ރައީސް ޔާމީން ރޭ މ. މުލަކަށް ވަޑައިގެން ކުޑަ ކުއްޖެއްގެ ކޮލުގައި ހިއްޕަވައިގެން. --- ފޮޓޯ: ޕީޕީއެމް
20 ސެޕްޓެމްބަރ 2019 - 12:37
ހީލަތާއި ބޮޑު ކޮރަޕްޝަން އޮތީ މި ސަރުކާރުގެ ތެރޭގައި ކަމަށާއި ރައްޔިތުންނަށް ތަރައްގީއެއް ހޯދައިދޭން ސަރުކާރުން ނޫޅޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް ވަރުގަދަކުރަން އެ ޕާޓީން ފަށާފައިވާ ދަތުރުތަކުގައި މ. ނާލާފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އިދިކޮޅު ލީޑަރު ޔާމީން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް މިހާތަނަށް އައި އިރު އެއްވެސް ކަމެއް ފުރިހަމަކޮށް ދެވިފައި ނުވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުން މިހާރު ބަޖެޓު ފާސް ކުރަނީ ވެސް ރައްޔިތުންގެ ތަރައްގީ އަށް ނޫން ކަމަށް ވިދާޅުވެ، ޔާމީން މިސާލު ނެންގެވީ ދާދި ފަހުން ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި މަޖިލިހުން ފާސް ކުރި 1.7 ބިލިއަން ރުފިޔާގެ ބަޖެޓަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ބަޖެޓުގެ ގާތްގަނޑަކަށް 70 ޕަސަންޓު ދަނީ ތަރައްގީއަކަށް ނޫނެވެ.
މ. މުލަކުގައި ރޭ ބޭއްވި ޖަލްސާގައި ޔާމީން ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ޕީޕީއެމް
އާންމު ދިރިއުޅުމަކަށް އެއްވެސް ކަހަލަ މަންފާއެއް އެ ބަޖެޓުން ނުކުރާނެ ކަމަށާއި އެއީ ކޮމިޝަންތަކާއި ސިޔާސީ މަގާމުތަކުގައި ތިބި މީހުންނަށް މުސާރަ ދޭން ފާސް ކުރި ބަޖެޓެއް ކަމަށް ޔާމީން ވިދާޅުވި އެވެ.
"މި ސަރުކާރަކީ ސަރުކާރުގެ ފިކުރުގައި ތިބި އެމްޑީޕީ މީހުންނަށް މުސާރަ ދޭ ސަރުކާރެއް. މިއީކީ ރައްޔިތުންނަށް ތަރައްގީގެ މަޝްރޫއު ހިންގާ ސަރުކާރެއް ނޫން،" ޔާމީން ވިދާޅުވި އެވެ.
އޭގެ ބަދަލުގައި މި ސަރުކާރުގެ ވެރިން ރައްޔިތުންނަށް ވިސްނައި ދޭން އުޅެނީ ކުރީގެ ސަރުކާރުން ކުރި ކަންކަމަކީ ބޮޑެތި ގޯސްތަކެއް ހިނގައިގެން ކުރި ކަންކަމުގެ ގޮތުގައި ކަމަށް ޔާމީން ވިދާޅުވި އެވެ. ކުރީގައި ހިނގާފައި ހުރި ކަންކަމަކީ އަގުހެޔޮކޮށް ހިނގާނެ ކަންކަމުގެ ގޮތުގަ އާއި ބޮޑެތި އަދަދުން ރިޝްވަތު ނަގާފައި ހުރި ކަންކަމަށް ދައްކައިދޭން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
އެމްޑީޕީން 2008 ވަނަ އަހަރު ވެރިކަމަށް އައުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ޖަދަލުކޮށް ދެއްކީ ވެސް އެ ކަހަލަ ވާހަކަތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެމީހުން ނޫން އެންމެންނަކީ ވަގުން، އެމީހުން ނޫން އެންމެންނަކީ ކޮރަޕްޓު މީހުން. އެމީހުން ނޫން އެންމެންނަކީ ދައުލަތުގެ ފައިސާގައި ޖެހިފައި ތިބި މީހުން. އެކަމަކު، ރަށެއް ފަސާދަވާ އިރު އެމީހުންނަކަށް ނުވިސްނޭ ވަކި ބައެއްގެ ޖީބުތަކަށް އެކަނި ފައިސާ ވަންނާނެ ގޮތެއް ވެސް،" މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް އަމާޒު ކުރައްވައި ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ބޮޑު ކޮރަޕްޝަން އޮތީ ސަރުކާރުގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރޭގަ އެވެ. މިހާރު ކުރިއަށްދާ މަޝްރޫއުތަކަށް ބެލި ކަމުގައި ވިޔަސް، "ބޮޑެތި ކޮރަޕްޝަންތަކެއް" ހިނގާފައި ހުރީ މި ސަރުކާރުގެ ވެރިންގެ ތެރޭގައި ކަމަށް ވެސް ޔާމީން ތުހުމަތު ކުރެއްވި އެވެ.
