ރާހަފް ހާތިބް
27 ސެޕްޓެމްބަރ 2016 - 06:24
އެމެރިކާގެ ފިޓްނަސް މަޖައްލާއެއްގެ ކަވަރުގައި ފީޗާކުރި، ބުރުގާ އެޅި ފުރަތަމަ މީހާގެ ގޮތުގައި ދުވުންތެރިޔާ ރާހަފް ހާތިބް "ވިމެންސް ރަނިން" ގައި ފީޗާކޮށްފި އެވެ.
އުމުރުން 32 އަހަރުގެ ރާހަފް އަކީ ސީރިއާގެ ވެރިރަށް ދިމިޝްގަށް އުފަން، އެމެރިކާގެ މިޝިގަންގައި ދިރިއުޅޭ މީހެކެވެ. އޭނާ އެމެރިކާއަށް ހިޖުރަކުރީ 80ގެ އަހަރުތަކުގަ އެވެ.
ރާހަފް ފުރަތަމަ ދުވަން ފެށީ އޭނާގެ ޖިމް ކްލާސްތަކުގައި ފޫހިވެގެން ކަމަށް އޭނާ ބުންޏެވެ. ތިން ކުދިންގެ މަންމައެއް ކަމަށްވާ ރާހަފް، އޭގެ ފަހުން ހަ މެރެތަން އަދި ދެ ޓްރައިތޮލޮންގައި ބައިވެރިވެފައިވެ އެވެ.
"ރަން ލައިކް އަ ހިޖާބީ" އަކީ ރާހަފްގެ އިންސްޓަގްރާމް ޕޭޖެވެ. އަދި އޭނާގެ މަގްސަދަކީ މުސްލިމު އަންހެނުން ރާހަފް ގޮތަށް ދުވެ، ބައިނަލްއަގްވާމީ މެރަތޮންތަކުގައި ބައިވެރި ވުމެވެ. އޭނާގެ އިންސްޓަގްރާމް ޕޯސްޓުތަކަށް ބަލައިލުމުން ކޮންމެ މީހަކަށްވެސް ހިތްވަރު ލިބޭނެ އެވެ.
"ދުވުމުން ހަށިގަނޑުގެ ހަކަތަ އިތުރު ކޮށްދޭ އަދި އީމާންކަން ވެސް އިތުރުވޭ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އިސްލާމް ދީނުގައި ވެސް އަންގަވާފައިވޭ،" ވިމެންސް ރަނިން މަޖައްލާއަށް ރާހަފް ކިޔައިދިނެވެ.
ހުޅަނގުގެ ގައުމުތަކުގައި، ބުރުގާ އެޅި މެރަތަން ދުވުންތެރިންނަކީ އާއްމުކޮށް ފެންނަ ބައެއް ނޫނެވެ. ރާހަފް މެރަތަންތަކުގައި ދުވަން ފެށީންސުރެ، މީހުން އެންމެ ގިނައިން ކުރާ ސުވާލަކީ "ހޫނުވޭތޯ" ކަމަށް ރާހަފް ބުނެ އެވެ. އޭނާ ބައިވެރިވި ރޭސްތަކުގައި އެންމެން ވެސް އޭނައަށް ނުވަތަ މުސްލިމުންނަށް އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށް ރާހަފް ބުންޏެވެ.
ދުވުމަކީ އޭނާ އެންމެ ކުރާހިތްވާ ކަމެވެ. އަދި މުސްތަގުބަލުގައި މި ރޮނގުން އޭނާ ކުރިއަށްދާން ބޭނުންވާކަމަށް ވެސް ބުނެފައިވެ އެވެ. ވިމެންސް ރަނިން ފަދަ މަޝްހޫރު ފިޓްނަސް މަޖައްލާއެއްގެ ކަވަ ތަރިއަކަށް ވުމުން ރާހަފް ވަރަށް އުފާވި ކަމަށް ބުންޏެވެ.
"މިއީ އަހަރެންގެ ދަރިންނަށް، މުސްލިމުންނަށް އަދި ހާއްސަކޮށް އަހަރެންގެ މައިންބަފައިންނަށް ފަހުރުވެރިކަމާ އެކު ދައްކާލެވޭނެ އެއްޗެއް،" ރާހަފް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
27 September 2016
ބުރުގާ އެޅުމުން ނަފްސަށް ލިބޭރައްކައު ތެރިކަން ސިފަކުރެވެނީ އެކަމުން ލިބިދޭ ހިންހަމަ ޖެހުމުގެމައްޗަށެވެ. އާއިލާ ގެ ނުވަތަ ފިރިއެއްގެ ފަރާތުން އެމީހަކަށް ލިބިގެންދާ ރައްކައުތެރި ކަމާއި އަޅާލުމުގެ ސަބަބަކަށެވެ. މަކަރާއި ހީލަތްރި ފެމެލީތަކާއި އަނިޔާވެރި ފިރިންގެ ފަރާތުން ނުތަނަވަސް ކަން ގިނައަންހެނުން ތަޙަންމަލް ކުރަމުން ދާކަން ކަށަވަރެވެ. ﷲ އެކަމަކަށް އަންގަވާފަވާ ކަމެއް އިންސާނުން ކުރުމުގައި ސަތޭކަ ޕަސެންޓް ޕޮސިޓިވް ނުވެ އެކެމެއްގައި ދެމިހުންނަނީ ނަމަ އެކަމަކުން ނުރައްކަލާއި ކުރިމަތި ލާންޖެހިދާނެ އެވެ. މިސާލަކަށްނަމަ ފުލުހުންގެ ވަޒީފާގައި ކުރާހުވަޔަކީ ވަކިމީހަކަށް ވަކިމިންވަރަކަށް އޮތްކަމެއް ނޫނެވެ. ނަމަވެސް މަގާމާއި ދަރަޖައިގެ ގޮތުން އޮފްސަރެއްގެ ހެދުން އާދައިގެ މީހަކަށް ލެވޭކަށް ނޯވެއެވެ. އެއީ އެމީހަކުގެ ދަރަޖައިގެ ގޮތުންނެވެ. ﷲ ގެ ހަޒުރަތުގައި އެމީހެއްގެ ދަރަޖައަކީ އެމީހަކު ކުރާ ހެޔޮޢަމަލެވެ. ހެޔޮޢަމަލެއް ނުކުރާ މީހަކަށް ނިވާވުމަކުން ލިބޭނެ ރައްކައުތެރި ކަމަކަށް ވާނީ މީހުންގެ ލޯތަކަށް ފިލުން އެކަންޏެވެ.