މިދިޔަ އަހަރު އޯ ލެވެލްގެ ގަދަ ދިހެއްގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
12 ސެޕްޓެމްބަރ 2019 - 22:09
ކުރިއަށްދާނެ ދާއިރާ އިހުތިޔާރުކުރުމުގައި މަޖުބޫރުނުކޮށް ދަރިވަރުން ޝައުގުވެރިކަން ހުރި ކަމަކުން ކުރިއަށްދިއުމަށް ހިތްވަރުދީ މަގުފަހިކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އެދިވަޑައިގެންފި އެވެ.
މިިދިޔަ އަހަރު އޯ ލެވެލް ހެދި ދަރިވަރުންގެ ތެރެއިން، ގައުމީ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދަރިވަރުން ކުރިއަށްދާނެ ރޮނގެއް އިހުތިޔާރު ކުރާއިރު ހަމައެކަނި ބަލަންވީ މަންމަ ނުވަތަ ބައްޕަގެ ހުވަފެން ހަގީގަތަކަށް ހެދޭތޯ ނޫން ކަމަށެވެ. އޭގެ ބަދަލުގައި ބަލަންވީ ތިމާގެ ދަރިފުޅު ކުރަން އުއްމީދުކުރަނީ ކޮން ކަމެއްތޯ އަދި ގާބިލްކަން ހުރީ ކޮން ދާއިރާއަކުންތޯ ކަމަށް ރައީސް ވިދާޅުވި އެވެ.
އެކަންތައް ބެލުމަށްފަހު ބެލެނިވެރިންގެ ދައުރަކަށް ވާންވީ ދަރިވަރުންނަށް ހިތްވަރުދީ މަގުފަހިކޮށްދިނުން ކަމަށާއި އާއިލާއަށާއި ގައުމަށް ލިބޭ ފައިދާ ވެސް ބޮޑުވާނީ އޭރުން ކަމަށް ވިދާޅުވި އެވެ. އޭގެ ސަބަބުން ދަރިވަރުންގެ ކުރިމަގު ވެސް އުޖާލާވެގެންދާނެކަން ފާހަގަކުރެއްވި އެވެ.
މިދިޔަ އަހަރު އޯ ލެވެލްގެ ގަދަ ދިހެއްގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ރައީސް ވިދާޅުވީ ތައުލީމީ ދާއިރާ ހަރުދަނާކުރަން ކުރަންޖެހޭ މަސައްކަތް ވަރަށް ގިނަ ކަމަށެވެ. އުމްރާނީގޮތުންނާއި ވަސީލަތުގެ ގޮތުން ސްކޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ވިދާޅުވި އެވެ. އިމްތިޚާނުތަކުން ދަރިވަރުން ހޯދާ މަތީ ނަތީޖާތަކުން އަންގައިދޭ އެއް ކަމަކީ، ރައީސް ވިދާޅުވި ގޮތުގައި، އެ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރުންގެ ބުރަ މަސައްކަތެވެ.
އެހެންކަމުން ފެންވަރު ރަނގަޅު ތައުލީމެއްގެ ބިންގަލަކީ ފެންވަރު ރަނގަޅު ޓީޗަރުންކަމަށާއި އެކަމަށް ވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
ރާއްޖެ އަށް ޕްރައިމަރީ ޓީޗަރުން ނުލިބޭ މައްސަލައަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އެކަމަށް އަވަސް ހައްލެއް ބޭނުންވާ ކަމަށެވެ. އެކަންކަން ފުރިހަމަކޮށް ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމަށް ވިދާޅުވި އެވެ. އޭރުން އެ ބަދަލުތައް އައުމުން ދަރިވަރުން ހޯދާ ކާމިޔާބީ އެތައް ގުނައެއް މައްޗަށް ދާނެކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސާނަވީ ތައުލީމް ނިންމުމަށްފަހު ދަރިވަރުން ދެން ކުރިމަތިލާ މަތީ ސާނަވީ އަދި ޔުނިވާސިޓީ ތައުލީމަކީ ދަރިވަރުން ޒިންމާދާރު ބަޔަކަށް ހަދައިދޭ މަރުހަލާ ކަމަށެވެ. ހަޔާތުގެ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަންކަން އެ މަރުހަލާގައި ދަސްކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
"އެ މަރުހަލާގައި ކޮންމެ ކުއްޖެއްގެ ހަޔާތުގައި ވެސް ޝަހުސިއްޔަތެއް އުފެދިގެން އަންނާނެ. ކޮންމެ ކުއްޖަކު ވެސް ވިސްނަންވީ ހަރުދަނާ ޝަހުސިއްޔަތެއް އުފެއްދުމަށް. ސަރުކާރުގެ މުޅި މިސްރާބު ހުރީ ރާއްޖެ އަށް ބޭނުންވާ ފެންވަރުގެ އިންސާނީ ވަސީލަތްތައް ގާއިމްކުރުން. ވަކި މަރުހަލާއެއް ތަފާތުނުކޮށް، ތައުލީމުގެ ހުރިހާ ފުރުސަތެއް ފަހިކޮށްދެމުން އަންނަނީ އުފެއްދުންތެރި ފަރުދުންގެ މުހިއްމުކަން ބޮޑުކަމުން،" ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.
