އުތުރު ކޮރެއާ އިން މިސައިލް ޓެސްޓެއް ކުރަނީ: މި ޕްރޮގްރާމްތަކަށް، ވަގަށް ނަގާފައިވާ ފައިސާ ބޭނުންކުރާ ކަމަށް އދ. އިން ބުނޭ
07 އޯގަސްޓް 2019 - 08:50
އުތުރު ކޮރެއާ އިން ހަތިޔާރު އުފެއްދުމަށް ހިންގާ މަޝްއޫތައް ކުރިއަށް ގެންދަން އެ ގައުމުން ވަނީ ސައިބަ ހަމަލާތައް ދީގެން ދެ ބިލިއަން ޑޮލަރު ވަގަށް ނަގާފައި ކަމަށް އދ.ގެ ރިޕޯޓެއްގައި ބުނެފި އެވެ.
އދ.ގެ ސިއްރު ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އުތުރު ކޮރެއާ އިން ވަނީ ބޭންކުތަކާއި ކްރިޕްޓޮ ކަރަންސީ އެކްސްޗޭންޖްތަކަށް ސައިބަ ހަމަލާތައް އަމާޒުކޮށްފަ އެވެ.
އުތުރު ކޮރެއާއާ ބެހޭ މި ރިޕޯޓްގެ މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބީބީސީ އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި އދ. އިން އަންނަނީ އުތުރު ކޮރެއާ އަށް ތުހުމަތުކުރެވޭ 35 ސައިބަ ހަމަލާއެއް ތަހުގީގުުކުރަމުންނެވެ.
އެ ރިޕޯޓް ވަނީ އދ. އިން އުތުރު ކޮރެއާއާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރާ ކޮމިޓީ އަށް ފޮނުވައިފަ އެވެ. ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ސައިބަ ހަމަލާތައް ދީގެން ވަގަށް ފައިސާ ހޯދުމަށް އުުތުރު ކޮރެއާ އިން ބޭނުންކުރަނީ ވަރަށް ވަރުގަދަ، އަދި ދެނެގަންނަން އުނދަގޫ އުކުޅުތަކެކެވެ. އަދި ހާއްސަކޮށް، ކްރިޕްޓޮ ކަރަންސީ ފަދަ، ސަރުކާރުތަކުން ރެގިއުލޭޓް ނުކުރާ ކަރަންސީތަކަށް އަމާޒުކޮށް ހަމަލާ ދިނުން އިތުރުކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
ވަގަށް ނަގާ ފައިސާ އިން އުތުރު ކޮރެއާ އިން ހަތިޔާރު އުފެއްދުމަށް ހޭދަކުރާ ކަމަށް ހާމަވެފައި މި ވަނީ އަންގާރަ ދުވަހު ވެސް އެ ގައުމުން މިސައިލެއް ޓެސްޓްކޮށްފައި ވަނިކޮށެވެ. މިއީ މިދިޔަ ދެ ހަފުތާއެއް ދުވަހުގެ ތެރޭގައި ކުރި ހަތަރު ވަނަ ޓެސްޓެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމް ގޮންޖް-އުން ބުދަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި ޓެސްޓަކީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ ތަމްރީންތަކާ ގުޅިގެން ދިން އިންޒާރެއް ކަމަށެވެ. މި ތަމްރީންތަކަކީ، އުތުރު ކޮރެއާއާ އެކު ވެފައިވާ އެއްބަސްވުންތަކާ ހިލާފުން ކަމަށް އެ ގައުމުން ވަނީ ސިފަކޮށްފަ އެވެ.
ނިއުކްލިއާ ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ޕްރޮގްރާމްތައް ހިންގާތީ 2006 ވަނަ އަހަރުން ފެށިގެން އުތުރު ކޮރެއާއާ ދެކޮޅަށް އދ. އިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. މައުދަނާއި ފޭރާމާއި ހަކަތައިގެ ބާވަތްތަކުގެ ވިޔަފާރި އުތުރު ކޮރެއާއާ އެކު ކުރުން އދ. އިން އޮންނަނީ މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy