ރިޕޯޓް / ޖުޑީޝަލް ސާވިސް ކޮމިޝަން

ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުރުން: އެންމެ މުހިންމު އެއް މަސައްކަތް

ޖޭއެސްސީ: އެ ކޮމިޝަން އެކުލެވޭ ގޮތް ބަދަލުކުރަން ޖެހޭ ކަމަށް ގާނޫނީ އެތައް ބަޔަކު އެއްބަސްވޭ --ފޮޓޯ/މިހާރު

ރާއްޖޭގައި އެންމެ ބޮޑު ފާޑުކިޔުމެއް ކުރިމަތިވަނީ ޝަރުއީ ދާއިރާ އަށް ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. އާ ގާނޫނު އަސާސީ އައިސް، މިނިވަން ބާރެއްގެ ގޮތުގައި ޝަރުއީ ދާއިރާ ހަމަޖެހުމުގެ ކުރިން ވެސް އަދި އޭގެ ފަހުން މިއަދާ ހަމައަށް ވެސް އެ ދާއިރާއަށް އަންނަ ފާޑުކިޔުންތަކަށް ހުއްޓުމެއް ނެތެވެ. ރަނގަޅު ބައެއް ތުހުމަތުތަކާއި ގޯސް ތުހުމަތުތައް ވެސް ހިމެނޭ ގޮތަށް ފާޑުކިޔުންތައް އަންނަ ސަބަބުތައް ވެސް ބައިވަރެވެ.

އެންމެ ބޮޑު އެއް ސަބަބަކަށް ޔަގީނުން ވެސް ވާނީ ފަނޑިޔާރުން އައްޔަންކުރުމާއި ފަނޑިޔާރުންގެ ކަންކަން ރެގިއުލޭޓް ކުރާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތެވެ. ޝަރުއީ ދާއިރާގެ އިތުބާރާ ގުޅިފައިވާ އެންމެ މުހިންމު މަސައްކަތްތައް ކުރަނީ ވެސް ޖޭއެސްސީންނެވެ.

ޖޭއެސްސީގައި ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބު ކުރާ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލިސްގެ ރައީސާއި މަޖިލީހުގެ މެމްބަރަކާއި އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މީހަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރެއް އަދި ވަކީލުންގެ ތެރެއިން އިންތިޚާބު ކުރާ މީހެކެވެ.

މީގެ ތެރެއިން ތިން މަރުހަލާގެ ކޯޓުތަކުގެ ފަނޑިޔާރުންނާއި ވަކީލުންގެ ތެރެއިން އިންތިޚާބުވާ މީހާ ފިޔަވައި ދެން ތިބެނީ ސިޔާސީ ގޮތުން ކޮމިޝަނަށް އަންނަ ބައެކެވެ. މަޖިލީހުގެ ރައީސްކަން ލިބޭނީ ކޮންމެ ގޮތެއް ވިޔަސް މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ޕާޓީގެ ބޭފުޅަކަށެވެ. މަޖިލީހުން ކަނޑައަޅާ މެމްބަރާއި އާންމުންގެ ތެރެއިން ހޮވާ މެމްބަރަކަށް ވެސް ވާނީ އެއިރެއްގައި މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ޕާޓީއަކުން ބޭނުންވާ މީހެކެވެ. އެހެންވެ އެ ދެ މެމްބަރުން ވެސް ބެލެވޭނީ ސިޔާސީ ބައެއްގެ ގޮތުގަ އެވެ.

ސީއެސްސީގެ ރައީސް ކަމަށް މީހަކު އައްޔަންކުރަނީ ވެސް ސީދާ މަޖިލީހުންނެވެ. ބަންޑާރަ ނައިބަކީ ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރައްވާ ސިޔާސީ މަގާމެކެވެ. ރައީސްގެ މެމްބަރަކީ ވެސް ސީދާ ރައީސް ކަނޑައަޅުއްވާ ބޭފުޅެކެވެ. ކުރުކޮށް ބުނާ ނަމަ މުޅި ޖޭއެސްސީގެ ތިން ބައި ކުޅަ ދެ ބައި އަޣުލަބިއްޔަތު އޮންނާނީ ސިޔާސީ ބައެއްގެ އަތްމަތީގަ އެވެ. ނަތީޖާއަކަށް ވެގެން މިދަނީ ޖޭއެސްސީގެ ނިންމުންތަކާ މެދު އަބަދުވެސް ތުހުމަތުގެ އިނގިލި އަމާޒުވުމެވެ.

