އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ލިބުނު ގެއްލުން ބަލަން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ. .---ފޮޓޯ: ހުސައިން ވަހީދު/މިހާރު
01 އޮކްޓޯބަރ 2019 - 10:57
ތިލަފުށިގޭގެ ކެމިކަލް ގުދަނުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި މީހުން ދިރިނޫޅެވޭވަރަށް އަށް ގެއެއް އަނދައި ހުލިވި ކަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.
މިހާތަނަށް މާލޭގައި ހިނގި އަލިފާނުގެ އެންމެ ބޮޑު ހާދިސާގައި ލިބުނު ގެއްލުންތައް ކަމާބެހޭ އިދާރާތަކުން ބަލައި އެންޑީއެމްއޭ އިން މިއަދު ވަނީ ތަފްސީލްތައް އާއްމުކޮށްފަ އެވެ.
ނިގާރަން
ނެއިބަ
އިވާއު
އަދޫ
އިރާނުގެ
ކަޅުހުރާ
ރަދުވާނިއާ
ގެއްލުން ލިބުނު ގެތައް އެންޑީއެމްއޭ އިން އާއްމުކޮށްފައި.
މި ގެތަކުގައި 31 ގޭބީސީ ހިމެނުނު އިރު، ދެ ގެއެއް މިހާރު ފެންނަން ވެސް ނެތް ކަމަށް ޑިޒާސްޓާ އިން ބުންޏެވެ. އެއީ، ނިގާރަން އާއި ނެއިބަ އެވެ.
މީގެތެރެއިން އެންމެ ގިނަ އާއިލާ ދިރިއުޅެމުން ދިޔައީ ކަޅުހުރާ ގޭގަ އެވެ. އެ ގޭގައި 11 އާއިލާ ދިރިއުޅެމުން ދިޔަ ކަމަށް އެމްއެންޑީއޭ އިން ބުންޏެވެ. ދެން އެންމެ ގިނަ ބަޔަކު ދިރިއުޅުނު ރަދުވާނިއާ ގޭގައި ހަ އާއިލާއެއް ދިރިއުޅުނެވެ. އެއީ ގޭގެ ވެރިފަރާތުގެ އިތުރުން ކުއްޔަށް ދިރިއުޅުނު ފަސް އާއިލާ އެވެ.
ތޮއްޖެހުންބޮޑު އަބަދަށްފެހި މަގުގައި ހިނގި މި ހާދިސާގައި ތިލަފުށިގޭގެ ގުދަނާ އެކު ޖުމްލަ ހަތަރު ގުދަނެއް ވެސް އަނދައި ހުލުވި އެވެ. ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނުގައި ރޯވަން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ. ފުލުހުން އަންނަނީ އެކަން ތަހުގީގު ކުރަމުންނެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހިގެން 400 އަށް ވުރެ ގިނަ މީހުން ޑިޒާސްޓަ އޮތޯރިޓީގައި ރަޖިސްޓްރީވި އެވެ. މީގެތެރެއިން ބައެއް މީހުން އަމިއްލަ ގެތަކަށް ބަދަލުވެފައިވާ އިރު އަނެއް ބަޔަކު ތިބީ ވަގުތީ ހިޔާތަކުގަ އެވެ.
އެންޑީއެމްއޭ އިން ހަމަޖައްސާފައިވާ ވަގުތީ ހިޔާތަކުގައި މިދިޔަ އާދީއްތަ ދުވަހުގެ ނިޔަލަށް ތިބީ 34 އާއިލާއެއްގެ 199 މީހުންނެވެ. އެއީ ނުވަ ގެއެއްގައި ދިރިއުޅޭ މީހުންނެވެ. އެ މީހުން ތިބޭނެ ތަނާއި ކެއިންބުއިމުގެ އިންތިޒާމު އެންޑީއެމްއޭ އިން ވަނީ ހަމަޖައްސައިދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިއުން
01 October 2019
ދެރަކަންކަން
ބޮޑުމީހާ
01 October 2019
މާލެ، މާލެ، މާލެ މިނޫން ތަނެއްދެން ނެތީތަ މިދިވެހި ގައުމުގަ. ކިތަންމެ ވަރަކަށް ދެން މިތަން ރީތި ކުރަން އުޅުނަސް އެކަން ނުވާނެ. ވަގުތު ފާއިތު ނުވަނީސް ރާއްޖޭގެ އެހެން ސަރަހައްދުތައް ތަރައްގީކުރޭ