ކޮމަންވެލްތު އޮބްޒާވަރުން ކެންޑިޑޭޓަކާ ބައްދަލުކުރައްވަނީ. ވޯޓު ގަތުން ހުއްޓުވަން ރިޕޯޓްގައި ލަފާދީފައިވޭ.
19 ޖުލައި 2019 - 15:54
އިންތިހާބުތަކުގައި ވޯޓް ގަތުން ހުއްޓުވަން ރާއްޖޭގެ ކަމާ ބެހޭ އެންމެހާ ފަރާތްތަކުން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2019 ގެ ކަންތައްތައް ބެލި ކޮމަންވެލްތުގެ މާހިރުން ބުނެފި އެވެ.
މަޖިލިސް އިންތިހާބު އޮބްޒާވްކުރުމަށް ފަހު ކޮމަންވެލްތުގެ މާހިރުން އެކުލަވައިލި ތަފްސީލް ރިޕޯޓް އާއްމުކުރީ މިދިޔަ ބުދަ ދުވަހު އެވެ. ކޮމަންވެލްތުގެ އޮބްޒާވަރުން ކުރިން ވެސް ބުނެފައިވާ ފަދައިން ރިޕޯޓްގައި ބުނެފައި ވަނީ އެ އިންތިހާބުގެ ކަންތައް ކުރިއަށް ދިޔައީ ރަނގަޅަށް ކަމަށެވެ. އެހެން ނަމަވެސް ރަނގަޅުކުރަން ޖެހޭ ބައެއް ކަންތައްތައް ފާހަގަކޮށްފައި ވާއިރު އެންމެ ތަފުސީލުކޮށް އިރުޝާފު ދީފައި ވަނީ ވޯޓް ގަތުން ހުއްޓުވުމަށެވެ.
ރާއްޖެ އަށް އައި އޮބްޒާވަރުންގެ ވަފުދުގެ ވެރިޔަކަށް ހުންނެވި ބްރޫސް ގޯލްޑިން، ރާއްޖެއާ ބެހޭ ރިޕޯޓާ އެކު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ކޮމަންވެލްތުގެ އެހެން ގައުމުތަކަށް ފިލާވަޅުތައް ލިބިގަނެވޭހާ ރަނގަޅަށް މަޖިލިސް އިންތިހާބުގެ ބައެއް ކަންތައްތައް ހުރި ކަމަށެވެ. އެގޮތުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ވޯޓް ލާ މީހުންގެ ރަޖިސްޓްރީ އެކުލަވައިލުމާއި އިންތިހާބުގެ އޮފިޝަލުންނަށް ތަމްރީނު ދިނުމާއި ހެޔޮގޮތުގައި ޓެކްނޮލޮޖީ ބޭނުން ކުރުން ހިމެނެ އެވެ.
"އިންތިހާބުގެ ގިނަ ކަންތައްތަކެއް ވަނީ ވާނީ މާ ބޮޑަށް ކުރިއަރައިފަ އެވެ. އަދި އެއީ ކޮމަންވެލްތުގެ ތެރޭގައި ބޭނުންކުރެވިދާނެ ބޭނުންތެރި ފިލާވަޅުތަކެވެ،" ސިޓީގައި ގޯލްޑިން ލިއުއްވާފައި ވެ އެވެ.
އިންތިހާބުތައް ރަނގަޅަށް ބޭއްވުމަށްޓަކައި ކުރަން ކޮމަންވެލްތުގެ އޮބްޒާވަރުން ރާއްޖެ އަށް ލަފާދިން ކަންތަކުގެ ތެރޭގައި:
- އިންތިހާބުގައި ވާދަކުރާ އަންހެނުންގެ އަދަދު އިތުރުކުރަން މަސައްކަތް ކުރުން.
- ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުން ވޯޓު ލާ ދާއިރާ ކަނޑައެޅުމުގައި އެ މީހުން ވަކި މުއްތަކަށް ދިރިއުޅުނު ތަންތަނަށް ރިއާޔަތް ކުރުން.
- ވޯޓް ގަތުން ހުއްޓުވަން އެންމެހާ ފަރާތްތައް ގުޅިގެން މަސައްކަތްކޮށް ފިޔަވަޅުތައް އެޅުން
- ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުން އިންތިހާބަށް ހަރަދު ކުރާއިރު ދެފުށް ފެންނަ ގޮތަކަށް، ރެކޯޑްކޮށް މައުލޫމާތު އާއްމުކޮށްގެން ހަރަދުކުރުން
- އިންތިހާބުގެ ދުވަސްވަރު މީޑިއާއިން މަސައްކަތްކުރާ ގޮތް މޮނިޓާކޮށް ދަމަހައްޓަން ޖެހޭ ގަވައިދުތައް ކަމާ ބެހޭ ފަރާތްތަކުން ދެމެހެއްޓުން.
