ދިވެހިންނަށް ކުރެވޭނެ މަސައްކަތްތައް ބޭރު މީހުންނަށް ދޫކޮށްލުމަކީ ރަނގަޅު ކަމެއް ނޫން: ނައިބު ރައީސް

ދިވެހިންނަށް ކުރެވޭނެ މަސައްކަތްތައް ބޭރު މީހުންގެ އަތްމައްޗަށް ދޫކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.


ވަޒީފާގެ އެކި ފުރުސަތުތަކާއި މަސައްކަތްތެރިކަމާ ގުޅޭ ގޮތުން ބާއްވާ ބޮޑު ފެއާ "ހުނަރުވެނި" ފެށުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ހުރިހާ އެންމެންގެ ޝަކުވާ އަކީ ވަޒީފާގެ އަދަދުތަކަށް ބަލައި، ގިނަ އަދަދެއްގެ ބިދޭސީން ރާއްޖޭގައި އުޅުން ކަމަށެވެ. އެކަމަކު، ކޮންމެ ގައުމެއް ވެސް ކުރި އަރާނީ ބިދޭސީންނާ އެކު ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ނަމަވެސް ޒުވާނުންނަށް ކޮށްދެވެން ހުރި ކަންކަން އެމީހުންގެ އަތްމައްޗަށް ދޫކޮށްލުމަކީ ކޮށްގެންވާނެ ކަމެއް ނޫން. ގައުމުގެ ހަޔާތަށް، ގައުމުގެ ކުރިއެރުމަށް އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫން،" ނައިބު ރައީސް ވިދާޅުވި އެވެ.

"ހުނަރުވެނި" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް އަދި ސަރުކާރުގެ އިދާރާތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެމަނިކުފާނު ވިދާޅުވި ގޮތުގައި، މީގެ ކުރިން ވަކިވަކި ރަށްތަކެއްގެ ނަންތަކެއް ބުނުމުން އެއީ ވަކި ބްރޭންޑަކަށް ވިޔަސް މިހާރު އެކަން ދަނީ ބަދަލުވަމުންނެވެ.

ޒުވާނުން ވަޒީފާގައި ނޫޅޭތީ އެމީހުން ކުށްވެރިކުރާ އުސޫލުން ވާހަކައެއް ނުދެއްކޭނެ ކަމަށާއި ސަރުކާރުގެ ޒިންމާ ސަރުކާރުން އަދާކުރަންޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި އެކަމުގައި މީހުން ބިނާކުރަން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވެން ޖެހޭނެކަން ފާހަގަކުރެއްވި އެވެ

މިދިޔަ ދުވަސްތަކުގައި ފެނުނީ ޒުވާނުން މުޅިން ވެސް ކުޅިވަރާއި މަޖަލުގެ އަވާގައި ޖައްސާފައި ބައިތިއްބާ ތަން ކަމަށާއި އެއީ ހެޔޮއެދޭ ވެރިއަކު ދުވަހަކު ވެސް ކުރާނެ ކަންތައްތަކެއް ނޫން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"ހުނަރުވެނި" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ކަސަބު ހެދުމުގެ ހުނަރެއް ދައްކާލަނީ- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުން އެންމެ އިސްކަމެއް ދެނީ ތައުލީމީ ދާއިރާ އަށް ކަމަށެވެ. އެގޮތުން، ޅަދރިންނަށް ދޭ ތައުލީމުން ފެށިގެން ރަނގަޅު ދިރިއުޅުމެއް އުޅޭ ބަޔަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވަޒީފާއެއްގެ މަތީގައި ދެމިތިބުން ކަމަށާއި ވަޒީފާއެއް އަދާނުކޮށް ތިބުމަކީ ނިކަމެތިކަމެއް ކަމަށެވެ. އަދި ވިދާޅުވީ، ދިވެހިންނަކީ ވަރަށް ހުނަރުވެރި ބައެއް ކަމަށާއި ދަރިވަރުންގެ ހުނަރު ދެނެގަނެ އެކަމުން ކުރިއަށް ދާން ހިތްވަރު ދޭންޖެހޭ ކަމަށެވެ.

ގައުމެއް ކުރިއަރައި ދާނީ ހުރިހާ ވައްތަރެއްގެ މަސައްކަތެއް ކޮށްގެން ކަން ފާހަގަކުރައްވައި އެ ވިސްނުން ވިސްނައިދޭންޖެހޭ ކަމަށް ވިދާޅުވި އެވެ.