ސަރުކާރުގެ މެމްބަރުންނެއް މަޖިލިހަކު ނެތް: ނަޝީދު

ސަރުކާރުގެ މެމްބަރުންނެއް ރައްޔިތުންގެ މަޖިލިހުގައި މިހާރު ނުތިއްބަވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.


އެމަނިކުފާނު އެގޮތަށް ވިދާޅުވީ އާ ގާނޫނުއަސާސީއަށް އަމަލްކުރަން ފެށުމުގެ ކުރިން ސީދާ ރައީސުލްޖުމްހޫރިއްޔަ އައްޔަން ކުރައްވާ އަށް މެމްބަރުން ތިއްބެވިޔަސް، މިހާރު މަޖިލިހުގެ ހުރިހާ މެމްބަރުންނަކީ ވެސް އިންތިހާބުކުރާ ބައެއް ކަމަށް އިޝާރަތްކުރައްވަމުންނެވެ.

މިދިޔަ މެއި މަހު ހުވާކުރި 19 ވަނަ މަޖިލިހުގައި ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ 65 މެމްބަރުން ތިއްބަވަ އެވެ. ޖުމްހޫރީ ޕާޓީ އަދި ޕީޕީއެމްގެ ފަސް މެމްބަރުން، ޕީއެންސީ ތިން މެމްބަރަކު ހިމެނެ އެވެ. އެމްޑީއޭގައި ދެ މެމްބަރުން ތިއްބެވި އިރު، އަމިއްލަ މެމްބަރުންގެ ގޮތުގައި ހަތް މެމްބަރުން މަޖިލިހުގައި ތަމްސީލްކުރައްވަ އެވެ.

ސަރުކާރުން މަޖިލިހަށް ފޮނުވި މަސްވެރިކަމުގެ ބިލުގެ ބަހުސް މަރުހަލާގައި އެމްޑީޕީގެ މެމްބަރުން އެންމެ ބޮޑަށް ކުރި އެއް ޝަކުވާއަކީ، މަސްވެރިކަމާ ގުޅޭ ގޮތުން އެބޭފުޅުން ހުށަހެޅުއްވި ގަރާރުތަކުގައި ހުރި ބައެއް ކަންކަން މަސްވެރިކަމުގެ ބިލްގައި ހިމަނާފައި ނުވާތީ އެވެ. އެހެންވެ މެމްބަރުންގެ ނަޒަރުގައި މިއީ އެމްޑީޕީގެ ސިޔާސަތުތައް ހިމެނޭ ބިލަކަށް ނުވާތީ ބިލް އިސްލާހު ކުރަން ޖެހެ އެވެ.

މެމްބަރުންގެ އެ ވާހަކަތަކާ ގުޅިގެން ނަޝީދު ވިދާޅުވީ ގާނޫނު ހެދުމުގެ އެންމެހާ ބާރު ގާނޫނުއަސާސީން ލިބިދީފައި ވަނީ މަޖިލިހަށް ކަމަށެވެ. އަދި ވަޒީރުންގެ މަސްއޫލިއްޔަތަކީ މަޖިލިހަށް ސަރުކާރުން ހުށަހަޅަންވީ ބިލްތަކާއި އެ ނޫން ވެސް ހުށަހެޅުންތައް ތައްޔާރުކޮށް ރައީސަށް ލަފާ ދެއްވުން ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މަޖިލިހަށް ބިލެއް ހުށަހަޅާ އުސޫލު ގާނޫނުއަސާސީގައި އެހާ ސާފު ނޫން ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި 2008 ވަނަ އަހަރު އަމަލު ކުރަން ފެށި ގާނޫނުއަސާސީގެ އެންމެ ބޮޑު އެއް ސިފައަކީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެވެ. އެގޮތުން މިހާރުގެ ސަރުކާރު ހިންގަވަނީ ރައީސް ކަމަށް ވީ އިރު، އެއީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކަން ފާހަގަކުރެއްވި އެވެ. އަދި މަޖިލިހުގެ އަޣުލަބިއްޔަތު ރައްޔިތުން ދީފައި އޮތީ އެމްޑީޕީގެ މެމްބަރުންނަށް ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ މި މަޖިލިހަށް ސަރުކާރުން ބިލް ހުށަހަޅަނީ އެ ރޫހުގައި. ފްރޭމްވޯކެއްގެ ގޮތުގައި. ސަރުކާރުން ހުށަހަޅާ ބިލަކަށް ތަނަވަސްކަމާއި މުއްސަނދިކަމާއި ފުރިހަމަކަން ގެނައުމުގެ މަސްއޫލިއްޔަތަކީ މި ސަރުކާރުން ދެކޭ ގޮތުގައި އަދި އަޅުގަނޑަށް އެއްވެސް ޝައްކެއް ނުހިނގާ ގޮތުގައި މި މަޖިލިހުގެ މަސްއޫލިއްޔަތެއް،" ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުގެ މެމްބަރުން މަޖިލިހުގައި ނުތިއްބަވާނެ ކަމަށް ނަޝީދު ވިދާޅުވި އިރު، މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުންނަށް ބޭފުޅުން ކަނޑައެޅުމާއި ވަކިކުރަން ރައްޔިތުންގެ މަޖިލީހުގައި ސުޕަ ކޮމިޓީއެއް ހަދަން އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅު ވަނީ، އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި ނާކާމިޔާބުވެފަ އެވެ. ސުޕަ ކޮމިޓީ ހަދަން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގައި ނެގި ވޯޓުގައި އަގުލަބިއްޔަތު ލިބުނީ އެ ކޮމިޓީ ހަދަން ނުފެންނަ ކަމަށެވެ.

ނަޝީދު ހިމަނައިގެން ސުޕަ ކޮމިޓީ ހެދުމަކީ އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި ވެސް ހިޔާލު ތަފާތުވުން ބޮޑުވި ކަމެކެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސަކީ އެއްވެސް ކޮމިޓީއެއްގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ.