ސުޕްރީމް ކޯޓުގެ ނިންމުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް ޓްރަމްޕް ވިދާޅުވި. --ފޮޓޯ:އީޕީއޭ
27 ޖުލައި 2019 - 15:34
ވޮޝިންޓަން (ޖުލައި 27) - މެކްސިކޯ ބޯޑަރުގައި ރާނާ ބޮޑު ފާރަށް ޚަރަދު ކުރުމަށް ޕެންޓަގަންގެ ބަޖެޓުން 2.5 ބިލިއަން ޑޮލަރު ރައީސް ޑޮނަލްޑް ޓްރަމްޕަށް ބޭނުން ކުރުމުގެ ހުއްދަ އެ ގައުމުގެ ސުޕްރީމް ކޯޓުން ދީފި އެވެ.
ޕެންޓަގަންގެ ފައިސާ ފާރު ރޭނުމަށް ޓްރަމްޕް ބޭނުން ކުރުން މަނާކޮށް ކެލިފޯނިއާގެ ފަނޑިޔާރަކު ނެރެފައިވާ އަމުރު ބާތިލްކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ 5-4 ވޯޓުންނެވެ. ކެލިފޯނިއާގެ ފަނޑިޔާރު ވިދާޅުވެފައި ވަނީ ފާރު ރޭނުމަށް ޚަރަދު ކުރުމުގެ ހުއްދަ ކޮންގްރެސް އިން ދީފައި ނުވާ ކަމަށެވެ.
މެކްސިކޯ އާއި އެމެރިކާ ވަކިކުރަން ބޮޑު ފާރެއް ރޭނުމަކީ ޓްރަމްޕުގެ 2016 ވަނަ އަހަރުގެ ކެމްޕޭން ވައުދެކެވެ. އެކަމަކު އެ ފާރު ރޭނުމަށް ޑިމޮކްރެޓިކުން ދެކޮޅު ހަދަ އެވެ.
ޓްރަމްޕް ވިދާޅުވެފައި ވަނީ ބޯޑަރުގައި ފާރެއް ރާނަނީ ގަވާއިދާޚިލާފަށް އެމެރިކާ އަށް އެތެރެވާ މީހުން ހުއްޓުވުމަށް ކަމަށެވެ. އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ ގަވާއިދާޚިލާފަށް އެ ގައުމަށް އެތެރެވާން އުޅެނިކޮށް ހުޅަނގު ދެކުނު ބޯޑަރުން މިދިޔަ މަހު 104،344 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ އޭގެ ކުރީ މަހަށް ވުރެ 28 ޕަސެންޓް މަދު އަދަދެއް ކަމަށް ބުނެފައިވެ އެވެ.
ގައުމީ ސަލާމަތާ ގުޅޭ ކަމެއް ކަމަށް ވިދާޅުވެ މި އަހަރު ކުރީކޮޅު ޓްރަމްޕް ވަނީ ކޮންގްރެސް ބައިޕާސްކޮށް، ފާރު ރޭނުމަށް 6.7 ބިލިއަން ޑޮލަރު ބޭނުން ކަމަށް ވިދާޅުވެ އިމަޖެންސީ ހިންގަވައިފަ އެވެ. މެކްސިކޯގެ 2،000 މޭލު (3،200 ކިލޯ މީޓަރު) ގެ ބޯޑަރުގައި ފާރު ރޭނުމަށް 23 ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް އެސްޓިމޭޓްތަކުން ދައްކަ އެވެ.
ޑިމޮކްރެޓިކުން ބުނެފައި ވަނީ ގާނޫނު އަސާސީގައި ދީފައިވާ ބާރުތައް ނަހަމަ ގޮތުގައި ޓްރަމްޕް ބޭނުން ކުރައްވަމުންދާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގިޓާ
27 July 2019
ތިފާރު ރާނާާގެންވެސް އަމިއްލަޤައުމު ރައްކާކުރޭ! އެހެންޤައުމުތަކަށް ކުރާ އުދަގޫ ހުއްޓާލަ!
ކަބީދު
27 July 2019
ނާސިރުގެ ދައުރުގަ އަތޮޅުތަކުން އަންނަ މީހުންނަ ކުޑަސިޓީ ހެދުން (އައިލޭންޑް ވިސާ) މިއަދާ ހިސާބަށް ކުރިއަށް ގެންދިއަނަމަ އަހަރުމެންވެސް އަލިފާން ފޮއްޓެއްގަ އުޅެން ނުޖެހުނީސް! އެކަހަލަ ކަމެއް އަވަސް މުއްދަތެއްގެ ތެރޭ ނުކޮށްފިއްޔާ އިންޑިއާގެ ދުއްވަމުންދާ ރޭލުގެ ބޭރުގަ އެލިގަނެގެން ތިބޭގޮތަށް މާލޭގެ އާބާދީގިނަވެގެން އެޕާޓްމަންޓުގެ ބޭރު ފާރުގަ އެލިގަނެގެން ތިބޭތަންކަންނޭގޭ ފެންނާނީ.