ވިޔަފާރި / އިންވެސްޓްމަންޓް ފޯރަމް 2016

އިންވެސްޓްމަންޓް ފޯރަމް އިފްތިތާހުކޮށް، ރަޖިސްޓްރީވާން ހުޅުވާލައިފި

އިންވެސްޓްމަންޓް ފޯރަމް އިފްތިތާހު ކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު (ވ) އާއި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

21 ސެޕްޓެމްބަރ 2016 - 23:04

2 comments

އިންޑިއާގައި ބާއްވާ މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމް ރަސްމީކޮށް އިފްތިތާހުކޮށް، ފޯރަމްގައި ބައިވެރިވާން ރަޖިސްޓްރީ ވުމުގެ ފުރުސަތު މިރޭ ހުޅުވާލައިފި އެވެ.

އިންޑިއާގެ ވިޔަފާރިވެރިންގެ ޖަމިއްޔާއާ ގުޅިގެން، އަންނަ ނޮވެމްބަރު 21 އަދި 22 ގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބާއްވާ މި ފޯރަމް އިފްތިތާހު ކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ތިން ޕެކޭޖެއް ވަނީ އިއުލާންކޮށްފަ އެވެ. އެއީ:

ޕްލެޓިނަމް:

މި ޕްކޭޖަށް 35،000 ޑޮލަރު (539،350 ރުފިޔާ) ދައްކަން ޖެހެ އެވެ. ފޯރަމް ފެށުމުގެ ކުރިންނާއި ފޯރަމްގެ މާކެޓިން ޕެކޭޖުގަ އާއި ރަސްމީ ހަފުލާގެ ބެކްޑްރޮޕްގައި އެ ފަރާތެއްގައި ލޯގޯ އާއި އިޝްތިހާރު ޖަހާނެ އެވެ. އަދި ސްޓޭޖު މަތީގައި ބަހައްޓާފައި ހުންނަ ބޮޑު މަލްޓިމީޑިއާ ސްކްރީނުން އެ ފަރާތެއްގެ އިޝްތިހާރާއި މައުލޫމާތު ދައްކަން 20 މިނިޓު ލިބޭނެ އެވެ. އިންވެސްޓް މޯލްޑިވްސް މަޖައްލާގައި އިޝްތިހާރު ކުރަން ސަފުހާއެއް ލިބި، އެކި ފަރާތްތަކާ ބައްދަލުކުރަން ހާއްސަ ޖާގައެއް ވެސް ހަމަޖެހޭނެ އެވެ. މީގެ އިތުރުން، މި ޕެކޭޖުގެ ދަށުން، ފޯރަމްގެ ރަސްމީ ހަފުލާއަށާއި ފަރިއްކޮޅަށް އެ ތަނެއް ތަމްސީލު ކުރާ ފަސް މީހަކަށް ވަދެވޭއިރު، އެހެން ތަންތަނަށް ވަންނަން އިތުރު ހަތަރު މީހަކަށް ވީއަޕީ ފާސް ލިބޭނެ އެވެ.

ގޯލްޑް:

25،000 ޑޮލަރު (385،250 ރުފިޔާ) ދައްކައިގެން ނެގޭ މި ޕެކޭޖުގެ ދަށުން ތަންކޮޅެއް ކުޑަ ސްޓޯލެއް ލިބޭއިރު، އިޝްތިހާރު ކުރަން ލިބޭ ފުރުސަތު ވެސް މަދުވާނެ އެވެ. އެ ގޮތުން، ފޯރަމް ފެށުމުގެ ކުރިން އިޝްތިހާރު ނުދެއްކުމުގެ އިތުރަށް، ރަސްމީ ހަފުލާގެ ބެކްޑްރޮޕްގައި އެ ފަރާތެއްގެ ލޯގޯއެއް ވެސް ނުހުންނާނެ އެވެ. އެކަމަކު، ސްޓޭޖު މަތީގައި ބަހައްޓާފައި ހުންނަ ބޮޑު މަލްޓިމީޑިއާ ސްކްރީނުން އެ ފަރާތެއްގެ އިޝްތިހާރާއި މައުލޫމާތު ދައްކަން 20 މިނިޓު ލިބޭނެ އެވެ. އަދި އިންވެސްޓް މޯލްޑިވްސް މަޖައްލާގައި އިޝްތިހާރު ކުރަން ބައި ސަފުހާ ވެސް ލިބޭނެ އެވެ. މީގެ އިތުރުން، މި ޕެކޭޖުގެ ދަށުން، ފޯރަމްގެ ރަސްމީ ހަފުލާއަށާއި ފަރިއްކޮޅަށް އެ ތަނެއް ތަމްސީލު ކުރާ ހަތަރު މީހަކަށް ވަދެވޭއިރު، އެހެން ތަންތަނަށް ވަންނަން އިތުރު ތިން މީހަކަށް ވީއަޕީ ފާސް ލިބޭނެ އެވެ.

