މާލޭގެ މަގެއްގައި ޓެކްސީތަކަކާއި އެހެން އުޅަނދުތައް ދަތުރުކުރަނީ. ސަރުކާރުން ކަނޑައެޅި އާ އުސޫލު ދަމަހައްޓާނެ
05 އޯގަސްޓް 2019 - 12:07
މާލޭގައި ދުއްވާ ޓެކްސީގެ ޚިދުމަތަށް އެންމެ ފަހުން ކަނޑައެޅި އަގުތަކާއި ހިދުމަތް ދިނުމުގެ އުސޫލަށް ގެނައި ބަދަލުތައް ރަނގަޅު ކަމަށާއި ބައެއް ޓެކްސީ ޑްރައިވަރުން މުޒާހަރާ ކުރަން އުޅުނަސް އެ ބަދަލުތައް ތަންފީޒު ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ކަނޑައެޅި އާ އުސޫލުގައިވާ ގޮތުން މާލެ އިން ހުޅުމާލެ އަށް ކުރާ ދަތުރަކަށް ނެގޭނެ އެންމެ ބޮޑު އަގަކީ 75ރ. އެވެ. އަދި މާލެ އިން ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓަށް ކުރާ ދަތުރަކަށް ނެގޭނެ އެންމެ ބޮޑު އަގަކީ 60ރ. އެވެ. އަނެއް ބަދަލަކީ ކުރިން މެންދަމު 12 އިން ފެށިގެން އަގު ބޮޑުކޮށް ދަތުރުކުރާ އުސޫލަށް އަމަލު ނުކުރެވޭ ގޮތަށް ހެދުމާއި ޑިކީ އަށް އެއްޗެއް އެރުވުމުން އިތުރަށް އަގު ނުނެގޭ ގޮތަށް ހެދުމެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ "މިހާރު" އަށް ވިދާޅުވީ ޓެކްސީގެ ޚިދުމަތަށް ނެގޭނެ އެންމެ ބޮޑު އަގު ކަނޑައެޅީ އެ ހިދުމަތް ދިނުމަށް ޑްރައިވަރުން ކުރަން ޖެހޭ ހަރަދާއި އެ ނޫން ވެސް ކަންތައްތަކަށް ބެލުމަށް ފަހު، އެ މީހުންގެ އާމްދަނީ އަށް ވެސް ގެއްލުމެއް ނުވާނެ ގޮތް ބަލައިގެން ކަމަށެވެ. އެހެންވުމުން، އާ އުސޫލު ތަންފީޒު ކުރަން ޓްރާންސްޕޯޓް މިނިސްޓްރީން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބެލި ބެލުމުން އެނގުނު ގޮތުގައި ކަޅުތުއްކަލާ ކޮށްޓާ ހިސާބުން [މާލޭގެ އެންމެ ދުރު ޕޮއިންޓުން] ހުޅުމާލޭ ބާބެކިއު އޭރިއާ އަށް [ހުޅުމާލާގެ އެންމެ ދުރު ޕޮއިންޓަށް] އަނދަނީ 11 ރުފިޔާގެ ޕެޓްރޯލް. އެހެންވީމާ އެ ވަރުގެ ދަތުރަކަށް 75 ރުފިޔާ ކުޑައެއް ނޫން،" ޝިމާޒް ވިދާޅުވި އެވެ.
ޑްރައިވަރުންގެ ޖަމިއްޔާއިން އިއްޔެ ބުނީ އާ އުސޫލުގެ ދަށުން އަގު ނަގަން ފަށަން ޖެހޭނެ ކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ތާރީހުގައި (އަންނަ ބުދަ ދުވަސް) ޑްރައިވަރުން މުޒާހަރާ ކުރާނެ ކަމަށެވެ. އަދި އަގު ނެގުުމުގެ އާ އުސޫލަށް އަމަލު ކުރުން ހުއްޓުވައިދޭން އެދި ސިވިލް ކޯޓަށް ދާން ވެސް ޑްރައިވަރުންގެ ޖަމިއްޔާ އިން ވަނީ ނިންމައިފަ އެވެ.
އާ އުސޫލާ މެދު ހިތްހަ ނުޖެހޭ ޑްރައިވަރުންގެ އަނެއް ކަންބޮޑުވުމަކީ އަލަށް ހުއްދަ ދިން ތިން އެޕްލިކޭޝަން މެދުވެރިކޮށް ޕްރައިވެޓް ކާރުތަކުން ދަތުރުތައް ކޮށްދޭން ފެށުމުން ޓެކްސީތަކަށް އޮންނަ ޑިމާންޑް ކުޑަ ވެދާނެ ކަމުގެ ކަންބޮޑުވުމެވެ.
ޝިމާޒް ވިދާޅުވި ގޮތުގައި، އެއީ އެހެން ގައުމުތަކުގައި ވެސް އަމަލުކުރާ އުސޫލެކެވެ. އެޕްލިކޭޝަން ތައް މެދުވެރިކޮށް، އެ ހުއްދަ ދޭން ޖެހުނީ ވެސް މާލެ ސަރަހައްދުގައި ދިރިއުޅޭ އާބާދީއަށް ބޭނުންވާ ވަރާ ގާތަށް ވެސް ޓެކްސީތަކުން ހިދުމަތް ނުދެވޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"1200 ޓެކްސީ އަށް ހުއްދަ ދީފައި އޮންނަ އިރު، މާލެ އިން ޓެކްސީއެއް ހޯދަން އުޅެން ޖެހޭ ހާލު އެނގިވަޑައިގަންނަވާނެ. ބައެއް ޓެކްސީތަކުން ހިދުމަތް ދެނީ ދެ ގަޑިއެއް ހާއިރު. ރައްޔިތުންނަށް ކުރިމަތިވެފައިވާ މި ދައްޗަށް ސަރުކާރުން ހައްލެއް ހޯދައިދޭން ޖެހޭ. އެޕްލިކޭޝަން ތަކަށް ހުއްދަ ދިނީ އެހެންވެ،" ޝިމާޒް ވިދާޅުވި އެވެ.
އާ އުސޫލާ މެދު ހިތްހަމަ ނުޖެހިގެން އުޅެނީ ހުރިހާ ޑްރައިވަރުން ނޫން ކަމަށާއި މުޒާހާރާއެއް ކުރި ނަމަވެސް ހުރިހާ ޑްރައިވަރުން ބައިވެރިވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭ
06 August 2019
މަރޭމިތުރު މިހާރު ޓެކްސީ ނުކުރިއަސް މޯދީ ބަރާބަރަށް ލާރި ދެއެއްނު. އެހެންވީމާ، މިކަމާ މާބޮޑަށް ނޫޅުނަސް ރަނގަޅުވާނެ. އެހެންނޫނީ، މޯދީއަށް ސިޓީއެއް ފޮނުވާލަންވީނު. ފަހަރެއްގައި މަރޭ ބޭނުންކަންތައް ނުކުރަންޏާ ރާއްޖޭގެ ވިސާ ދަތިކޮށްލަދީފާނެ.
އަަސްމާ
06 August 2019
ގިނަ ފަަހަރަށް އަރާ ޓެކްސީތަށް މުޑުދާރު ކަމުން ބުނާކަށް ނޭނގެ.ކަލޭމެންނަށް ދޭން 10 ރުފިޔާވެސް މާގިނަ.
އަބްދުﷲނާފިޒް
06 August 2019
ޓެކްސީ ޑްރައިވަރުން ބޭނުން އަގެއް ނަގާ އުސޫލު އޮވެގެން ނުވާނެ, އެއްވެސް ތަނެއްގަ އެއުސޫލެއް ނޯވެ, މިއަދު ހުޅުމާލެއިން އެއަރޕޯރޓަށް އަންނަން އަލުގަނޑު އެރިކާރުގެ ޑްރައިވަރު, އަޅުގަނޑު އަތުން 100 އައިމަގުމަތީ އެރުވި މީހާއަތުން 100, އެހެންވީމަ ދަތުރަކަށް 200 ރުފިޔާ, ކިހާސަޅި, މިކަން އެބަޖެހޭ ހުއްޓުވަން ރައްޔިތުން މުޒާހަރާކޮށްގެން ނަމަވެސް.
ތިބެބަލަ
05 August 2019
މުޒާހަރާ ކުރި ނަމަވެސް ޓެކްސީގެ ޚިދުމަތުގެ އާ އަގު ދަމަހައްޓާނަން ކަމަށް ޓްރާންސްޕޯރޓް މިނިސްޓްރީން ވިދާޅުވާނަމަ ދެން މަމެން ޕެސެންޖަރުން މުޒާހަރާ އަށް ނިކުތުމުން ޓެކްސީ ޑްރައިވަރުން ސައިޒުން ކެނޑިގެން ތިރިވާނެއޭ މަމެން ބުނަން ނެތީމޭ...
