ނާސާ އިން ހަނދަން ދާން ރާވާ ދަތުރާ ގުޅޭ ކުރެހުމެއް
20 ޖުލައި 2019 - 14:13
އިންސާނުން ހަނދުގައި ހިނގިތާ ބައި ގަރުނު ވީ އެވެ. މިހާރު އަނެއްކާވެސް ދައްކަނީ އެނބުރި ހަނދަށް ދިއުމުގެ ވާހަކަ އެވެ. މި އަހަރު ފެށުނީ ވެސް ހަނދަށް ކުރި ދަތުރަކުންނެވެ. އެއީ ޗައިނާގެ ރޮބޮޓިކް ސްޕޭސްކްރާފްޓެއް ކަމަށްވާ ޗާންގީ-4 ގެ ތާރީހީ ދަތުރުންނެވެ. މިއީ ހަނދުން، ދުނިޔެ އަށް ނުފެންނަ ފަޅި އަށް ކުރި ފުރަތަމަ ދަތުރެވެ. އިންޑިއާ ވެސް ވަނީ ހަނދަށް ފުރަން ތައްޔާރުވެފަ އެވެ.
ކުރިއަށް އޮތް އަހަރުތަކުގައި، ހަނދުގައި ހިނގި މީހުންގެ ލިސްޓަށް މި ގައުމުތަކުގެ އެސްޓްރޮނޯޓުން އިތުރުވާނެ ކަމުގެ ޔަގީންކަން ބޮޑެވެ.
ހަނދަށް މީހުން ފޮނުވަން ޗައިނާ އިން މަސައްކަތްކުރަމުން އަންނަނީ ވަރަށް ފަރުވާތެރިކަމާ އެކު، ދުރު ރާސްތާ ޕްލޭނެއްގެ ދަށުންނެވެ. ޔޫރަޕިއަން ސްޕޭސް އެޖެންސީގެ އަމާޒަކީ 2050 ހިސާބުގައި އިންސާނުން ހަނދަށް ގޮސް "މޫން ވިލެޖް" އެއް ބިނާކުރުމެވެ. އަދި ރަޝިޔާ އިން ވެސް ވަނީ 2030 ގައި ހަނދަށް މީހުން ފޮނުވަން މަސައްކަތް ފަށައިފަ އެވެ.
މިހާތަނަށް، 1968 އިން 1972 އަށް 24 އެސްޓްރޮނޯޓަކު ހަނދަށް ފޮނުވާފައިވާ އެމެރިކާގައި އެ ގައުމުގެ ކޮންގްރެސް އާއި ރައީސުން ވެސް ވަނީ އަލުން އެނބުރި ހަނދަށް ދިއުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން، 2024 ގައި އަނެއްކާވެސް މީހުން ހަނދަށް ފޮނުވަން އެމެރިކާއިން ބޭނުންވެ އެވެ. މިއީ ކުރިން ކަނޑައެޅި މުއްދަތަށް ވުރެ ހަތަރު އަހަރުގެ އަވަސްވުމެކެވެ.
އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އަށް ސަރުކާރުގެ އެއްބާރުލުން އިތުރަށް ލިބި އަލުން ހަނދަށް ދާން ހިތްވަރު ލިބިފައި ވާއިރު އިންޑިއާ އާއި ޗައިނާ ފަދަ ގައުމުތަކަށް މިކަމުގައި ތަފާތުވާނެ އެވެ.
ހަނދަށް ދިއުން އިންޑިއާ އަށް ވާނީ ޓެކްނޮލޮޖީގައި އެ ގައުމު ހޯދަމުން އަންނަ ކުރިއެރުމުގެ ހެއްކަކަށެވެ. ޗައިނާ ބޭނުންވާނީ ޖައްވުގައި ވެސް އެއީ ބޮޑު ބާރެއްކަން ދައްކާށެވެ. މާސް އަށް ވެސް އުޅަނދުތައް ފޮނުވާއިރު، ހަނދަށް ވާސިލްވުމަކީ އެމެރިކާގެ މި ދަތުރުގައި ކަށަވަރު މަންޒިލެކެވެ.
