މައުމޫން ހަމީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. ބާ ކައުންސިލްގެ ރައީސް ކަމަށް އޭނާ ހޮވިވަޑައިގެންނެވީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާ ވާދަކުރައްވައިގެން. ---ފޮޓޯ: ނިޝާން އަލީ/ މިހާރު
14 ޖުލައި 2019 - 11:19
ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފެއްދި ބާ ކައުންސިލުން މަސައްކަތް ކުރާނީ ނުފޫޒުން އެއްކިބާވެ ތިބެ ކަމަށް އެ ކައުންސިލްގެ ފުރަތަމަ ރައީސް މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ 1،600 ވަކީލުންގެ މެދުގައި މާލެ އާއި އައްޑޫގައި ބޭއްވި ބާ ކައުންސިލްގެ ފުރަތަމަ އިންތިޚާބުގެ ރައީސް ކަމަށް މައުމޫން ވަޑައިގެންނެވީ ކުރީގެ ބަންޑާރަ ނައިބު އަދި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދާ ވާދަކުރައްވައިގެންނެވެ.
މައުމޫން "މިހާރު" އަށް ވިދާޅުވީ ބާ ކައުންސިލްގެ މަސައްކަތްތައް ކުރަމުން އަންނަ އިރު، އެއްވެސް ބަޔަކަށް ސިޔާސީ ނުފޫޒެއް ނުވަތަ އެހެން ނުފޫޒެއް ވެސް ނުފޯރުވޭނެ ކަމަށެވެ. އަދި ބާ ކައުންސިލަކީ މިނިވަން، މުސްތަގިއްލު ތަނަކަށް ހައްދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ބާ ކައުންސިލަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން އެންމެ އިސްކަމެއް ދެއްވައިގެން ފުރަތަމަ ކުރައްވާނެ ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަކީލުންގެ ތެރެއިން މެމްބަރަކު އައްޔަން ކުރެއްވުމެވެ. ޖޭއެސްސީ އަށް ވަކީލުންގެ ތެރެއިން އިންތިޚާބު ކޮށްފައިވާ މެމްބަރު ލަތީފާ ގާސިމްގެ މެމްބަރުކަން މިހާރު ގެއްލިފައިވާތީ އެ މަގާމު އޮތީ ހުސްކޮށެވެ.
"އަޅުގަނޑު ވަރަށް މަރުހަބާ ދަންނަވަން ދެން ހޮވިވަޑައިގެންނެވި ބޭފުޅުންނަށް. އެ ހުރިހާ ބޭފުޅުންނާ އެކީގައި މަސައްކަތް ކުރެވޭނެ ކަމުގެ އުންމީދު އެބަ އޮތް. އަޅުގަނޑުމެންގެ އޮތީ އެއް މަގްސަދެއް،" ސިޔާސީ ބައެއް ބޭފުޅުންގެ ދިފާއުގައި ކުރިން ކޯޓުތަކުގައި ވަކާލާތު ކުރެއްވި މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑެއް ހަމަ ގައިމުވެސް އެއްވެސް ފަރާތަކަށް ބުރައެއް ނުވާނަން."
މައުމޫން ވިދާޅުވި ގޮތުގައި ގާނޫނީ ފަންނުގެ ބިލް، ގާނޫނަކަށް ވުމާ ގުޅިގެން ބާ ކައުންސިލާ ހަވާލުކޮށްފައި ވަނީ ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ. އެހެންވެ، ގާނޫނުގައި ބާ ކައުންސިލަށް ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަމުގައި ވަކީލުންގެ މަސްލަހަތު ވެސް އެބަ އޮތް. އަޅުގަނޑު މަސައްކަތް ކުރާނީ ގާނޫނުގައި އޮތް ގޮތަށް ބަސް ބުނުމަށާއި ކަން ކުރުމަށް. ބާ ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން ވަކީލުންގެ ހައްގުގައި ފަސް ޖެހުމެއް ނެތި މަސައްކަތް ކުރާނަން،" މައުމޫން ވިދާޅުވި އެވެ.
ބާ ކައުންސިލްގެ ރައީސް ކަމަށް މައުމޫން ހޮވިވަޑައިގެންނެވި އިރު، ނައިބު ރައީސްގެ މަގާމަށް ތަފާތު ބޮޑު ނަތީޖާއަކުން ހޮވިވަޑައިގެންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ. އޭނާއާ ވާދަކުރެއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ.
މި ކައުންސިލްގެ އެގްޒެކަޓިވް ކޮމިޓީގެ މެމްބަރު ކަމަށް 19 ވަކީލަކު ކުރިމަތިލެއްވި އެވެ. އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިޚާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން ކުރީގައި އުޅުއްވަނީ މުހައްމަދު ފައިސަލް، ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަނާރާ ނައީމް، ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ސުޖޫން މުހައްމަދު، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އަދި އަބްދުލް މާނިއު ހުސެއިން އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހެން
15 July 2019
ތިޔަކަން ތިހެން ވެއްޖެނަމަ އެއީ މިގައުމުގައި އަލަށް ފެންނާނެ މަންޒަރަކަށްވާނީ. ބައެއް ވަކީލުން އެތައް ޒަމާނެއް ފަހުން ޓީވީއަށް އަރާފަ އެބަ ބުނޭ އެއްކަލަ ޒަމާނުގައި ކަމެއް އެހިނގީ ހިނގަންވާ ގޮތަށް ނޫންކަމަށާއި އެކަމާމެދު ހަނުހުރެވުނީމަ ހިތާމަކުރާކަމަށް. އެ ދުވަހު ހަނުހުރެގެން އެވީ ގަޑުބަޑުން އަރައިނުގަނެވޭ އަދިވެސް މިގައުމު. އެހެން ހަނު ތިބޭ ވަކީލުންގެ ސަބަބުން ކަންކަން ބޮއްސުންލައިގެން ދިއަ ބޮޑުމިން އަންދާޒާނުކުރެވޭ އަދިވެސް އަނެއް ބަޔަކަށް.
