ރިޕޯޓް / ފެންބޮޑުވުން

ރަށްރަށް ފެނު އަޑީގައި! ސަބަބަކީ ކޮބާ؟

ނ. ހޮޅުދޫގައި ފެން ބޮޑުފައި: ކުރިން ފެން ބޮޑުވުމުގެ ހާދިސާ ނުހިނގާ ބައެއް ރަށްރަށަށް ވެސް އެ މައްސަލަ ވަނީ ކުރިމަތިވެފައި -- ފޭސްބުކް ފޮޓޯ: މުހައްމަދު ފުޅު

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިއާ ހިލާފަށް މިހާރު ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ބޯކޮށް ވާރޭވެހެ އެވެ. ކޮންމެ އަހަރަކު ވެސް ބޯކޮށް ވާރޭވެހިގެންނާއި އުދަ އަރައިގެން މާލެ އާއި ބައެއް އެހެން ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަ އެވެ. އަދި އަހަރުން އަހަރަށް އެފަދަ ހާދިސާތައް ދަނީ އިތުރުވަމުންނެވެ. އެފަދަ ހާދިސާތަކުގެ ސަބަބުން އާއްމުންގެ މުދަލަށާއި ގޯތިގެދޮރުގެ އިތުރުން ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެ އެވެ.

މިދިޔަ ޑިސެމްބަރު މަހު މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ ހިނގި ހާދިސާ ފާހަގަކޮށްލެވެ އެވެ. އެ ހާދިސާގައި 189 ގެއެއްގެ ހިފާގެންގުޅޭ ތަކެއްޗަށާއި ފަރުނީޗަރަށް އެކި ވަރުގެ ގެއްލުންތައް ލިބުނެވެ. އެ ހާދިސާގައި ފެނުގެ އަސަރުކުރި ހުރިހާ ގެއަކަށް ލިބުނު ގެއްލުމުގެ އަގު 1.4 މިލިއަން ރުފިޔާއަށް އެރި އެވެ.

އަތޮޅު ތެރެއަށް ބަލާއިރު ކޮންމެ އަހަރަކު ވެސް ތަކުރާރުކޮށް ފެންބޮޑުވާ ރަށްތަކެއް ފާހަގަކުރެވެ އެވެ. ދިރިއުޅެން ދަތިވާ ވަރަށް އެތައް ގެއްލުމެއް ލިބެ އެވެ. މިދިޔަ މެއި މަހު ލ. މާމެންދޫގައި ފެންބޮޑުވެ 200 ގެއަކަށް ފެން ވަދެ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިވި އެވެ. އިންޖީނުގެއަށް ފެން ވަދެ މުޅި ރަށުން ގިނަ ވަގުތުތަކަކަށް ކަރަންޓް ކެނޑުނެވެ. އޭގެ އިތުރުން ވެސް އެތައް ރަށެއްގައި ފެންބޮޑުވެ ގެއްލުންތައް ލިބުނެވެ.

އައިޖީއެމްއެޗް ސަރަހައްދުގައި ފެންބޮޑުވެފައި: ވެރިރަށް ވެސް ބައެއް ފަހަރަށް ހީވަނީ ފެނު އަޑީގައި އޮންނަހެން -

ވޭތުވެދިޔަ އަހަރުތަކުގައި މާލެ އާއި ރަށްރަށުގައި ފެންބޮޑުވުމުގެ ކާރިސާތައް ހިނގައިގެން ސަރުކާރުން ވަނީ ބޮޑެތި ހޭދަތަކެއް ކޮށްފަ އެވެ. އެކަމަކު އެއީ ދުރާލާ ފިޔަވަޅުތަކެއް އެޅިއްޖެ ނަމަ ކުޑަކުރެވޭނެ ހަރަދުތަކެކެވެ. ސަރުކާރުން ކުރާ ހަރަދު ކުޑަވުމުގެ އިތުރުން ކާރިސާތަކުގައި އާންމުން ތަހައްމަލު ކުރާ ގެއްލުންތައް ކުޑަ ވެސް ކުރެވޭނެ އެވެ.