ރާއްޖޭގެ ޝަރުއީ ކޯޓެއްގެ ރޫމެެއް: ކޯޓުތަކުގެ އިތުބާރާ ގުޅޭ އެންމެ މުހިންމު މަސައްކަތް ކުރަނީ ޖޭއެސްސީން --ފޮޓޯ/މިހާރު

ޖޭއެސްސީން ރަނގަޅު ނިންމުމެއް ނިންމިޔަސް އެކަމަށް ފާޑު ކިޔުންތައް ކުރިމަތިވެ އެވެ. ސިޔާސީ ގޮތުން އައްޔަންވެފައި ތިބޭ ބަޔަކު އެ ކޮމިޝަންގައި ތިބުމުން އާންމުންގެ އިތުބާރު ކުޑަ އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް އެންމެ ރަނގަޅު ނޫން ކަމަށް އެކި ފޯރަމްތަކުގައި އެކި ފެންވަރުގެ ބޭފުޅުން ދަނީ ފާހަގަކުރައްވަމުންނެވެ. އުއްތަމަފަނޑިޔާރުގެ މަގާމުގައި އަހުމަދު ފާއިޒު ހުސައިން ހުންނެވިއިރު އެމަނިކުފާނު ވެސް ވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ރަނގަޅު ނޫން ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ޖޭއެސްސީ މިހާރު އޮތް ގޮތަށް އެކުލެވިގެންވާހާ ހިނދަކު ޝަރުއީ ދާއިރާ އިސްލާހުކުރަން ފަސޭހަ ނުވާނެ ކަމަށެވެ.

"އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ ޖޭއެސްސީގެ މޮޑެލް ބަދަލުކުރުމަށް މިހާރު އަޅުގަނޑުމެން ކަމާ ބެހޭ މުއައްސަސާތަކުން، ރައްޔިތުން މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން ވިސްނާވަޑައިގަންނަވަން ޖެހި ވަޑައިނުގަންނަވާ ބާއޭ؟" އޮކްޓޫބަރު، 2013 ގައި ބޭއްވި ރަސްމިއްޔާތެއްގައި ފާއިޒު ވިދާޅުވެފައިވެ އެވެ. އެމަނިކުފާނު އެގޮތަށް ވިދާޅުވީ ސައުތު އެފްރިކާގެ ވަރަށް ސީނިއަ ފަނޑިޔާރަކާ އެކު ދެކެވުނު ވާހަކަތަކުގައި، ރާއްޖޭގައި ޖޭއެސްސީ އޮތް މޮޑެލް ސައުތު އެފްރިކާގައި ފޭލްވި ކަމަށް މައުލޫމާތު ދެއްވި ފަހުންނެވެ.

"ޖުޑިޝަރީ ހަރުދަނާ ކުރެވޭނީ ޖޭއެސްސީގެ މޮޑެލް ބަދަލު ކުރެވިގެން. އެ މޮޑެލް އޮންނަހާ ހިނދަކު ޖުޑިޝަރީއަށް އިތުރު ހަރުދަނާ ކަމެއް ގެނައުމަކީ ފަސޭހަ ކަމަކަށް ނުވާނެ،" ފާއިޒް އޭރު ވިދާޅުވި އެވެ.

އެދުވަސްވަރު ބަންޑާރަނައިބަކަށް ހުންނެވި އަދި މިހާރު ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވެސް ޖޭއެސްސީ އެކުލެވިގެންވާ ގޮތް ރަނގަޅު ނޫން ކަމަށް އޭރު ވިދާޅުވެފައިވެ އެވެ.

