އިމާރާތެއް ތަޅަމުން ދަނިކޮށް ޖެހިގެން ހުރި ގެއަށް ގެއްލުންވެފައި: ބާ އިމާރާތްތައް ރިޕޯޓު ކުރުމަށް ޕްލޭނިން އިން ވަނީ އެދިފައި
02 ޖުލައި 2019 - 22:06
އިމާރާތް ބާވެގެން، ނުވަތަ ނުރައްކާތެރި ގޮތަކަށް ހުރި ނަމަ އެކަން ކަމާ ބެހޭ އިދާރާތަކަށް ރިޕޯޓު ކުރުމަށް ޕްލޭނިން މިނިސްޓްރީން އިލްތިމާސް ކޮށްފި އެވެ. އެތަނުން ބުނިގޮތުގައި ރިޕޯޓު ކުރުމުން އެކަމަށް މިނިސްޓްރީން ފިޔަވަޅު އަޅާނެ އެވެ.
ޕްލޭނިން މިނިސްޓްރީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިމާރާތްތައް ބާވުމުގެ ސަބަބުން މާލޭގައި ފަހަކަށް އައިސް ހިތާމަވެރި ހާދިސާތައް ހިނގާފައިވާ ކަމަށާއި އެކަން މަދުކުރުމަށް އެ މިނިސްޓްރީ އާއި ސިޓީ ކައުންސިލުން މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
މިދިޔަ މަހުގެ ތެރޭގައި ވެސް ވަނީ ގެއެއްގެ ދެ ވަނަ ބުރީގެ ބެލްކަނީން ބައެއް މަގު މައްޗަށް ވެއްޓި ފަސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ.
ޕްލޭނިން އިން ބުނީ މި ފަދަ ހާދިސާއެއް މެދުވެރިވާ ފަދަ ހާލަތެއްގައި އެއްވެސް އިމާރާތެއް ނުވަތަ ތަނެއް ހުރިކަމަށް ފާހަގަ ވެއްޖެ ނަމަ، އެކަން މިނިސްޓްރީ އަށް އެންގުމަށެވެ. މިނިސްޓްރީ އަށް ރިޕޯޓު ކުރާނަމަ ސިޓީ ނުވަތަ އީމެއިލް ނުވަތަ މިނިސްޓްރީގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް އެންގުމަށް އެދިފައި ވެ އެވެ. އަދި ސިޓީ ކައުންސިލަށް ރިޕޯޓު ކުރުމުގައި ވެސް އެ ކައުންސިލުން ކަނޑައަޅާފައިވާ ގޮތަށް އެކަން ކުރުމަށް ބުނެފައި ވެ އެވެ.
ރިޕޯޓު ކުރާއިރު، ތަނުގެ ފޮޓޯއެއް ފޮނުވަން ޖެހޭނެ ކަމަށް ޕްލޭނިން އިން ބުންޏެވެ.
- އިމާރާތެއް ނުވަތަ ތަނެއް ގިނަ ދުވަސްވެ ބާވުމުން
- އިމާރާތަކަށް ނުވަތަ ތަނަކަށް އަރުވާފައި ހުރި ބަރުދަނެއްގެ ސަބަބުން
- އިމާރާތް ކުރުމުގެ މަސައްކަތުގެ ފެންވަރު ދަށްވުމުން
- ނުރައްކާތެރި ހާދިސާއެއް ދިމާވެދާނެ ފަދަ ގޮތަކަށް އިމާރާތްކޮށްފައިވާ ތަނަކަށް ވުން
- ދިމާވާ ހާދިސާއެއްގެ ސަބަބުން
ޕްލޭނިން މިނިސްޓްރީން ބުނިގޮތުގައި އިމާރާތާ ގުޅޭ މައްސަލަ ރިޕޯޓު ކުރުމުން، އެތަނަކީ ރައްކާތެރި ތަނެއްތޯ ނުވަތަ ނޫންތޯ މިނިސްޓްރީން ބަލައި ކަނޑައަޅާނެ އެވެ. އަދި ރައްކާތެރި ނޫން ތަނެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ، އޭގެ ސަބަބުތައް ކިޔައިދީ އެކަންކަން ރަނގަޅު ކުރުމަށާއި އެ ތަން ބޭނުން ނުކުރުމަށް އިމާރާތުގެ ވެރިފަރާތަށް އަންގާނެ ކަމަށް ބުންޏެވެ. އަދި އެތަނަކީ ނުރައްކާތެރި ތަނެއްކަން އަންގައިދޭ ބޯޑެއް ހަރުކުރާނެ ކަމަށް ވެސް ބުންޏެވެ.
ޕްލޭނިން އިން ބުނިގޮތުގައި ތަން މަރާމާތު ކުރުމަށް ނުވަތަ ބޭނުން ނުކުރުމަށް އަންގާފައިވަނިކޮށް، އިމާރާތް ބޭނުންކޮށްގެން އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިއްޖެ ނަމަ އޭގެ ތަނުގެ ވެރި ފަރާތުން ނަގަން ޖެހޭނެ އެވެ. އަދި އިމާރާތަކީ ރައްކާތެރި ތަނެއް ނޫން ކަމަށް ކަނޑައި އަޅައި، އެކަން ރަނގަޅު ކުރުމަށް އެންގުމުން ވެސް އެކަން ނުކޮށްފިނަމަ ކޯޓު އަމުރެއްގެ ދަށުން، މިނިސްޓްރީން ނުވަތަ ކައުންސިލުން އެތަނަކަށް ވަދެ ރަނގަޅު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.