މިހެން މިވަނީ ކީއްވެ؟

ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވި ގޮތުގައި ފެންބޮޑުވުމުގެ ހާދިސާތައް ތަކުރާރުކޮށް ހިނގައިގެން ގެއްލުންތައް އިތުރުވަނީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަވާނޭ ގޮތަށް ތަރައްގީގެ މަޝްރޫއުތައް ރާވާ ނުހިންގާތީ އެވެ.

"ހާއްސަކޮށް މަގު ހެދުން، ބަނދަރު ހެދުން އަދި އެއާޕޯޓު ހެދުން ފަދަ ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ހިންގާފައި ހުރި ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ތަކުރާރުކޮށް ހިނގާކަން ވަނީ ފާހަގަކުރެވިފައި،" ހިސާން ވިދާޅުވި އެވެ.

މިދިޔަ ޑިސެމްބަރު މަހު މާލޭގައި ފެންބޮޑުވި ހާދިސާއަށް ބެލި ނަމަވެސް އެކަން ސާފެވެ. އެންޑީއެމްއޭގެ އެސެސްމަންޓުން އެނގޭ ގޮތުގައި އެ ހާދިސާގައި މާލޭގައި ފެންބޮޑުވީ ރިންގް ރޯޑް ހަދާފައި އޮތް ގޮތުންނެވެ. އެ މަގު ހެދީ އެ މަގާ ގުޅޭ ކުދި މަގުތަކާއި ގޯޅިތަކަށް ވުރެ އުސްކޮށެވެ. އޭގެ ސަބަބުން ރިންގް ރޯޑަށް އެޅޭ ހުރިހާ ފެނެއް ޖަމާވަނީ މި މަގާ ގުޅޭ ކުދި މަގުތަކަށާއި ގޯޅިތަކަށެވެ. އަދި އެ މަގުތަކުގައި ބޮޑުވާ ފެންގަނޑު މާލޭގެ އެތެރޭގެ މަގުތަކަށް ޖަމާވެ، އެތަންތަނުގައި ވެސް ފެންބޮޑުވި ކަމަށް އެސެސްމަންޓްގައި ބުނެފައިވެ އެވެ.

ރިންގް ރޯޑަށް އެޅޭ ފެން ހިންދަން އެކަށޭނަ ޑްރެއިނޭޖްތަކެއް ގާއިމުކޮށްފައި ނުވާކަން ވެސް އެސެސްމަންޓްގައި ފާހަގަކޮށްފައިވެ އެވެ. މާލޭގެ އެތެރޭގެ މަގުތަކުގައި ގާއިމުކޮށްފައި ހުރި ޑްރެއިނޭޖްތަކަށް ރިންގް ރޯޑަށް ޖަމާވާ ފެން ހިންދޭ ވަރުގެ ގާބިލުކަން ލިބިފައިނުވާކަން ވެސް އެސެސްމަންޓުގައި ބުނެ އެވެ.

މާލޭގައި ފެން ބޮޑުވެފައިވާ މަގަކުން ވެހިކަލްތަކެއް ދަނީ: ފެން ބޮޑުވުމުގެ މައްސަލައަށް ގެނެވިދާނެ ހައްލުތައް އެބަ ހުރި

ރަށްރަށުގެ ހާލަތު ވެސް ހުރީ އެގޮތަށެވެ. އެމްޑީއެމްއޭގެ އެސެސްމަންޓްތަކުން ދައްކާ ގޮތުގައި ގދ. ތިނަދޫ، ހދ. ކުޅުދުއްފުށި، ހއ. ދިއްދޫ، ގއ. ވިލިނގިލި ފަދަ ރަށްތަކުގައި ތާރު އަޅައިގެން މަގުހަދާ ނިމުނު ފަހުން ފެން ބޮޑުވުމުގެ ހާދިސާތައް ހިނގުން އިތުރެވެ. އަދި ލިންކް ރޯޑުން ގުޅުވާލާފައިވާ އައްޑޫ ސިޓީގައި ވެސް ތަކުރާރުކޮށް ފެންބޮޑުވުމުގެ ހާދިސާތައް ހިނގައި ބޮޑެތި ގެއްލުންތަކެއް މި ފަހުން ލިބުނެވެ.