"ޖޭއެސްސީ މިހާރު އެކުލަވާލެވިފައި އޮތީ ގާނޫނުއަސާސީއާ އެއްގޮތަށް ކަމުގައި ވިޔަސް ފަނޑިޔާރުގޭގެ މިނިވަންކަން ދެމެހެއްޓޭނެ ގޮތަކަށް ނޫން. އަޅުގަނޑު ގަބޫލެއް ނުކުރަން ޖޭއެސްސީ އެކުލަވާލެވިފައި އެއޮތީކީ އެންމެ އެކަށީގެންވާ ގޮތަކަށް އޮތް މޮޑެލްއަކަށް ކަމަކަށް،" މަޖިލީހުގެ ކޮމެޓީއެއްގައި ވާހަކަ ދައްކަވަމުން 2013 ގައި އާޒިމާ ވިދާޅުވެފައިވެ އެވެ.

ޖޭއެސްސީ އެކުލެވިފައިވާ ގޮތާ ބެހޭ ގޮތުން އދ. އާއި ބައިނަލްއަގްވާމީ އެކި ފަރާތްތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ފަރާތްތަކުން ވެސް ފާހަގަކުރާ އެންމެ ބޮޑު މައްސަލައަކީ ޝަރުއީ ދާއިރާއާ ގުޅުން ނެތް މީހުންނާއި ސިޔާސީ މީހުން ޖޭއެސްސީގައި ތިބުމެވެ.

"މިއީ ވަރަށް އާދަޔާ ޚިލާފް ކަމެއް. ދިހަ މެމްބަރުން ތިއްބަވާއިރު ހަތް ބޭފުޅުންނަކީ ޝަރުއީ ދާއިރާއާ ގުޅުން ނެތް ބޭފުޅުން. މި މައްސަލައާ މެދު ސީރިއަސްކޮށް ވިސްނަންވެއްޖެ،" ރާއްޖޭގެ ޝަރުއީ ދާއިރާއާ ބެހޭ ގޮތުން 2011 ގައި ހެދި ދިރާސާއަކަށް ފަހު އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓް (އައިސީޖޭ) ގެ އޭޝިއާ ޕެސިފިކް ޑައިރެކްޓާ ރޮޖާ ނޯމަން ވިދާޅުވެފައިވެ އެވެ.

ޖޭއެސްސީ މިހާރު އޮތް ގޮތާ މެދު އެ ކޮމިޝަންގެ މެމްބަރުންނަށް ފާޑު ކިޔާނެ ޖާގައެއް ނެތެވެ. އެއީ ގާނޫނުއަސާސީ އާއި ޖޭއެސްސީގެ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތެވެ. އެކަން ބަދަލުކުރެވެން އޮތީ ގާނޫނުއަސާސީ އިސްލާހުކޮށްގެންނެވެ. އެއީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް އޮތް ބާރެކެވެ. އެކަމަކު އެފަދަ މަސައްކަތަކަށް މަޖިލީހުން އިސްނަގާފައެއް ނުވެ އެވެ.

ސިޔާސީ ފަރާތްތަކުގެ ތެރެއިން ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް އެންމެ ބޮޑަށް ފާޑުކިޔަނީ އިދިކޮޅު އެމްޑީޕީ އެވެ. އެކަމަކު ގާނޫނުއަސާސީ އިސްލާހުކޮށްގެން ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުރަން އެ ޕާޓީން ވެސް މާ ބޮޑު މަސައްކަތެއް ކުރާ ތަނެއް ނުފެނެ އެވެ. އެ ޕާޓީ ވެރިކަމުގައި އޮތްއިރު ވެސް އަދި އާ ގާނޫނުއަސާސީގެ ފަހުން އިންތިހާބުކުރި ދެ ވަނަ ރައްޔިތުންގެ މަޖިލިހުގެ ދައުރު ދެ ބައި ވީއިރު ވެސް އެފަދަ އިސްލާހެއް މަޖިލީހަކަށް ހުށައެއް ނާޅަ އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރެވެން އޮތީ މަޖިލިހުގެ ތެރެއިން ސިޔާސީ ބޭފުޅުންނަށެވެ. އެކަމަކު ޖޭއެސްސީގެ އަޣުލަބިއްޔަތު އަބަދުވެސް ދާނީ އެވަގުތަކު މަޖިލިސް ކޮންޓްރޯލްކުރާ ޕާޓީއެއްގެ އަތްމައްޗަށް ކަމަށް ވާތީ އެއްވެސް ޕާޓީއަކުން އެ އިސްލާހު ގެންނަން ބޭނުންވެގެން އުޅޭ މަންޒަރެއް ނުފެނެ އެވެ. ސިޔާސީ މީހުންގެ މަގްސަދަކީ އެއީ ކަމަށްވާ ނަމަ ކޮންމެ ސަރުކާރެއް އޮތަސް އަދި ކޮންމެ ބަޔަކު ވެެރިކަމުގައި ތިއްބަސް ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތެއް ނޯންނާނެ އެވެ.