މަސައްކަތަށް ހޭދަވި މިންވަރު، ކަނޑައަޅާފައިވާ ގޮތަކަށް، ކަނޑައަޅާފައިވާ މުއްދަތެއްގައި ވެރި ފަރާތުން ދައްކަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްލާހު
03 July 2019
ހުރަވީ ބިލްޑިންގ އަދި ޣާޒީ ބިލްޑިންގ ބާ ޖަމާލުއްދީން އެހެރީ ބާވެފައި ކަމަށް ސަރުކާރުން ވެސް އެއްބަސް ވެއެވެ. އަދިވެސް އެތަންތަން ބޭނުން ކުރަމުން ދާއިރު އެހެން ތަންތަން ބާނަމަ ރިޕޯޓް ކުރަން އެންގުމަކީ ވެސް ބޮޑު ޖޯކެކެވެ.
ކޮލެޖު ބޯއި
03 July 2019
އަހަރެމެން ރައްޔިތުން މިޖެހެނީ އިންސްޕެކްޓްކޮށް، ފޮޓޯ ނަގާ، ތަނުގެ މައުލޫމާތު އެއްކޮށް ރިޕޯޓުކުރަން. ދެން އަޅޭ ބުނެބަލަ އިންސްޕެކްޓް ކުރުމުގެ ގާބިލުކަން ނެތްބަޔަކަށް ރިޕޯޓުކުރުމުން ފިޔަވަޅެއް އެޅުމުގެ ގާބިލުކަން ލިބޭނެ ގޮތެއް.
ހުސީނާ
03 July 2019
ދެން އާއިމާރާތެއް އަޅައިދެނީތަ؟
ފިލްމު ދަޅުކަން
03 July 2019
ހެހެ ރިޕޯރޓް ކުރަންދެން ަޢސީ 25 ގައި ބަހައްޓާލައިގެން ފިނިކޮށްލަކޮށްލަ ވަރަށް ސަޅި މިނިސްޓަރީއެއްގެ ބޭނުމެއް ކޮބައިބާ ބަލަ ތިތަނަށް ސައިޓް އިނިސްޕެކްޓަރުން ލައްވައިގެން ބަލާނީ ތަންދޮރު ނުދަންނަ މީހުން ކަންކަމަށް ލެފުނީމަ ވާނެގޮތް ވަމުން މިދަނީ
ނާގަބާޑި
03 July 2019
ކިތަންމެވަރަކައް ވެސް ރިޕޯޓް ކެރެވިދާނެ އެކަމަކުވެސް ނުވާނެއެއް ކަމެއްވެސް
Dhaadhey
03 July 2019
ކާކު ކައިރީތޯ ރިޕޯޓްކުރަން ތިބުނަނީ. ތަމެން މުސާރަނަގައިގެން ގޮނޑީގައި ވެޑުވިފައިތިއްބާ ރައްޔިތުން މިޖެހެނީ އިމާރާތްތައް އިންސްޕެކްޓްކޮށް ރިޕޯޓް ހިފައިގެން ތަމެން ކައިރިއަށްދާން. އިސްތިއުފާދީ ކުރާނޭގޮތް ނޭގެންޏާ!
މައްލި
03 July 2019
ރިޕޯޓް ކުރީމަ ނިމުނީ . ފިޔަވަޅު އެލޭނެތަ
ޔާސްމީން
03 July 2019
ސަރުކާރުން މިހާރުދެން ހުރިހާ ކަމެއްވެސް ބޮލުން ކަޓުވާލަނީ ތަ؟ ހުރިހާކަމެއް ރިޕޯޓުކުރުން އެހެން މީހުންނަށް. ދެން ކީއްކުރާ ބޮޑު މިނިސްޓްރީއަކީ މުވައްޒަފުންނެއް؟
ލޭކް
03 July 2019
ސިޓީ ކައުންސިލަށް ނުލިބިގެން އުޅުނު އެތައް ބާރުތަކެއް ދީ މުސާރަ ބޮޑުކުރީ މި ސަރުކާރު އައިސް. އެކަމު މަސައްކަތްތައް މިދަނީ ރައްޔިތުން ކުރާ ގޮތަށް ހަމަޖެހެމުން. ވޯޓްތައް އަޅައިދީގެން ކައުންސިލަރުންތައް ހޮވަނީ މި ގޮތަށް ކަންކަން ބޮލުން ނައްޓާލަންތަ؟ ފަރުދީ ޒިންމާވެސް އޮންނަންވާނެކަން ގަބޫލުކުރެވޭ އަދި މިވީހާ ދުވަސްތަކުގައި ފަރުދުން ޝަކުވާތައް ހުށަހަޅާފައިވަނީ. އެކަމު މިނިސްޓްރީއަކާ ބޮޑު ކައުންސިލަކާ ވީމާ ކަންކަން ހައްލުކުރަން ވެރިން މަދެއްނޫން.
Abdulla Hameed
03 July 2019
ބަލަ ރިޕޯރޓް ކުރަން ޖެހޭތަ؟ މީހުން ފޮނުވައިގެން ބަލާބަލަ. ހުރަވީ ބިލްޑިންގއިން ތަންތަން ވެއްޓި އެތައް ސައިކަލަކަށް ގެއްލުންވީ ކިތައްފަހަރު؟ އެއްވެސް ކަމެއް ކުރެވުނުތަ؟ އަނެއްކާ މާލޭގެ މަގުތަކުގައި ބާ ޢިމާރާތް ވެއްޓި މީހަކަށް އަނިޔާވުމުގެ ކުރިން ބާ ތަންތަންތަން ބަލައި ހެދުމަކީ ސިޓީކައުންސިލްގެ މަސްޢޫލިއްޔަތެއް. އެތައް ސްޕަވައިޒަރުންނެއް އެބައުޅޭ. އެހެންވީމާ ފުރިހަމަ ޛިންމާ ނަންގަވާ.