ދުނިޔެ ޒީނަތްތެރިކޮށްދޭ، އަވަށްޓެރި ތަރިތައް ފަތަހަކުރުމުގެ ޝައުގުވެރިކަން އޮތީ ގައުމުތަކުގައި އެކަންޏެއް ނޫނެވެ. ހަނދަށް ކުރާ ދަތުރުތަކާއި އެކްސްޕެރިމެންޓްތަކުގައި ނާސާގެ ހުށަހެޅުންތައް ލިބޭތޯ ކިއޫ ހަދައިގެން ކުންފުނިތައް އެބަ ތިއްބެވެ. އެމެޒޯންގެ ބާނީ ޖެފް ބެޒޯސްގެ ރޮކެޓް ކުންފުނި، ބްލޫ އޮރިޖިން އިން އަންނަނީ ނާސާ އިން ހަނދަށް ކުރާ ދަތުރުގައި ކާގޯ އާއި އެސްޓްރޮނޯޓުން އުފުލާނެ ބިޔަ އުޅަނދެއް އުފައްދަމުންނެވެ.
ހަނދަށް އެނބުރި ދިއުމުގެ ވާދަވެރިކަން ބޮޑުވެގެން މި އުޅެނީ ކުރިއާ ހިލާފަށް ހަނދުގެ ބޭނުން ބޮޑުވެގެންނެވެ. ހަނދުގައި ތަފާތު އެތައް މުއްސަނދިކަމެއް ވަޅުލެވިފައިވެ އެވެ. ދުނިޔެ އިން ހުސްވެދާނެކަމުގެ ބިރު އޮތް ބައެއް މާއްދާތައް ވެސް ހަނދުގައި އެބަ ހުއްޓެވެ. އަނެއްކާ ހަނދަށް ވުރެ ދުރު ހިސާބުތަކަށް ކުރަން ރާވާފައިވާ ދަތުރުތަކުގައި ބޭނުންކުރާނެ ވަރުގަދަ ސްޓޭޝަނަކަށް ހަނދު ހެދިދާނެ އެވެ. އެހެންކަމުން އަލުން ހަނދަށް އިންސާނުން ދިއުމުގެ ވާދަވެރިކަން މި ވަނީ ފެށިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިރުޓޭ
21 July 2019
މިހާތަނަށް ހަނދަށް ގޮސްފައިވަނީ 12 އެސްޓްރޯނޯޓުން، 24 އެއް ނޫން! މާނަ އަކީ ހަނދަށް ފައިބާ ހަނދުގައި ހިނގާފައިވަނީ 12 މީހުންނޭ!
ޤައުމިއްޔަތު
20 July 2019
އިންސާނުން ގޮސް ތިތަންވެސް ކުނިގޮނޑަކަށް ހަދާ، މައުދަން ނަގާ، އެކު ސަކަރާތް ގަންނަން ފަށާތަނުން ދުނިޔެއަށް ހަނދުގެ އަލިކަން ނުގެއްލުއްނިއްޔާ ކިތަންމެހާވެސް ރަނގަޅު.
ލޮނުލުބޯ
20 July 2019
ހަދައް އަހަރުމެންނަށް ދެވޭނީ އެއީ އެރޭވަރުގެ ތަނެއްކަން މިވެރިންނަށް ވިސްނޭ ދުވަހަކުން ދޯ.
ބައިރޯ
20 July 2019
ހަދާހެދި އެވަރަށް އެއުޅެނީ ހީލިއަމް3 (Helium-3) ހޯދަން މީހަކަތަ އުފެއްދިދާނެ ގޭހެއް މީދުނިއޭގައި ވަރަށް މަދުއެއްޗެ.
ޅަބޭ
20 July 2019
އެޖެންޑާ19 ގަ ހަނދައް ދާކައް ނެތްތަ؟! ދާންވާނެ ކަލޭމެން.
ލީލާ
21 July 2019
ބަލަ އިބޫގެ ވައުދުގަ އެބޯތޭ. ނޭނގޭތަ. އެއްވެސް ތާކުން ތާކު ނުޖެހޭ ކަހަލަ ހޮޅި ވައުދު.