ސިލްވަ:

15،000 ޑޮލަރު (231،150 ރުފިޔާ) ދައްކަންޖެހޭ މި ޕެކޭޖުގެ ދަށުން ސްޓޯލެއް ނުދިނަސް، ބޭނުން ނަމަ، އިތުރަށް 4،900 ޑޮލަރު (75،509 ރުފިޔާ) ދައްކައިގެން ސްޓޯލެއް ހޯދޭނެ އެވެ. ސްޓޭޖު މަތީގައި ބަހައްޓާފައި ހުންނަ ބޮޑު މަލްޓިމީޑިއާ ސްކްރީނުން އެ ފަރާތެއްގެ އިޝްތިހާރާއި މައުލޫމާތު ދައްކަން ބޭނުން ނަމަ، އިތުރަށް 3،900 ޑޮލަރު (60،099 ރުފިޔާ) ދެއްކުމުން އެ ފުރުސަތު ލިބޭނެ އެވެ. މި ޕެކޭޖުގެ ދަށުން، ފޯރަމްގެ ރަސްމީ ހަފުލާއަށާއި ފަރިއްކޮޅަށް އެ ތަނެއް ތަމްސީލު ކުރާ ތިން މީހަކަށް ވަދެވޭއިރު، އެހެން ތަންތަނަށް ވަންނަން ވީއަޕީ ފާހެއް ނުލިބޭނެ އެވެ.

އިންވެސްޓްމަންޓް ފޯރަމްގެ ވެބްސައިޓާއި އިކޮނޮމިކް މިނިސްޓްރީ އަށް ގުޅައިގެން ފޯރަމްގައި ރަޖިސްޓްރީވެވޭނެ އެވެ.

މި ފޯރަމް މިރޭ އިފްތިހާތުކޮށްދެއްވުމަށް ފަހު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އިންވެސްޓްމަންޓް ފޯރަމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އެއީ، އޭނާ ފާހަގަކުރެއްވި ގޮތުގައި، އިންވެސްޓަރުން ހޯދުމުގެ އިތުރަށް، ބޭރުގެ ސަރުކާރުތަކާ ވެސް ގުޅުން ބަދަހިވެ، ވިޔަފާރި އާއި އިގްތިސާދީ ދާއިރާ އިން އިތުރު ފުރުސަތުތައް ހުޅުވިގެން ދާތީ އެވެ.

"ރާއްޖެ މިއޮތީ ވިޔަފާރި އަށް ހުޅުވާލާފައި. އެއީ އަޅުގަނޑުމެންގެ މެސެޖު،" ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވި އެވެ.

އިންވެސްޓްމަންޓް ފޯރަމް އިފްތިތާހު ކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އިންޑިއާ އަކީ ވިޔަފާރީގެ ގުޅުން އެންމެ ބޮޑަށް ބަދަހިކުރެވޭނެ އެއް ގައުމެވެ. އެގޮތުން، ރާއްޖޭގެ އިގްތިސާދުގައި އިންޑިއާ އިން މިހާރު ވެސް ވަރަށް މުހިއްމު ދައުރެއް އަދާކުރަމުން އަންނަކަން ފާހަގަކުރައްވަައި އޭނާ ވިދާޅުވީ އިންވެސްޓްމަންޓް ފޯރަމާ އެކު އެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ.

މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމް އިންޑިއާގައި ބާއްވަން ނިންމީ ރައީސް އަބްދުﷲ ޔާމީން މިދިޔަ އަހަރު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅެއްގައި ބޭއްވެވި މަޝްވަރާތަކުގަ އެވެ. އެ ފޯރަމް ބާއްވަން އިންޑިއާ ސަރުކާރުން އެހީވާން ވެސް އެއްބަސްވެފައި ވާއިރު، ފޯރަމްގެ އިންތިޒާމުތަކާ ގުޅޭ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރު މުހައްމަދު އާސިމް މިދިޔަ މަހު އިންޑިއާ އަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖާ އެކު މަޝްވަރާ ވެސް ކުރެއްވި އެވެ.

މީގެ ކުރިން ރާއްޖޭން ވަނީ ބޭރުގައި ދެ އިންވެސްޓްމަންޓް ފޯރަމް ބާއްވާފަ އެވެ. މިިދިޔަ އަހަރު ޗައިނާގެ ވެރިރަށް ބެއިޖިންގައި އަދި އޭގެ ކުރީ އަހަރު ސިންގަޕޫރުގައި ބޭއްވި ފޯރަމްގައި ސަރުކާރުން އިއުލާންކޮށްފައިވާ ބޮޑެތި މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދަން މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މައި އެއާޕޯޓު ތަރައްގީ ކުރުމާއި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި އައިހަވަން މަޝްރޫއު ހިމެނެ އެވެ.

2 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 45%
icon sad icon sad 0%
icon angry icon angry 55%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވިޔަފާރިވެރިޔާ

22 September 2016

އިންޑިއާގަ ބާއްވާ އިންވެސްޓްމަންޓް ފޯރަމް އަކީ ކާމިޔާބު އިވެންޓަކަށް ވާނެ ކަމަށް އުއްމީދު ކުރަން. ޗައިނާ، ސިންގަޕޫރު، އިންޑިއާ، އެމެރިކާ، ރަޝިޔާ، މެލޭޝިޔާ ، ސައޫދީ ކަހަލަ ބައިވަރު ގައުމު ތަކުގެ އިންވެސްޓުމަންޓުތަށް މިހާރުވެސް ރާއްޖޭގަ އެބަތިބި. ޗައިނާއާއި އެއްވަރަށް އިންޑިއާގެ އިންވެސްޓުމަންޓު އިތުރުކުރަންވީ. ޙެސްކިޔާފަ ގައުމުގެ ތަރައްގީ ބާރަށް ކުރިޔަށް ގެންދަންވީ.

The name is already taken The name is available. Register?

ރރރ

22 September 2016

އެއްޗެއް ނުއުފައްދާ ގައުމަކުން ވަރައް މަދުވާނެ މާކެޓް ކުރެވޭނެ އެއްޗެއް. ގުޑް ލަކް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454