ދުނިޔޭގެ ހުނަރުވެރިންގެ ދުވަހާއި ގުޅިގެން ބޭއްވި ރަސްމިއްތާތެއްގައި ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވާހަކަދައްކަވަނީ -- ފޮޓޯ: ޓިވެޓް އޮތޯރިޓީ
15 ޖުލައި 2019 - 20:59
މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނާއި ޓިވެޓް އޮތޯރިޓީ ގުޅިގެން ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް މިއަދު އިފްތިތާހުކޮށްފި އެވެ.
ކަސްޓަމްސްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ އެ ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ. މި ޕްރޮގްރާމް މިއަދު ތައާރަފްކުރީ ޔުނެސްކޯއިން ފާހަގަކުރަމުން އަންނަ ހުނަރުވެރިންގެ ދުވަހާ ގުޅިގެންނެވެ.
މި އަހަރުގެ ދުނިޔޭގެ ހުނަރުގެ ދުވަސް ހާއްސަ ކޮށްފައިވަނީ ޒުވާނުންނަށް ކަން މިިނިސްޓަރު މަލީހު މި ރަސްމިއްޔާތުގައި ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ އިގްތިސާދު ފުޅާވަމުން އައި ނަމަވެސް، ވަޒީފާގެ މާހައުލުގައި ޒުވާނުންނަށް ގިނަ މައްސަލަތަކަކާއި ގޮންޖެހުންތަކަކާ ކުރިމަތިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ވަޒީފާ ނުލިބުމާއި، އެކަށީގެންވާ މުސާރައެއް ނުލިބުން ނުވަތަ ވަޒީފާއިން ކަނޑާލާ ޝަކުވާ ވެސް އިވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ ހުނަރުވެރިންގެ ދުވަހާ ގުޅިގެން ބޭއްވި ރަސްމިއްތާތުގައި ބައިވެރިވި ބައެއް ބޭފުޅުން -- ފޮޓޯ: ޓިވެޓް އޮތޯރިޓީ
ޓިވެޓް އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފެށި މި ޕްރޮގްރާމުގެ ދަށުން 1000 އަށް ވުރެ ގިނަ ދަރިވަރުން މި އަހަރު ތަމްރީންކުރާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމް ވިދާޅުވި އެވެ. އަދި އެ ޕްރޮގްރާމް ހިންގާނީ ރާއްޖޭގައި އެކި ދާއިރާތަކުގައި ހިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުނިތަކާއި އަމިއްލަ ވިޔަފާރިތަކާއި ރިސޯޓުތަކާ ގުޅިގެނެވެ. އޭގެ ތެރޭގައި އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯ، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އިތުރުން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އަދި އެސްޓީއޯ ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ އެމްކިއުއޭގެ ސެޓްފިކެޓް 3 ލެވެލްގެ ޕްރޮގްރާމްތަކެއް، މީގެ ތެރެއިން ތަމްރީންވެގެން ދިއުން،" ހާޝިމް ވިދާޅުވި އެވެ.
ދުނިޔޭގެ ހުނަރުވެރިންގެ ދުވަހާއި ގުޅިގެން ބޭއްވި ރަސްމިއްތާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމް ވާހަކަދައްްކަވަނީ -- ފޮޓޯ: ޓިވެޓް އޮތޯރިޓީ
ނަމަވެސް އެ ޕްރޮގްރާމްތައް ފަށާނީ ކޮންއިރަކުން ކަމެއް އޭނާއެއް ވިދާޅެއް ނުވެ އެވެ.
ވަޒީފާ ދޭ ފަރާތްތަކާ ގުޅިގެން ތަމްރީން ވުމުގެ ފުރުސަތު ހުޅުވާލުމުން، ތައުލީމު ހާސިލްކުރާ ސެންޓަރަކުން ނުވަތަ އިންސްޓިޓިއުޓަކުން ތަމްރީން ހާސިލްކުރާ މީހުންނަށް ވުރެ ގިނަ ތަޖުރިބާ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ޕްރޮގްރާމުތަކަކީ ވަޒީފާ ދޭ މީހުންނާ ގުޅިގެން ތައްޔާރުކުރާ ޕްރޮގްރާމުތަކެއް ކަމަށް ވުމުން، ޕްރޮގްރާމް ފުރިހަމަކުރާ އިރު އެ ދަރިވަރުން ތިބޭނީ ވަޒީފާއަށް ދާން ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ޕްރޮގްރާމުގެ ދަށުން ތަމްރީނުގެ ކަންތައްތައް އެކި ފަރާތްތަކުން ކުރިއަށް ގެންދިޔަ ނަމަވެސް، އެ ތަމްރީންތަކުގެ ކޮލިޓީ ބަލަމުން ގެންދާނީ ޓިވެޓުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަބްނަމް
16 July 2019
ކޮބާހޭ މަލީހޫ އިންޓަރނެޓްގެ އަގުހެޔޮ ކުރުމުގެ ކަންތައް މިހާރު 8މަސް ދުވަސްވީ ކަހާތަން ހިރުވާވެސްނުލާ ނުލާހެން ހީވަނީ ތިޔަ ހުންނަނީ އެހެންނާފަހެ
މޯޑް
16 July 2019
އެމްއައިޓީއަށް 9000ރ ދީގެން ތިބުނާ ޓިވެޓުން ހިންގާ ކޯހެއްގަ ބައިވެރިވެގެން މިހާރުވެސް މިއުޅެނި. ދެން މީގެ ފޮނިކޮޅު ސަރުކާރުން ބޯލަށްވީ ދޯ.
މޯޑް
16 July 2019
އިންޓަރނެޓް އަގުހެޔޮކުރާނަމޭ ކިޔާ މި ބޭފުޅާ މި ކުރާކަމެއް ނިކަން ބުނެދީބަލަ? އެމްޑީފީ މެޖޯރިޓީ މަޖިލިހުންވެސް މިކަހަލަ މިނިސްޓަރުން ޖަވާބު ދާރީކުރުވާކަން ނޫޅެ ރަށްއިތުން ކުރިމަތީ ބަހަށްޓައިގެން.
ހޯރަ
16 July 2019
ފެއިލްވެފަ ތިބި މީހުން ގޮވައިގެން ރައީސް ސޯލިހުގެ ސަރުކާރެއް ނުހިންގޭނެ. މަލީހަކީ ދަށްކާވާހަކަ އައި އަމަލާ ދިމާވާ ބޭފުޅެއް ނޫން. އިންޓަނެޓޭ ކިޔާގެންވެސް ރަށްއިތުން ގަޅި ހެއްދޭތޯ ބަލަނި. އިސްތިއުފާ ދީބަލަ ކަންކަން ނުވަންޏާ. ރަށްއިތުން އިތުރަށް ލޭކަންކަށް ނޫޅުންވާ
ރަދީފު ބިން ރަފައިދާ
16 July 2019
އެޕްރެންޓިސްއޭކިޔާފާ މޮޅެތި އެއްޗެހި ހިންގާނެކަމެއްނެތް. ވަރަށް ގާބިލް މީހުން އެބަތިބި ވަޒީފާ ނުލިބިފާ. އެމީހުންނަށް ވަޒީފާދީފާ ފާޑުފާޑުގެ ޕުރޮގުރާމުތައް ހިންގަބަލަ.
ވަޒީފާ34
15 July 2019
އަސްލު އެޕްރެންޓިސްޝިޕް ހިންގިޔަސް މުޖުތަމުއުގައި މިއާދަ ބަދަލު ނުވެ ކިހިނެއްތޯ ރަނގަޅުވާނީ.. މިސާލަކަށް ވަޒީފާއަކީ ކިހާ މުހިއްމު އެއްޗެއްކަން ވަޒީފާ އަދާކުރާ ފަރާތަށް އެގެންއެބަޖެހޭ..އެއީ ތިމާ ކާންބޯން ކުރާ މަސައްކަތްކަމާއި އެކަމުގައި ފަރުވާތެރިވާން ޖެހޭ މިންވަރު އެނގެން ޖެހޭ.. ކޮންމެ ދުވަހަކު ދަރިފުޅު ބަލާ ސްކޫލަށް ނުދެވިދާނެކަން ވިސްނެންޖެހޭ..އެކަމަކު ބައެއް ވެރިންގެ ފަރުވާކުޑަ ސިޔާސަތުގެ ސަބަބަން މުވައްޒަފުންވެސް އޮފީސްދެކެ ފޫހިވަނީ..
ހަސަންނޭ
15 July 2019
ލަދުވެސް ގަނެ، އުގެލް ފައުންޑޭޝަނުން ތިއަ މިނިސްޓްރީއަށްވުރެ ގިނަ މަސައްކަތް ކުރާތަން އެބަ ފެނެ. އަދި ތިކަމަކީވެސް އެމީހުން އެކުރަ ކަންތަކުން ވިސްނުން ނަގައިގެން ކުރާކަމެއްވީމަ އެނގެނީ، އަސްތު ތާޒާ ވިސްނުމެއް ނެއްކަމާ، ވިޝަން ނެއް ނެއްކަން! ސަނަދެއް އޮތަކަސް މިނިސްޓްރީތަކެއް ނުހިންގޭނެ. ލީޑަރޝިޕަކީ އަދި ވަކި އެއްޗެއް!
1828
15 July 2019
މަލީހު، އިންޓަނެޓްގެ އަގުހެޔޮކޮށްދީ ބަލަ. ނުވަންޏަ ރައީސް ޔާމީންގެ މެނިފެސްޓޯއިން އިންޓަނެޓް އަގުހެޔޮކުރަން އޮތް ގޮތް ކޮޕީކޮށްގެން ނަމަވެސް އިންޓަނެޓްގެ އަގުހެޔޮކޮށްދީ.
ނިޔާބެ
15 July 2019
މި ސަރުކާރުގެ އަމާޒާއި ތަޞައްވުރާމެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް! "ރަންގަނޑެއްފަދަ ޞާލިޙަށް އައްސެރިބަހާ ސާބަސްކިޔަން - ދަންނަހާ ހެޔޮ ބަސްތަކުން ޝުކުރުގެ ޖިޒީ މި އަރިސްކުރަން"