ރިޕޯޓް / މެންޓަލް ހެލްތް

ކުޑަކުދިންގެ ނަފްސާނީ ބަލިތައް، ބޮޑުވަމުން ދާ މައްސަލައެއް!

ޑިޕްރެޝަންގެ އަސަރުކޮށްފައިވާ ކުއްޖެއް--

ފާތުމަތު ޝަފީގާގެ އުމުރުން ހަ އަހަރުގެ ދަރިފުޅުގެ ފަރާތުން އާދަޔާހިލާފު ކަމެއް ފާހަގަވާން ފެށީ ސްކޫލަށް ގެންދަން ފެށުމާ އެކުގަ އެވެ. ގޭގައި އުޅޭއިރު، ވަރަށް ސިޔާސަވެފައި މަޖަލެވެ. އެކަމަކު ސްކޫލުގައި އިންނައިރު ކުރަހާ ކުރެހުންތަކުން އޭނާއަށް ފެނުނީ އެހެން މަންޒަރެކެވެ. ކުރަހާފައި ހުންނަނީ އަބަދުވެސް ދެރަވެފައި ނުވަތަ ރޯން ހުންނަ ކުއްޖެކެވެ. ނޫނީ ކޮންމެވެސް އަނިޔާއެއް ލިބޭ މަންޒަރެކެވެ.

މާ ބޮޑު ކަމަކަށް ނުހަދައި އެކަން އޭރު ޝަފީގާ ދޫކޮށްލި ނަމަވެސް، އޭނާ ކަންބޮޑުވާން ފެށީ ފަހުން، ގޭގައި ދަރިފުޅު ދައްކާ ވާހަކަތަކުންނެވެ.

"ބުނާނެ ކޮއްކޮ ދެކެ އެކަކު ވެސް ލޯތްބެއް ނުވެއޭ. ކޮއްކޮ ބޭނުމީ މަރުވާށޭ،" ފިރިމީހާއާ ވަކިން، އެކަނި ދިރިއުޅެމުންދާ މަންމަ ބުންޏެވެ.

އުމުރުން އެންމެ ހަ އަހަރުގެ ކުއްޖަކު މަރުވާ ވާހަކަ ދައްކަން ފެށުމުން، އެއީ އާދަޔާހިލާފު ކަމެއް ކަމަށް ބަލައި، ޝަފީގާ އޭނާގެ ދަރިފުޅު ނަފްސާނީ ޑޮކްޓަރަކަށް ދެއްކި އެވެ. ގިނަ ޓެސްޓުތަކެއް ހެއްދުމަށް ފަހު ޑޮކްޓަރު ނިންމީ ޑިޕްރެޝަން އާއި އެންޒައިޓީގެ ޝިކާރައަކަށް ދަރިފުޅު ވެފައިވާ ކަމެވެ.

ކުޑަކުދިންނާ ގުޅޭ އިލްމުން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ، ޖެންޑާ މިނިސްޓްރީގެ ނައިބު އިފްހާމް ހުސައިން ވިދާޅުވީ ވޭތުވެ ދިޔަ 30 އަހަރަށް ބަލާއިރު، ނަފްސާނީ ބަލިމަޑުކަން ތަހައްމަލު ކުރާ ކުޑަކުދިންގެ އަދަދު މި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އޭގެ ސަބަބުތައް ގިނަ އެވެ.

"އެންމެ ބޮޑު ކަމަކަށް އާއިލީ މައްސަލަތައް. ދެން އެ ކުދިން ހެދިބޮޑުވުމަށް ރަނގަޅު އެންވަޔަރަމެންޓެއް ނެތުން. ބެލެނިވެރިންނާ ކުދިންނާ އޮންނަ ގާތްކަން ކުޑަވުން ވެސް އެއީ ސަބަބެއް،" އޭނާ ވިދާޅުވި އެވެ.

