އެމްޓީސީސީގެ ފަޅުވެރިޔަކު ކަރުދާސް ކޮތަޅެއް ދައްކާލަނީ: މިއީ ބޮޑު ބަދަލެއް
26 ސެޕްޓެމްބަރ 2019 - 07:48
ޕްލާސްޓިކާ ދެކޮޅު ހަރަކާތުގައި ރާއްޖޭގެ ބައެއް ކުންފުނިތަކުން ފުރަތަމަ ސަފަށް ނުކުމެ، ތަފާތު ފިޔަވަޅުތައް އަޅާ ތަން މިހާރު އެބަ ފެނެ އެވެ.
ދައުލަތުގެ ގިނަ އޮފީސްތަކުގައި ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލައިފި އެވެ. ބައެއް ސްކޫލުތަކަށް ޕްލާސްޓިކް ކޮތަޅު ވެއްދުން މަނާކޮށްފި އެވެ. އެންމެ ފަހުން މި ލިސްޓަށް އިތުރުވަމުން އަންނަނީ ރާއްޖޭގެ ނަން މަޝްހޫރު ބައެއް ކުންފުނިތަކެވެ.
މޫދުގައި ޕްލާސްޓިކް: ދިރުންތަކަށް ބޮޑެތި ގެއްލުންތައް ލިބޭ
ދަތުރުފަތުރުގެ ހިދުމަތް ދޭ ސަރުކާރުގެ މައި ކުންފުނި އެމްޓީސީސީގެ ފެރީތަކުގައި މީގެ ކުރިން ބޭނުން ކުރަމުން ދިޔައީ ޕްލާސްޓިކް ކޮތަޅެވެ. ހޮޑު ކޮތަޅުގެ ގޮތުގައި އެތައް ސަތޭކަ ޕްލާސްޓިކް ކޮތަޅެއް ކަނޑަށް އުކާލަ އެވެ. ނަމަވެސް މިމަހު 14 އިން ފެށިގެން ހޮޑުލާން ބޭނުންކުރަނީ ކަރުދާހު ކޮތަޅެވެ.
ސަތާރަ އަތޮޅަކަށް ފެރީގެ ހިދުމަތް ދޭ އެމްޓީސީސީގެ އުޅަނދުތަކުގައި އެވްރެޖްކޮށް ދުވާލަކު 26،000 މީހުން ދަތުރު ކުރެ އެވެ. އެ ހުރިހާ ދަތުރެއްގައި ހޮޑުލެވޭ މީހުން ބޭނުންކުރަން ޕްލާސްޓިކް ކޮތަޅު ދިނުން ހުއްޓާލުމަކީ ތިމާވެށި ހިމާޔަތް ކުރުމަށް އެޅި ރަނގަޅު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ގަބޫލުކުރެ އެވެ.
"ފެރީތަކުގައި ޕްލާސްޓިކް ބޭނުން ކުރުން މަދު ކުރެވުނީތީ ވަރަށް އުފާކުރަން. އަދި ތިމާވެށި ހިމާޔަތް ކުރަން މިފަދަ ކަންކަން އިތުރަށް ކުރަން މަސައްކަތް އެބަ ކުރަން،" އެމްޓީސީސީގެ މާކެޓިން މެނޭޖަރު މަރިޔަމް މުހައްމަދު މަނިކު ވިދާޅުވި އެވެ.
ޕްލާސްޓިކް ކޮތަޅު މޫދަށް އުކާލުމުން ކަނޑުގެ އެތައް ދިރުމެއް މަރުވެ އެވެ. އަދި ޕްލާސްޓިކް ފަދަ އެއްޗެހި އޮޅިގެން މުރަކަ އާއި ވެލާ ފަދަ ތަކެތި ނެތިދެ އެވެ.
ޕްލާސްޓިކް ހުއްޓާލުމުގެ މަސައްކަތް އޭޑީކޭއިން ވެސް ވަރަށް ފަހުން ވަނީ ފަށައިފަ އެވެ. އޭޑީކޭ ހޮސްޕިޓަލުގައި ހިންގާ ބޭސްފިހާރާގައި ކަރުދާސް ކޮތަޅު ބޭނުންކުރަން ފެށީ އަޖުމަބެލުމުގެ ގޮތުންނެވެ.