ވޯޓު ގަތުން ހުއްޓުވުމަށް އަޅަން ފެންނަ ކަމަށް ރިޕޯޓްގައި ބުނެފައިވާ އެއް ފިޔަވަޅަކީ ކުރާ ހަރަދު ހާމަކަން ބޮޑު ގޮތެއްގައި އޮޑިޓްކޮށް އާއްމު ކުރުމެވެ. އެކަމަށްޓަކައި ހަދާފައިވާ ގަވައިދާ ގާނޫނުތައް ރަނގަޅަށް ހިންގުމަކީ ވެސް ކުރަން ލަފާދީފައިވާ ކަމެކެވެ. އޭގެ އިތުރުން ސިޔާސީ ޕާޓީތަކަށް އާމްދަނީ ލިބުނު ގޮތާއި ހަރަދު ކުރި ގޮތުގެ ހިސާބުތައް ރަނގަޅަށް ބެލެހެއްޓުމަށް ވެސް ލަފާދީފައި ވެ އެވެ.
އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ޓަކައި ރާއްޖޭން ކުރަން ރިޕޯޓްގައި ލަފާދީފައިވާ ކަންތައްތަކުގެ ތެރޭގައި އިންތިހާބުތަކަށް ނެރޭ އަންހެން ކެންޑިޑޭޓުން އިތުރުކޮށް އެ މީހުންނަށް ފަންނީ އަދި މާލީ ގޮތުން ދޭ އެހީތެރިކަން އިތުރުކުރުން ހިމެނެ އެވެ. އަދި ލީޑަޝިޕްގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ރައްޔިތުންގެ މަޖިލީހާއި ސަރުކާރު ގުޅިގެން މަސައްކަތް ކުރަން ވެސް ލަފާދީފައި ވެ އެވެ.
މަޖިލިހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ވަނީ 65 ގޮނޑި ނަގައިފަ އެވެ. މިއީ، ޕާޓީއަކުން މިހާ ގިނަ އަދަދެއްގެ ގޮނޑިތަކެއް ނެގި ފުރަތަމަ ފަހަރެވެ. މަޖިލިސް މިހާރު ބެހިފައި އޮތް ގޮތަށް ބަލާ އިރު، އިދިކޮޅު ޕީޕީއެމަށް ފަސް މެމްބަރުން، ކޮންގްރެސް ޕާޓީގެ ތިން މެމްބަރަކު މަޖިލިހަށް އިންތިހާބުވެވަޑައިގެންނެވި އެވެ. ޖުމްހޫރީ ޕާޓީގެ ފަސް މެމްބަރުން އިންތިހާބުވެވަޑައިގެންނެވި އިރު، އެމްޑީއޭގެ ދެ މެމްބަރަކު މަޖިލިހަށް ހޮވިވަޑައިގެންނެވި އެވެ. އަދި މިނިވަން މެމްބަރުންގެ ގޮތުގައި ހަތް މެމްބަރަކު މަޖިލިހަށް އިންތިހާބުވެވަޑައިގެންނެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
21 July 2019
މިހާރު މަޖުލީހުގަތިބިމީހުންހޮވަން އެމްޑިޕީއިން ޚަރަދުކުރިވަރު އެނގޭބާ ދެންއެވަރުން ވޯޓްވިއްކާވަރު ހާމަވާނެ
ގުދުގުދާ
20 July 2019
ފުރަތަމަ މަޖިލިސް މެންބަރުން ބިލެއްފާސްކޮއްލަން ނަގާ ކަޓު ނެގުން ޖެހޭނީ ހުއްޓާލަން! މަޖިލިސްއަށް ވަދެ ދެމަސްނުވެ މާލެއިން ދެގޯތި ހުޅުމާލެއިން ލަގްޒަރީ އެޕާރޓްމަންޓް އެގަނެލަނީ! މަޖިލިސްގެ މެންބަރަކަށް ހޮވުނު އިރު ރައްޓެއްސަކަށް ކޮޕީތައްޓެއްވެސް ދެވޭނެ ފެންވަރުނެތް! ހަމަ ކުއްލިޔަކަށް ބޮޑު މުއްސަންޖަކައް!
