ރޯގާއެއް ފެތުރުނު ދުވަސްވަރެއްގައި ބަލި މީހަކަށް ފަރިވާދެނީ: މިދުވަސްވަރު ބޭރަށް ހިންގިން ފެތުރުން އިތުރު-- ފޮޓޯ: މިހާރު
18 އޯގަސްޓް 2019 - 11:12
ބޭރަށް ހިންގުމުގެ ރޯގާ އެންމެ ބޮޑަށް ފެތުރެނީ މާލޭގެ އިތުރުން ހދ. އަދި ލ. އަތޮޅުގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވިގޮތުގައި މިދިޔަ މަހުގެ މެދުތެރެއިން ފެށިގެން، ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކުރުން ވަނީ އިތުރުވެފަ އެވެ. ނަމަވެސް އެހެން އަހަރުތަކާ އަޅާބަލާއިރު މި އަހަރު ރިޕޯޓްކުރާ މިންވަރު އިތުރުކަން ފާހަގަ ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކި ރޯގާތައް އުޅުނު ނަމަވެސް ގިނައިން މިހާރު ފެތުރެނީ ހޮޑުލުމާއި ބޭރަށް ހިންގުން،" އޮފިޝަލް ވިދާޅުވި އެވެ.
ބައްޔާ ގުޅޭ ތަފާސް ހިސާބު އަދި އެޗްޕީއޭއިން ހާމައެއް ނުކުރެ އެވެ.
އޮފިޝަލް ވިދާޅުވިގޮތުގައި ކޮންމެ އަހަރެއްގެ ވެސް ބަންދު ދުވަސްތަކާ ދިމާކޮށް ބޭރަށް ހިންގުން އިތުރުވާކަން ފާހަގަ ކުރެވެ އެވެ. އެހެން އެ ދިމާވަނީ ބަންދު ތެރޭގައި ގިނަ ބަޔަކު އެކި ސަރަހައްދުތަކަށް ދަތުރު ކުރާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބޭރަށް ހިންގުމާއި ހޮޑުލުން ފަދަ ބަލިތައް ފެތުރުނަ ނުދިނުމަށްޓަކައި، ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން އަދި ކެއުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމާއި ކުޑަކުދިންގެ ނެޕީ އަވަސް އަވަހަށް ބަދަލުކޮށް، އަދި ބަދަލުކުރާއިރު ސާފުތާހިރު ކަމަށް އިސްކަން ދިނުން މުހިންމު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ވައިރަލް ރޯގާ އިތުރުން ޓައިފޮއިޑް ހުމުގެ ސަބަބުން ވެސް ބޭރަށް ހިންގަ އެވެ. އެފަދަ ހުން މަދުން ނަމަވެސް ފެންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއުނިމާ
18 August 2019
ބޭރަށްހިންގުން ރާއްޖޭގަ އެބައުޅޭބާ؟