"އަޅުގަނޑު ނުދަންނަވަން ކުރީގެ ސަރުކާރުގެ ތެރޭގައި ކަންތައްތަކެއް ނުހިނގައޭ. ސަރުކާރު ހިންގަން ހުރެގެން، އެމްއެމްޕީއާރުސީގެ ވާހަކަ ދެއްކި މީހަކީ އަޅުގަނޑު. އެއީ ހިނގާފައި އޮތް ބޮޑު ކޮރަޕްޝަނެއް،" އެމްއެމްޕީއާރުސީގެ ތިން ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މި ސަރުކާރަށް 10 މަހެއްހާ ދުވަސް ލިބުނު އިރު، ކަންކަން ގަޟާ ކުރަން ވެސް ދުވަސްތަކެއް ލިބިފައިވާ ކަމަށެވެ. އެހެންވެ، މި އަހަރު ބާކީ އޮތް ތިން މަހެއް ތެރޭގައި ކަންކަން ކުރާނެ ކަމަށް ބުނާ ނަމަ، އެކަންކަމާ ދޭތެރޭގައި ވިސްނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ މ. މުލަކަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ. --- ފޮޓޯ: ޕީޕީއެމް
"މަޝްރޫއެއް ހިންގަން ފައިސާ ބަޖެޓުގައި ޖަހާފައި ހުންނަނީ 15،000ރ. ނޫނީ 17،000ރ. ކޮން ކަމެއްތޯ 17،000ރ. އިން ކުރެވޭނީ؟ މިސްކިތެއް މަރާމާތުކޮށްލަން ބޭނުންވިޔަސް 17،000ރ. އިން ނުކުރެވޭނެ،" ސަރުކާރުގެ 30 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބަޖެޓަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި މިހާރު ބަޖެޓުތައް ފާސް ކުރަނީ އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރާ ކަންތައްތަކެއް ހުރެގެން ނޫން ކަމަށެވެ. އެކަމަކު، އެއީ ރައްޔިތުންގެ ތަރައްގީ އަށް ފައިސާ ހޯދުމަށް ހަދާ ބަޖެޓަކަށް ވާތީ ބަޖެޓު ފާސް ކުރަން އިދިކޮޅު ފަރާތްތަކުން ވޯޓު ދެނީ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެއީ ރައްޔިތުންގެ ތަރައްގީ އަށް އެޅޭ ހުރަހަކަށް ވާން ބޭނުން ނުވާތީ އަބަދުވެސް ބަޖެޓަށް ވޯޓު ދެމުން ދަނީ،" ވޭތުވެދިޔަ ފަސް އަހަރު އެމްޑީޕީގެ އެއްވެސް މެމްބަރަކު ބަޖެޓަށް ވޯޓު ނުދެއްވާ ކަން ފާހަގަ ކުރައްވައި، ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރާއްޖޭގެ ރަށްރަށަށް ހެޔޮ އެދޭ ކަމަށްވާ ނަމަ، ތަރައްގީގެ ވިސްނުމާ އެކީގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ރަށްތައް ތަރައްގީ ކުރާ އިރު، އެ ރަށްރަށުގައި އުޅެނީ ކޮން ކުލައެއްގެ މީހުންތޯ ނުބަލައި ވެރިންގެ އިހްލާސްތެރިކަން ހުންނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށުމީހާ
29 September 2019
ނާލާފުށި ބަނދަރު ހަދާދޭން ކިޔާތާމިހާރު ކިތައް އަހަރުވެއްޖެތަ މ. އތޮޅުމެންބަރުކަންކުރިއިރުންފެށިގެން ހަދަން ކިޔާތަނެއް ކިތައް އަހަރުވެއްޖެ ކީކޭ ތިކިޔަނީ ރައްޔިތުން ކިހާމަރުފަލިޖަހާގެން ތި ވީޔޯތިކިޔަނީ
ސުޕް
23 September 2019
ބޮޑު ކޮރަޕްޝަން އެނގޭނެ ދުވަހެއް އެބައޮތް
ގުރާ
22 September 2019
ތިބޭފުޅާވެސް ކެއީ، ތަންތަނަށް ލާފައި ތިބިމީހުންވެސް ކެއީ، ނުވިތާކަށް، ކުންފުނިތަކުގެ ފައިސާއިން ބަފައިބެއާއި މައިދައިތަގެ ނަމުގައި މިސްކިތް އެޅީ. މިފްކޯވެސް ބަނގުރޫޓުވީ މިބީދައިން.
