ގައުމީ ގަދަ ދިހެއްގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ދަރިވަރުން.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
12 ސެޕްޓެމްބަރ 2019 - 23:07
ތައުލީމީ ނިޒާމަށް ހެޔޮ ބަދަލެއް ގެންނަން ކުރަންވީ ކަމަކީ މޮޅެތި ޓީޗަރުން ތިބޭ ތަނަކަށް ހެދުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ވިދާޅުވެއްޖެ އެވެ.
މިިދިޔަ އަހަރު އޯ ލެވެލް ހެދި ދަރިވަރުންގެ ތެރެއިން، ގައުމީ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޓީޗަރުންނާއި ދަރިވަރުންނަކީ ވައްބުރެއްގައި ދައުރުވާ ބައެއް ކަމަށެވެ. މޮޅެތި ޓީޗަރުން ކިޔަވައިދޭ ނަމަ ދަރިވަރުން މޮޅުވާނެ ކަމަށާއި ސްކޫލުތައް ނިންމާ ދަރިވަރުންގެ ތެރެއިން މޮޅެތި ދަރިވަރުން ޓީޗަރުކަން ކިޔަވަން ބޭނުންވާނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދަރިވަރު، ފެންވަރު ރަނގަޅު ޓީޗަރަކާއެކު ދެތިން އަހަރު ހޭދަކޮށްފި ނަމަ އެކަމުގެ ހެޔޮ އަސަރު އެ ދަރިވަރުގެ މުޅި އުމުރަށް ކުރާނެ ކަމަށެވެ. އެހެންކަމުން އެދެވޭ ބޮޑު ބަދަލެއް ގެންނަން ބޭނުންވާ ނަމަ އެންމެ މުހިއްމު ކަމަކީ އެ ދާއިރާގައި ފެންވަރު ރަނގަޅު ޓީޗަރުން ތިބުންކަން ފާހަގަކުރެއްވި އެވެ.
ފެންވަރު ދަށް ޓީޗަރުން ކިޔަވައިދިނުމުން ދަރިވަރުންގެ ހަގީގީ ފެންވަރަށް ނާދެވުމުގެ އިތުރުން ޓީޗަރުން ދެކެ ވެސް ފޫހިވެދާނެ ކަމަށް ވިދާޅުވި އެވެ. އެއާ ހިލާފަށް މޮޅެތި ޓީޗަރުން ކިޔަވައިދޭ ނަމަ ދަރިވަރުން މޮޅުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި ދެންނެވި ނުރައްކާތެރި ބުރު ބުރިކޮށްލެވޭނީ އަޅުގަނޑުމެންނަށް. އެއީ މަދަރުސީ ނިޒާމުގެ ބޮޑުކަމާއި ބުރަހެލި ކަމާއި މަދަރުސާ ނިންމާ މޮޅެތި ކުދިން މުދައްރިސް ކަމަށް ކުރިމަތިނުލާ ސަބަބުތައް ގިނަކަމުން. މިއީ ރާއްޖޭގެ ތައުލީމަށް ރޯޝަނީ އާ ދައުރެއް ގެނައުމަށް ކުރަންޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ގައުމީ ގަދަ ދިހެއްގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަދައްކަވަނީ .-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
އޭނާ ވިދާޅުވީ މަދަރުސާތަކުގެ ނަތީޖާ މިހާރަށްވުރެ ދެ ގުނަ ކުރެވޭނެ ކަމަށެވެ. އެކަމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާނީ ޓީޗަރުންކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކުރެވޭނެ އެންމެ މުހިއްމު ކަމަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި ހިކުމަތްތެރި، މުރާލި ސިއްހަތު ރަނގަޅު ޖީލެއް ބިނާކުރުމެވެ. އެފަދަ ބަޔަކު އުފެއްދޭނީ އެ ސިފަތައް ހުރި ޓީޗަރުންނަށް އޮންނަ ހުރުމަތް މަތިކޮށް މޮޅު ދަރިވަރުން ޓީޗަރުންނަށް ވާން އިނާޔާތް ދީ އަބުރުވެރިކަމާއެކު އުޅެވޭނެ އާމްދަނީއެއް ދީގެން ކަމަށް ވިދާޅުވި އެވެ.