އެސެސްމަންޓްތަކުން އެނގޭ ގޮތުގައި ފަހުން އެއާޕޯޓް އަޅާފައިވާ ރަށްތައް ކަމަށްވާ ދ. ކުޑަހުވަދު އާއި ތ. ތިމަރަފުށި ފަދަ ރަށްތަކުގައި މި ފަހުން ފެންބޮޑުވުން އިތުރެވެ. ތިމަރަފުށީގައި އެއާޕޯޓު ހެދި ފަހުން ފެން ބޮޑުމުގެ ބޮޑު ދެ ހާދިސާއެއް ހިނގާފައިވެ އެވެ. އެގޮތުން މެއި 2016 ގައި ހިނގި ފެންބޮޑުވުމުގެ ހާދިސާގައި 70 ގެއަކަށް ފެން ވަނެވެ. ލިބުނު ގެއްލުންތަކަށް 931,032ރ ވަނީ ހަރަދުކޮށްފަ އެވެ. އަދި ކުރިން އެއްގޮތަކަށް ވެސް ފެންބޮޑުވުމުގެ ހާދިސާއެއް ހިނގާފައިނުވާ ދ. ކުޑަހުވަދޫގައި އެއާޕޯޓު ހެދި ފަހުން ގޭގެއަށް ފެން ވަންނަ ވަރަށް ފެންބޮޑުވެފައިވާ ކަމަށް އެންޑީއެމްއޭގެ އެސެސްމަންޓުން ދައްކަ އެވެ.

އެސެސްމަންޓުގައި ބުނެފައިވާ ގޮތުގައި ބިން ހިއްކާފައިވާ ރަށްރަށުގައި ވެސް ފެންބޮޑުވުމުގެ ހާދިސާތައް ހިނގުން އިތުރެވެ. އެގޮތުން ދ. މީދޫގެ ބިން ހިއްކި ފަހުން އެ ރަށުގައި ފެންބޮޑުވާކަމަށް ބުނެފައި އެވެ. ށ. ކޮމަންޑޫގައި ބިން ހިއްކައި ރިވެޓްމަންޓް ޖަހާ ނިންމާފައިވާ ސަރަހައްދަށް ބޮޑު ދިޔައިގައި ރާޅު އަރާކަން ވެސް ވަނީ އެސެސްމަންޓްގައި ފާހަގަކޮށްފަ އެވެ.

މަޝްރޫއުތަކަށް ބަދަލުތަކެއް ގެންނަން ޖެހޭ

ހިސާން ވިދާޅުވީ ފެންބޮޑުވާ މައްސަލަ ހައްލުކުރެވެން އޮތީ މަޝްރޫތައް ހިންގާއިރު ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅިގެން ކަމަށެވެ. އަދި މިހާރު ނިންމާފައިވާ ބައެއް މަޝްރޫތަކަށް ވެސް ބަދަލު ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަގު ހެދުން، ބަނދަރު ހެދުން، އަދި ބިންހިއްކުން ފަދަ މަޝްރޫތައް ހިންގާ އިރު ފެން ހިންދުމުގެ ނިޒާމް ހިމަނައިގެން މަޝްރޫ ކުރިއަށް ގެންދާން ޖެހޭ،" ހިސާން ވިދާޅުވި އެވެ.

