އީރާނުގެ ރައީސް ހަސަން ރޫހާނީ. --ފޮޓޯ:ރޮއިޓާސް
15 އޯގަސްޓް 2019 - 13:32
ތެހެރާން (އޮގަސްޓް 15) - ހޮރްމޫޒް ކަނޑުއޮޅި ހިމާޔަތް ކުރަން ކަމަށް ބުނެ އެމެރިކާ އިން ގަލްފުގައި އަސްކަރީ ބާރެއް އުފައްދަން އުޅެނީ އެ ސަރަހައްދުގެ ގައުމުތަކުގެ ޚަޒާނާ ހުސްކުރަން ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.
ކެބިނެޓުގެ ބައްދަލުވުމެއްގައި ރޫހާނީ ވިދާޅުވީ ގަލްފުގެ ސެކިއުރިޓީ ބަލަހައްޓާނީ އެ ސަރަހައްދުގެ ގައުމުތަކުން ކަމަށެވެ. އަދި އެ ކަމުގައި ގަލްފުގެ ގައުމުތައް އެކަތިގަނޑަކަށްވުމަށް ރޫހާނީ ގޮވާލެއްވި އެވެ.
"ޕާސިއަން ގަލްފާއި އޮމާން ކަނޑުގައި ލަޝްކަރެއް ބޭއްވުމަކީ އަމަލީ ގޮތުން ކުރެވޭނެ ކަމެއް ނޫން. އެކަމުގެ ސަބަބުން ސެކިއުރިޓީ އަށް ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ. ސެކިއުރިޓީ ދިނުމުގެ ނަމުގައި ގަލްފުގައި ބޭރު ގައުމުތަކުގެ ލަޝްކަރެއް ބާއްވަން ބޭނުމެއް ނުވޭ،" ރޫހާނީ ވިދާޅުވި އެވެ.
ގަލްފުގައި ބައިނަލްއަގުވާމީ ލަޝްކަރެއް އުފައްދަން އެމެރިކާ އިން އުޅެނީ މިދިޔަ މަހު 19 ވަނަ ދުވަހު އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން އިނގިރޭސި ވިލާތުގެ ތެޔޮ ޓޭންކަރެއް ހޮރްމޫޒް ކަނޑުއޮޅިން ހިފެހެއްޓުމާ ގުޅިގެންނެވެ. އީރާނުން އެ ޓޭންކަރު ހިފެހެއްޓީ އެ ގައުމުގެ ތެޔޮ ހުރި ޓޭންކަރެއް ޖިބްރޯލްޓާ ބޭރުން އިނގިރޭސި ސިފައިން އަރާ ހިފެހެއްޓުމުންނެވެ.
ގަލްފުގައި އެމެރިކާ އިން އުފައްދަން އުޅޭ ލަޝްކަރުގައި އިނގިރޭސި ވިލާތުން ބައިވެރިވާނެ ކަމަށް ބުނި ނަމަވެސް ޔޫރަޕުގެ އެހެން ގައުމުތަކުން ދީފައި ވަނީ ފިނި ތަރުހީބެކެވެ. ގަލްފުގައި އުފައްދާ ލަޝްކަރުގައި އިޒްރޭލް ބައިވެރިކުރަން އުޅޭތީ ވެސް ބައެއް ގައުމުތަކުން ދަނީ ދެކޮޅު ހަދަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy