ކޯލިޝަން އޮތަސް ބިލްތައް ހުށަހަޅަނީ ޖޭޕީއާ މަޝްވަރާނުކޮށް: ނާޒިމް

ސަރުކާރު ކޯލިޝަންގައި ޖުމްހޫރީ ޕާޓީ އޮތަސް، ރައްޔިތުންގެ މަޖިލިހަށް ބިލްތައް ހުށަހަޅަނީ އެ ޕާޓީއާ މަޝްވަރާ ނުކޮށް ކަމަށް ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.


ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑުކުރަން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް ނާޒިމް ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން އޭނާ ވިދާޅުވީ މިހާތަނަށް މަޖިލިހަށް ބިލްތައް ހުށަހެޅީ ޖޭޕީއާ މަޝްވަރާކޮށްގެން ނޫން ކަމަށެވެ. އެކަމަކު އޭގެ މާނައަކީ ޖޭޕީ އާއި ސަރުކާރާ ގުޅުން ނެތުން ނޫން ކަމަށް ވެސް، ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ ވަރަށް އެކުވެރިކަމާ އެކުގައި. ކޯލިޝަން ފުރިހަމަ އަށް އެބަ އޮތް. އަޅުގަނޑުމެންގެ ތާއީދު އެބަ އޮތް. ސަރުކާރާ އެކީގައި އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން،" ޖޭޕީގެ ނައިބު ލީޑަރު ކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް ނާޒިމް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެކުލަވާލައި އެ ދަފްތަރު ބަލަހައްޓައި އެ މީހުން ގިންތި ކުރަން ވާނެ ކަމަށެވެ.

ދަފްތަރުން އެ މީހަކު އުނިކުރާ ތާރީހާ ހަމައަށް ކޮންމެ މަހަކު 5،000ރ. އާއި 7،000ރ. އާ ދެމެދުގެ އިނާޔަތެއް އަދި ނުކުޅެދުންތެރިކަމެއްގެ ސަބަބުން ދިގު މުއްދަތަކަށް އެނދުމަތި ކޮށްފައިވާ މީހުންނަށް މަދުވެގެން 9،000ރ. ގެ އިނާޔަތެއް ދޭން ވާނެ ކަމަށް އިސްލާހުގައިވެ އެވެ.

މިހާރު އޮތް ގާނޫނުގައިވާ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ލިބެނީ މަހަކު 2000ރ. ގެ އިނާޔަތެކެވެ.

އެމްޑީޕީގެ ގިނަ މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި ނާޒިމް އެ އިސްލާހު ހުށަހެޅުއްވީ ސަރުކާރާއި އެމްޑީޕީއާ އެއްވެސް ކަހަލަ މަޝްވަރާއެއް ކުރެއްވުމެއް ނެތި ސިޔާސީ ބޭނުމެއްގަ އެވެ.

އެކަމަކު އެއަށް ރައްދު ދެއްވައި ނާޒިމް ވިދާޅުވީ ބިލް ހުށަހެޅުއްވުމުގައި ސިޔާސީ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. އެއީ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ޒަރޫރީ ކަންކަން ފުރިހަމަ ކުރަން، ހެޔޮ ނިޔަތެއް އޮވެގެން ހުށައެޅުއްވި ބިލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބިލް ހުށައެޅުއްވުމުގެ ކުރިން ކަމާ ބެހޭ ހުރިހާ ފަރާތްތަކާ އެކު މަޝްވަރާކުރެއްވި އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ބައެއް މީހުންގެ އާއިލާތަކާ ވެސް ބައްދަލުކުރެއްވި ކަމަށް ވިދާޅުވި އެވެ.

"ސަރުކާރުގެ ވުޒާރާތަކަށް ދިޔަ އިން. ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ މައުލޫމާތު އެއްކުރިން. ހަމަ ކަމަކަށް ކަމެއް ކުރުމަށް ކޮށްފައި އޮތް ކަމެއް ނޫން މިއީ. މިއީ މިހާރުން މިހާރަށް އަޅާލަން ޖެހޭ ކަމެއް،" ނާޒިމް ވިދާޅުވި އެވެ.

އޭނާ އެދިވަޑައިގަތީ ބިލް ބަލައިގަނެ، ކޮމިޓީ މަރުހަލާގައި ދިރާސާކޮށް ބިލް އިތުރަށް ފުރިހަމަކޮށް ދެއްވުމަށެވެ. އަދި މިއީ ސިޔާސީ ކަމަކަށް ނަހަދައި، އޯގާތެރި ކަމަކަށް ހެއްދެވުމަށް ވެސް މެމްބަރުންގެ އަރިހުން އެދިވަޑައިގަތެވެ.