ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ގޯސް ޕްރެޝަރުތަކެއް ބޭނުމެއް ނޫން: ސޯލްޝެއާ

މެންޗެސްޓާ (އޮގަސްޓް 11) - މެންޗެސްޓާ ޔުނައިޓެޑް ކުރިން އޮތް ހިސާބަށް ދިއުމަކީ އެ ކްލަބާ ގުޅުންހުރި އެންމެން ބޭނުންވާނެ ކަމެއް ކަމަށާއި އެކަމަކު އެކަން ހާސިލުކުރަން އާ ސީޒަނެއް ފަށާ ދުވަހު ކުޅުންތެރިންނަށް ގޯސް ޕްރެޝަރުތަކެއް ދޭން ބޭނުމެއްނުވާ ކަމަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހު ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެ ވަގުތީ ކޯޗަކަށް ހުރެ ސޯލްޝެއާ ރަނގަޅު ނަތީޖާތަކެއް ނެރުނު ނަމަވެސް އެއްބަސްވުން ދާއިމީކުރި ފަހުން ނަތީޖާ އެންމެ ރަނގަޅެއް ނޫނެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑުން ވަނީ ތިން ކުޅުންތެރިއަކު ގެނެސްފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ބޮޑު ހޭދައެއް މި ފަހަރު ކުރި ޔުނައިޓެޑުން ގެނައި ތިން ކުޅުންތެރިންނަކީ ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ގަތް ހެރީ މެގުއާ އާއި އުއްމީދީ ދެ ކުޅުންތެރިން ކަމަށްވާ އާރޮން ވަން ބިސާކާ އާއި ޑެނިއަލް ޖޭމްސް އެވެ.

"ނެގެޓިވް އެއްވެސް ވާހަކައެއް ބޭނުމެއް ނޫން. ޕްރެޝަރަކީ ރަނގަޅު ގޮތުގައި ބޭނުންހިފޭނެ އެއްޗެއް. އެކަމަކު ގޯސް ޕްރެޝަރެއް ނުރަނގަޅު ވަގުތެއް އައިސްފިނަމަ އެއީ ވަރަށް އުނދަގޫވާނެ ކަމެއް. ސީޒަން ފަށާއިރު އެންމެ މައްޗަށް ދިއުމުގެ އުއްމީދުތައް އިސްކޮށްގެން ގޯސް ޕްރެޝަރުތަކެއް ބޭނުމެއް ނޫން،" ސޯލްޝެއާ ބުންޏެވެ.

ޓްރާންސްފާ މާކެޓްގެ ފަހު ދުވަހު ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ޔުނައިޓެޑް ދޫކޮށް އިންޓަ މިލާނަށް ސޮއިކުރިއިރު އެ މަގާމަށް ކުޅުންތެރިޔަކު ގެންނަން ޔުނައިޓެޑުން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. ސޯލްޝެއާ ބުނީ ލުކާކޫ ނެތަސް މި ވަގުތު ޓީމުގައި ތިބި ކުޅުންތެރިންނަށް އިތުބާރު އެބައޮތް ކަމަށެވެ.

"ތެދެއް ތިއީ. ލުކާކޫ އަކީ މޮޅު ސްޓްރައިކަރެއް. އޭނާގެ ލަނޑު ރެކޯޑުން އެކަން ފެނޭ. އެކަމަކު އަހަންނަށް އިތުބާރު އެބައޮތް. ޑެނިއަލް (ޖޭމްސް). މާކަސް (ރެޝްފޯޑް) ދެން ޖެސޭ (ލިންގާޑް)ގެ ފަރާތުން ގޯލުތަކެއް ފެންނާނެ. މި ސީޒަނުގައި ގްރީންވުޑް ވެސް ގިނައިން ބޭނުންކުރާނަން،" ސޯލްޝެއާ ބުންޏެވެ.

ޗެލްސީއާ އެކު ސޮއިކުރުމަށް ފަހު ލަމްޕާޑް ޖޯޒީ ދައްކާލަނީ.-- ފޮޓޯ: އޭއެފްޕީ

ޗެލްސީގެ ކޯޗުކަމާ މި ފަހަރު ހަވާލުވި އެ ޓީމުގެ ކުރީގެ ތަރި ފްރޭންކް ލަމްޕާޑް ބުނީ ޗެލްސީގެ ކޯޗެއްގެ ގޮތުގައި ފުރަތަމަ މެޗުގައި ވެސް ޔުނައިޓެޑާ ދެކޮޅަށް ޖެހުމަކީ އޭނާ ކަންބޮޑުވާ ކަމެއް ނޫން ކަމަށެވެ.

"އަހަންނަކީ އަބަދުވެސް ޗެލެންޖުތަކަށް މަރުހަބާ ކިޔާ މީހެއް. މިހާރު ވެސް އެކަމަށް ބަދަލެއް ނާދޭ،" ލަމްޕާޑް ބުންޏެވެ.

ކުޅުންތެރިން ނުގެނެވޭ ގޮތަށް ފީފާއިން އަދަބު ދީފައި އޮތުމުން އިނގިރޭސި ކްލަބްތަކަށް ނިމިދިޔަ ޓްރާންސްފާ މާކެޓްގައި ޗެލްސީގެ ހަރަކާތްތައް ފެނުނީ މަދުކޮށެވެ. ލަމްޕާޑް ބުނީ ޗެލްސީ ދޫކޮށް ރެއާލް މެޑްރިޑަށް ދިޔަ އެޑެން ހަޒާޑްގެ ބަދަލުގައި ކުޅުންތެރިޔަކު ނުގެނެވުމަކީ އޭނާ ދައްކާ ވާހަކައެއް ނޫން ކަމަށާއި އެއީ ހަމައެކަނި މީޑިއާގައި އޮތް މަޝްވަރާއެއް ކަމަށެވެ.

"މިދިޔަ ސީޒަނުގައި ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ލީގުގެ ތިން ވަނައިގައި ނިންމާލި ޓީމެއް ގޮވައިގެން ނުކުންނައިރު އެންމެ ކުޅުންތެރިއެއް ނެތުމުގެ ވާހަަކަ ދެއްކުމަކީ އެންމެ އިންސާފުވެރި ގޮތެއް ނޫން. މި ޓީމާ އެކު ތިބި ހުރިހާ ކުޅުންތެރިންގެ އުއްމީދުތައް ހުރީ ރަނގަޅު ހިސާބެއްގައި،" ލަމްޕާޑް ބުންޏެވެ.

ޓްރާންސްފާގެ ފަހު ދުވަހުގައި އާސެނަލަށް ބަދަލުވި ޑޭވިޑް ލުއިޒް، ޗެލްސީ ދޫކޮށްލީ އޭނާއާ މައްސަލައެއް ޖެހިގެން ނޫން ކަމަށް ލަމްޕާޑް ވަނީ ބުނެފަ އެވެ. އަދި ލުއިޒް ބޭނުންވީ ތަފާތު ޗެލެންޖެއް ކަމަށްވުމުން އޭނާ އަށް އެ ފުރުސަތު ދިނީ ކަމަށް ބުންޏެވެ.

ލަމްޕާޑް ވަނީ މިދިޔަ ސީޒަނުގައި އޭނާ ކޯޗުކޮށްދިން ޑާބީ ކައުންޓީއާ އެކު ޔުނައިޓެޑް އަތުން މޮޅުވެފަ އެވެ. ޗެލްސީ އާއި ޔުނައިޓެޑް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 20:30 ގަ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454