ހެލްތު މިނިސްޓަރު އަމީންގެ ފުރަތަމަ ޒިޔާރަތް އައިޖީއެމްއެޗާއި އޭޑީކޭއަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ހެލްތު މިނިސްޓަރުކަމަށް އައްޔަން ކުރެއްވި އަބްދުﷲ އަމީންގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން އޭނާގެ ފުރަތަމަ ޒިޔާރަތް ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް އަދި އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލް އޭޑީކޭ އަށް މިއަދު ކުރައްވައި އެ ތަންތަނުގެ ހާލަތު ބައްލަވާލައްވައިފި އެވެ.


މިއީ މިދިޔަ ހޮނިހިރު ދުވަހު މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރާއްޖޭގެ އެންމެ ބޮޑު ދެ ހޮސްޕިޓަލްގެ ހާލަތު ބައްލަވައިލެއްވުމަށް އަމީން ކުރެއްވި ފުރަތަމަ ޒިޔާރަތެވެ.

ހެލްތު މިނިސްޓަރު އަމީން، އައިޖީއެމްއެޗަށް ވަޑައިގެން އެ ހޮސްޕިޓަލުގެ މަސައްކަތްތައް އޮޅުންފިލުވާލައްވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

މިނިސްޓަރު އެންމެ ފުރަތަމަ ވަޑައިގަތީ އައިޖީއެމްއެޗަށެވެ. އެ ހޮސްޕިޓަލްގެ އިމަޖެންސީ ޑިޕާޓްމަންޓާއި ކާޑިއެކް ސެންޓަރަށް ވަޑައިގެން އެތަނުގެ މަސައްކަތްތަކުގެ އިތުރުން ބަލި މީހުންނާ ބައްދަލު ކުރައްވައި އެމީހުންގެ ހާލު ވެސް މިނިސްޓަރު އަމީން މިއަދު ބައްލަވައިލެއްވި އެވެ.

އޭޑީކޭ އަށް ވަޑައިގެން އެ ހޮސްޕިޓަލްގެ އެކި ޑިޕާޓްމަންޓާއި އެތަނުގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތް އަމީން ވަނީ އޮޅުން ފިލުއްވައިފަ އެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާ އަމީން މިހާރު ގެންދަވަނީ ސިއްހީ ދާއިރާގެ އެކި ފަރާތްތަކާ ބައްދަލު ކުރައްވައި އެ ދާއިރާގެ ހާލަތު ބައްލަވަމުންނެެވެ. އަދި ޓެލެކޮންފަރެންސް މެދުވެރިކޮށް، ރަށްރަށުގެ ބައެއް ހޮސްޕިޓަލްތަކުގެ ހާލަތު ވެސް އަމީން ވަނީ ބައްލަވައިފަ އެވެ.