ސިކުނޑި އާއި މައިބަދަ އަށް ދިމާވާ މައްސަލަތަކަށް ހާއްސަކޮށްގެން، ދުނިޔޭގެ ފެންވަރުގައި، އޭޑީކޭ ހޮސްޕިޓަލުން ބާއްވާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އެ ތަނުގެ އެމްޑީ އަފްއާލް، ހެލްތު މިނިސްޓަރު އަމީންއާ ސަލާމް ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
18 ސެޕްޓެމްބަރ 2019 - 13:03
ސިކުނޑި އާއި މައިބަދައަށް ދިމާވާ މައްސަލަތަކަށް ހާއްސަކޮށްގެން، ދުނިޔޭގެ ފެންވަރުގައި، އޭޑީކޭ ހޮސްޕިޓަލުން ބާއްވާ ތިން ވަނަ ކޮންފަރެންސް ޕެރަޑައިސް އައިލެންޑް ރިސޯޓްގައި މިއަދު ފަށައިފި އެވެ.
ރާއްޖެ އާއި ދުނިޔޭގެ އެކި ގައުމުތަކުން 300 ވަރަކަށް ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވާ މި ކޮންފަރެންސް ފަށަން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ. އޭނާގެ އިތުރުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ ދެ މިނިސްޓްރީގެ އިސް ބޭފުޅުން ބޭފުުޅުން ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ކޮންފަރެންސްގެ ބައެއްގެ ގޮތުގައި، އިއްޔެ އޭޑީކޭގައި ވަނީ، ފޭސްބުކުން ލައިވްކޮށް، މާބަދައިގެ ދެ އޮޕަރޭޝަނެއްކޮށްފަ އެވެ. އޮޕަރޭޝަން ކުރިއަށް ދިޔަ އިރު، ކޮންފަރެންސްގެ ބައެއް ބައިވެރިން، އޮޕަރޭޝަންގެ ޑޮކްޓަރުންނާ ސުވާލުކުރި އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ވިދާޅުވީ މިފަހަރުގެ ކޮންފަރެންސްގައި ދުނިޔޭގެ އެކި ގައުމުތަކުން 40 އަށް ވުރެ ގިނަ މާހިރުން ބައިވެރިވެވަޑައިގަންނަވާ ކަމަށާއި އެހެންވެ މިއީ ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް ގިނަ ކަންތައްތަކެއް ދަސްވާނެ ކޮންފަރެންސެއް ކަމަށެވެ.
ދިވެހިންނަށް ޖެހޭ ސިކުނޑި އާއި ނާރުގެ ބަލިތަކާއި މައްސަލަތަކާ ބެހޭ ގޮތުން އޭޑީކޭއިން ކޮށްފައިވާ ދިރާސާތަކެއްގެ ކަރުދާސް ވެސް މި ކޮންފަރެންސްގައި ހުށަހަޅާނެ އެވެ.
އޭޑީކޭގެ ސީނިއަ ނިއުރޯ ސާޖަން ޑރ. އަލީ ނިއާފް ކުރިން ވިދާޅުވެފައި ވަނީ އޭޑީކޭ އިން ހުށަހަޅާ ދެ ކަރުދާސް އެކުލަވާލީ ވަރަށް ފުރިހަމަ އަށް ދިސާރާކޮށްގެން ކަމަށެވެ. އަދި އެއީ މުޅިން އާ ހޯދުންތަކެއް ހިމެނޭނެ ކަރުދާސްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުލަ
19 September 2019
އާންމު ނިކަމެތި މީހާގެ އަތުން ނަގާހާ ލާރި ކޮބާ
ވާލުސޮރު
18 September 2019
ކޮމެންޓުކުރާ ބައެއް މީހުންގެ ސިކުނޑީގެ މައްސަލައެއް ހުރިތޯ އޭޑީކޭއާ މިހާރު ނޫސް ގުޅިގެން 'އޮޕަރޭޝަނެއް' ހިންގަން ވެއްޖެ. ބައެއް މީހުންގެ ކޮމެންޓުތަކުން ހިތައްއަރާ ދިވެހިންބާއޭ އިންސާނުންބާއޭ ކޮންތާކުންބާއޭ މިމީހުން މި ވިސްނަނީ
ކީއްކުރާނީ
18 September 2019
ކޮންފަރެންސު ބޭއްވީމަ ދިވެހިންނަށް ނިމުނީ! ގައުމުގަ ހުރި އާދައިގެ ކަންކަން ހައްލު ނުވެ ހުރީ! މުޅި މާލެ މިވަނީ ދުންފަތް ބޯމީހުންގެ ތަނަކަށް ވެފަ! ތުއްތުކުދީން ގޮވައިގެން މަގުމައްޗަށް ނުނިކުމެވޭ ސިނގިރޭޓު ބޯ މީހުންގެ ދުންވަހުން! އެކަމަކު ރައީސް އާއި މުޅި ސަރުކާރު ކޮންފަރެންސް ބާއްވާ ސެލްފީ ނެގުމުގަ! ދެން ކީއްކުރާނީ!
އަލިބެއްޔާ!
18 September 2019
މީ އޭޑީކޭއިން ބާއްވާ ކޮންފަރެންސެއް. މީގެން އޭޑިކޭގައި ޚިދުމަތްކުރާ ޑޮކްޓަރުންނަށް އިތުރުކުރިއެރުން ލިބޭނެ.
ހަކީމް
18 September 2019
ބަލަ ކޮންފަރެސް އާއި އިލްމާއި ހުނަރު ނެތިގެންތަ މަގުމަތީގަ ސިގިރޭޓު ބޯމީހުން ނުހުއްޓުވެނީ؟ ނޫނީ ކޮންމެ ސަރުކާރެއްގަވެސް ސިގިރެޓް ބޯ މީހުންނާއި ސިގިރޭޓު ވިޔަފާރި ވެރިންގެ ނުފޫޒުން ދޯ! އިބޫ ވެސް ހަމަ ދައްކަނީ ފޭކު ވާހަކަ!