މީހުން ސަލާމަތް ކުރުމުގައި 300 މީހުން ދަނީ ހަރަކާތްތެރިވަމުން. --ފޮޓޯ:އޭއެފްޕީ
16 ސެޕްޓެމްބަރ 2019 - 14:04
ނިއު ދިއްލީ (ސެޕްޓެމްބަރު 16) - އިންޑިއާގައި ފެތުނު ބޯޓަކުން 39 މީހުން ގެއްލިފައިވާތީ އެ މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ފަށައިފި އެވެ.
ފުލުހުން ބުނީ ދެކުނުގެ އަންދްރަ ޕްރަދޭޝް ސްޓޭޓުގެ ގޯދާވަރީ ކޯރަށް އެކްސިޑެންޓެއްގައި ފެތުނު ބޯޓުން އަށް މީހެއްގެ ހަށިގަނޑު ނަގާފައިވާ ކަމަށެވެ. ހަތްދިހަ ތިން ޕަސިންޖަރުން ދަތުރުކުރި ބޯޓުން ސަލާމަތްކޮށްފައި ވަނީ 26 މީހުންނެވެ.
ބޯޓު ފެތުމުގެ ހާދިސާގައި މީހަކު ސަލާމަތްކޮށްގެން ޑިންގީއެއްގައި ގެންދަނީ.
މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަނުގައި 300 މީހުން ދަނީ ހަރަކާތްތެރިވަމުންނެވެ. ކަނޑު ބޯޓުތަކާއި ހެލިކޮޕްޓަރު ބޭނުންކޮށްގެން ހިންގާ އޮޕަރޭޝަނުގައި އިންޑިއާގެ ނޭވީ އާއި ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯހުން ބައިވެރިވެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސޯނާ އިކްއިޕްމަންޓާ އެކު ޑައިވަރުންގެ ޚާއްސަ ޓީމެއް، ބޯޓު ފެތުނު ތަނަށް މިއަދުގެ ވަގުތެއްގައި ފީނުމަށް ވަނީ ހަމަޖެހިފަ އެވެ.
ބޯޓު ފެތުނު އިރު ދަތުރު ކުރަމުން ދިޔައީ ޓޫރިސްޓް މަންޒިލަކަށެވެ. އަންދުރަ ޕްރަދޭޝްގެ މިނިސްޓަރަކާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާ އިން ބުނެފައި ވަނީ ފެތުނު ބޯޓަކީ ޓޫރިސްޓުން ގޮވައިގެން ދަތުރުކުރުމުގެ ހުއްދަ އޮތް އުޅަނދެއް ނޫން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy