18 ސެޕްޓެމްބަރ 2019 - 13:11
އޭޑީކޭ ހޮސްޕިޓަލުން ސައިންސް ޖާނަލްއަކާއި މެޑިކަލް އެޕްލިކޭޝަނެއް މިއަދު ތައާރަފްކޮށްފި އެވެ.
އޭޑީކޭ ބާއްވާ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ފަށަން ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ސައިންސް ޖާނަލް ތައާރަފް ކޮށްދެއްވީ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.
މިއީ ސައިންޓިފިކް ދިރާސާތައް ޝާއިއުކުރަން ރާއްޖޭގައި އުފެއްދި ފުރަތަމަ ޖާނަލް އެވެ.
އޭޑީކޭގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު އަފްއާލް ވިދާޅުވީ މިއަދު ފެށި ކޮންފަރެންސްގައި ހުށަހަޅާ ބައެއް ދިރާސާތައް ޖާނަލްގައި ޝާއިއުކުރާނެ ކަމަށެވެ.
"މިއީ ރާއްޖޭގެ މެޑިކަލް އިންސްޓްޓިއުޝަނަކުން ސައިންޓިފިކް ޖާނަލްއެއް ތައާރަފްކުރާ ފުރަތަމަ ފަހަރު. އަޅުގަނޑުމެންނަށް އެނގޭ ދެން އޮތް ފިޔަވަޅަކީ ދިރާސާކުރުންކަން،" އަފްއާލް ވިދާޅުވި އެވެ.
ނިއުރޯ ސާޖަރީއަށް އަމާޒުކޮށްގެން އޭޑީކޭއިން ތައާރަފްކުރި މެޑިކަލް އެޕްލިކޭޝަން ނެރެދެއްވީ އެ ހޮސްޕިޓަލްގެ ސީނިއަ ނިއުރޯ ސާޖަން ޑރ. އަލީ ނިއާފެވެ.
ޑރ. ނިއާފް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް މި އެޕްލިކޭޝަނުން ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.
"މި މެޑިކަލް އެޕްލިކޭޝަން ގުޅުވާލައިދޭނެ ސައިންސާއި މެޑިސިން އަދި ރާއްޖޭގެ އުތުރާއި ދެކުނުގައި ތިބި މެޑިކަލް ބޭފުޅުންނަށް އެހީތެރިވެދޭނެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރި ނިއުރޯ ސާޖަންއަކާ ވެސް ސުވާލުކޮށްލެވޭ،" އޭނާ ވިދާޅުވި އެވެ.
މިއަހަރުގެ ކޮންފަރެންސްގައި ގާތްގަނޑަކަށް 300 މީހުން ބައިވެރިވާ އިރު ދުނިޔޭގެ އެކި ގައުމުތަކުން 40 އަށް ވުރެ ގިނަ މާހިރުން ރާއްޖެ ވަޑައިގަތެވެ. އޭގެ ތެރޭގައި އެމެރިކާ އާއި އޮސްޓްރޭލިއާގެ މަޝްހޫރު ބައެއް ނިއުރޯ ސާޖަން އިން ހިމެނެ އެވެ.
އަފްއާލް ވިދާޅުވީ ކުރީ ދެ ކޮންފަރެންސާ ހިލާފަށް މި އަހަރުގެ ކޮންފެރެންސް ތެރޭގައި ތިން ވޯކްޝޮޕެއް ހިމެނޭނެ ކަމަށެވެ. އޭގެ ތެރެއިން ބައެއް ވޯކްޝޮޕްތައް އިއްޔެ އޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޕް
18 September 2019
ތިޔަ އެޕްލިކޭޝަން ބޭނުން ކުރަން ކިހިނެއްތަ ހަދަންވީ؟
މުރާސިލު
18 September 2019
މެނޭޖިންގ ޑިރެކްޓަރ އަފްއާލް އަށް ދަންނަވާލަންއޮތީ، އޭޑީކޭ ގެ ޚިދުމަތްތައް ހަލުވިކަމާއެކު ކުރިއަރަމުންދާ ޚަބަރު އަބަދުވެސް ލިބެއެވެ. އެހެނަސް އޭޑީކޭ އިން ޚިދުމަތް ހޯދަންދާ ފަރާތްތަކަށް އަދިވެސް އެކަށީގެންވާ ފަސޭހަގޮތްތަކެއް ހަމަޖެހިފައެއް ނެތެވެ. ޒަމާނާ އެއްގޮތަށް ފޯން އެޕްލިކޭޝަނެއް މެދުވެރިކޮށް އޭޑީކޭ އިން ޚިދުމަތް ލިބޭނީ ކޮން ދުވަހަކުންތޯއެވެ.
ރަދީފު ބިން ރަފައިދާ
18 September 2019
ތިޔަ ޖާނަލް ނެރެނީ ދިވެހިބަހުންތަ ނޫންނީ އިނގިރޭސިބަހުންަތަ؟