ދޮންބޭ
14 July 2019
މަރުހަބާ މާން. ގައިމުވެސް އިންޓަރގްރީޓީ ހުންނާނެ ބޭފުޅެއް
އަޒްރަ
14 July 2019
މައުމޫނައް ވާނެގޮތެއްވެސް ބަލަން މިތިބެނީ..ސިޔާސީ ނުފޫޒެއް ނުވަންނާނެ ގޮތެއް ހިޔެއް ނުވޭ އޮންނާނެހެނެއް..
ހިޔާލު
14 July 2019
މަރުހަބާ މައުމޫން ޙަމީދު
އަހްމަދު
14 July 2019
މިއިންތިޚާބުގައި ވޯޓްލީ ކިތައްމީހުން. 1600ވަކީލުންތޯ ވޯޓްދެއްވީ. މިހެން މިއަހާލީ އެއްފޮށްޓަށް 2000 އަށްވުރެގިނަ ވޯޓް ލާފައިވާތީ.
އަަނި
14 July 2019
ތިި ވޯކެއް ނުކުރާނެ ބުރޯ. ޕީޕީ ކުދިންކައިރީ ކުރިޔަސް..
އަބްދުއްالله
14 July 2019
އާ ކައުންސިލުގެ އިންތިހާބު އޮތީ ކޮން އިރަކުން ތަ؟
ވަކީލު
14 July 2019
ވަރަށް އުފާވޭ މި ރާއްޖޭގެ ވަކީލުން ސިޔާސީ ފިކުރުން އެއްކިބާވެ ތިބެ ހަރުދަނާ ނިންމުމެއް ނިންމައިދިނީމަ. ނަަޝީދުއާއި އޭނާގެ ބައިގަނޑު އުޅުނީ ބާ ކައުންސިލަށްވެސް އެމީހުންގެ ނުފޫޒު ފޯރުވަން ސޫދުގެ ޓީމް ހޮވަން. މީގެ ތެރޭގައި ސަފާ އަދި އަރީޖުވެސް ހިމެނޭ. ދެން ބަންޑާރަ ނައިބު ރިފްއަތު އަދި ޖޭއެސްސީ މެމްބަރު ހިސާން ހަމަވީމަ އެ އޮތީ ނަޝީދުގެ ލީގަލް ޓީމު ހަމަވެފައި. މިކަމުން ދޭހަވަނީ ރައްޔިތުން ފާރަވެރިވެ ތިބިވަރު. ސާބަސް ވަކީލުންނަށް. ޝުކުރު ހައްގު.
ފަހުދާ
14 July 2019
"ސިޔާސީ ބައެއް ބޭފުޅުންގެ ދިފާއުގައި ކުރިން ކޯޓުތަކުގައި ވަކާލާތު ކުރެއްވި މައުމޫން ވިދާޅުވި އެވެ."، އަސްލު މިހެން ބުނީމަ ހީވަނީ ސުޔޫދަކީ އެއް ވެސް ސިޔާސީ މީހަކަށް ވަކާލު ނުކުރާ ވަކީލެއް ހެން...ސުޔޫދަކީ އެގިހުރެ ބޮޑެތި ކުއްވެރިންގެ ވެސް ދިފާއުގައި ވަކާލާތް ކުރި މީހެއް.
ސިދުގީ
14 July 2019
ވިސްނުން ކޮށިވީމަ ތިޔަހެން ތިޔަ ހީވީ.
ރާއްޖެތެރެމީހާ
14 July 2019
ސުއޫދު ވިދާޅުވި ދުވަސްކޮޅެއްކުރިން ކޮންމެވެސް ރަށެއްގެ މެޖިސްޓްރޭޓްކަން ކުރަން ބޭނުންވާވާހަކަ، ރަށުގެ ނަންވެސް ހާމަކުރި، އެކަމަކު އަމަލު މިކުރެއްވީ އެއާ މުޅިން ތަފާތުކޮށް، ސުއޫދު އަކީ ޝަރުއީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އަދި ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެހެންނަމަވެސް ކޮންމެވެސް ސަބަބަކާހުރެ ވަކީލުންގެ ސުއޫދަށް އިތުބާރު ނުކުރާކަން އައްޑުއަތޮޅުން ސުއޫދަށް ލިބުނު ވޯޓުންވެސް އެނގެއެވެ.
ސޭބޫ
14 July 2019
ސޫދު އަކީ އެމްޑީޕީ އެކްޓިވިސްޓެއް. ހިސާނުއައް ކެމްޕޭނުކޮއް ދިނުމައް ދާއިރާއައް ދިޔަ މީހެއް. ސިޔާސީ ވީމަ.ނުހޮވުނީކަމައް ވެލެވެނީ.