އޭޑީކޭގެ ސީނިއަ މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވީ އެ ބަދަލު ގެންނަން މަސައްކަތް ކުރަމުން އަންނަނީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ވިޔަފާރި ވެސް ބައްޓަން ކުރަން ކަމަށެވެ.
ބަދަލާ އެކު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޕްލާސްޓިކް ކޮތަޅާ އަޅާބަލާއިރު ކަރުދާސް ކޮތަޅުގެ އަގު މާ ބޮޑުވުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެހެން ގެންނަން ޖެހޭ ބަދަލެއް ވީމަ އަޅުގަނޑުމެން މިކަން ކުރަނީ. ކަރުދާސް ކޮތަޅު މާ އަގުބޮޑު،" ޖިނާން ވިދާޅުވި އެވެ.
ފާހަގަވި ކަންކަމަށް ބަލައި އެކި ސައިޒްގެ ކަރުދާސް ކޮތަޅު ބޭނުންކުރަން އޭޑީކޭއިން މިހާރު ވަނީ ނިންމާފަ އެވެ. ދިގު މުއްދަތަކަށް ބޭސް ނަގާ މީހުންނަށް އަވަހަށް ހަލާކުވުން ކުޑަ ކޮތަޅު ބޭނުންވެ އެވެ.
އެސްޓީއޯއިން ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެ ކުންފުނީގެ ސްޕަމާކެޓަށް ތިމާވެއްޓާ ރައްޓެހި ކޮތަޅު ހިފައިގެން ވިޔަފާރި ކުރަން ދާ މީހުންނަށް ޑިސްކައުންޓް ދޭން ފަށައިފަ އެވެ. ކޮތަޅު ހިފައިގެން ދިއުމުން ކުރާ ކޮންމެ ވިޔަފާރިއަކުން ދެ ޕަސެންޓްގެ ޑިސްކައުންޓެއް އެ ކުންފުނިން މިހާރު ދެ އެވެ.
އަޅުގަނޑުމެން ބާރުއަލަނީ ވިޔަފާރި ކުރުމުގައި އަބަދުވެސް ތިމާވެއްޓާ ރަހުމަތްތެރި ގޮތް ޚިޔާރުކުރުމަށް! ޕްލާސްޓިްކް މަދުކުރުމަށް އެއްބާރުލުންދެމާ! އަޅުގަނޑުމެންގެ ނާޒުކު ތިމާވެށި ހިމާޔަތްކުރަމާ! pic.twitter.com/prGSHYWlkj
— STO Supermart (@sto_supermart) September 19, 2019
އެސްޓީއޯގެ ޕްރޮމޯޝަން ޓްވީޓެއް
"ޕްލާސްޓިކަށް ނޫނެކޭ ބުނަމާ" މި ޝިއާރުގެ ދަށުން އެސްޓީއޯ އިން ފެށި ކެމްޕެއިނާ ގުޅޭ ގޮތުން އެ ކުންފުނީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބޭނުންވަނީ ކަސްޓަމަރުން އެއްފަހަރަށް ވުރެ ގިނަ ފަހަރު ބޭނުން ކުރެވޭ ކޮތަޅަށް ހިތްޖެއްސުން ކަމަށެވެ.
ވިޔަފާރި ކުރާ މީހުން ގަންނަ ތަކެތި އަޅާފައި އެސްޓީއޯއިން މިހާރު ދެމުން ދަނީ ޕްލާސްޓިކް ކޮތަޅެވެ. އާ ޕްރޮމޯޝަނާ އެކު އެ ކޮތަޅު ބޭނުން ކުރަން ޖެހޭ އަދަދު މަދުކުރެވޭނެ ކަމަށް އެކުންފުނިން ގަބޫލުކުރެ އެވެ.\
ތިމާވެށީގެ ހިމާޔަތުގައި ކޮންމެ ބަޔަކަށް ވެސް ކޮންމެވެސް މަސައްކަތެއް ކުރެވިދާނެ އެވެ. އަދި ބޮޑެތި ކުންފުނިތަކުން އަޅާ ފިޔަވަޅުތަކުން ގިނަ ބަޔަކަށް ކުރާ ފައިދާ ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރުދާސްސް
26 September 2019
މިދިޔަ އަހަރު ކޮންމެވެސް ނޫހެއްގައި އޮތް ފޮޓޯއެއް ލޮރީއެއް ފުރާ އުކާލަން ގެންދާ ފޮތްތަކެއް. ކޮންމެ އަހަރެއް ނިމޭއިރު އެތައް ހާސް ކިޔަވާ ކުދިން ބޭނުންކޮށްފަ އެހެން އުކާލާ ފޮތްތައް ކޮތަޅު ހަދަން ބޭނުންކުރުން ރަގަޅުވާނެހެން ހީވޭ. ހިލޭ ލިބޭ ކަރުދާސް އެއީ. އޭގެ ތެރެއިން ޗާފުދެލި ހުންނަ ކަރުދާސް ކާތަކެތި ނޫން އެއްޗެހި ލާ ކޮތަޅުގެ ގޮތުގައި ބޭނުންކުރެވިދާނެ.
ދިއްދޫ ހަންދަރު ހަސަނު
26 September 2019
މަސްދޯނި ފަހަރު އަދި އެހެން އުޅަދުތައްވެސް އަޑީތެޔޮ ބަދަލްކޮށް ކަނޑަން އެޅުން ހުއްޓުވަން އެއްވެސް މަސައްކަތެއް ކުރާތީ ނުފެނޭ ދެރަކަމެކޭ ދޯ؟؟؟
ށިމް
26 September 2019
ވެމްކޯ މީހުން ކުނި ގެންދަނީ ޕްލާސްޓިކް ކޮތަޅަށް އަޅާފަ ބެހެއްޓީމަ.ކަރުދާސް ފޮއްޓެއް ގަ ބެހެއްޓިޔަސް ނުގެންދޭ.އެހެންވެ ކޮތަޅު ގަންނަން ޖެހޭ.މިކަމަށް ހައްލެއް ނެއްތަ
ހިފެހެއްޓުމެއްނެތް ކަރުނަ
26 September 2019
މޮޔަމީހުން ގިނަ އިންޑިޔާއަށްވުރެ، ޕްލާސްޓިކުގެ ކަންތަކުގާ ރަޢްޖެއުޅެނީ މާކުރީގާ. މިކަމަށްހައްލެއް ނުލިބިގެންއުޅެނީ ކުރާކޮންމެ ވިޔަފާރިއަކާއެކު ހިލޭސާބަހަށް ކޮތަޅުދޭތީ. މިހާރުވެސް މަބުނިއްޔޭހިތާފާ ނަމަވެސް ޕްލާސްޓިކްކޮތަޅު ދިނަސް އެއަށް އިތުރުއަގެއްނަގަން ފަށާބަލަ. ވަގުތުންހުއްޓޭނެ. ބޭނުންވަނީ ޕްލާސްޓިކަށް ނޫނެކޭބުނެފާ، ފޮތިކޮތަޅުހަދާފާ ކޮތަޅު ވިއްކާގޮތަށް ވިޔަފާރިކުރާތަންތަނުގާ ބަހައްޓަން. އޭރުން ކޮތަޅުގަންނަން ޖެހޭތީ ގެއިން އަންނާނީ ހިފައިގެން.