މިދިޔަ އަހަރު އޯ ލެވެލްގެ ގަދަ ދިހެއްގައި ހިމެނުނު ދަރިވަރަކަށް، އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރު މިހާދު އެވޯޑު ހަވާލުކޮށްދެއްވަނީ .-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މައިންބަފައިންގެ ހެޔޮ ނަސޭހަތްތައް ގަބޫލުކޮށް އިސްލާމީ ރިވެތި އަދަބު އަހުލާގުގެ މަތީގައި ސާބިތުވެ ތިބުމަށް ރައީސް ވަނީ ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. ކޮންމެ ކަމެއްގައި ވެސް ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކުރުމާއި އަނެކުންނަށް އިހުތިރާމްކުރުމާއި އެމީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.
މިއީ އަބަދު ވެސް ހައްގުތަކުގެ ވާހަކަ ދައްކާ ޒަމާން ކަމަށާއި އެހެންކަމުން ހައްގުތަކާއެކު ޒިންމާތަކެއް ވާނެކަން ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށާއި މުޖުތަމައުގައި އަދުލުވެރިކަމާއި އުފާވެރިކަން ދެމިއޮންނާނީ އެ ޒިންމާތައް އަދާކޮށްގެން ކަމަށް ވިދާޅުވި އެވެ.
މިދިޔަ އަހަރު 6،000 އަށްވުރެ ގިނަ ދަރިވަރުން އޯ ލެވެލް އިމްތިޚާނު ހެދިއިރު އޭގެ ތެރެއިން 404 ދަރިވަރުން ވަނީ ގައުމީ ގަދަ ދިހެއްގައި ހިމެނިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނައިބު
14 September 2019
ސަރުކާރުގެ އެކި ބޮޑެތި މަގާމްތަކަށް މީހުންލުމަށް އެވާ މަޖްބޫރެއްވެސް ހުއްޓުވަންޖެހޭ. ތައުލީމެއް ނެތް މަގުމަތީ އެކްޓިވިސްޓުންނަށް ބޮޑެތި ވަޒީފާ ދެނީ މަޖްބޫރުން ކަމަށް ބެލެވެނީ. އެކަންވެސް އަމިއްލަ އިޚްތިޔާރުގައި ކުރެވޭނެ ގޮތެއް ހެއްދެވުން ރަގަޅުވާނެ.
ޒަރޭ
14 September 2019
ކޮބާތޯ ތިމާގެ ގުޅުމުން ލިބޭ ވަޒީފާތައް؟ ކޮން ކިޔެވުމެއް. ފޮރިން ސެކެޓްރީއަކަސް، ރައީސް އޮފީހުގެ މިނިސްޓަރަކަސް، ތަންތަނުގެ އެމްޑީއަކަސް. ވާންވީ ތިމާގެ.
މާރަނގާ - އައްޑޫ ސިޓީ
13 September 2019
އިއްޒަތްތެރި ރައީސް. އަހަރުމެން މައިންބަފައިންނަށް ކުދިންގެމައްޗަށް ތިކަންމަޖުބޫރުކުރާންޖެހޭ ސަބަުތައް އެގިވަޑައިނުގަންނަވަނީތޯ؟! * ފުރަތަމަ މާލެސަރުކާރުގެ “އެއްރަށް ދައުލަތް ސިޔާސަތުގެތެރެއިން އަހަރުމެންގެ ވަޒަނުން ބޭރުވުމަށް ކޮށްފައިވާ މަޖުބޫރީ ހާލަތު ބަދަލުކޮށް” އަހަރުމެނަށް ވަޒަނުގައި ލޯބިވާ އާއިލާއާއިއެކު ރިވެތި ދިރިއުޅުމެއްއުޅެވޭނެގޮތް ހަމަޖައްސާދެއްވާ. * މިހާލަތުބަދަލުނުވާނަމަ ތިފަދައެތައްމަޖުބޫރުކުރުންތަކާއިހެދި މިދައުލަތްނެތިހިގައިދާނެ.