ދިވެހިންނަކީ ޓީޗަރުންނަށް ވަރަށް ބޮޑަށް އިހުތިރާމްކުރި ބައެއް ކަމަށާއި ނަމަވެސް މި މުހިއްމު މަސައްކަތަށް މިހާރު ދޭންޖެހޭ ގަދަރު މިހާރު ވަނީ ކުޑަވެފައި ކަމަށް ވިދާޅުވި އެވެ. އެކަމުގެ ނަތީޖާއަކީ މޮޅެތި ދަރިވަރުން ޓީޗަރުކަމަށް ކުރިމަތިނުލުން ކަމަށް ވިދާޅުވި އެވެ. އެހެންވެ މިނިސްޓަރު ވަނީ މިރޭ ރަންވަނަ ހޯދި ދަރިވަރުން ތައުލީމީ ދާއިރާއިން ކުރިއަށް ދިއުމަށް އެދިވަޑައިގެންފަ އެވެ.
މިދިޔަ އަހަރު 6،000 އަށްވުރެ ގިނަ ދަރިވަރުން އޯ ލެވެލް އިމްތިހާނު ހެދިއިރު އޭގެ ތެރެއިން 404 ދަރިވަރުން ވަނީ ގައުމީ ގަދަ 10 ގައި ހިމެނިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަކިއްޔާ އިބުރާހިމް
15 September 2019
ކަމަނާ ތިހެން ވިދާޅުވާއިރު ރާއްޖެތެރޭގައި ކިޔަވާދޭ ސުކޫލްތަކުގައި ކިޔަވައިދޭން ގާބިލު ދިވެހި ޓީޗަރުންތިބިތޯ ބައްލަވާލެއްވިންތޯ؟އަހަރު ނިމިގެންދާއިރުވެސް ވަގުތީ ޓީޗަރުން.އާދޭސް ކޮށްފަބުނަން ކޮލަމަފުށީގެ ސުކޫލުގެ ހާލަތު ބައްލަވާލެއްވުމަށް ވަޑައިގެން ދެއްވާށޭ.
ޢަހުސިމް.
14 September 2019
ޔާމީންއަކީވެސް މުރާލި އަދި ހިކުމަތްތެރި މީހެއް. ޜަނގަޅު ޚުލްގުނެތިއްޔާ ކީއްކުރާ މީހެއް.
ޢަލީބެ
14 September 2019
ހަމައެކަނި މުރާލިވެފަ ހިކުމަތްތެރި ވުމަށްވުރެ ރިވެތި އަޚުލާގުވެސް މާމުހިއްމު މިނިސްޓަރޫ. ޖާބިރަކީވެސް މުރާލި މީހެއް.
ބާލައާދަނު
13 September 2019
ތައުލީމީ ދާއިރާއަށް އިރެއްގައި މީހުން ޝައުގުވެރި ވިޔަސް މިހާރު ޝައުގުވެރި ނުވަނީ އިހުގައި ލިބުނު އިހުތިރާމާއި ކުރަންޖެހޭ މަސައްކަތާ އެކަށީގެންވާ އުޖުރައެއް ނުލިބޭތީ. މިހާރު ދަރިވަރަކު ކޮންމެ ފަދަ ނުލަފާކަމެއް ކުރިޔަސް އެ ކުދިންނަށް އެޅޭނެ ފިޔަވަޅެއް ނެތް. މުގައްރަރު ކަމުނުދާތީ ގެނައި އެއްޗަކީ ހަމަ ކުރިން އޮތް އެތި އެހެން އިބާރާތަކުން ލިޔެގެން ގެނައީ. އެ ތައްޔާރު ކުރުމުގައި މި މާހައުލުގައި ހުރި މައްސަލަތައް ދިރާސާ ކޮށް އެއަށް ހައްލެއް ހޯދާފަ ނެތް
ޓާޓާ
13 September 2019
ޓީޗަރުން ކުދިންނަށް/ ޤައުމަށްޓަކާ ހަނާވަނީ އެކަމަކު އަގުވަޒަނަކުރާ މީހަކުނެތް.
ޒާރީ
13 September 2019
ޢެހެން ވެގެންތޯ ޓީޗަރުން އަގުވައްޓަން ބެލެނިވެރިންނާ ދަރިވަރުން ކުރިމަތީގަ ލޯބީގެ ލަވަޔަށް ނައްޓުވައިގެން ފައިސާ ހޯދަނީ.
ނަޖްވާ
13 September 2019
ޓީޗަރުންގެ ކޮން ފެންވަރެއްހޭ ހުންނާނީ ފޮތެއް އެއްޗެއް ކިޔާލާ ޓީޗަރެއް ނޫޅޭނެ ހާހުން އެކަކުވެސް! ގިނަވާނީ ސަލަފީ ވިސްނުމުގެ ޓީޗަރުން! ހެދުން އަޅާފަ ހުންނަ ގޮތުންވެސް އެނގޭނެ! އެ ބުނިއްޔޭ އިސްކަންދަރު އިސްކޫލުގަވެސް މިޔުޒިކު ޓީޗަރަށް އެނަންވެސް ނުގަންނަންވެގެން ކިޔަނީ ޑްރާމާ ޓީޗަރޯ! ދެން ވިސްނާ ފިކުރު ކުރޭ ކުދިންގެ ފެންވަރު ހުންނާނެ ވަރު! މީ އަދި ރާއްޖޭގެ ސަރުކާރުގެ ބޮޑު ސްކޫލެއްގެ ވާހަކަ މި ދައްކަނީ!
އިހުސާނާ
13 September 2019
ޓީޗަރުކަން ކިޔަވަނީވެސް މީޑިއޮކަރ އިސްޓޫޑަންޓުން! ނޫނީ ގިނަ ފަހަރަށް ފޭލިޔަރުން! އެކަން އެނގޭނެ ގިނަ އިސްކޫލު ޓީޗަރުންގެ ޕްރޮފައިލް ބަލާލީމަ! ކުދިން ކުރާ ސުވާލަށް ޖަވާބު ދޭން ނޭނގޭ ގިނަ ޓީޗަރުންނަށް! ހަމަ އަށް އިނގިރޭސިބަސް ކީއްކުރަން ދިވެހިބަހުންވެސް ވާހަކަ ދައްކަން ނޭނގޭ! ދެން ހީކޮށްލާ ކުދިންގެ ފެންވަރާ ދޭތެރޭ! ރާއްޖޭގަވެސް މޮޅެތި ޓީޗަރުން އުފެދުނު ކަމަށްވޭ! އެއީ ތަރައްޤީވެފައިވާ ޤައުމުތަކުން ތަމްރީނު ލިބިގެން އައިސްތިބި ޓީޗަރުން!
ނީރާ
13 September 2019
ތަޢުލީމީދާއިރާގައި ޙައްލުކުރަންޖެހިފައިވާ ހުރިހާ ކަމެއްގެ ޙައްލު 1.ޑިޕލޮމާ ޓީޗަރެއްގެ ބޭސިކްސެލަރީއަކީ 10000ރުފިޔާ އަދި ސެޓްފިކެތްއެލަވަންސް 2500ރުފިޔާ 2.ޑިގްރީ ޓީޗަރެއްގެ ބޭސިކްސެލަރީއަކީ 15000ރުފިޔާ އަދި ސެޓްފިކެޓް އެލަވަންސް 5000ރުފިޔާ 3. މާޓަރސް ޓީޗަރުންގެ ބޭސިކްސެލަރީ 18000ރުފިޔާ، ސެޓްފިކެޓް އެލަވަންސް 7500ރުފިޔާ 4.ޕީ އެޗް ޑީ ޓީޗަރެއްގެ ބޭސިކްސެލަރީ 25000ރުފިޔާ ސެޓްފިކެޓް އެލަވަންސް 10000ރުފިޔާ. ވާހަކަ މަދުކޮށް ޢަމަލުން ޙައްލުކުރަމާ ހިނގާ
ޖޯކެ
13 September 2019
ގާޒީންނާ ނުކިޔަވާ އެމްޕީންނަށް މަހަކު 1000000 ދިނުން މާ މުހިއްމު