މިއުޅެނީ ގާނޫނު ހަދަން، ގެއަށް ލައިގެން ކާނެ އެއްޗެއް ހޯދާކަށް ނޫން: ނަޝީދު

ގާނޫނު ހެދުމުގެ އެންމެހައި ކަންކަން ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލިހަށް ލިބިފައިވާ ކަމަށާއި މަޖިލިހުގެ ވަސީލަތްތައް ބޭނުންކުރަނީ "ގެއަށް ލައި[ގެން] ކާނެ އެއްޗެއް ހޯދަން ނޫން" ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


މަޖިލިހުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު، ނަޝީދު "އައްޑަނައަކަށް" ގާނޫނުއަސާސީ ނަންގަވައި ވިދާޅުވީ އޭގެ ދަށުން ގާނޫނު އެކުލަވާލުމާއި ގާނޫނަށް ބަދަލު ގެނައުމާއި ގާނޫނު އުވައިލުމުގެ އެންމެހާ މަސައްކަތް ކުރަން ޖެހޭނީ މަޖިލިހުން ކަމަށާއި "މިއީ ދިވެހި ދައުލަތުގެ ގާނޫނު ހަދާ މަޖިލިސް" ކަމަށެވެ.

"ބިލެއް ހެދުމުގައި ބައެއް ބޭފުޅުންނަށް ވިސްނިވަޑައިގަންނަވާ މި މަޖިލިހުގެ ވަސީލަތްތައް އެމްޑީޕީ ނޫނީ އެހެން ޕާޓީތަކުން ބޭނުން ކުރާ ވާހަކަ. މަޖިލިހުގެ ވަސީލަތްތައް ބޭނުން ކުރެވެނީ ތިއިން އެއްވެސް ބޭފުޅެއްގެ ގެއަށް ލައި[ގެން] ކާއެއްޗެއް ހޯދާކަށް ނޫން. ގާނޫނު ހަދަން،" ނަޝީދު ވިދާޅުވި އެވެ.

އެއްވެސް މެމްބަރަކު އެއްވެސް އެއްޗެއް ވިދާޅުވުމުގެ ކުރިން ނަޝީދުގެ އެ ވާހަކަ މި އައީ، މަޖިލިހުން ބިލްތަކެއް ޑްރާފްޓްކުރަން ފެށުމުން އެކަމާ ބައެއް މީހުންގެ ފާާޑުކިއުން އަމާޒުވެފައި އޮތް ދަނޑިވަޅެއްގަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ބައެއް ބޭފުޅުން ވެސް ހިމެނެ އެވެ.

ނަޝީދު ވިދާޅުވީ ބަންޑާރަ ނައިބު އޮފީހުން ހަދާ ގާނޫނެއް މަޖިލިހަށް ހުށަހަޅަން އެއްވެސް ހާލަތެއްގައި ހުރަހެއް ނޯންނާނެ ކަމަށެވެ. އަދި މަޖިލިހުން ގާނޫނެއް ހަދާއިރު، އެކި ވުޒާރާތަކާއި މުއައްސަސާތަކުގެ މަޝްވަރާ ހޯދުން މުހިންމު ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ބިލް ޑްރާފްޓް ކުރާ އިރު، ނަޒާހަތްތެރިކަމާ ގުޅިފައި އޮންނަނީ މަޖިލިހުގެ މެމްބަރުންގެ ގެއަށް "ލައި[ގެން] ކާ އެއްޗެއް" ނުވަތަ "އަންނައުނެއް [ގެންދަން] މިތަނުން ވަސީލަތްތަކާ އެކު ބޭނުން ކުރީމަ" އެވެ. އެކަމަކު ދިވެހި ދައުލަތުން އިންތިޒާމުކޮށްފައި އޮންނަ ގޮތުން މަޖިލިހުގެ ވަސީލަތްތައް ބޭނުންކުރާނީ ގާނޫނު ހަދަން ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑަށް ފެންނަ ފެނުމުގައި އެއްވެސް އޮޅުމެއް ނެތް މަޖިލިހުން ގާނޫނު އެކުލަވާލުމުގެ މަސައްކަތް ދާނީ ކުރިއަށް،" ނަޝީދު ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވަނީ މި ދައުރުގެ ތެރޭގައި 20 ބިލެއް އެ ޕާޓީގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ބޭނުންވާ ކަމަށް ބަޔާންކޮށް ނަޝީދަށް ސިޓީއެއް ފޮނުއްވައިފަ އެވެ. އަދި ނަޝީދު ވަނީ ކަމާ ގުޅޭ ކޮމިޓީތަކަށް ސިޓީފުޅުތަކެއް ފޮނުއްވައި ކޮމިޓީތަކުގެ މެމްބަރުން ބިލްތަކުގެ މަސައްކަތް ދެ ހަފްތާ ތެރޭގައި ފުރިހަމަކޮށް ނިންމައި ދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި ބައެއް ކޮމިޓީތަކުން ވަނީ ބިލްތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.

މަޖިިލިހުގެ ކޮމިޓީތަކުން ބިލްތަައް ޑްރާފްޓްކުރަން ފެށިކަން މީޑިއާ އިން ތިލަވުމާ އެކު، ބައެއް މިނިސްޓަރުން ވަނީ އެކަމަށް ނުސީދާ ގޮތެއްގައި ރައްދު ދެއްވައިފަ އެވެ.

ކުޅިވަރާއި ޒުވާނުންނާ ބެހޭ މިނިސްޓަރު އަދި ދެ ދައުރު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ކުރެއްވި އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ސަރުކާރުން ހުށައަޅާ ބިލްތައް ޑްރާފްޓްކުރާނީ ސަރުކާރުން، އެއީ އޭޖީ އޮފީހުން ކުރައްވާ މަސައްކަތެއް" ކަމަށެވެ.

މަހުލޫފްގެ ޓްވީޓަށް ފަހު އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވި ގޮތުގައި ސަަރުކާރުން މަޖިލިހަށް ހުށައަޅާ ބިލްތަކަކީ، "ސަަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އެ ތަންފީޒުކުރާނެ ހަމަތައް ބަޔާންކުރާ އެއް ވަސީލަތެވެ". އަދި ނަޒާހަތްތެރި މަޖިލީހަކުން އެ ފުރުސަތު ސަރުކާރަށް ފަހިކޮށްދޭނެ ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ.