ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒު. --- ފޮޓޯ: ރައީސް އޮފީސް
03 ޖުލައި 2019 - 16:58
ބާ ކައުންސިލްގެ ނައިބު ރައީސަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒު ވާދަކުރައްވަން މިއަދު ނިންމަވައިފި އެވެ.
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒުގެ ކޮއްކޮ އަބްދުﷲ މުއިއްޒަކީ، ބާ ކައުންސިލްގެ ނައިބު ރައީސަކަށް ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވި ފުރަތަމަ ބޭފުޅާ އެވެ. މުއިއްޒުގެ އިތުރުން މިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މަނަދޫ ދާއިރާ އަށް އަމިއްލަ ގޮތުން ކުރިމަތިލެއްވި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ވެސް އެ މަގާމަށް ވާދަކުރައްވަ އެވެ.
ބާ ކައުންސިލްގެ ރައީސަކަށް ވާދަކުރައްވަނީ ކުރީގެ ނަޝީދުގެ ސަރުކާރުގައި އެޓާނީ ޖެނެރަލްކަން ކުރެއްވި ހުސްނުއް ސުއޫދާއި މައުމޫން ހަމީދެވެ. ގެއްލިފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރައީސަކީ ވެސް ސުއޫދެވެ.
މުއިއްޒު "މިހާރު" އަށް މިއަދު ވިދާޅުވީ އަލަށް އުފައްދާ ބާ ކައުންސިލްގެ އެންމެ ފުރަތަމަ މަސްއޫލިއްޔަތަކަށް ވާނީ ގަވައިދުތަކާއި އުސޫލުތައް ކަނޑައެޅުން ކަމަށެވެ. މީގެ ކުރިން އެޓާނީ ޖެނެރަލްގައި މަސައްކަތް ކުރައްވާފައި ހުރުމުން، އެކަންކަމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނީ ފަންނުގެ ގާނޫނާ އެކު، ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފައްދާ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބު މި މަހުގެ 13 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައި، މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިޚާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެމްއެމްއައި
04 July 2019
ވޯޓަކުން ހޮވާ ބަޔެއް ވިއްޔާ ވޯޓަކުން ބޭރުވެސް ކޮށްލެވެންޖެހޭނެ. ރެގިއުލޭޓަރީ އޮތޯރިޓީ އޮންނަ ބޯޑަކަށް ވޯޓަކުން މީހުން އައްޔަންކުރުން މިއީ ކިހިނެތް ހިނގާކަމެއް.
ލަންބެ
04 July 2019
ކޮންމެވެސް ތާކު ފިލާ އޮވެފަ ނުކުތް މީހެއް ހީވަނީ...... މިއޮށް ހުރިހާ ދުވަހު އަޑެއް ބަޑެއް ނީވެ...........
ޙަބީބު
03 July 2019
މިމުއިއްޒަކީ އެއްގޮތަކައްވެސް ކަމުދާ މީހެއްނޫން
ވާލުސޮރު
03 July 2019
މުއިއްޒު ބޭފުޅާ މިއޮއް ހުރިހާ ދުވަހު ކޮންތާކުތޯ ހުންނެވީ
ނަޖުދާ
03 July 2019
ދިވެހިރައްޔިތުން އިންސާފަށް އެދި ރޮއެ އާދޭސްކުރި އިރު މުއިއްޒުހުރީ ކޮންތާކު؟ މިއަދު މަގާމެއް އިއުލާނުކޮށްލާއިރަށް މުއިއްޒުމެންނަށް ކިހިނެތްތިވަނީ؟ ކޮބާ އަޙުލާގު، ؟ ތިމަންނާއަކީ ދިވެހިރައްޔިތުންގެ އެހާ ބޮޑު ބިރުވެރިކަމާއި، ވޭނެއްގައި އުޅުނު އިރު ޗުއްޕުކިޔައިގެން ހުރި މީހަކަށް މިއަދު މަގާމުގެ ދަހިވެތިކަން ބޮޑުވެގެން ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭންގެނީއެވެ. ތިޔަވާނީ ހަމަ ތިޔަށެވެ!
އައްބާ
03 July 2019
މަގުމައްޗަށް ނިކުމެ އަޑުގަދަކޮށް މުޒާހަރާކުރީމަ އެކަނިތަ އިންސާފަށް މަސައްކަތް ކުރި ކަމަށް ވަނީ؟ އެކި މީހުން ކަން ކުރާނީ އެކިގޮތަށް. މަގާމްތަކަށް ވާދަކުރުމަކީ ކޮންމެ މީހެއްގެވެސް ހައްގެއް. ވޯޓުލާ ފަރާތްތަކުން ގޮތް ނިންމާނީ.
ފޫހިކަން ދެން
04 July 2019
ކޮންމެ ސަރުކާރެއް އޮތަސް މޭޒު ކައިރީގަ ތިބެ ވެސް ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ދެމި ތިބެވިދާނެ. އަޖައިބެއް! އެންމެން މަގު މައްޗަށް ނުކުންނަށް ޖެހޭތަ؟ މި އޮތީވާ ޤައުމެއް!