ސަލީމު އިދުރީސް
26 September 2019
އިންޑިޔާގަ މީހުން ގިނަވީމަ މޮޔަމީހުންވެސް ގިނަވާނެ! ވަށައިގެން ކަނޑުން ބޭނުކޮއްގެން ޒާމާނުންސުރެ ދިރިއުޅެމުން އައިބަޔަކު އަދި ކިރިޔާ ޕުލާސްޓިކޭކިއަންފެށީ!އިންޑިޔާމީހުންނަކީ އެހެންގަމުއުތަކު މީހުނައްވުރެ އެމެރިކާ ޔޫރަފުގަވެސް ބަލައިގަންބައެއް އެތައްހާސް އިންޑިޔާމީހުން އެގައުތަކައް ބޭނުވެގެން ގުރިންކާޑުދީގެން ގެންގޮއްސަ އެތިބީ! މިގައުމީހުނައް ކޮކަމެއްތޯވީ ލަގުޒާރީހޯޓަތަކުގެޓެކުސް ފައިސާއައްބާރޯސަވެގެން ތިބިބަޔަކު އެޙެންނަސްލުތަކުމީހުނައް ބަވަނީ
ފުންއަސަރު
26 September 2019
އަހަރެމެންނަ ގުޅިލާމެހިފާވާ ޕްލާސްޓިކް، ވަކިން ޚާއްސަކޮށް ޕްލާސްޓިކް ކޮތަޅު. މިހާރުން މިހާރަށް ހުރިހާ ފިހާރަޔަކަށް ދިގުމުއްދަތަކަށް ބޭނުންކުރެވޭކަހަލަ ކޮތަޅު ގެންނަންވީ. އޭހެފަހުގާ ކޮންމެ މީހަކުވެސް ކޮތަޅު ގަންނަން ޖެހޭގޮތަށް ހުރިހާ ކަމެއް ރާވަންވީ. އޭރުން ރަނގަޅުވަރެއްގެ ކޮތަޅެއް 10 ރުފިޔާ ނޫނީ 15 ރުފިޔާއަށްވުރެ ކުޑައަގެއްގާ ލިބޭނޭހެނެއް ހިޔެއްނުވޭ. ކުރާކޮންމެ ވިޔަފާރިއަކާއެކު ކޮތަޅު ގަންނަންވީމާ ދެން ބާޒާރުކުރަން ދާއިރުދާނީ ކޮތަޅުހިފައިގެން.
ސަސީ
26 September 2019
ޕްލާސްޓިކާ ދެކޮޅަށޭ ކިޔާފަ، މިއޮށް ފަދަ ގަޑީގަ ވެލާނާގެ ތިރީގަ އިހްތިޖާޖް ކުރުން ސަޅިއެއްނޫންދޯ
ދެބެންމޫސް
26 September 2019
ކިހެނެއްތޯ ތިކަން ހުއްޓުވާނީ ހއ އަތޮޅު ހއދިއްދޫ ސްކޫލަކީ ޕުލާސްޓިކާ ދެކޮޅު ތިމާވެއްޓާ ރައްޓެހި ސްކޫލެއް އެކަމަކު ހެދުނުގެ ނާސްތާއެދޭނީ ޓިސޫކޮތަޅުގެ ބަދަލުގަ ގަވައިދާހިލާފައް ކުދި ޕުލާސްޓިކް ތަށީގަ އެއްވެސް ހައްލެއްނެތް މިކަން ބަލަންވެސް މިކަންކުރަންވެސް މިކަމައް ފިޔަވަޅު އަޅަންވެސް އަދި ނާސްތާދެނީވެސް އެއްބަޔެއް ދެންކޮންހައްލެއް ކުރެވޭނީ ތިކަންވެސްދާނީ ސިގެރަޓައް ވާގޮތައް ނަމުން ދެކޮޅު ކަމުގަ ހައްދެއްނެތް
ދޮންމަނިކެ
26 September 2019
ޕެޓު ފުޅީގަ ތަކެތި ރާއްޖޭގަ ވިއްކާ މީހުން އެބައިބެކް އަގެއް ކަނޑައެޅީމަ ސަޅިވާނެ.. މިސާލަކަށް ފުޅި އަނބުރާ ގެންދިޔައިމަ 0.25ލާރި އޭރު ފީނައިގެންވެސް ތި ނަގާނެ
ސޮބުރީ
26 September 2019
މީގަ ޕުލާސްޓިކެއް ނޫނޭ މައްސަލައަކީ .. އޭތި ޑިސްޕޯސް ކުރާ ގޮތޭ މައްސަލައަކީ
ކަމަނާފުޅު
26 September 2019
ޕްލާސްޓިކް ކޮތަޅު އެތެރެކުރުން މަނާކުރަންފެނޭ. އަދި ޕްލާސްޓިކް ކޮތަޅުތަކުގައި ބަންދުކޮށްފަ ހުންނަ ތަކެތިން އިތުރުޓެކްސް ތިމާވެށީގެ ހިމާޔަތަށްނަގަން ފެނޭ.