އެގޮތުން މާލޭގެ ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށް ރިންގް ރޯޑާއި ރިންގް ރޯޑާ ގުޅޭ މަގުތަކުގެ ޑްރައިނޭޖް ގާއިމުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މާލޭގެ މަގުތައް އަލުން ތަރައްގީކުރާ އިރު ފެން ހިންދޭނެ ޒަމާނީ ނިޒާމެއް ހިމެނުން މުހިންމު ކަމަށް ވެސް ވިދާޅުވި އެވެ.

ރަށްރަށުގައި ހިންގާ މަޝްރޫތަކުގެ ތެރޭގައި ވެސް ފެން ހިންދާނެ ނިޒާމްތަކެއް ހިމަނަން ޖެހެ އެވެ. ހިސާން ވިދާޅުވި ގޮތުގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން ޖެހޭނީ ގުދުރަތީ ގޮތުން ފެން ހިންދޭ ގޮތަށް ހުރި ކުޅި ފަދަ ވަސީލަތްތައް ހިމާޔަތްކޮށް އެ ވަސީލަތްތައް ހަލާކުނުވާނެ ގޮތަށެވެ.

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ޑރ. އިބްރާހިމް މުހައްމަދު ވިދާޅުވި ގޮތުގައި މަގު ހެދުން ފަދަ ޕްރޮޖެކްޓްތައް ހިންގާއިރު ރަށުގެ ލެވެލްއަށް ވުރެ އުސްކޮށް ހެދުން ހުއްޓާލަން ޖެހެ އެވެ. އަދި ބިން ހިއްކާއިރު ރަށުގެ ފަސްގަނޑަށް ވުރެ އުސްވާ ސަރަހައްދުގައި ފެން ހިންދޭނެ ގޮތްތަކެއް ގާއިމްކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ކާނުތަކެއް ލާފައި ހުރުން. އޭރުން ރަށަށް އެ ފެންގަނޑު ދިއުމުގެ ކުރިން ހިކޭނެތާ،" ޑރ. އިބްރާހިމް ވިދާޅުވި އެވެ.

ފެންބޮޑުވުމަކީ މިހާރު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. އެކަން މިހާރު މިވަނީ އާންމު ކަމަކަށް ވެފަ އެވެ. އޭގެ އެއް ސަބަބަކީ ތަރައްގީގެ މަޝްރޫތައް ހިންގާއިރު ރަށުގެ މުޅި ވެއްޓަށް ނުބެލުމެވެ. އެހެންކަމުން ހައްލަކީ ވެސް މަޝްރޫއުތަކާ އެކު، ރަށުގެ ހިމާޔަތުގައި ވެސް ކަމެއް ކުރުމެވެ.

24 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 26%
icon sad icon sad 29%
icon angry icon angry 46%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮލެޖު ބޯއި

20 July 2019

އައްޑޫ ގަމުގަ އެއޮތީ ހުރިހާ މަގެއްގައި ތާރު އަޅާފައި. އަދި ބޮޑު އެއާޕޯޓެއް ވެސް ހަދާފައި. ފެން ބޮޑެއް ނުވޭ. ވާރޭވެސް އެހާ ވެހޭ. ފެން ބަރާބަރަށް ހިނދޭ. އެއް ވެސް ކަމެއް މުއިއްޒު ނުވޭ. މީގެ 60 އަހަރު ކުރިން އެތަން ހެދީ. އެކަން ކުރީ އިނގިރޭސީން.

The name is already taken The name is available. Register?

ihaaru.

20 July 2019

މުޅިދުނިޔެއަށްވެސް އަންނަބަދަލު!

The name is already taken The name is available. Register?

