ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް
17 ޖުލައި 2019 - 15:24
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 5،000ރ. އާއި 7،000ރ. އާ ދެމެދުގެ އިނާޔަތެއް ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) މަޖިލިހަށް ހުށަހެޅުއްވި ބިލް މިއަދު ބޭރުކޮށްލައިފި އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް ނާޒިމް ހުށަހެޅުއްވި އިސްލާހު ބަލައިނުގަނެ ބޭރުކޮށްލީ 57 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލް ބަލައިގަތުމަށް ފެންނަ ކަމަށް 12 މެމްބަރަކު ވޯޓު ދެއްވި އިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ފަސް މެމްބަރަކު އިންނެވި އެވެ.
ނާޒިމް ހުށަހެޅުއްވި ބިލްގައިވާ ގޮތުން ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަކީ އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބެންޖެހޭ ބައެކެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުން ބެލެހެއްޓުމަށާއި އެ މީހުންނަށް ބޭނުންވާ އެހީތެރިކަން އެކަށޭނެ ގޮތެއްގައި ލިބިދެވޭނީ އެފަދަ މީހުންނަށް ލިބޭ މާލީ އިނާޔަތް އިތުރުވެގެން ކަމަށް ބިލްގައިވެ އެވެ.
ބިލްގައިވާ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެކުލަވާލައި އެ ދަފްތަރު ބަލަހައްޓައި އެ މީހުން ގިންތި ކުރަން ވާނެ އެވެ. އަދި ދަފްތަރުން އެ މީހަކު އުނިކުރާ ތާރީހާ ހަމައަށް ކޮންމެ މަހަކު 5000ރ. އާއި 7000ރ. އާ ދެމެދުގެ އިނާޔަތެއް ސަރުކާރުން ދޭން ވާނެ ކަމަށް ބިލްގައިވެ އެވެ.
އެމީހެއްގެ ހުންނަ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން ދިގު މުއްދަތަކަށް އެނދުމަތި ކުރެވިފައިވާ މީހުންނަށް މަދުވެގެން 9000ރ. ގެ އިނާޔަތެއް ދޭން ވާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ގާނޫނުގައިވާ ގޮތުން ދެނީ 2000ރ.ގެ އިނާޔަތެކެވެ.
ބިލަށް ބަހުސް ކުރެއްވި އެމްޑީޕީގެ ގިނަ މެމްބަރުން ވިދާޅުވީ މި އަހަރަށް ލަފާކޮށް ބަޖެޓު ފާސްކޮށްފައި އޮއްވައި، ބިލް ހުށަހަޅައިގެން އިނާޔަތް ބޮޑު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަމަކު، އަންނަ އަހަރުގެ ބަޖެޓު ތައްޔާރު ކުރާ އިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑުކުރަން މަސައްކަތް ކުރައްވާނެ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
ބައެއް މެމްބަރުން ގަބޫލުކުރެއްވި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ލިބެނީ އެމީހުންގެ ބޭނުންތައް ފުއްދަން އެންމެ އެކަށީގެންވާ އަދަދެއް ނޫނެވެ. އެހެންވެ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތް ބޮޑުކުރަން ތާއީދުކުރައްވާ ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ މި އަހަރަށް ބަޖެޓެއް ހިނގަމުން ދަނިކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ ފައިސާ އިތުރުކުރަން އުނދަގޫވާނެ ކަމަށެވެ. އަދި ނާޒިމް ބިލް ހުށަހެޅުއްވީ ސަރުކާރާއި އެމްޑީޕީއާ މަޝްވަރާ ނުކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، ޖޭޕީގެ ނައިބު ލީޑަރު ކަން ކުރައްވާ ނާޒިމް ވިދާޅުވީ ކޯލިޝަންގައި ޖުމްހޫރީ ޕާޓީ އޮތަސް، ރައްޔިތުންގެ މަޖިލިހަށް ބިލްތައް ހުށަހަޅަނީ ވެސް މަޝްވަރާކޮށްގެން ނޫން ކަމަށެވެ.
ނާޒިމް ވިދާޅުވީ ބިލް ހުށަހެޅުއްވުމުގައި ސިޔާސީ އެއްވެސް ބޭނުމެއް ނެތް ކަމަށާއި ބިލަކީ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ޒަރޫރީ ކަންކަން ފުރިހަމަ ކުރަން، ހެޔޮ ނިޔަތެއް އޮވެގެން ހުށައެޅުއްވި ބިލެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބިލް ހުށައެޅުއްވުމުގެ ކުރިން ކަމާ ބެހޭ ހުރިހާ ފަރާތްތަކާ އެކު މަޝްވަރާކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޒިމޫ
17 July 2019
ތިޔަ ބިލް ނާޒިމް ހުށަހެޅީމާ ގޯސްވީ. އެމްޑީޕީ މީހަކު ހުށަހެޅިނަމަ ތިޔަ ފާސްވީސް. މި ދައުލަތަށް ލިބޭހާ ލާރި ދާތަނެއް ނިކަން ބަލާބަލަ. ތިޔަދޭ ބަދަލުގެ ފައިސާވެސް. ޙަޤީޤަތުގައިވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވޭ ފައިސާގެ އެހީއަކީ ވަރަށް ކުޑައެއްޗެއް. ދެމަފިރިން އަދި ދަރިންނަކީވެސް ނުކުޅެދުންތެރިކަން ހުންނަ ޢާއިލާތައް އެބަތިބި. އެ ޢިނާޔަތް 3000 އަށް ބޮޑުކޮށްލިނަމަވެސް މި ސަރުކާރުގެ ތަސައްވުރު ތަންކޮޅެއް ރަނގަޅުވީސް. އެކަމަކު ބަލަން ތިބެމާ
މުހައްމަދު
17 July 2019
މިހާރު ތިޔަ ދޭ 2000 ރުފިޔާ އަކީ ވެސް އެމް.ޑީ.ޕީ ގެ ވެރި ކަމުގައި ދޭން ފެށި އެއްޗެއް ، މި އަހަރު ނުދެވުނަސް މި ވެރިކަމުގެ 5 އަހަރު ތެރޭ ތިޔަ އަދަދު އިރާދަކުރެއްވިއްޔާ ބޮޑު ކުރާނެ ، ޔާމީނަށް އެވަރުވެސް ނުވި ، ނުވިތާކަށް އޯޓިޒަމް ކުދިންނަށް ހަޖޫ ޖަހާ ހީ މަލާމާތް ކުރީ ، މިހާރު މި ހިނގަނީ އޯގާތެރި ސަރުކާރެއް ،
އަބްދުއްالله
17 July 2019
ކުޅިވަރު ކުޅެދޭ މީހުންގެ އިނާޔަތޯ؟
ކައްޕިދާން
17 July 2019
ޝުކުރިއްޔާ އިއްޒައްތެރި ބަރަކާއްތެރި މެންބަރުންނައް ތިބޭފުޅުން 82000ރ ނަންގަވައިގެން ތިކުރައްވާ ބުރަ މަސައްކަތްތަކައް ތިބޭފުޅުން ނައްވެސް އެކަހަލަ ކުއްޖަކު އަދި ލިބިދާނެ ދެން އައްޖަހާ ބާރައް
ހުސަންބޭ
17 July 2019
ޝުކުރިއްޔާ! އިއްޒަތްތެރި މެންބަރު ޖާރބިރު
ޒުލޭ
17 July 2019
ތި މީހުން ކައިރިއައް ސަލާން ޖަހަން މި ފަހަރު އަހަރެންގެ އޯޓިޒަމް ދަރިފުޅު ގޮވައިގެން ދާނަން އިރާދަކުރެއްވިއްޔާ އެހެންނޫނިއްޔާ އަތޮޅުގެ ކޮންމެވެސް އެއްރަށެއްގައި މިކުދިންނައް ތެރަޕީ ނަގައިދެވޭ ގޮތެއްހަމަޖައްސައިދެއްވާ
އާންތު
17 July 2019
މަވާސަލާމް މިސަރުކާރައް މިއަދުންފެޝިގެން
ވިސްނާލާފާ
17 July 2019
އެތައް ދުވަހަކުއްސުރެ ކުރިން ކުރަމުން އައި ބޮޑު އުންމީދު، ހަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގާ ވަޔަށް ބުރައިގެން ދިޔައީ. ކޮންމެ މީހަކަށްވެސް އެފަދަ ގޮތެއް ވެދާނެ. އަދި އެފަދަ މީހަކު ނޫނީ ކުއްޖަކު އެއާއިލާއެއްގާ ނެތުން އެއީކީ ބިލް ބޭރުކޮށްލަން ޖެހޭވަރުގެ ކަމެއްނޫން. މަބޮނޑި ބޮޑުވެ ބަންޑުންލާވަރު ވެފާ ވިޔަސް، އެހެންމީހުންގެ އިހްސާސް ތަކެއްވެސް ހުންނާނޭކަމަށް ވިސްނާލުން ގޯހަކަށް ނުވާނެ. ފެންކައްކާ ބޮލީގެ ބޭނުން މިހާރަކުނެތް. އެކަން އެވަނީ ކޮށް ނިމިފަ.
ޕޮކަންޑިވުން
17 July 2019
ބިލު ބޭރު ކޮށްލީއެއް ނޫން. އެއޮތީ ބުނެފަ ދޯ އަންނަ އަހަރުގެ ބަޖެޓުން އެކަން އިމްޕްލިމެންޓް ކުރަން މަސައްކަތް ކުރާނެ ވާހަކަ. ކޮންމެ އަހަރަކަށްވެސް ކަންތައް ކުރަން ބަޖެޓެއް އޮންނާނެ. ހަމަ ހުރެފަ އަހަރުގެ މެދު ތެރޭގަ އެވެނި ބަޔަކަށް 10000 އަނެއް ބަޔަކަށް 25000 ދޭން ބިލު ހުށަހެޅިޔަސް ނުވާނެ. އަހަރުންވެސް ބޭނުންވޭ ނުކުޅެދޭ ކުދިންނަށް އިނާޔަތް ބޮޑުވާން. އެމީހުނަށް އެހީ ލިބެންޖެހޭނެ. އެކަމަކު ނެތް ބަޖެޓަކުން ލާރި ދޭން ކޮންތާކުން ލާރި ހޯދަނީ؟ ދަރަނިން؟
ޕޮކަންވެބަލަ
18 July 2019
ފަނޑިޔާރުން އިތުރުކޮށްގެން 7.9 މިލިއަން ބަޖެޓުން ޚަރަދުކުރަން ފާސްކުރުން އެވަނީ ކޮންކަހަލަ ކަމަކަށް؟
ރަންނަ
17 July 2019
މާލީގޮތުން ކުރީގެ އެމްޑީޕީ ވެރިކަން ފެއިލް ކޮއްލަން މަޖުލީސް ތެރެއިން ކުރި ޖެއްސުން މިހާރު ނުކުރެވޭނެ ކަން ޔަގީން.
ފުންއަސަރު
17 July 2019
ތިޔަބިލް ބޭރުކޮށްލުމުން، ތިޔަ އިއްޒަތްތެރި ގިނަ މެންބަރުންގެ އިޚްލާސްތެރިކަން ވަރަށް ރަނގަޅަށް ހާމަވެގެން ހިނގައްޖެ. ޝުކުރިއްޔާ އިއްޒަތްތެރި މެންބަރުން.