12 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 79%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑީނިއޯ

21 September 2016

މިރާއްޖޭގައި އޮތް ބޮޑު މައްސަލަ އަދި ކިރިޔާ މިއެނގުނީ..ހިތާމައަކީ އެއްވެސް ބަޔަކު އިސްލާހުކުރަން މަސައްކަތްކުރި ވާހަކައެއް ނުފެނުނީމަ..

The name is already taken The name is available. Register?

ޒަބީބު

21 September 2016

ޖުޑިޝަލް ސާރވީސް ކޮމިޝަން އޮންނާކަށްނުޖެހެއެވެ. މިނިސްޓްރީ އޮފް ޖަސްޓިސް އުފައްދައި ހުރިހާ ކޯތުތަކުގެ އިދާރީކަންތައްތަކާއި އުމްރާނީ ކަންކަން ހަވާލުކޮށް އަދި ހުރިހާ ގެޒެޓްތައް ޝާއިޢުކުރުމާއި މިފަދަ ކަންކަން ހަވާލުކުރަންވީއެވެ. ފަނޑިޔާރުން ޤާޟީން މެޖިސްޓްޜޭޓުން ގެ ސުލޫކީ މައްސަލަ ބަލާ މުސްތަޤިއްލު ކޮމެޓީއެއް އުފައްދައި އެ ކޮމެޓީގެ މަސައކަތަކީ ހަމަ އެކަނި ސުލޫކީ ކަންތައް ބަލައި ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމެވެ. މިގޮތަށް ތިކަންތައްވީމަ ތަންކޮޅެއް ރަނގަޅުވާނެއެވެ. މިހާރު ސުޕްރީމް ކޯޓުން މިހުރިހާ ދައުރެއް އަދާކުރެއެވެ. އަދި ގަވާއިދުތައްވެސް ހަދައެވެ. މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ.

The name is already taken The name is available. Register?

ދިވެއްސެއް

21 September 2016

ޖުޑީޝަރީ އާއި މިނިވަން މުވައްސަސާ ތައް އެކުލަވާލުމުގައި އަމަލުކުރެވެމުންދާ ގޮތަކީ ފެށުނީއްސުރެވެސް ރަގަޅު ގޮތެއްނޫން. އެހެންނަމަވެސް އެގޮތް ބަދަލުކުރުމަކައް އެއްވެސް ސިޔާސީ ޕާރޓީ އަކުންމަސައްކަތް ކުރިތަނެތް ނެތް ފެނިފައި. މިނވަން މުވައްސަސާތަށް އެކުލަވާލެވެން ޖެހޭނީ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑުގޮތަކަށް. މިސާލަކައް ބުނާނަމަ ޖުޑިޝަލް ކޮމިޝަން އެކުލެވިގެންވާވީ ، ރައްޔިތުން މަޖްލިސްގައި ރައްޔިތުން ތަމްސީލް ކުރާ ކޮންމެ ސިޔާސީ ޕާރޓީ އަކުން އެކަކު، އެއްވެސް ޕާރޓީ އެއްގެ މެމްބަރަކައް ނުވާ (ދުވަހަކުވެސް)އާއްމުންގެ ތެރެއިން އެކަކު، ސްޕްރީމް ކޯރޓް ގެ އެއް ފަނޑިޔާރު، ހައިކޯޓްގެ އެއް ފަނޑިޔާރު، އަދި ރާއްޖޭގެ ކޯރޓް ތަކުގައިވަކާލާތު ކުރާ ވަކީލުން ގެ ހޮވޭ އެއްވެސް ޕާރޓީ އެއްގެ އެއްވެސް އިރަކު ރަޖީސްޓްރީ ވެފައި ނުވާ ވަކީލެއް. މިނަވަން މުވައްސަސާތަކާ ކޮމިޝަން ތަކައް މީހުން އައްޔަނު ކުރާއިރު މިކަހަލަ ގޮތަކައް އަމަލުކޮއްފިނަމަ މިހާރަށް ވުރެން ރަގަޅުވާނެ ހެން ހީވޭ.

