ކުރީގެ ބަންޑާރަ ނައިބު ސުއޫދު: އޭނާ ވިދާޅުވި ގޮތުގައި ބާ ކައުންސިލަށް އިންތިޚާބު ނުވީ ފާޑު ކިޔާތީ-- ފޮޓޯ: މިހާރު
14 ޖުލައި 2019 - 12:15
ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފެއްދި ބާ ކައުންސިލްގެ ރައީސްކަމުގެ އިންތިޚާބުން ނާކާމިޔާބުވީ އެކި ކަންކަމަށް ފާޅުގައި ފާޑު ވިދާޅުވާތީ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.
މަރުތަކާ ބެހޭ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި ސުއޫދަށް އެ އިންތިޚާބު ނާކާމިޔާބުވީ މައުމޫން ހަމީދާ ވާދަކުރައްވަ އެވެ. ވަކީލުންގެ މެދުގައި އިއްޔެ ބޭއްވި އެ އިންތިޚާބުގައި މައުމޫނަށް 543 ވޯޓް ލިބިވަޑައިގަތްއިރު ސުއޫދަށް ލިބިވަޑައިގަތީ 401 ވޯޓެވެ.
ނާކާމިޔާބުވި ސަބަބާ ގުޅޭގޮތުން ސުއޫދު ވިދާޅުވީ އިންތިޚާބު ކާމިޔާބުވީ "މީހުން ބަލައިނުގަންނާތީ" ކަމަށާއި ނަމަވެސް ސީދާ ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ޝަރުއީ ދާއިރާ އިސްލާހު ކުރުމާ ގުޅޭގޮތުން ފާޅުގައި ވާހަކަ ދައްކަވާ ސުއޫދު ވިދާޅުވީ ކަންކަމަށް ފާޑު ވިދާޅުވާތީ ބައެއްގެ ހިތްހަމަނުޖެހުން ހުރުން އެކަށީގެންވާ ކަމަށެވެ. އަދި އެއީ އިންތިޚާބު ނާކާމިޔާބުވި އެއް ސަބަބު ކަމަށް ވެދާނެ ކަމަށް ވިދާޅުވި އެވެ.
"ޕްރޮސިކިއުޓަރުން ކުރާ ކަންކަމަށް ވެސް ފާޑު ކިޔާ މީހެއް އަޅުގަނޑަކީ. އެކަންކަމާ އެ ބޭފުޅުން ހިތްހަމަނުޖެހުން އެކަށީގެންވޭ،" ރާއްޖޭގެ ގާނޫނީ ދާއިރާއާ ގުޅޭ ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ނިސްބަތްވާ އައްޑޫ ސިޓީ ވޯޓް ފޮށިން ވެސް ކުރި ހޯއްދެވީ މައުމޫނެވެ. އެ ވޯޓް ފޮށިން ސުއޫދަށް ފަސް ވޯޓް ލިބިވަޑައިގަތްއިރު މައުމޫން ވަނީ ހަތް ވޯޓް ހޯއްދަވައިފަ އެވެ.
އެކަމާ ގުޅޭގޮތުން ސުއޫދު ވިދާޅުވީ އައްޑޫ ސިޓީ ފޮއްޓަށް ވޯޓް ލީ ހަމައެކަނި އެ ސިޓީގެ ވަކީލުން ނޫން ކަމަށެވެ.
ބާ ކައުންސިލަށް އިންތިޚާބުވެ ވަޑައިގެންފި ނަމަ ރާއްޖޭގައި ވަކީލުކަން ކިޔަވައިދޭ އުސޫލަށް ބަދަލު ގެންނަވާނެ ކަމަށް ސުއޫދު ވަނީ ވިދާޅުވެފަ އެވެ. މިހާރު ކިޔަވައިދޭ މުގައްރަރަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ބާ ކައުންސިލްގެ ނައިބު ރައީސްގެ މަގާމަށް ތަފާތު ބޮޑުކޮށް އިންތިޚާބުވެ ވަޑައިގަތީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ.
އެގްޒެކެޓިވް ކޮމެޓީ އަށް އިންތިޚާބުވި ހަ ވަކީލުންނަކީ މުހައްމަދު ފައިސަލާއި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަނާރާ ނައީމް، ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދު، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އަދި އަނާރާ ނައީމެވެ.
ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދިނުމާއި ވަކީލުންގެ ސުލޫކީ މައްސަލަތައް ބަލައި ވަކީލުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމާއި ގާނޫނީ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމަކީ ބާ ކައުންސިލުން ކުރަންޖެހޭ ކަންކަމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓޮކާނޯ
17 July 2019
އަބަދު ތިމަންނަގެ މުހިންމުކަން ދައްކަން އުޅޭ މީހެއް. ދެން ތި ރިލްވާން މައްސަލައިގެ ރިޕޯޓް ނުނެރޭނެ އަވަހަކަށް. އެ ނެރެފިއްޔާ ސުއޫދުގެ ބޭނުން ކެނޑިތާނިތީ ބިރުން އޭތި ނުނެރެ އެއުޅެނީ. ކޮމިޝަން އުވާލާއި ވަޒީފާ ގެއްލި ދާނެތީ
ވަހީދު
15 July 2019
ދައުލަތުގެ މުއައްސަސާތައް ފުނޑާލަން އުޅޭ ސިޔާސީ މީހުންގެ މަޅީގައި ބެދިފައި ހުންނާތީ ބަލައެއް ނުގަނެވޭ.
ތޮންމަހަ
15 July 2019
ގިނަ ފަނޑިޔާރުން ގަބޫލުކުރީ މަނިކުފާނަކީ އެމްޑީޕީގެ އެކްޓިވިސްޓެއްކަމަށް
ގަބުޅިބޯ
14 July 2019
ސޫދަށް ހަމަތިއޮތީ ރަނގަޅަށް ހީވެފަ! ތިކަހަކަ ދެއުޅިއެއް ނުވާ ވާހަކަ މާގިނަގިނައިން ދައްކަންފަށައިފިއްޔާ ރައްޔިތުން ބަލައެއް ނުގެންނާނެ. ނޭނގެދޯ ރައީސް ޔާމީނަށް ކެމްޕޭންތެރޭގަ މަލާތަމް ކުރުމުގެ ނަތީޖާތީ! އެއްވެސް މީހަކަށް ދެރައެއްދީފަ އަނެކާއަށް އުފަލަކު ނޫޅެވޭނެ. ސޫދު މިކަމުން ފިލާވަޅެއް ކުރެވޭތޯ ބަލަންވާނެ.
ހހހހހ
14 July 2019
އުސޫލެއް ހަމައެއް އަދަބެއްސަދަބެއް ނެތި ހެއްދެވިނެހެއްދެވިއަށް ގޮވުމާއި ފާޑު ކިއުމަކީ ދެކަމެއް. އަދިވެސް ތިއުޅުއްވެނީ އޮޅުމެއްގެތެރޭ.
މުލޭ
14 July 2019
ސުޢޫދަށް އޮތީ ބޮޑު ފަނޑިޔާރުކަން.
ހަންސަން
14 July 2019
ލޯފަރމް ހައްދަވައިގެން އުޅުއްވާ ބޭފުޅުން ބާކައުންސިލްގެ މެންބަރުކަމުގައި ތިއްބެވުމަކީ މަސްލަހަތު އެންމެ ރަނގަޅުގޮތްކަމުގައި ނުވާނެކަން ޔަގީން.
ތިއްތި ދޮން
14 July 2019
ބޭފުޅާ މާބޮޑަށް ސިޔަސީ ވެ.. ވަކި ކޮޅަކަށް ޖެހިފައި ހުރީ
ދޮގެއްތަ؟
14 July 2019
އެންމެ މޮޅު، އެންމެ ގަދަ، އެންމެ ކަމުދާ މީހަކީ "އަހަރެން" ނޫންކަން ގަބޫލު ކުރަން އަދިވެސް ތިއުޅެނީ ދަތިވެގެން.
އަހަންމަދު..
14 July 2019
މިިތާ މިހިރަ ކޮމެންޓްތަކުން ސުއޫދަށް ނާކާޔާބުވި ސީދާ ސަބަބު މިހާރު ސާފު ވެދާނެ ކަމަށް އުންމީދު ކުރަން. އަދި ގާނޫނީ ވަކީލެއްގެ ކިބައިގަ ހުނަންޖެހޭ ސިފަ ތިމާގެ ނެތްކަން ގަބޫލު ކުރާނެ ކަމަށްވެސް ހީކުރަން.