ކަނބިލި
20 July 2019
މިދިޔަ ދެ އިންތިޚާބުގައިވެސް ފައިސާ ޚަރަދުކޮށް ކޮމިޝަންގެ މެންބަރުނަށް ރިޝްވަތު ދިން ކަމަށް ބުނަނީ އަވަށްޓެރި ގައުމަކުން
އަލީ ރާޖާ
20 July 2019
ނަން ބުނަން އަހަރުމެންނަށް ކެރޭނެ. އެއީ ޖެހިގެން އޮތް ގޮތެއްފޮތެއް ނެތް އިންޑިއާ.
އަސްލ
20 July 2019
ޢައްޑޫއިން ރައްތިތުންގެ ލޯބިލިބިގެން ހޮވުނީ ނާޒިލް އެކަނި. މިކަން އިނގޭނެ ކަންޒުދޮށުގޭ މޫސާދީދީ (130000)، ރޯމާ އިބްރާިމް (250000)،
ބިދޭސީކަލޭގެ
20 July 2019
ވޯޓު ގަނެވިއްކަނީ ހުރިހާ ޕާޓީއަކުން. އެފަހަރަކު ގިނައިން ޚަރަދު ކުރި ޕާޓީއަކަށް ކާމިޔާބުވަނީ. މިފަހަރު ގިނައިން ޚަރަދުކުރި މީހުން އެތިބީ ހޮވިފައި. މިރާއްޖެއަކީ ވޯޓުގެ ކަރަޕްޝަނުގައި ދުނިޔޭން 1 ވަނަ ގައުމަށްވާނެ. މަޖިލީހުގެ މެންބަރުންގެ މަސައްކަތަކީވެސް މަސައްކަތެއް ނުކޮށް މުސާރަ ލިބޭ ދައުލަތުގެ ވަޒީފާ ހޯދައިދިނުމާއި އާސަންދަ ހޯދައިދިން. ދެން އޮންނާނީ ޖަދަލުކުރުމާއި އަރައަރައިގަތުން.
ihaaru.
20 July 2019
ކަށީގަހިފާފަހުރި މުޑުދާރު އަމަލެއް ވާނީއެހެން ބޮނޑިއެއް ބޮންދެން!
ކައްތުބޭ!
19 July 2019
އެކީއްވެ! ބަލަ އަހަރުމެން ދިވެހިންގެ ލޯ ޑިމޮކްރަސީ އައް ހުޅުވާލަދިން ކަމަކީ ވޯޓުން ވިޔަފާރިކުރުން. ވީމާ ކިހިނެއް އެކަން ހުއްޓުވޭނީ!
މަސްވެރިޔާ
19 July 2019
ވޯޓު ގަތުން ހުއްޓުވަން "މަޓީހަދަނީދޮގޭ" ދެއްވި ޚިޔާލުގަ މައްސަލައެއް އެބަވޭ. ސަރުކާރަށްވައްދާ ސިޔާސީީ މީހުންނާ ޚިލާފަށް ރިޒޯޓްތަކުގެ މެދު އަދި މަތީފަންތިއަށް ބޭނުންވަނީީ ފަންނީީ މީހުން. ވަޒީފާ އަދާކުރަން ބޭނުންވެ ތަމްރީނުވެފައިވާ އެންމެންތިބީީ ވަޒީފާގައި. ހޯދަންވީީ އެނޫންމީހުން ވަޒީފާއަށް ދާނެގޮތެއް. އޭރުން ފައިސާއާއިނުލާ ވޯޓްދީފާނެ ތޯއްޗެއް.
ޏަރު
19 July 2019
މިފަހަރު އެމްޑީޕީން ހޮވުނު އެކަކުވެސް އަދި ދެންވެސް ހޮވުނު އެކަކުވެސް ނެތް ވޯޓު ނުގަނެ ހޮވިފައި. ސީދާ ފައިސާގެ އަގު ދީފައި ވޯޓު ގަތް އެމްޑީޕީގެ ކެނޑިޑޭޓްން. މިފަދަ ކޮމެންޓް ނުޖަހާނެކަންވެސް އެނގޭ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ
ނީނނޭ
19 July 2019
ވޯޓު ގަތީ މިހާރުގެ ސަރުކާރުންތޯ؟ ވޯޓުކޮމިޝަނުުންތޯ ނުވަތަ ކޮންބައެއްގެ އަތުންތޯ ސާފުކޮށްދީ؟