ރަނގަޅު
21 September 2019
އަމިއްލައައްކައިފަ ވުޒާރާ ހަވާލުކުރާ މީހާގެ ބޮލަށް އެކޭ ބައިވަރު އެޅުވުން ، މީ ޔާނު ވަރަށް ފަރިތަކޮއްކުރަން ދަންނަކަމެއް،
އަލީ މީހާ
21 September 2019
ޔާމީނަކީ ދުވަހަކުވެސް ވިޔަފާރިޔެއް ކުރިމީހެއްނޫން މުޅިން ވެސް ސަރުކާރގެ ވަޒީފާ އަދާކުރީ އެކަމު މިހާރު މާލޭގަ 3 ވަނަޔައް އެންމެ އުސްއިމާރާތަކީ މަނިކުފާނުގެ ދެކޮޅު ކޮންތާނުން ހޯދާލާރިޔެއްތޯ.ގައިމު ގެކޮޅު ހަދަން އެއްވެސްތާކުން ލޯނެއްނުނަންގަވާ......//////؟؟؟
މޯޑޫ _މާލެ
21 September 2019
ދިވެހީންގެ ސިކުނޑީގަ މައްސަލަ ހުރެޔޭ އެބުނާ ދިރާސާ ހަމަ އެކަނި މި މީހާ މިކިޔާ އެއްޗެހީންވެސް ޔަގީންވެ.
މަރިއްކޮ
21 September 2019
ނަސަންދުރާ ޅިޔަނަށް ދިނުން، މިކަމަށް ކިޔާނީ ކީކޭތޯ
ގިޔާސް
21 September 2019
ނިމުނު ރިޔާސީ އިންތިޚާބު ޔާމީނަށް ކާމިޔާބު ނުވީމަ އަހަރެން ވަރަށް އުފާވި، ނަސީބު ދެވަނަ ދައުރަކަށް ނުހޮވުނުކަން، އެހެން ނޫންނަމަ ދެން ކޮރަޕްޝަނުގެ ވާހަކަ ދެއްކުމުގެ މާނައެއް ނޯންނާނެ، ދެން ދުވަހަކުވެސް ރާއްޖޭގެ ވެރިކަމަށް މިކަލޭގެ އަޔަދީގެން ނުވާނެ، ކޮރަޕްޝަން އަކީ އިންސާނީ ތަބީޢީ ކަމެކޭވެސް މިކަލޭގެ ބުންޏޭ، ސަހަރޯއޭ ހިތަށްއެރި.
ޢަބްދުﷲނާފިޒް
21 September 2019
ހީލަތާއި ބޮޑު ކޮރަޕްޝަން އޮތީ މި ސަރުކާރުގެ ތެރޭގައި: ޔާމީން، ކަލޭ ތިހެން ބުނީމަ ޤަބޫލުކުރާނެ ބަޔަކު ތިބެދާނެ، އެކަމަކު ކަލޭގާތުގަ ތިއެނބުރޭ މީހުންވެސް ޤަބޫލުކުރާނެ ތީ ކޮރަޕްޝަނުގެ އައްޕަކަން.
ލާބަ
20 September 2019
ލައްބަ ތީހަމަ ތެދުފުޅެއް