އެމްއެމްޕީއާރުސީން ޖަރުމަނުގައި ފެށި ރޯޑް ޝޯގެ ތެރެއިން-- ފޮޓޯ: އެމްއެމްޕީއާރުސީ
17 ސެޕްޓެމްބަރ 2019 - 14:08
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝާން (އެމްއެމްޕީއާރުސީ) އިން ޖަރުމަނާއި އޮސްޓްރިއާގައި ރާއްޖެ އިސްތިހާރުކުރުމަށް ރޯޑް ޝޯއެއް ފަށައިފި އެވެ.
"ޖާނީ ޓު ދަ ސަނީ ސައިޑް"ގެ ނަމުގައި ކުރިއަށްގެންދާ މި ރޯޑް ޝޯ ކުރިއަށްދާނީ ޖަރުމަނުގެ ކްލޯން އާއި ފްރެންކްފަޓް އާއި މިއުނިކްގެ އިތުރުން އޮސްޓްރިއާގެ ވިއެނާގަ އެވެ. މި ރޯޑް ޝޯތައް އޮންނާނީ މި މަހުގެ 19ގެ ނިޔަލަށެވެ. މިއީ މި ސިލްސިލާގެ ހަ ވަނަ ރޯޑް ޝޯ އެވެ.
މި ރޯޑްޝޯގައި އެމްއެމްޕީއާރުސީއާ އެކު ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ހަތް ކުންފުންޏަކުން ބައިވެރިވެ އެވެ. އެ ކުންފުނިތަކަށް ޖަރުމަނުގެ އޮޕަރޭޓަރުންނާ ބައްދަލުކޮށް ރާއްޖެއަށް އިތުރު ޓޫރިސްޓުން ގެންނަން މަޝްވަރާކުރާނެ އެވެ.
އެމްއެމްޕީއާރުސީން ބުނީ މި ރޯޑް ޝޯގައި ކޮންމެ ސިޓީއަކުން ޒިޔަރާތްތަކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވާލެވޭ މީހަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. މި ޗުއްޓީތައް ސްޕޮންސާ ކޮށްފައިވަނީ ލަކްސް ނޯތު މާލެ އެޓޮލް ރިސޯޓުންނެވެ.
މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ 7.2 ޕަސެންޓް ހިއްސާކޮށްފައިވަނީ ޖަރުމަނުންނެވެ. މިއީ މިދިޔަ އަހަރާ އަލާބަލާއިރު 10 ޕަސެންޓުގެ އިތުރުވުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy