ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އދ.ގެ އާއްމު މަޖިލީހުގެ 74 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ
24 ސެޕްޓެމްބަރ 2019 - 23:10
މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަޔަށް ދުނިޔޭގެ ފެންވަރުގައި ފިޔަވަޅު ނޭޅުން އޮތީ ކަންބޮޑުވާ މިންވަރަކަށް ކަަމަށް ވިދާޅުވެ، ބޮޑެތި ގައުމުތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
އދ.ގެ އާއްމު މަޖިލީހުގެ 74 ވަނަ ޖަލްސާގައި ތަގުރީރު ކުރައްވަމުން ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ކުއްލި ހާލަތަށް މާނަހުރި ގޮތެއްގައި ސަމާލުކަމަށް ގެންނަން ރާއްޖޭން މަސައްކަތްކުރާތާ 30 އަހަރުވެއްޖެ ކަމަށެވެ. އެއީ ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ ކަމެކޭ ރާއްޖޭން ބުނަމުން އައިސްފައިވާނެ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއީ އަޅުގަނޑުމެންގެ ދިރިއުޅުމާ ގުޅިފައިވާ ހަނގުރާމައެެކޭ އަޅުގަނޑުމެން އައީ ބުނަމުން. މިއީ ގައުމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ދެމިއޮތުމަށް ނުރައްކާ ކުރާ ކަމަކަށް ވާތީ. [މޫސުމަށް ބަދަލު އަންނަކަން ކަށަވަރުކޮށްދޭ] ސައިންްޓިފިކް ހެކިތަކަކީ ދެކޮޅު ހެދެން ނެތް ހެކިތަކަަކަށް ވިޔަސް ދުނިޔޭގެ ފެންވަރުގައި ފިޔަވަޅު ނޭޅުން އޮތީ ކަންބޮޑުވާ މިންވަރެއްގައި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މޫސުމަށް އަންނަަ ބަދަލުތަކަކީ ރާއްްޖޭން ކުރި ކަމަކުން ދިމާވި މައްސަލަޔަކަށް ނުވިޔަސް މައްސަލަޔަށް ހައްލެއް ހޯދަން ރާއްޖޭން އަޒުމް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ޕެރިސް އެގްރިމެންޓްގައި ކަނޑައަޅާފައިވާ ތާރީހުތަކުގައި ކަންތައްތައް ކުރަން މަޑުކުރެވެން ރާއްޖެއަށް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
ޕެރިސް އެގްރިމެންޓަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރަން މަސައްކަތްކުރަން އެއްބަސްވެ، ދުނިޔޭގެ ގައުމުތަކުން އެންމެ ފަހުން ސޮއިކުރި މުއާހަދާ އެވެ.
ރައީސް ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަޔަށް ހައްލެއް ހޯދަން ރާއްޖޭން ކުރާ މަސައްކަތް އަންނަނީ މުރާޖައާކޮށް ވަރުގަދަ ކުރަމުންނެވެ. ރާއްޖޭން މަސައްކަތްކުރާނީ ޖަޒީރާ އެހެން ގައުމުތަކާއި ކުދި ޖަޒީރާގައުމުތަކުގެ އެލަޔަންސްއާ އެކުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާކުރަން ސެކްރެޓަރީ ޖެނެރަލް [އެންޓޯނިއޯ ގުޓަރެސް] ބޭއްވެވި ސަމިޓަށް ދިވެހިރާއްޖޭން ވާނީ ޕްލޭނެއް ހުށަހަޅާފައި،" މިދިޔަ ހަތް އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު އދ. ގެ އާންމު މަޖިލީހުގައި ފުރަތަމަ ފަހަރަށް ދެއްވި ތަގުރީރުގައި ރައީސް ވިދާޅުވި އެވެ.
އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ރާއްޖޭގައި ބޭނުންކުރުން 2023 ގައި ހުއްޓައިލުމަކީ ރައީސް ވިދާޅުވި ގޮތުގައި އެ ޕްލޭންގެ ބައެކެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ހައްލު ނުކޮށް ކަނޑުތައް ހިމާޔަތް ނުކުރެވޭނެ ކަމަށާއި ކަނޑުތައް ހިމާޔަތް ނުކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ހައްލެއް ނުހޯދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިއީ ޒާތީ މައްސަލައެއް. ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވާ. ރަށެއް ފެނުމުގެ ކުރިން އަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދުން އެތައް މޭލަކަށް ދަތުރުކުރަން ޖެހޭނެ. ދިވެހިރާއްޖޭގެ ސަރަހައްދުގެ 99 ޕަސެންޓަކީ ކަނޑު. ހިކިފަސްތަނަކީ އެންމެ އެއް ޕަސެންޓް. އެހެންވެ އަޅުގަނޑުމެން ވެފައި ވަނީ ކަނޑުގެ ބޮޑު ދައުލަތަކަށް،" ރައީސް ވިދާޅުވި އެވެ.
އެންމެ ފަހުން އދ. ގައި ތަގުރީރު ކުރައްވާފައިވާ ރާއްޖޭގެ ރައީސަކީ ޑރ. މުހައްމަދު ވަހީދެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އެމަނިކުފާނުގެ ބަދަލުގައި ވަހީދު ވަނީ އދ. ގައި ތަގުރީރު ކުރައްވައިފަ އެވެ. ޔާމީންގެ ވެރިކަމުގެ ދައުރު ހަމަވިއިރު ވެސް ތަގުރީރު ކުރެއްވުމަށް އދ. އަށް ވަޑައެއް ނުގަންނަވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލޭ ކަތީބު މޭޔަރު
25 September 2019
މޫސުމީ ބަދަލް އަދި އެއީ މާ ފަސް މިގޭ ދޮރުމަތީގައި މިއޮތް ކާނުތައްސާފު ނުކުރާތާ 07 އަހަރު އަހަރެމެން މިއުޅެނީ މަދިރިއައިގެން މި ރަށުގައި ނޫޅެވިގެން އެކަމެއް މަނިކުފާނަކަށް ބޮޑެއް ނުވޭ މަނިކުފާނަށް ބޮޑުވީ ތިމާވެށީގެ ދުނިޔޭގެ ފަންޑުން ފައިސާ ފޮއްޗެއް އެ ނަުމުގައި ހޯދޭނެ ގޮތަށް އަޑު އުފުލުމުގެ ކަންކަން