ހއ. ބާރަށް އިން ނަގާފައިވާ ރުއްތަކެއް: މި އަހަރުގެ މިހާތަނަށް 2706 ރުއްގަސް ނަގާފައިވާ ކަމަށް އީޕީއޭ އިން ބުނި -- ފޮޓޯ: އާދަމް އަބްދުﷲ
20 އޮކްޓޯބަރ 2019 - 11:58
މި އަހަރުގެ މިހާތަނަށް ރަށްރަށުން ނަގާފައިވާ ރުއްގަހަށް ވުރެ، އަލުން އިންދާފައިވާ ރުއްގަހުގެ އަދަދު އިތުރު ކަމަށް އެންވަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.
އީޕީއޭ އިން ބުނީ މި އަހަރުގެ މިހާތަނަށް ފަސް ރަށެއްގައި 8،602 ރުއްގަސް އިންދާފައިވާ ކަމަށެވެ. އަދި ރުއްގަސް ނެގުމުގެ ހުއްދަ މި އަހަރު ދީފައި ވަނީ 21 ރަށަކުން ކަމަށާއި އެ ރަށްރަށުން މިހާތަނަށް ނަގާފައި ވަނީ 2،706 ރުއްގަސް ކަމަށް ވެސް އެތަނުން ބުންޏެވެ.
ރުއްގަސް އަލުން އިންދާފައި ވަނީ ނ. މަނަދޫގެ އިތުރުން ނ. މަގޫދު އާއި ރ. ވާދު އާއި ޅ. މަޑިވަރުގަ އަދި ލ. ކުނަހަންދޫގަ އެވެ. މީގެ ކުރީ އަހަރުތަކުގައި ދީފައިވާ ހުއްދައިގެ ދަށުން ނަގާފައިވާ ރުއްގަސް ވެސް މި އަހަރު އިންދާފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ.
Below is the vegetation removal and re-plantation numbers for development projects for 2019. We are following up with all parties who have not replanted as per the given permits pic.twitter.com/KxsPt8WBh8
— EPA Maldives (@EPAMaldives) October 20, 2019
އީޕީއޭ އިން މިއަދު ކުރި ޓްވީޓެއް
ރުއްގަސް ނަގަން ހުއްދަ ދީފައި ރަށްރަށުގެ ތެރޭގައި ހއ. މޮޅަދުއާއި ހއ. ބާރަށާއި ށ. ނަރުދު އާއި ށ. ފޯކައިދު އާއި ށ. ގޮއިދު އާއި ނ. މަނަދު އާއި ނ. މަގޫދު އާއި ނ. ޅޮހި އާއި ރ. ރަސްމާދޫގެ އިތުރުން އެ އަތޮޅު ވާދު އާއި ރަސްގަތީމު އަދި އަންގޮޅިތީމާއި އއ. ތޮއްޑު އާއި މަތިވެރި އާއި މ. ވޭވަށް އާއި ފ. މަގޫދު އާއި ލ. ގަން، ހިތަދޫ އަދި ކުނަހަންދޫ ހިމެނެ އެވެ.
އެ ރަށްރަށުގެ އިތުރުން ތ. މަޑިފުށިންނާއި ގދ. ވާދޫން 90 ރުއް ނަގަން ވެސް އީޕީއޭ އިން ހުއްދަ ދީފައިވާ ކަމަށް އެތަނުން ބުންޏެވެ. އެހެން ނަމަވެސް އެ ދެ ރަށުން ރުއް ނަގަން ހުއްދަ ދިނީ، އެ ރަށުގެ އެހެން ސަރަހައްދެއްގައި އެ ރުއްގަސް އިންދަން ޝަރުތުކޮށްފަ އެވެ.
ރިސޯޓުތައް ފެހިކުރަން ރަށްރަށުން ގިނަ އަދަދަކަށް ރުއްގަސް ނަގައިގެން ގެންދާ މައްސަލަ މިފަހުން ވަނީ އާންމުވެފަ އެވެ. ރަށްރަށުން ގިނަ އަދަދަށް ރުއްގަސް އެގޮތަށް ނެގުމުން ތިމާވެއްޓަށް ގެއްލުންވެ، ރަށުގެ ފެން ފަށަލަ އަށް ނޭދެވޭ އަސަރުކުރުމުގެ އިތުރުން ރަށް ގިރުން ފަދަ ކަންކަން އަވަސްވެގެން ދާނެ ކަމަށް ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނެ އެވެ.
ރަށްރަށުން ރުއް ނެގުމުގެ ހުއްދަ ދޭގޮތާ މެދު އާންމުންގެ ކަންބޮޑުވުންތައް ގިނަވުމުން، އެ ގަވާއިދު އިސްލާހު ކުރަން އީޕީއޭ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ގަވާއިދު އިސްލާހުކުރުމުގެ ކުރިން އެ ކަމާ ގުޅޭގޮތުން އާންމުންގެ ހިޔާލު ވެސް އީޕީއޭ އިން ވަނީ މިދިޔަ މޭ މަހު ހޯދައިފަ އެވެ. އީޕީއޭގެ އެސިސްޓަންޓް ޑިރެކްޓާ ޖެނެރަލް ޑރ. އިބްރާހިމް މުހައްމަދު މި މަހު ކުރީކޮޅު ވިދާޅުވީ ގަވާއިދު އިސްލާހުކުރުމުގައި ލަސްތަކެއް ވަނީ އެކަން އެންމެ ފުރިހަމަކޮށް ކުރަން ބޭނުންވާތީ ކަމަށެވެ. އެ މައްސަލަ އަށް ހައްލުކުރަން ގާނޫނެއް ހަދަން ޖެހިއްޖެ ނަމަ، އެ ކަން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީޕީއޭ އާއި އެންވަޔަރަމެންޓް މިނިސްޓްރީން މި މަހު ކުރީކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީޕީއޭގެ އެސިސްޓަންޓް ޑިރެކްޓަރު ހަމްދާން ޒުހެއިރު (ކ) އާއި އެތަނުގެ އެސިސްޓަންޓް ޑިރެކްޓާ ޖެނެރަލް ޑރ. އިބްރާހިމް މުހައްމަދު (ވ) އާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު (މ) ބައިވެރިވަޑައިގަންނަނަވީ -- ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހހހ
20 October 2019
ރަށްރަށުގައި ހިންގަންޖެހޭ ތަރައްްްްގީގެ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ބިން ސާފުކުރުމަށް އުފުރޭ ގަސްތައް އެހެން ރަށްރަށް ފެހިކުރުމަށް ބޭނުން ކުރުމަކީ މައްސަލައެއްތަ? ދެން އެގަސްތައް އެރަށުގަ އިންދާނެ ތަނެއް ނެތަސް އުކާލަންވީ? ސަލާމަތެއް ނެތެއްނު
ބޮޑުމީހާ
20 October 2019
ވަގަށްނެގި ފައިސާއަށްވުރެ ގިނަވީ ނުނަގާ ފައިސާ
ސަރުބީ
20 October 2019
ބުނަންތަ ވާހަކައެއް. ރަސްމާދޫން އެއްވެސް ރުކެއް ކަނޑައިގެން ނުވާނެ.
މަރިޔަބޫ
20 October 2019
އަހުންވެސް ރަށައް ދާ ކޮންމެފަހަރަކު ގަސް އިންދަން. އޯގަސްޓްމަހުވެސް 15 ރުށް އިންދިން. ގޭވަލުގަ ވެސް 6 ގަސް އިންދިން
ދިވެހިންނަށް ވާނެ
20 October 2019
އެންމެ ފުރިހަމަ ގަވާއިދު ހަދަން ހޭދަވާނެ ކަމަށް ބެލެވެނީ މަދުވެގެން 15 އަަހަރު. ރާއްޖޭގައި އެންމެ ފުރިހަމަ ގާނޫނު އަސާސީ ހަދަން ނެގި މުއްދަތަކީ 17 އަހަރު. ބޭނުންކުރެވޭވަރުވީ 10 ވަރަކަށް އަހަރު. އެހެންކަމުން އެންމެ ފުރިހަމައަށް ރުއްގަސް އުފުރޭނެ ގަވައިދެއް ހެދުމަކީ މިއަދު ގައުމަށް ދިމާވެފައި ހުރި މައްސަލަތަކަށް ހައްލު ލިބޭނެ ކަމެއްކަމަށް ބަލައިގެން ކުރިޔަށް ދިޔުން ވަރަށް މުހިއްމު. އެކަމު މިހާރު އޮތް ގަވާއިދުގެ ދަށުން 200 ރަށުން ރުއްކޮޅު އުފުރާލާ
ހޮޓްކިންގ
20 October 2019
ރަށުގެ ޕްލޭނަށް ގެންނަ ބަދަލުތަކުގެ ސަބަބުން މަގުތަކާއި ގޯތިދިނުމާއި ބޯޅަ ދަނޑާއި އަދި މިނޫންވެސް ރަށުގެ ބިން ޕްލޭނަށް އަންނަ ބަދަލު ތަކުގެ ސަބަބުން ނަގަންޖެހޭ ރުއްގަސް ހުރޭ. އެހެންވެ އެކަމުގެ ސަބަބުން ނަގަންޖެހޭ ރުއްގަސް ނަގަނީ އީޕީއޭގެ ހުއްދައާއި އެކު. އެގޮތަށް ނަގާ ރުއްތައް ކަނޑާ ނައްތާލުމުގެ ބަދަލުގައި ގިނަ ރަށްރަށުން އެ ރުއްތައް ކޮންމެވެސް ބަޔަކަށް ވިއްކާލާ ނުވަތަ ގެންދަން ބޭނުންވާ ރިސޯޓްތަކަށް ދެނީ. އެއީ ކީ މައްސަލައެއްނޫން.
ޒިލް
20 October 2019
ރަށް ރަށުގަައި ހުންނަ ގިނަ ރުކަކީ ކޮންމެވެސް މީހެއްގެ ދިރޭ މުދާ. އެ މުދާ ވިއްކުމުގެ ހައްގު ރުއް އިންދި ފަރާތަށް ލިބިގެންވޭ. ރުއް ނަގާތީ ކަންބޮޑުވަނީ މާލޭގެ ދެތިން ޖަމްއިއްޔާއިން
ސައީދުބޯއި
20 October 2019
މިއީ އާންމުމީހާ މަގުމައްޗަށް ކުނި އަޅައިގެން ޖޫރިމަނާކޮށް ނަން އިއުލާންކޮށް ލަދު ގެންނެވި މުއައްސަސާ. ރާއްޖޭގެ ރިސޯޓުތަކުން ކޮންމެ ހެނދުނަކު ކަނޑަށް އަޅާ ކުނި މި މުއައްސަސާއަކަށް ނުފެނޭ. މިއީ ނޫންތޯ އާންމު މީހެއްގެ ގޭގައި ދޫންޏެއް އިނދެގެން އޭނާގެ ދިރިއުޅުން ހަފުސްވާވަރުގެ ޖޫރިމަނާކުރި މުއައްސަސާއަކީ ނަމަވެސް ރާއްޖޭގެ ކިތައް ރިސޯޓުގައިތޯ ކޮށިކޮށީގައި މިއަދުވެސް ވެލާ ގެންގުޅެނީ. މިއަދު ރުއްގަސް އުފުރީމާ ބަޔާން ތިޔަ ނެރުއްވީވެސް އެއްކޮޅަށް ސާބަސް
ރާބި
20 October 2019
މުސްކުޅި ރުއްތައް ނަގައި އަލުން ޅަ ރުއްތައް އިންދަން އެބަޖެހޭ. ރިސޯޓު ތަކަށް ރަގަޅީ މުސްކުޅިވެ ކުދި އިހާ ނުކުންނަ ވަރުގެ ރުއްތައް. އެހެންވީމައި މުސްކުޅި ރުއްތައް ރިސޯޓުތަކަށް ގެންގޮސް އިންދީމައި ރި ސައިކަލް ކުރެވުނީ. ރުއް ނެގި ތަނުގައި އައު ރުކެއް ޖަހައި ހެއްދީމައި ތާޒާ ފުރައިގެ ރުއްތައް ރަށުގައި ހުންނާނީ. ދެން މަގޭ ބޯ ގޯސް ވާހަކަ ނުދައްކައި ވިސްނާލަބަލަ.
ރިސޯޓްބޯއި2
20 October 2019
ތިމާވެށި ހަލާކުކުރާ މީހުންގެ ދިފާއުގަ މިހިސާބަށް ދާން ޖެހޭނީ ވަރަށް ބޮޑު ފައިދާތަކެއް އީޕީއޭގެ ވެރިންގެ ޖީބަށް ކުރާތީކަމަށް ޝައްކުވާން ފަށައިފި. އޭސީސީއިން މި ބޭފުޅުންގެ އާއިލާތަކާއި އަމިއްލަ އެކައުންޓުތައް ބަލާ މައްސަލައެއް ނޫޅޭކަން ޔަގީން ކޮށްދިނުމަކީ އެންމެންގެ މަސްލަހަތައްވެސް އެންމެ ރަގަޅުގޮތް ކަމަށް ލަފާކުރެވޭ.