ދޮންމަނިކު

20 July 2019

ބިންބޮޑު ރައްރަށައް މީހުން ބަދަލުކޮއް 50 ރައް ތަރައްޤީކުރަންވީ މީ ފަޤީރު ގައުމެއް 187 ރަށް ތަރައްޤީކުރުން އުދަގޫ ކަމެއް ސ.ހިތަދޫ ޏ ފުވައްމުލައް ގއ ވިލިގިލި ގދ ތިނަދޫ ލ.ގަން ތ.ތިމަރަ ފ.ނިލަންދޫ ދ.ކުޑަހުވަދޫ މ.މުލި އއ.މަތިވެރި އދ.މާމިގިލި ކ.ތުލިސްދޫ ދިއްފުށި މާފުށި ކާސިށިދޫ ޅ.ހިންނަވަރު ބ.ތުޅާދޫ ގޮއިދޫ ރ.ދުވާފަށު އަލިފުށި ނ މަނަދޫ މާފަރު ށ.ފުނަދޫ ހދ މަކުނުދޫ ކުޅުދުފުށި ނޮޅިވަރަމް ހއ ދިއްދޫ ބާރައް ހޯރަފުށި.... ؟؟؟ އެޖަންޑާ 19 ވިސްނާ އަދި ވިސްނާ

The name is already taken The name is available. Register?

ފެން

20 July 2019

ސަބަބަކީ މޫދުން ކޮނެގެން ނަގާ ފަސް ރަށުގެ މަގުތަކަން އެޅުން. މި ވެލި އަޅާފަ ހުންނަ މަގުތަކުގަ ފެން ހިދޭލެން ލަސްވާނެ.

The name is already taken The name is available. Register?

ދޮބާސީ

20 July 2019

ވާރޭ ވެހިގެން ފެން ބޮޑުވާ ކަމަށް މިލިޔުމުން އެބަ އެނގޭ . އެހެންވީމާ ސުރުޚީގައި އެވާ ސަބަބު މިއޮތީ އެނގިފާ. އެއީ ފެން ބޮޑުވާ ވަރަށް ވާރޭ ވެހުނީމާ ރަށް އަޑިއަށް ދަނީ.

The name is already taken The name is available. Register?

ވަތަނަބޭ

19 July 2019

ނޫސްވެރިޔާ ވިސްނަވާބަލާށެވެ. ރާއްޖޭގެ ރަޢިއްޔަތުން ފުރެދުމުގެތެރެއަށްގޮސް، ޤުދުރަތާއިދުރުވެ، މާއްދިއްޔަތަށްގޮސް މިތިބީ ހުސްވެފައެވެ. ހުރިހާކަމެއް ސަރުކާރުގެބޮލަށްޖަހައިގެންތިބެ، ސަރުކާރަށްކުރަނީ ޖެއްސުމެވެ. ކުނިއެޅުމާއި ކަންތަކުގައި ވިސްނުމެއް ހައްދެއްނެތެވެ. ތާއަބަދު ވެހިކަލްދުއްވައި، މަގުތަށް ހަރުކުރެވޭކަން އެކަކުވެސް ޤަބޫލެއްނުކުރެވެއެވެ. ފަސްދޫރަށެއްގައި ފަސްދޫކޮށް އޮވެގެނެއްނުވެއެވެ. ހަރުކުރެވެންޖެހެއެވެ. ދެންވާނީ ކިހިނެތްތޯއެވެ؟

The name is already taken The name is available. Register?

ޑުރެކިއުލާ

19 July 2019

ރާއްޖެތެރޭގަ ކަމެއްކުރަންވެއްޖިއްޔާ ރައްޔިތުންނަށް އެކަމެއް ނުކުރެވެންވީ ކީއްވެހޭ ކިޔާއިރު ރަށްރަށުގަ ގިނަކަންކަން ކުރަނީ ރައްޔިތުން އަމިއްލަޔަށް. މާލޭގަ ރައްޔިތަކު ދުވަހަކު ނުނިކުމޭ އޮޅިގެންވެސް މަގުމަތިން ފެން ހިންދާކަށް ނޫނީ އެހެން ކަމެއްކުރާކަށް. ފޮޓޯގަ އެފެންނަނީ އެރަށު ރައްޔިތުން ފެންހިންދަން ހޭލަމޭލައަށް ދުވާތަން. މާދަމާ ނޫހުގަ އޮންނާނެ ސިފައިން މާލޭގަ ފެން ހިންދާ ވާހަކަ ކަލޭ އޭރުން ތިކޮމެންޓު ޖަހާތި.

