އެއާ އިންޑިއާން ވަނީ ޕްލާސްޓިކާ ދެކޮޅަށް މަސައްކަތް ފަށާފައި.
31 އޯގަސްޓް 2019 - 08:50
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކާ ދެކޮޅަށް އިންޑިއާ އިން ބޮޑު ކެމްޕޭނެއް ފަށަން ތައްޔާރުވަމުން އަންނައިރު އެ ގައުމުގެ ރަސްމީ އެއާލައިން އެއާ އިންޑިއާ އިން ވެސް ޕްލާސްޓިކް މަނާކުރަން ނިންމައިފި އެވެ.
އެއްފަހަރު ބޭނުންކޮށްފައިވާ އުކާލާ ޕްލާސްޓިކް އެއާ އިންޑިއާ އިން މަނާކުރާނީ އަންނަ އޮކްޓޯބަރު މަހުގެ 2 އިން ފެށިގެންނެވެ. އެ ތާރީހަކީ އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާނދީގެ 150 ވަނަ އުފަން ދުވަހާ ދިމާކޮށް ސިންގަލް ޔޫޒް ޕްލާސްޓިކާ ދެކޮޅަށް މުޅި އިންޑިއާ މަސައްކަތްކުރުމަށް އަތުގުޅައިލަން ނިންމާފައވާ ދުވަހެވެ. މިކަން ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއުލާންކުރެއްވީ މި މަހުގެ 15 ވަނަ ދުވަހު ފާހަގަކުރި އިންޑިއާގެ 72 ވަނަ މިނިވަން ދުވަހުގެ ޙިތޯބުގަ އެވެ.
ސަރުކާރުގެ އަމާޒަކީ 2022 އަންނަންވާ އިރަށް، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލައި، ތިމާވެއްޓާ ރައްޓެހި އުފެއްދުންތައް ބޭނުންކުރުމެވެ.
#NewsAlert | @airindiain is going to ban 1st use plastic from 2nd October. In first phase it will implement in all flights of Air India Express and alliance air flights. In 2nd phase will be implemented in air India flights. pic.twitter.com/mC6IhfNAAw
— News18 (@CNNnews18) August 29, 2019
އެއާ އިންޑިއާގެ ތަރުޖަމާނު ދަނަންޖޭ ކުމާރު ވިދާޅުވި ގޮތުގައި އެއާ އިން އިންޑިއާ އިން ސިންގަލް-ޔޫޒް ޕްލާސްޓިކް މަނާކުރަން ނިންމުމާ އެކު މިކަން އެންމެ ފުރަތަމަ ތަންފީޒުކުރަން ފަށާނީ އެއާ އިންޑިއާގެ ދަށުން އޮޕަރޭޓްކުރާ އެއާ އިންޑިއަން އެކްސް ޕްރެސް އާއި އެލައިންސް އެއާގެ ފްލައިޓްތަކުގައި ކަމަށެވެ.
"ފުރަތަމަ ފޭހުގެ އެ ދެ އެއާލައިނުގައި ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ފަހު، ދެވަނަ ފިޔަވަހީގައި މިކަން ކުރިއަށް ދާނީ ސީދާ އެއާ އިންޑިއާގެ ފްލައިޓްތަކުގައި،" އޭނާ ވިދާޅުވި އެވެ.
ކުމާރު ވިދާޅުވި ގޮތުގައި ފްލައިޓްތަކުގައި ޕްލާސްޓިކްގެ ބަދަލުގައި ކުރިއަށް އޮތް ބޭނުންކުރާނީ ލަކުޑި އާއި ކަރުދާހާއި އެ ނޫން ވެސް ތިމާވެއްޓާ ރައްޓެހި ތަކެތިން ތައްޔާރުކޮށްފައިވާ އެއްޗިއްސެވެ.
އެގޮތުން ޕެސެންޖަރުންނަށް ހިދުމަތް ދިނުމުގައި އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކްގެ އެއްވެސް ބާވަތެއް ބޭނުން ނުކުރާނެ ކަމަށް އެއާ އިންޑިއާ އިން ބުންޏެވެ. މިކަމަށް ވަރަށް ގިނަ ބަޔަކު މަރުހަބާ ވެސް ކިޔާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯގަޅިމުހައްމަދުކަލޭފާނު
31 August 2019
ފޮޓޯގާ އެހުރީ ކުމާރުތަ؟