ހިންމަފުށީ ބަނދަރުގައި އޮތް ލޯންޗަކަށް މީހުން އަރުވަނީ. ލައިފް ޖެކެޓް އަޅަން ލާޒިމް ކުރަން މަޖިލިހަށް ވަނީ ގަރާރެއް ހުށަހަޅާފައި.- ފޮޓޯ: ފޮޓޯ: ނިޝާން އަލީ/ މިހާރު
04 ސެޕްޓެމްބަރ 2019 - 11:14
ކަނޑު ދަތުރުތައް ކުރާ އިރު، ލައިފް ޖެކެޓް އަޅައިގެން ތިބުން ލާޒިމް ކުރުމަށް ގޮވާލާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، ރައްޔިތުންގެ މަޖިލިހަށް މިއަދު ގަރާރެއް ހުށަހަޅުއްވައިފި އެވެ.
ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަން ކުރައްވާ އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރުގައި ބުނީ ކަނޑުދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެހެން ދޭން ޖެހޭ ސަމާލުކަން ނުދިނުމުގެ ސަބަބުން ރާއްޖޭގައި ހިނގަމުންދާ ހިތާމަވެރި ހާދިސާތައް މަދު ކުރަން ޖެހޭ ކަމަށެވެ. އަދި ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ހަރުދަނާ ކުރަން ޖެހޭ ކަމަށް ގަރާރުގައިވެ އެވެ.
އާދަމް ޝަރީފް، އެފަދަ ގަރާރެއް ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހު 10 މީހުންނާ އެކީގައި ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދު އަށް ދަތުރު ކުރި "ސްޕީޑް" ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ފަސް ދިވެއްސަކު މަރުވެފައި ވަނިކޮށެވެ. އެ ހާދިސާގައި ހަނި ގޮތަކަށް ފަސް މީހަކު ސަލާމަތްވި އެވެ. މަރުވި މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ ހަތަރުމީހުން ވެސް ހިމެނެ އެވެ.
ގަރާރުގައި ވަނީ ރައްޔިތުން އެއް ރަށުން، އަނެއް ރަށަށް ދަތުރުފަތުރު ކުރުމުގައި ބޭނުން ކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރި ކަމަށް ބަލަންވާ ވަރަށް ނުބަލާ ދަތުރުފަތުރު ކުރުމުގެ ސަބަބުންނާއި ކަމާބެހޭ ފަރާތްތަކުގެ ލަފާ އާއި އިންޒާރަށް ބެލުމެއް ނެތި ދަތުރުފަތުރު ކުރުމުގެ ސަބަބުން މީހުންގެ ފުރާނަ ގެއްލި މުދަލާއި އުޅަނދުފަހަރު ޣަރަވުން ފަދަ ހިތާމަވެރި ކަންކަން ރާއްޖޭގައި ހިނގަމުންދާ ކަމަށެވެ.
އެހެންވެ، ގަރާރުގައި އެދިފައި ވަނީ ކަނޑު ދަތުރު ކުރުމުގައި ސަމާލުކަން ދޭން ޖެހޭ ކަންކަމާއި މީހުންގެ މުދަލާއި ފުރާނަ ސަލާމަތް ކުރުމަށް ރައްކާތެރިވުމުގެ ގޮތުން އޮޑިވެރިންނާއި ކެޔޮޅުންނާއި ކައްޕިތާނުންނާއި ކަލާސީންނާއި ދަތުރު ކުރާ މީހުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަން ކަށަވަރު ކުރުމަށް ދައުލަތުގެ ކަމާ ބެހޭ ހުރިހާ މުއައްސަސާތަކުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން އެދިފަ އެވެ.
މީގެއިތުރުން ކަނޑު ދަތުރުފަތުރު ކުރުމާ ބެހޭ ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް އަމަލު ކުރުމަށާއި ދަތުރު ކުރާ އިރު، އަބަދުވެސް ލައިފްޖެކެޓް އެޅުމަށް ލާޒިމް ކުރުމަށާއި ރީނދޫ އިންޒާރު ނެރެފައި ވަނިކޮށް، ދަތުރު ނުކުރުމަށާއި އަބަދުވެސް ލައިފް ޖެކެޓް އެޅުމަށް ލާޒިމް ކުރުމަށް ގަރާރުގައި އެދިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަދު
04 September 2019
އެންމެ ބޮޑަށް ލައިފް ޖެކެޓް އަލަން ދަސްކޮށްދެނީ މަތިންދާބޯޓުގައި. މިހާތަނަކަށް ނެތް ބޯޓެއް ވެއްޓިގެން ލައިފްޖެކެޓުން މީހުން ސަލާމަތް ވެފަކާ އެއް.
ދަންނަމީހާ
04 September 2019
ލައިފް ޖެކެޓް އަޅައިގެން ތިއްބާ އުޅަނދު ބަންޑުން ޖަހާލައި އެ އުޅަދުގެ ދަށުވެއްޖެ ނަމަ ، އެއުޅަދުގެ ދަށުން މީހުނަށް ނިކުމެވޭނެބާ..! ވިސްނާލުން ރަގަޅު ކަމެއް ކަމުގައި ދެކެން..!
ތުނިޔަ
04 September 2019
މަރުޙަބާ! ވަރަށް ރަނގަޅުކަމެއް!
ކޮކއޭ
04 September 2019
ލައިފް ޖެކެޓް އަޅައިގެންވެސް ގެގަނޑުތެރޭ ތާށިވީމާ
ބަބޫ
04 September 2019
ލޯންޗްތަކުގައި އަޅާ ލައިފްޖެކެޓް ތަކަކީ އޭގައި އިންނަ ވާގަނޑަކަށް ދަމަލީމަ އޭގައި ހަރުކޮއްފައި އިންނަ ގޭސްފުޅިއަކުން އެޔަށް ވައިޖެހޭ އެއްޗެއް. އެހެންވީމަ ބަންޑުން ޖަހާލިޔަސް އަދި ލައިފް ޖެކެޓް ނުފުފޭނެ. ގެގަނޑުން ނުކުމެ ދަމާލީމަ ވައިޖެހޭނީ. އަދި ފުޅިމަދު ޖެކެޓުތަކަކީ އަސްލު ލައިފް ޖެކެޓެއްނޫން. ލައިފް ޖެކެޓުގެ ބޭނުމަކީ އަނިޔާވެފައު ނޫނީ ވަރުބަލިވެފައި އޮންނަ މީހާވެސް ބޯ ފެނުން ހިއްކާލެވިފައި އޮންނަގޮތަށް ފަރުމާކޮށްފައި ހުންނަ އެއްޗެހި.
ބަނޑުންބެ
04 September 2019
ގެގަނޑެއް، ބަދިގެގަނޑެއް، ކަމަރާއެއް، ކުނބެއް ފަރުމާނެއް ނޭނގޭ އަދި ބޯޓެއްގަ ދުވަހަކު ދަތުރުނުކުރާ، ކަށިނޫ ކުދިން ލައްވައި ގާނޫނާއިި ގަވާއިދު ތައް ހަދަން ދޫކޮށްލީމާ އެވަރު ކަމެއް ހިނގާފާނެ ދެއްތޯ!
ގާބޯ
04 September 2019
ޖެކެޓް އަޅައިގެން ހުރުމުން މަތީގަ ތަތްވެ ނިކުންނަން މާ އުދަގޫ ވާނެކަން ހަނދުމަ ބަހައްޓައްޗޭ.
ހިންނަވަރުގެ ތަރި
04 September 2019
ފާސްކުރިޔަސް މި އުޅޭ މީހުން ތިކަމެއް ނުކުރާނެ. ތިއީ، ބޭކާރު މަސައްކަތެއް. މެމްބަރުން ކުރާނެ މަސައްކަތެއް ނެތީޔާ ތިޔަތާގެ ތިބެގެން ރައްޔިތުންގެ ފައިސާ ނަގައިގެން ކޮސް ނުގޮވާ އަވަހަށް ގެއަށްދޭ.
ބަރުބޯ
04 September 2019
މަސްވެރިންވެސް އަޅަން ޖެހުނީތޭ....
ރަދީފު ބިންތު ކުމާރު ބިންތު މަރޭ
04 September 2019
އިމާރާތްތައް ބޮލަށްވެއްޓޭ ގަރާރު ކޮންއިރަކުންބާ މަޖުލީހަށް ލަނީ؟