޭސީން ބޭރުކުރަށް ޖެހޭ. އެނެއްކާ އިބޫގެ ވައުދެއް މިހާރު ހަދާން ނެތީކަންނޭ. ވެހިކަލުގަ އިސްޓިކާވެސް ނުޖަހާނަމޭ ކިޔާފަ މިހާރު ފަތުއަޑްކިޔާފަ އިސްޓިކާ ޖަހަށް ވަކިބަޔަކު ނެރޭ. މީ ރަށްއިތުންނަށް ހެޔޮވެރިކަން ކޮށްދޭން އައިމީހުންގެ ފެންވަރަކީ އާރާބާރު ލިބުނީމަ ހިތުހުރިހާ ގޮތެއް ހަދަނި
ބަޑީ
28 June 2019
ސްޓިކާ ޖަހާލެއް އަދިވެސް މަދީ!! ހިތައްއެރިތާކު ޕާރކްކުރީމާ ދެންއަންނަމީހާ ދާނެގޮތެއްނޯވޭ. ވީލްޗެއަރއެއް ޕްރޭމްއެއް ދުއްވާލެވެނީނޫން.
މޯޑް
28 June 2019
ތިކަން ކުރަށް އެއްވެސް ސަރުކާރަކުން ބޭނުންނުވަނީ ތި އެމެންގެ ބެލެނިވެރިފަރާތް ތަކަކީ އެކިއެކި ސަރުކާރުތަކުގެ ބޮނޑުން. އެމީހުން ދެއަތް އުރާލައިގެން ތިންބަސް އެއްކަ ބޮންދުމީހާ ބޮސް އަށް ބޯކޮށް ރުފިޔާ ދޭ މަސްނިމްނީމަ. އެހެންވީމަ ކޮންމެ ސަރުކާރަކުން ވެސް މޮޅުވާހަކަ ދަށްކާފަ ރަށްއިތުން ގުބޯ ހެންދޭތޯ ބަލަނި
ނީނނޭ
28 June 2019
ނުވާނެ ތިކަމެއް
މަރޭމިތުރު
28 June 2019
ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން އަތުލުމަށްފަހު ދެންވަނީ ކިހިނެތް؟ ދެން އެމީހުން ފުރަން އެަރޕޯރޓް ކައުންޓަރާއި ހިސާބައްގޮސް އިމިގްރޭޝަން މީހުންނަށް ފައިސާކޮޅެއް ދިއްކޮށްލާއިރަށް އޭނާ ހަމަ އަނެއްކާ އެހުންނަނީ ރާއްޖޭގައި މިސިއްރު ވަރަށްބޮޑަށް އަހަރެންނަށް އެނގޭ. މިކަންކުރަނީ އިމިގްރޭޝަން މީހުން ބައިއަޅައިގެން.
ދޭސީ
28 June 2019
ޕޮލިސީ ލެވެލްގަ ތިއްބެވި ބޭފުޅުން މިޔަންމާގަ ހިނގި ހަމަނުޖެހުމުން އިބްރަތެއް ހާސިލްކޮށް ގިނަވެގެން އުޅޭ ބިދޭސީން މަދުކުރުމަށް އަވަސް ފިޔަޅުތަކެއް އަޅަންޖެހޭ. އެންމެ ފުރަތަމަ މޯލްޑިވިއަން ޑާކާ ދަތުރު ހުއްޓުވަން ޖެހޭ