The name is already taken The name is available. Register?

މުހައްމަދު

21 September 2016

ދައުލަތުގެ އެއްވެސް ކަމެއްގައި އެ މަސައްކަތް ކުރާ ބަޔަކު އެބަޔެއްގެ އަމިއްލަ ކަންކަމުގައި ގޮތް ކިޔައި ފާޑުކިޔައި ނިންމުންތައް ނިންމަން ދޫކޮށްލެވިފައި އޮތުމަކީ ކަންކަން ބޮއްސުންލައިގެންދާނެ ކަމެކެވެ. ޖުޑީޝަލް ކައުންސިލެކޭ އެއްފަދަ އެހެން ތަންތަންވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި މީޑިއާ ރެގިއުލޭޓްކުރުމަށް ހަދާފައިވާ ކައުންސިލުތަކާއި ކޮމިޝަންތަކާއި މިނޫންވެސް މިފަދަ ތަންތަން އެބަހުއްޓެވެ. އެތަންތަން އަލުން ބަލުން ބަލައި އިޞްލާޙުކޮށްގެން ނޫނީ ރަނގަޅު ނަތީޖާއެއް ނުނުކުންނާނެއެވެ.

The name is already taken The name is available. Register?

އައްޑޫ ރަދުން

21 September 2016

"މިހާރު"އިން މިކަހަލަ އާޓިކަލްތައް ގެނެސްދޭތީ ވަރަށްވެސް އުފާކުރަން.އެކަމު ރާއްޖޭގެ ސަރުކާރާ ، މަޖްލިސް އަދި ދެންވެސް ހުރި މިނިވަން މުއައްސަސާތަކާއި މިމުއައްސަސާ ތަކުގެ ބެލެނިވެރިކަމުގެ ދަށުގައި ތިބި ތަންތަނުގެ މިސާލަކީ އެއްމަސްހުނި ގަނޑަކުން އެކި ޑިޒައިން ޑިޒައިނަށް ހަދާފަހުރި ހެދިކާތަކެއްގެ މިސާލު.ބޭރުން ތަފާތުކަމަށް ދެއްކިއަސް އެތެރޭގަ ހުރީ ހަމަ އެކައްޗެ.....

The name is already taken The name is available. Register?

ސިޔާސީ

21 September 2016

އެއްވެސް ވަރެއްގެ ސަރުކާރުގެ ނުފޫޒެއް ނުވެއްދޭ ގޮތައް އޮތް ތަނަކީ އެފް އޭ އެމް. ކޮއްމެ ދެމަހަކުން އިންތިޚާބެއް. އެތާގެ ރައީސް މަސައްކަތް ކުރަން ޖެހެނީ ބޯލްބޯއިން ނުވަތަ ދަނޑަށް ފެންދޭމީހާބުނާގޮތައް. ތަސައްރަފު ފުދޭ މީހަކު އޮޅިގެން ނަމަވެސް އެތަނަށް ދެވިއްޖެނަމަ އެމީހަކުވާނީ މޮޔައަކަށް.

The name is already taken The name is available. Register?

ެސައްޕޭ މަނިކުފާނު

21 September 2016

އަލުގަޑަށް ފެންނަނީ ޖޭ އެސް ސީ އުވާލާ ދަށު ކޯޓާ ހައިކޯޓްގެ ފަނޑިޔާރުން އައްޔަނު ކުރުމުގެ ބާރަކާ ސްޕްރީމް ކޯޓުގެ ފަންޑިޔާރުންގެ ބެންޗަކުން ކުރާ ގޮތަށް ހަމަ ޖެއްސުން. ސްޕްރީމް ކޯޓު ފަނޑިޔާރުންގެ ބެންޗް އެކުލަވާ ލުމުގައި ދަށުކޯޓުގައި ވަކި މުއްދަތެއްގައި ފަނޑިޔާރުކަން ކޮށް ދީނީ އިލްމް ލިބިފައި ތިބި ފަނޑިޔާރުން ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ މަޖިލީހަކުން މަޖިލީހަކުން ކުރާ ކަމެއްގެ ގޮތުގައި ހަމަޖެއްސުން. ސިޔާސީ މީހުންގެ އުދުޅި ނުބޭނޭ ގޮތަކަށް ސަރުއީ ދާއިރާ އޮންނަން ވެއްޖެ. ސިޔާސީ މީހުންގެ ސަބަބުން އެކި އެކި މުއައްސަސާތައް ފެއިލްވަމުން މިހިރަ ދަނީ. ރަގަޅު މިސާލެއް< އެފް އެމް އަކީ

The name is already taken The name is available. Register?

ސަރުކާނު

21 September 2016

ފޯމޭޝަން އޮންނަންވި ގޮތް ނުވަތަ ބަރާބަރު ޤައުމުތަކުގެ މިސާލެއް ލިޔެލެއްވިނަމަ، ވަރަށް ރަގަޅުވީސް. ދެން ދާދި ފަހުން މިދާކަސް ދުވަހު އެމެރިކާގެ ކޯޓަކަސް އޮބާމާ ފޮނުއްވި ނަންފުލެއް ފާސް ނުވެގެން އުޅުނު ވާހަކަވެސް އަަޑު އެހިން އެއީ އެބޭފުޅާގެ ޕާޓިގެ އަތްމައޗަކުނޫން މިވަގުތު މަޖިލިސްގެ އަޣްލަބިޔަތު އޮތީކީ. އެހެންވީމާ އެމެރިކާގެ ސިސްޓަމްވެސް ރަގަޅުނޫނީ ތޯ؟

The name is already taken The name is available. Register?

މެންޓަލިސްޓް

21 September 2016

ގާނޫންއަސާސީ އޮތްގޮތުން މަޖިލިސްގެ މެޖޯރިޓީވެރިަކަންކުރާ ޕާޓީއަށް ލިބިއްޖެނަމަ އޮޓޮމެޓިކުން އެވެރިޔަކު ވާނެ ޑިކްޓޭޓަރަކަށް ،، 3 ބާރުދާނީ އެއްވެގެން ،،، އެހެންވީމާ ގާނޫންއަސާސީ ހެދިބައެއްގެ ޒިންމާމިކަކުގައި ވަރަށް ބޮޑު ، ރަގަޅަށް ބުއްދީގެ ބޭނުންހިފިނަަމަ ޖޭއެއެސްސީ މިނިވަންވެ އެހެންތަންތަން ވެސް މިނިވަންވާނޭ އުސޫލެއްގާއިމް ކުރެވުނީސް ،، ވީމާ މިކަމުގައި އޭރުގެ ގާނޫންހެދި މިޖިލިސްގެ މުގައްރިރު އިބްރާހިމް އިސްމާއިލް އާއި ،، އޭރުގެ ރައީސް ގާސިމްއިބްރާހިންގެ ބަހެއްއެބަ ބޭނުންވޭ ،،،

The name is already taken The name is available. Register?

އެމްސް

21 September 2016

ޖޭއެސްސީ ސިޔާސީ ވެފަ، ކޯޓްތަކާއި/ފަނޑިޔާރުން ސިޔާސީވެފަ ތިބުމީ ސަރުކާރެއް ދެމި އޮތުމަށް ވަރަށް ބޭނުންތެރި ކަމެއް

The name is already taken The name is available. Register?

އެމްސް

21 September 2016

މިއީ ސަރުކާރުން ސަރުކާރު ދަމަހައްޓަން ކުރާ މަސައްކަތްތައް ތެރެއިން ވާކަމެއް!

The name is already taken The name is available. Register?

އަލީ

21 September 2016

ރަގަޅުގޮތަކީ ރައްޔިތުންގެ ތާއީދުނެއް ސަރުކާރެއް ދެމިއޮތުމައް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454