The name is already taken The name is available. Register?

ހަންކެނޑެ

19 July 2019

އީއައިއޭ ހެދުމުގެ ބޭނުމެއްދޯ...ލޮލް

The name is already taken The name is available. Register?

އޮރިޖިނަލް މޮހަނު

20 July 2019

ރާއްޖޭގަ އީ.އައި.އޭ ހަދާގޮތް އޮތީ ވަރަށް ސާފުކޮށްފެނިފަ. އެއީ އެންމެން ދަންނަ ކަމެއް. ކޮރަޕްޝަން އެވެސް. އުސޫލުތައް ހަމަޖެހިފަ އޮތްގޮތުން އީ.އައި.އޭ ހަދާ ފަރާތައް ފައިސާދޭންޖެހެނީ ހަމަ ޕްރޮޖެކްޓު ހިންގަން ބޭނުންވާމީހުން. އެއާ ޚިލާފަށް ޕްރޮޖެކްޓު ހިންގަން ބޭނުންވާ މީހުންް އެންވަޔަރަމަންޓު މިިނިސްޓްރީއަށް ދެއްކީމަ އެ ފަރާތުން އަމިއްލައަށް ނުވަތަ އެހެން ބަޔަކަށް ބިޑުކޮށްގެން އީ.އައި.އޭ ހަދާނަމަ ފައިސާ ނުލިބިދާނެތީ ކަންކަން އޮޅުވާކަށް ނޫޅޭނެ.

The name is already taken The name is available. Register?

ނީނނޭ

19 July 2019

ސަބަބަކީ އަނިޔާވެރި ގޮތަކަށް ދޮގާ މަކަރާ ހީލަތުން އައި މޑޕ ސަރުކާރު. މިކަމުގެ ހިތާމަ މިލިބެނީ.

The name is already taken The name is available. Register?

ރިވެޓުމަންޓު

19 July 2019

މޫދާ ޖެހިގެން 100 ފޫޓު އެއްގަމުގަ އިސްކޮޅުނުކާވަރަށް ފެންބޮޑުވެގެން ރައްޔިތުން އެބަތިބޭ ގެއިން ނުނިކުމެވި. އެނގޭ ކަމަކީ ވިއްސަކަށްފޫޓުގެ ކާނެއްހަދާފަ މޫދަށް ފެންގަނޑު ދުއްވާލަން 5 ހާސްރުފިޔާވެސް ހަރަދުނުހިނގާނެކަން.

The name is already taken The name is available. Register?

ކަލޯފުޅާ

19 July 2019

ނ. ހޮޅުދޫގައި ފެން ބޮޑުވާ ވާހަކަ ނެތީ ކީއްވެބާ. މި ހަފްތާ ތެރޭގަވެސް 2 ފަހަރު ގަދަޔަށް ފެންބޮޑުވެއްޖެ. އެކަމަކު މި ހަބަރުގަ އެވާހަކަ ޖަހާލަން ނުކެރުނު. ފާއިތުވި އަހަރު 10 ވަރަކަށް ފަހަރު ފެން ބޮޑުވި. ހުރިހާ ސަރުކާރަކުން މިކަމަށް ދެނީ ބީރު ކަންފަތެއް. ނުވިތާކައް ނޫސްވެރިން ވެސް މިކަމާ އަޅާލާކަށް ބޭނުމެއް ނުވި. ނިކަން މި ރަށައް އައިސް އަހަރެމެނެ ހާލު ބަލާލަ ބަލަ. ރައީސް އިބޫ މިކަމަށް ހައްލެއް ހޯދަދެއްވާ.. އަހަރެމެންނަށް އަޅާލަދީ

The name is already taken The name is available. Register?

އާދަނު007

19 July 2019

އެބުނާހެން. ފޮޓޯ ޖަހާލުމަކުން އަދި ނުފުދޭ ދެއްތޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454