އެންއައިއީ އިން ކުރިއަށް ގެންދާ ނުރަސްމީ ތައުލީމުގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ދަރިވަރުން -- ފޮޓޯ: އެންއައިއީ
07 އޮކްޓޯބަރ 2019 - 17:05
ނުރަސްމީ ތައުލީމުގެ މަހާސިންތާ އިސްލާމީ މަރުކަޒުގައި މިއަދު ފަށައިފި އެވެ.
ނެޝަނަލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އާއި ޔުނިސެފް ގުޅިގެން ކުރިއަށް ގެންދާ މި މަހާސިންތާގައި 64 މީހުން ބައިވެރިވެ އެވެ. ދެ ދުވަހަށް ކުރިއަށް ގެންދާ މި މަހާސިންތާގެ މަގްސަދަކީ ރާއްޖޭގައި ނުރަސްމީ ތައުލީމު ހަރުދަނާ ކުރެވޭނެ ގޮތްތައް ދެނެގަތުމެވެ. މި މަހާސިންތާ ހުޅުއްވައިދެއްވީ މާލޭގައި ކުރިން ހިންގި އީޕީއެސް ސްކޫލްގެ ކުރީގެ ޕްރިންސިޕަލް މުހައްމަދު މުސްތޮފާ ހުސެއިނެވެ.
އެންއައިއީގެ އެޑިއުކޭޝަނަލް ޑިވެލޮޕްމެންޓް އޮފިސަރު މުހައްމަދު ޒަހީން "މިހާރު" އަށް ވިދާޅުވީ މަހާސިންތާ ފެށުމުގެ ކުރިން، ރާއްޖޭގެ ނުރަސްމީ ތައުލީމުގެ ހާލަތު ދެނެގަތުމަށް ހާއްސަ ދިރާސާއެއް ކޮށްފައިވާ ކަމަށެވެ.
ނުރަސްމީ ތައުލީމުގެ މަހާސިންތާގެ ފެށުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ (ވ.2) ބައިވެރިވަޑައިގަންނަވަނީ -- ފޮޓޯ: އެންއައިއީ
އެ ދިރާސާ މި މަހާސިންތާގައި ހުށަހަޅާނެ ކަމަށް ޒަހީން ވިދާޅުވި އެވެ. އަދި މަހާސިންތާގައި ބައިވެރިވާ ރަށު ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުންނާއި ކައުންސިލްތަކުގެ އިސްވެރިންނާއި އެޑިއުކޭޝަން ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރުން ވެސް އެ ދިރާސާއާ ގުޅޭ ގޮތުން މަޝްވަރާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް، ރާއްޖޭގައި ނުރަސްމީ ތައުލީމު ދެން ކުރިއަށް ގެންދާނެ ގޮތުގެ މޮޑެލްއެއް އެކުލަވާލާނެ އެވެ.
ތަފާތު ސަބަބުތަކާ ހުރެ ރަސްމީ ތައުލީމު ހާސިލްނުކުރެވޭ ނުވަތަ ނުކުރާ ދަރިވަރުންނަށް ނުރަސްމީ ތައުލީމު ފޯރުކޮށްދޭން އެންއައިއީގެ ނޮން ފޯމަލް އެޑިއުކޭޝަން ޑިޕާޓްމެންޓުން ކުރިއަށް ގެންދާ ކޯސްތަކުގެ ތެރޭގައި ލިޔެލާ ޖެހުމާއި ކޭކު އެޅުން ފަދަ ކޯސްތައް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy