ބާ ކައުންސިލްގެ ރައީސަކަށް، ގާނޫނީ ވަކީލް މައުމޫން ހަމީދު ވެސް ވާދަކުރައްވަން ނިންމަވައިފި އެވެ.
އޭނާގެ އިތުރުން އެ މަގާމަށް ވާދަކުރައްވާކަން މިހާތަނަށް އިއުލާން ކުރެއްވީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދެވެ. ގެއްލިފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރައީސަކީ ވެސް ސުއޫދެވެ.
ބާ ކައުންސިލް މިނިވަން ތަނަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައި މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ކައުންސިލްގެ ރައީސަކަށް ކުރިމަތިލައްވާނެ ކަމަށެވެ. ޝަރުއީ ނިޒާމުގެ މިނިވަންކަމާއި އިންސާފު ގާއިމް ކުރެއްވުމަށް ކުރީގެ ސަރުކާރުގައި ވެސް މައުމޫން ހަމީދު ވަކާލާތު ކުރެއްވި އެވެ.
ގާނޫނީ ފަންނުގެ ގާނޫނާ އެކު، ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފެދުނު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބު މި މަހުގެ 13 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައި، މަގާމުތަކަށް ކުރިމަތިލާން ވަނީ ހުޅުވާލައިފަ އެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިޚާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.