ވީއައިއޭގައި އަލަށް ހުޅުވި އޭޕްރަން ސަރަހައްދުން އެމްއޭސީއެލްގެ މުވައްޒަފުންތަކެއް ހިނގާފައި އަންނަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
18 ޖުލައި 2019 - 11:08
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ބޮޑު ފައިދާއެއް އެމްއޭސީއެލުން ހޯދާފައިވާއިރު އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އެމްޓީސީސީ އަށް ކަން ހާމަވެއްޖެ އެވެ.
ފިނޭންސް މިިނިސްޓްރީން އިއްޔެ ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފައިދާގެ ގޮތުގައި 572 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވާ ފައިދާ އަށް ވުރެ 175 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވަނީ 397 މިލިއަން ރުފިޔާ އެވެ.
އެމްއޭސީއެލްގެ އިތުރުން ފެނަކަ އާއި އެމްއެމްޕީއާރުސީން ވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފާހަގަކޮށްލެވޭ ކުރިއެރުންތައް ހޯދައިފަ އެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަނަށް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 18 މިލިއަން ރުފިޔާގެ ގެއްލުން ވިއިރު މި އަހަރު އެ ކުންފުންޏަށް ވަނީ އެއް މިލިއަން ރުފިޔާގެ ފައިދާ ލިބިފަ އެވެ. އެމްއެމްޕީއާރުސީ އަށް ވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ ފައިދާ ވެފަ އެވެ. އެގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް އެއް މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާއިރު މި އަހަރު ވަނީ 34 މިލިއަން ރުފިޔާގެ ފައިދާ ލިބިފަ އެވެ.
ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ދައްކާގޮތުގައި މި އަހަރު އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އެމްޓީސީސީއަށެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ 45 މިލިއަން ރުފިޔާގެ ގެއްލުން ވެފަ އެވެ. މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 36 މިލިއަން ރުފިޔާގެ ގެއްލުމެކެވެ.
ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އެމްޓީސީސީ އަށް ބޮޑު ގެއްލުމެއް ވެފައި ވަނީ ސަރުކާރުން ޕްރޮޖެކްޓުތައް ނުހިންގުމުގެ ސަބަބުންނެވެ. އެގޮތުން އެމްޓީސީސީއަކީ ސަރުކާރުގެ ޕްރޮޖެކްޓުތަކަށް ބަރޯސާވާ ކުންފުންޏެއް ކަމަށާއި ފުރަތަމަ ކުއާޓަރުގައި ގެއްލުން ވެފައިވަނީ މިދިޔަ އަހަރުގެ ޓްރާންސިޝަން ޕީރިއެޑުގަ އާއި އިންތިހާބު ދުވަސްވަރު އެއްވެސް ޕްރޮޖެކްޓެއް ނުހިންގުމުގެ ސަބަބުން ކަމަށް މި ރިޕޯޓުގައި ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެމްޓީސީސީގެ އިތުރުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާއި ވެމްކޯގެ އިތުރުން ކައްދޫ އެއާޕޯޓަށް ވެސް ވަނީ ގެއްލުން ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޣހހހހ
19 July 2019
ކޮބާހޭ ބޯނަސް، %3 ދޭންޖެހޭތީ ބޮޑެތި މީހުންނަށް އެވަރުވެސް މަދުވާނެތީ ނުދޭންވެގެން.
ޝޮކްތެރަޕީ
18 July 2019
ޖީއެމްއާރު ބޭރުކުރީތީ ދިވެހި ރާއްޖެއަ ކިހާފައިދާ މިވަންނަނީ.
ޢަލީ އާތިފް ރަޝީދު
18 July 2019
ކޮބާހޭ ބޯނަސް. ދަރިންކޮޅު ބަނޑަށޭ ތިބީ!!!ދެމަސް ވީއޭ މިހާރު.
ޖަމީލުބެ
18 July 2019
ތިހާ ފައިދާވާ ތަނަކަށް ވުމުން ޖީ.އެމް.އާރް. އިން ތިތަން އަލުން ހޯދަން ކުރާ މަސައްކަތް އިތުރުކުރާނެކަން ޔަގީން. އަސް ވިއްކިޔަސް ލަގަން ވިއްކައިގެން ނުވާނެ
މުޙައްމަދު ހާން
18 July 2019
ވެދާނެ ނޯންތޯ އެއިރު އެންމެ ބޮޑު ފައިދާއެއް އޮތީ އެސްޓީ އޯ ގައިކަމަށް
ކާފަބޭ2019
18 July 2019
ވާނުވާނޭގޭބަޔަކު އޮޅުވާލުމުގެބޭނުމުގައި އާންމުކުރާ ހިސާބުތަކުގައި މިކަހަލަހުރިހާކަމެއްވެސްހުންނާނެ އެއީ މިރިޕޯޓުލިޔާމީހުންގެކަމެއްނޫން
ކޮރަލް
18 July 2019
އެއަރޕޯޓް ވިއްކާލުމުން ރައްޔިތުން ދަރަނި ވެރި ވިއެވެ. އަނބުރާ ލިބުމުން އުފާ ކުރަމެވެ.
އަހްމަދު
18 July 2019
ކުރީދުވަހެއްގެ ނޫހެއްގާއޮތީ އެންމެބޮޑު ފައިދާލިބުނީ އެސްޓީއޯ އަށްކަމަށް. ނޫސްވެރިން މިލިޔާއެއްޗެއްވެސް ދިމާވޭތޯ ބަލަންވާނެ.