އާއިލާ ރޫޅުމާއި ތައުލީމުގައި ވާދަވެރިކަން

ގިނަ މީހުންނަށް ހީވެފައި އޮންނަ ގޮތުން، ޑިޕްރެޝަނާއި އެންޒައިޓީ ފަދަ ބަލިތަކަށް ހުށަހެޅޭނީ ބޮޑެތި މީހުންނެވެ. ގިނަ ފަހަރަށް އެ ފަދަ ބަލިމަޑުކަމެއް ތަހައްމަލު ކުރަން ޖެހެނީ ދިރިއުޅުމުގައި ދިމާވާ މާޔޫސީ ސަބަބަކާ ހުރެ ކަމަށް ވާތީ، އެއީ ކުޑަކުދިންނަށް ކުރިމަތިވެދާނެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އެކަމަކު ހަގީގަތަކީ ކޮންމެ ދިހަ ކުއްޖަކުން އެއް ކުއްޖަކު، ނަފްސާނީ ބަލީގެ ޝިކާރައަށް ވެފައިވާ ކަމެވެ.

ޖެންޑާ މިނިސްޓްރީން ބުނިގޮތުގައި ރާއްޖޭގައި ވެސް ނަފްސާނީ ބަލިތަކުގެ ކުދިން ގިނަ އެވެ. އެކަމަކު އެކަމާ ގުޅޭ ގޮތުން އެއްވެސް ދިރާސާއެއް މިހާތަނަށް ހެދިފައި ނެތުމުން، އޭގެ މިންވަރެއް ނޭނގެ އެވެ. ދުނިޔޭގެ ކުޑަކުދިންގެ ނިސްބަތަށް ބަލާއިރު އުމުރުން ހަ އަހަރުން ދަށުގެ ކުދިންގެ 17 ޕަސެންޓަކީ ނަފްސާނީ ބަލި ހުންނަ ކުދިންނެވެ. އާބާދީގެ ދެ ބައި ކުޅަ އެއްބައި ކުދިން، އުމުރުން 14 އަހަރަށް ވުރެ މައްޗަށް ދިޔުމުން ނަފްސާނީ ބަލީގެ ތެރެއަށް ވެއްޓެވެ.

"އަސްލު ކުދިންނަށް ވަރަށް ތުއްތު އިރުއްސުރެ އިމޯޝަން [އިހުސާސްތައް] ހޭންޑްލް ކުރަން ދަސްކޮށްދޭން ޖެހޭ. އުފާވީމައި ހަދާނީ ކިހިނެއްކަން، ދެރަވީމައި ނުވަތަ ރުޅި އައިމަ ހަދާނީ ކިހިނެއްކަން ބުނެދޭން ޖެހޭ،"

އިފްހާމް ވިދާޅުވީ މާޔޫސްވުމާއި ކާހިތްނުވުމާއި އަބަދު ރުޅި އައުން ފަދަ މައްސަލަތައް ކުދިންގެ ފަރާތުން ފެންނަ މިންވަރު މިހާރު އިތުރުވެފައިވާ ކަމަށެވެ. އޭގެ އެންމެ ބޮޑު ސަބަބެއް ކަމަށް އޭނާ ފާހަގަކުރެއްވީ އާއިލާތައް ރޫޅުމެވެ.

މައިންބަފައިން ވަކިވެ ނުވަތަ އަރައިރުންވާ ތަން ފެނުމުން ކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެ އެވެ. އެ މީހުން ދެކެ ލޯބިވާ ބަޔަކު ނެތް ކަމަށް ހީވެ އެވެ. އެކަމާ ކުޑަކުދިން ވިސްނަން ފެށުމާ އެކު، ކުދިންގެ އުޅުމަށް ބަދަލުތައް އާދެ އެވެ. މިއީ ޑިޕްރެޝަނާއި އެންޒައިޓީ ފަދަ ނަފްސާނީ ބަލިތަކުގެ ފެށުމެވެ.

ތައުލީމީ ނިޒާމް ބައްޓަން ވެފައި އޮންނަ ގޮތުން ވެސް ބައެއް ފަހަރަށް ކުދިން ނަފްސާނީ މައްސަލަތަކަށް ހުށަހެޅެ އެވެ.

އިފްހާމް ވިދާޅުވި ގޮތުގައި ކިޔެވުމުންނާއި މުބާރާތްތަކުން މޮޅު ނަތީޖާ ހޯދުމަށް މައިންބަފައިން ކުރާ ޕްރެޝަރުގެ ސަބަބުން ވެސް ކުދިންގެ ސެލްފް އެސްޓީމް ދަށްވެ، މާޔޫސްވެ އެވެ. އަދި މަޑުމަޑުން ކިޔެވުމުން މަތިން ފޫހިވެ، ނަފްސާނީ ގޮތުން ކުދިންނަށް އަސަރު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަފްސާނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި އެފަދަ ހާލަތްތަކުގައި ކުއްޖާ ނެގިމަޑުވުން ނުވަތަ އެހެން މީހުންނާ އެކަހެރިވުން ގިނަވެ އެވެ. ކަންކަމަށް ސަމާލުކަން ދޭލެއް ކުޑަވެ އެވެ. އަދި ސްކޫލުގައި ވެސް ބާކީވެ، އިތުރު ކުޅިވަރުތަކުގައި ބައިވެރިވުމަށް ފަސް ޖެހެ އެވެ.

ކުޑަކުދިންނަކީ ފަސޭހައިން ކަންކަމާ ހާސްވެ، ބިރު ގަންނަ ބައެކެވެ. މަންމައާ ވަކިން ނިދަން ޖެހުމާއި ވަކި ކަހަލަ ސޫތްޕެއް ނުވަތަ ޖަނަވާރެއް ނުވަތަ ވަކި ހާލަތެއް ދެކެ ވަރަށް ބިރުގަތުމާއި މީހުންގެ ތެރެއަށް ނިކުތުމަށް ފަސް ޖެހޭ ކުދިން ތިބެ އެވެ. ކިތަންމެ ލޯތްބާއި އަޅާލުން ދިން ނަމަވެސް މި ބިރު ކުދިންގެ ހިތުން ފިލުވާލަން ދަތިވެ އެވެ.

މި ފަދަ ބިރުތަކާއި ހާސްކަން އެންޒައިޓީއަށް ބަދަލުވަނީ އެ އިހުސާސްތަކުން ކުދިން އަރައިގަންނަން ނޭނގި ގިނަ ދުވަސްވުމުންނެވެ.

"އަސްލު ކުދިންނަށް ވަރަށް ތުއްތު އިރުއްސުރެ އިމޯޝަން [އިހުސާސްތައް] ހޭންޑްލް ކުރަން ދަސްކޮށްދޭން ޖެހޭ. އުފާވީމައި ހަދާނީ ކިހިނެއްކަން، ދެރަވީމައި ނުވަތަ ރުޅި އައިމަ ހަދާނީ ކިހިނެއްކަން ބުނެދޭން ޖެހޭ،" ރުޅި އައުމާއި ދެރަވުމުގެ އިހުސާސް އެއްވެ، ކުއްޖާގެ އުޅުމުން ބަދަލުތައް ފެންނަކަން ފާހަގަކުރައްވައި އިފްހާމް ވިދާޅުވި އެވެ.

ދަރިވަރުންނަށް މެސެޖު ދިނުމަށް ތާޖުއްދީން ސްކޫލުގެ ގޯތިތެރޭގައި ބަހައްޓާފައިވާ ބޯޑުތަކެއްގެ ކައިރިން ދަރިވަރަކު ހިނގާފައި ދަނީ: މަތީ ނަތީޖާ ހޯދަން ކުރާ ޕްރެޝަރުގެ ސަބަބުން ވެސް ކުދިންނަށް ނޭދެވޭ އަސަރު ކުރޭ --ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުރިން ކުދިން ކުރަމުން އައި ކަންތައްތަކަށް ބަދަލު އައިސް، އެކަންކަމާ ދުރުވެ މާ ބޮޑަށް ދެރަވެފައި ހުރުމަކީ ޑިޕްރެޝަންގެ އަލާމާތެކެވެ. އެހެން ކުދިންނާ އެކަހެރިވެ، މަޑުމޮޅިވުމުގެ ބަދަލުގައި މި ފަދަ ކުދިންގެ ފަރާތުން މާ ބޮޑަށް ސިޔާސަވުން ނުވަތަ ހަލަނިކަން ފެނެ އެވެ. ބައެއް ފަހަރަށް އަމިއްލަ ނަފްސަށް އަނިޔާ ވެސް ދެ އެވެ.

"ބައެއް ކުދިންނަށް އަންނާނެ މަރުވުމުގެ ހިޔާލު ވެސް. އެއީ ކިހިނެއް ކުރާ ކަމެއްކަން ތުއްތު ކުދިންނަށް ނޭނގުނު ނަމަވެސް، އޭނާގެ މުހިއްމުކަން ކެނޑި ބޭނުމެއް ނެތް ކަމުގެ އިހުސާސް އެ ކުރެވެނީ،" އިފްހާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑިޕްރެޝަނާއި އެންޒައިޓީ ފަދަ ނަފްސާނީ ބަލިތަކަށް ދަރިފުޅު ހުށަހެޅުމުން އެ ކުދިންގެ ހެދިބޮޑުވުމަށް އަސަރު ކުރާނެ ކަމަށެވެ. ސިކުނޑީގެ ހެދިބޮޑުވުމަށް ބުރޫއަރާ، އެ އުމުރުގައި ކުދިން ކުރަން ޖެހޭ ކަންކަން އެ ކުދިންގެ ފަރާތުން ފެންނަލެއް ލަސްވާ ކަމަށާއި މިއީ ބެލެނިވެރިން އެކަމަށް ފިޔަވަޅު އަޅަން ޖެހޭ ވަގުތުކަމަށް އިފްހާމް ވިދާޅުވި އެވެ.

ދަރިންނާ ވާހަކަ ދައްކައި، ގުޅުން ބަދަހިކުރޭ

ބޮޑެތި މީހުންނެކޭ އެއްގޮތަށް، ކުޑަކުދިންނަށް ވެސް ނަފްސާނީ ބަލިތަކުން އެންމެ ފަސޭހައިން އަރައިގަނެވޭނީ މައިންބަފައިންނާއި އެކުދިންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށްގެންނެވެ. ދަރިފުޅު ދެރަވެ، ބިރު ގަންނަ ކަންކަމާ ވާހަކަ ދައްކައި އެއީ ލޯތްބާއި އަޅާލުން ލިބޭ ކުއްޖެއް ކަމުގެ އިހުސާސް ކުރުވައިގެންނެވެ.

މައިންބަފައިން ވަކިން އުޅުނު ނަމަވެސް، އެ ކުއްޖާ އިތުބާރުކޮށް ލޯބިވާ މީހެއް ކައިރީގައި ހުރުން މުހިއްމެވެ. އަދި އެމީހާގެ ސަމާލުކަމާއި އަޅާލުން އެ ކުއްޖަކަށް ބޭނުންވާނެ ކަމަށް ނަފްސާނީ އިލްމުވެރިން އެއްބަސްވެވަޑައިގަނެ އެވެ.

އިފްހާމް ވިދާޅުވި ގޮތުގައި ނަފްސާނީ މައްސަލަތައް ކުޑަކުދިންގެ ތެރޭގައި ބޮޑުވަމުން ދަނީ، ބެލެނިވެރިން ކުދިންނާ އެކު ވަގުތު ހޭދަކުރާލެއް މަދުވެ، އެކުދިންގެ އިހުސާސްތައް ބޭރު ނުކުރެވޭތީ އެވެ. ފުރާވަރަށް އަރައިގެން އަންނައިރު، ސްކޫލު މާހައުލުން ފެންނަ ކަންކަމާ މެދު ވެސް، ދަރިފުޅާ ސުވާލުކޮށް ވާހަކަ ދައްކާ ހަދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ބޮޑު މައްސަލައަކީ ކުއްޖާ ކައިރީގައި އިނދެގެން، އެ ކުއްޖާގެ އިމޯޝަންތައް ހޭންޑަލް ކުރަން މައިންބަފައިންނަށް ވަގުތު ނެތުން،" އިފްހާމް ވިދާޅުވި އެވެ.

"އެކަމަކު ކޮންމެ ކުއްޖަކަށް ވެސް އަންގައިދޭން ޖެހޭނެ އޭނާގެ ލީނިން ފިގާއެއް ހުރިކަން. އެ އެޓޭޗްމެންޓް އިންނަން ޖެހޭނެ."

ނަފްސާނީ މި ފަދަ ބަލިތައް ތަހައްމަލު ކުރަން ޖެހޭ ކުދިންނަށް ކުރީކޮޅު އަޅާލުން ނުދެވިއްޖެ ނަމަ، ފަސޭހައިން ކުށުގެ މާހައުލަށް ނިކުމެވެ އެވެ. އާއިލާގެ ތެރެއިން ނުލިބުނު ލޯތްބާއި ސަމާލުކަން ހޯދަން ނިކުމެވެނީ މަގުމައްޗަށެވެ. ކުށްކުރާ ކުޑަކުދިންގެ ނިސްބަތް އިތުރުވަމުން ދާއިރު، އޭގެ ތެރޭގައި އާއިލާ ރޫޅިފައިވާ ކުދިން ގިނަ އެވެ. މިކަން ހައްލު ކުރެވޭނީ ވީހާ ވެސް އަވަހަކަށް، ކުޑަކުދިންނަށް ދިމާވެފައިވާ ނަފްސާނީ މައްސަލަ ދެނެގަނެ، އެކަމަށް ފަރުވާ ދީގެންނެވެ.

13 ކޮމެންޓް, 45 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 96%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސެން

14 October 2019

އަޅަންވީ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ކުޑަކުދިންގެ ޙަޟާނަތު މައްސަލަތަކުގައި ޢަމަލުުރަމުންދާ 25 އަހަރުކުރިން ހަދާފައޮތް މުސްކުޅި ގާނޫނު ބަދަލުކޮށް މިޒަމާނަށް ފެތޭ ގޮތަށް ރައްކާތެރިކަން ކަށަވަރުވާނެހެން ބަދަލުގެންނަންވީ! ރިޝްވަތު ނަގަނީ މަސްތުވާތަކެތީގެ މައްސަލަތަކުގަ އެކަންޏެއްޏޫން، ކުދިންގެ މައްސަލަތަކުގައި ޖެންޑަރ އިން އެބަހުރި އެސެންމަންޓް އޮޅުވާލާ، ވަކިފަރާތަކަށްޖެހިފަ، އަދި މައްސަލަބަލާ ގާޒީންވެސް، ހުރިހާގެއްލުމެއް ކުއްޖާއަށް

The name is already taken The name is available. Register?

ޔުނައިޓެޑް އައްޑޫ

14 October 2019

ގުދުރަތުގެ ގާނޫނާއި ދިމާއިދިކޮޅަށް، ރާއްޖޭގެ ހުރިހާ ރައްޔިތުން އެއްރަށަކަށް ޖަމާކޮށް، ކުލީ އަޅުންނަށް ހަދައިގެން ބޮޑު ހާސްކަމެއްގެ ތެރޭގައި އުޅެން މަޖްބޫރުކުރުމުގެ ނަތީޖާ މުޖުތަމައުގެ ހުރިހާ ދިމާލަކުން މިދަނީ މަޑުމަޑުން ފެންނަމުން. ވޯކްހާޑް.ޕޭއިރެންޓް އެންޑް ޑައި. ކޮބާ އުފަލަކީ؟

The name is already taken The name is available. Register?

ޝަފާނާ

14 October 2019

މައްޗަންގޮޅި ރައްދެބައިމަގު ނިމޭހިސާބުގައި ހުންނަ ސްކޫލެއްގެ ދަރިވަރުންގެ ކަންތައް ވަރަށްބޮޑު. އަބަދު އެހެންދަރިވަރުންނަށް ބިރުދައްކަނީ. ސްކޫލްގައި ޖިންނިއުޅެޔޭ ކްލާހުގައާއި ސިޑިމަތިން އެއްޗެހިފެނެޔޭ ކިޔައިގެން. މިކަން ނަފްސާނީ ބޮޑުމައއސަލައަކަށްވެ ދަރިފުޅު އަބަދުރޮނީ. ހަދާނެގޮތެއް ނޭނގިފަ މިހުންނަނީ.

The name is already taken The name is available. Register?

ރާއްޖެތެރޭއިބުރޭ

14 October 2019

ތިކަމުގަ ހިމެނޭ ވަރަށް ބޮޑެތި ކަންތަށްތަށް މި ސާލަކަށް ސިހުރު، ކަހަލަ

The name is already taken The name is available. Register?

Thanks ސ

14 October 2019

އިންޓަރނެޓަކީ މިޒަމާނުގއި ޑިޕްރެށަނަށް މަގުފަހި ކޮށްދޭނެ އެންމެ ބޮޑު އެތި

The name is already taken The name is available. Register?

ރިއްޔަ

14 October 2019

ޖެންޑާ މިނިސްޓްރީން ބުނިގޮތުގައި ރާއްޖޭގައި ވެސް ނަފްސާނީ ބަލިތަކުގެ ކުދިން ގިނަ އެވެ. އެކަމަކު އެކަމާ ގުޅޭ ގޮތުން އެއްވެސް ދިރާސާއެއް މިހާތަނަށް ހެދިފައި ނެތުމުން، އޭގެ މިންވަރެއް ނޭނގެ އެވެ.!!! މިޤައުމުގައި ދިރާސާކުރާ ވަކި މިނިސްޓްރީއެއް ހަދަން ފެނޭ...

The name is already taken The name is available. Register?

ބަބުރަންޖީ ހާޖީ

14 October 2019

ކުޑަކުދިންނާ ބޮޑެތިމީހުނާ މުސްކުޅިން، އެންމެން މި އުޅެނީ ބަލިމަޑުކަމެއްގެތެރޭގާ. ބޯހަލާކު.

The name is already taken The name is available. Register?

ހާސަރު

14 October 2019

ހަގީގީ ސަބަބު ދެނެގަތުން މުހިއް މު. ކުދިންގެ އު މުރާ ނުގުޅޭ އެތައް ވާހަކައެއް އަބަދު އަޑުއިވޭ. ޅަސިކުޑިތަކުން އެއަޑުތަކާ މެދު ވިސްނާ ހައްލެއް ނުލިބޭ! ދީނީ ގޮތުންވެސް އު މުރާ ނުގުޅޭ އެތައް އެއްޗެއް ދަސްކޮދޭ. ސިޔާސީ ކޯޅު މުގެ މައްސަލަ ވެސް އެހާ ބޮޑު. ގޭތެރޭގައި ކުޅެލާ މަޖާކޮށްލެވޭކަށް ނެތް. މައްސަލަތައް ބައިވަރު!

The name is already taken The name is available. Register?

އމފއ

14 October 2019

ނަވާރަސަތޭކަ އައްޑިހަ ހިސާބުގައި ޓީވީން ދައްކާ ހުރިހާ އެއްޗެއްބަލާނެ އޭރުގެ ކުޑަކުދިން.މައިންބަފައިން ވަރިވެގެންވެސް އުޅޭ އެކަމަކު ނަފްސާނީބައި ރަނގަޅު

The name is already taken The name is available. Register?

ނެތް

14 October 2019

އޭރު ޓީވީހުރިބާ؟ އަހަރެމެންނަށް އަލަށް ޓީވީ ފެނުނީ ނަވާރަސަތޭކައިގެ ފަހުކޮޅުއ

The name is already taken The name is available. Register?

ނީރާ

14 October 2019

އައި ޑީ ކާޑަށް ސިއްޙީ ޚިދުމްތް ހިލޭޔޯ. އެކަމަކު މިކަހަލަ ކަންކަމަކަށްޖެހެނީ އަމިއްލަ މީހެއްގެ ކްލިނިކަކަށް ބޮޑުއަގުދީގެން ފަރުވާކުރަން. އަހަރެންގެ 4 އަހަރު ކުއްޖަކު، މަންމަ ބައްޕަ، މިފަދަ ޢާއިލާގެ ނަމަކުން ނުކިޔަ. ކަމެއް ކުރަންވީމަ އަތުގަ ހިފައިގެންގޮސް ދައްކަނީ. އެކަމަކު އަކުރުތަކާ ހިސާބު އަދަދުތައް ކިޔާ. ކުޑަކުދިންގެ ޑޮކްޓަރަށް ދެއްކީމަ ބުނަނީ 4 ކްލިނިކެއްގެ ނަންފީފަ އެސެސްމެންޓެއް ހަދާށޭ. އެތަންތަނުން ޑޮކްޓަރަށް ދެއްކެނީވެސް 700 ރުފިޔާ އަށް.

The name is already taken The name is available. Register?

ރާނީ

14 October 2019

އެންމެ ރަނގަޅުވާނީ ސްޕީޗް ތެރަޕިސްޓަކަށް ދައްކާލީމަ.

The name is already taken The name is available. Register?

އަބްދުއްالله

14 October 2019

ބޮޑުވަމުންދާ މައްސަލައެއް ނޫން. އަބަދުވެސް އޮންނަ މައްސަލައެއް. ކުރިން މިއަށް ކިޔަނީ ޖިންނި ބަލި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454