ޢަފްރާދު
13 September 2019
ދިވެހި ރާއްޖެއަކީ ކޮންމެ ކަމެއްވެސް އަނެކާ ރުހޭގޮތަކަށް ވުރެ ބޮޑަށް މަޖުބޫރު ކުރުވައިގެން ގަދަ ބާރުން މީހުން ލައްވާ ކޮންމެ ކަމެއްވެސް ކުރުވާ ރާއްޖެއެއް މި ޝަޤާފަތް އެންމެ ބޮޑަށް ފަތުރަނީ އަނެކާ ރުހޭ ގޮތަކީ ކިބައިތޯ ބެލުމެއްނެތި ތިމާގެ ބޭނުން ފުއްދާލުމަށް ދަހިވެތި ވެފައިވާ އެވޭލާ ޒަމާނުގެ ޖާހިލީ އާދަތަކަށް ތަބަޢަވެގެން އުޅޭ މީހުން
ޛިކުރާ
13 September 2019
ރައިސްގެ ޕޮޕިއުލަރިޓީ ދަނީ ދަށަށް
ޖަންބު
13 September 2019
މިއަދު ހެނދުނުވެސް ޒުވާނަކު އަމިއްލަ އިހުތިޔާރުގައި ދުނިޔެދޫކޮށްފި. މަނިކުފާނުމެންގެ ސަރުކާރުން ބަލަންޖެހޭ މައްސަލަތަށް މިދިޔަ އަހަރު ތެރޭ ދެގުނަަވެއްޖެ. ރައްޔިތުންބޭނުންވި އެއްކަމެއްވެސް މަޖިލީހަކުން ނުހިނގާ.
ނީރާ
13 September 2019
ރޭގެ ރަންވަނަ ހޯދި ކުދިންގެ ނަތީޖާއިން އަނގައިދެނީ ޓީޗަރުންގެ ބުރަ މަސައްކަތަށްވުރެ ޓިއުޝަން ދެއްވި ސަރ މެންނާއި މިސްމެން އެކަމަށް ހޭދަ ކުރި ވަގުތުގެ ގިނަކަމާ އެ ސަރ މެންނާއި މިސްމެންގެ މުސާރަޔަށް މައިންބަފައިންގެ އަތުންކުރި ހޭދައިގެ ބޮޑުކަން. މީ ޙަޤީޤަތަކީ. %99 ކުދިންނަކީ ޓިއުޝަނަށް ބޮށު ހޭދައެއްކުރި ކުދިން.
12456
13 September 2019
ވަޒީފާ އަދާނުކޮއްފައިސާބޭނުންވާމީހުންގިނައީ. ވަރައްކަންނތްމީހުންގިނައީ. ބައްލަވާ މާލޭގެ ނަންމަސްހޫރުފިހާރަތަކާއި އަގުބޮޑުކެފޭތައް.
ޑިގޭ
13 September 2019
މަޖުބޫރު ނުކުރިޔަސް ހަމަ އެކަނި އޮތް އޮޕްޝަނަކީ - އާއިލާއާއި ރައްޓެހިން ދޫކޮށް - ފަޅުރަށެއްގައި ދޮންމީހުންގެ ހިދުމަތުގައި ތިބެ ލިބޭ މަދު ލާރިކޮޅުން ދިރިއުޅުން.. މިނޫން ދުވަހެއްގެ އުއްމީދުގައި މަނިކުފާނަށް ވޯޓު ދިނީ - އަދިވެސް ހަމަ އެދުވަސް ދެކެމުން މިދަނީ
އަނދިރިފަރާތް
13 September 2019
ކޮން މަޖްބޫރެއް ތަދުބީރެއްގެ ވާހަކަތޯ ތި ވިދާޅުވަނީ މި އަހަރު މަނިކުފާނު ފުރަތަމަވެސް އިއުލާނު ކުރީ ޑަކްޓަރު ކަމަށް ސަރުކާރު ލޯނު އަނބުރާ ދައްކާގިތަށް ކިޔަވަންދާން އެންމެ 3 ޖާގަ އެއަށް ދިޔައީވެސް ޕާރޓިގައި އިންތިހާއަށް ނުފޫޒު ގަދަ މީހުންގެ 3 ދަރިން އެހެންވީމަ ރައްޔިތުންނަށް އޮތް މަޖުބޫރު ކަމަށްވުރެ ޕާރޓީ ތެރޭގައި އޮތް މަޖުބޫރުކަން މާ ފާޅުކަން ބޮޑޭ އަހަރެމްންނަށް ހުރިހާ އެންމެންވެސް އަޅުވަނީ ކަޅު އަނދުން
ހަބީބާ
13 September 2019
ނޫން! މި ގައުމުގަ ނަޝީދު ބޭނުންވާގޮތް ހަމައެކަނި ހަދަންވާނީ! ރައީސް އިބޫވެސް ހުރޭ ނަޝީދު ދަށުވެފަ! މުޅިގައުމު ނަޝީދުގެ އެކްޓިވިސްޓުންނަށް ވަޒީފާދީގެން ފަނާކުރަނީ!މަޖިލީސް މިއަދުވަނީ އެމްޑީޕީ ހަރުގެޔަކަށް ބަދަލުވެފަ!