ޝޮކްތެރަޕީ
05 August 2019
ޓެކްސީ ގަވައިދައްގެނައި އިސްލާހަ ތާއީދު.
މަންޑޭލާ
05 August 2019
ޓެސްސީ ޑުރާވަރުން ކަންތަބޮޑީ. ރަގަޅުނިމްމުމެ.
ނެޑް
05 August 2019
ހެޔޮ ނުވާނެ! ޓެކްސީ ޑްރައިވަރުން ގަންނަ ކާރުގެ ޑިކީ ގަންނަނީ ވަކިން ކާރަށްވުރެ އަގު ބޮޑުކޮށް. އަދި ޑިކީ ކާރުން ވަކިވެދާނެތީވެ ދުވާލަކު 10،000 ޑޮލަރުގެ ތެރަސް ބޭނުންކުރަން ޖެހޭ.
ޑުރެކިއުލާ
05 August 2019
ޓެކްސީ ނުލިބިގެން ޕިކަޕުގަ އޮފީހަށްދާތާ ހަފްތާއެއްވެފައިވާމީހެއްގެ ހައިސިއްޔަތުން ބުނަންއޮތީ ދުވާލަކު 12 ގަޑިއިރު ދަތުރުނުކުރާ ޓެކްސީތަކުގެ ބޯޑު ބާތިލުކޮށްފަ ޑުރައިވަރުގެ ލައިސަންސް އަތުލާށޭ.
ޓިނުބޭ
05 August 2019
މިހާރުވެސް މާ ބޮޑު، -/40ރ އަށް ހަދާފަ އެތެރޭގެ ދަތުރު -/20ރ ހަދަންވީ! އިރާދަކުރެއްވިއްޔާ އަހަރަމެން ޕްރައިވެޓް ކޮށް މި ރޭޓްގެ ކޮށްދޭނަން! ދިރާގު ހެން ރައްޔިތުން ފެލާލައިގެން ވަރަށްދުވަހު އުޅެވިއްޖެ ނޫން!
މަރޭމިތުރު
05 August 2019
ކުރިން ފައިސާ ނަގައިގެން ދަތުރުކުރީމާ އެބައޮތް އެޑުވާންޓޭޖެއް. އެއީ އެއްބަސްވެގެން އެކުރެވެނީ ދަތުރު. ފަހުން ޖެއްސޭނެ މައްސަލައެއް ނޯންނާނެ ގާނޫނަކުންވެސް އެއިރުން ކޮންމެ އަގަކަށް ކުރިއަސް. ޑުރައިވަރުން އެއްބަސް ވާ ވަރަށް އަގުނުދެންޏާ އެދަތުރުނުކުރާނީ ކޮންމެހެން ވަކިގޮތަކަށް ދަތުރުކުރާކަށް މަޖުބޫރެއްނޫން އެމީހުންގެ އަމިއްލަ އުޅަނދެއްނޫން މިއީ ޓްރާންސުޕޯރޓުގެ ބައިތުލަމާލުތަ އަގުހަދަން.
ކުރުނީސް
06 August 2019
ވަޓް އަ ޖޯކް! އާންމުންނަށް ދޭ މިފަދަ ޚިދުމަތްތަކަކީ ޤައުމުތަކުގައި ރެގިއުލޭޓްކޮށްގެން ދެވޭ ޚިދުމަތެއް. ތިހެން އަހަރުމެންނާ ޖައްސާލައިގެން އުޅެންޔާ ތިޔަ ޓެކްސީތަކުން ޚިދުމަތް ހޯދާނެ އާންމު ރައްޔިތުންނެއް ނުތިބޭނެ. އަދި، ޚާއްޞަކޮށް ޕްރައިވެޓް ކާރުތަކަށް ހުޅުވާލެވި، އެޕް ބޭނުންކޮށްގެން ދަތުރުތައް ފެށީމަ. ތިހާ ގޮތް ދޫނުކޮށް އުޅެންޔާ ވާނީ މެލޭޝިޔާގެ ޓެކްސީ ޑްރައިވަރުންނަށް ވީހެން، މަގުތަކުގައި އެމީހުންވެސް ތިބޭނެ ދަތުރެއް ނުލިބި ގިނަވެފައި.