ޖޭއެސްސީގެ ބައެއް މެމްބަރުން: އެ ކޮޮމިޝަނާ ބެހޭގޮތުން ކުރީގެ މެޖިސްޓްރޭޓް ރާޣިބް ދެއްކެވީ ހަގީގަތާ ޚިލާފް ވާހަކަތަކެއް ކަމަށް އެ ކޮމިޝަނުން ބުނޭ -- ފޮޓޯ/މިހާރު
24 އޮކްޓޯބަރ 2019 - 20:51
ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބް މިއަދު އިސްތިއުފާ ދެއްވަމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކޮށްފައިވާ ތުހުމަތުތަކުގައި ހަގީގަތެއް ނެތް ކަމަށާއި އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިިންމީ ގިނަ ސުލޫކީ މައްސަލަތަކެއް ސާބިތުވުމުން ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
ރާޣިބާ ގުޅޭގޮތުން ޖޭއެސްސީން ބެލި މައްސަލަތަކަކާ ގުޅިގެން އޭނާ ސަސްޕެންޑް ކުރުމަށް ފަހު އޭނާ މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން އިއްޔެ އެ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. ކޮމިޝަނުން އެގޮތަށް ނިންމުމާ އެކު، ރާޣިބް ވަނީ ކޮމިޝަންގެ އެ ނިންމުމަކީ އޭނާއާ މެދު ޒާތީ ތައައްސުބެއް އޮވެގެން ނިންމި ނިންމުމެއް ކަމަށް ވިދާޅުވެ، މިއަދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.
ރާޣިބްގެ ވާހަކަތަކާ ގުޅިގެން ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައިވަނީ އޭނާ ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމީ ގާނޫނީ ގޮތުން ދޭންޖެހޭ ހުރިހާ ފުރުސަތުތަކެއް ދިނުމަށް ފަހު އަދި ހުރިހާ އިޖްރާއާތުތަކެއް ވެސް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ. އަދި ކޮމިޝަނާ ބެހޭގޮތުން ރާޣިބް ދެއްކެވީ ހަގީގަތާ ޚިލާފް ވާހަކަތަކެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ޖޭއެސްސީގެ ބަޔާނުގައިވާ ގޮތުން ރާޣިބް ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމީ ތަފާތު ސުލޫކީ އަށް ކަމެއް އެ ކޮމިޝަނަށް ސާބިތުވުމުންނެވެ. އޭގެ ތެރެއިން ބައެއް ކަންކަމުގައި ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭތީ އެކަންކަން ބަލަން ފުލުހުންނަށް ވެސް އެ ކޮޮމިޝަނުން ފޮނުވާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އިސްތިއުފާ ދެއްވިއިރު އިތުރު އެހެން މައްސަލަތަކެއް ވެސް އެ ކޮމިޝަނުން ރާޣިބާ ގުޅޭގޮތުން ބަލަމުން ދިޔަ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އިތުރު އެހެން ބައެއް ކަންކަމާ ގުޅިގެން ކުރީގެ ޖަސްޓިސް މިނިސްޓްރީގެ ދުވަސްވަރު އެކިފަހަރު މަތިން ރާޣިބާ މެދު އެ މިނިސްޓްރީން ފިޔަވަޅު އަޅައި، އިންޒާރު ދީފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިމާކުރާތީ ނިޒާމް
25 October 2019
ޕިންކް ބޮނޑިބަތް ނުބައި ޔެލޯ ބޮނޑިބަތް މީރު ކައްކަނީ އެކައްޗެއް އެއްވަރަކަށް އަޅައިން މީ ނޫންތޯ ދިވެހިރާއްޖޭގައި މިއޮންނަ ޑިމޮކްރަސީއަކީ ވެރިކަމަށް އަރަންވީމަ ގޮވަނީ އެލަވަ އަރާފައި ކައްކަނީ ކުރިން ކެއްކި ބަތްގަނޑު
އެފް އެމް
25 October 2019
ރާއިބްގެ ތުހުމަތަކީ ސިޔާސީ ކޮމިޝަނަކުން ނިންމި ސިޔާސީ ނިންމުމެއްކަމަށް އެކަން ދޮގުކުރީ މަޖްލީސް ރައީސްގެ ހައިސިއަޔަތުން ކޮމިޝަނުގެ މެމްބަރ ނަޝީދު އާއި މަޖްލީހުން ކޮމިޝަނަށް ކަނޑައެޅި ހިސާން އާއި ރައީސް އައްޔަންކުރި މެމަބަރާއި ސިވިލްސާރވިސް ރައީސްގެ ހައިސިއްޔަތުން އިންނެވި މެމްބަރާއި ރައީސް އައްޔަންކުރެއްވި އެޓާރނީ ޖެނެރަލްގެ ހައިސިއްޔަތުން އިންނެވި މެމްބަރ ވީމައި ކޮމިޝަނުން ދޮގުކުރީ ކޯންޗެއްބާ
ގައްދޫމީހާ
24 October 2019
ގައްދޫ މީހުންނަށް ރާޣިބު ތިއީ ކާކުކަން އެނގެއެވެ. މީހާގެ އަހުލާގާއި އަމަލުތައް ހުރީ ފަނޑިޔާރެއްހެ ހުންނަންޖެހޭ ވަރަށްވުރެ ދަށްކޮށެވެ.
ބަގުޑި
24 October 2019
ޖޭއެސްސީ ގެ ލޮލަށް އިންސާފެއްނުފެންނާނެއެވެ .އެކޮމިޝަނަކީ އެއަށް ވުރެ މާ ސިޔާސީ ނެކެވެ. ރާއްޖޭގައި ހުރި އެއްމެ ސިޔާސީ ޢަދި ޚުދުމުޚްތާރު އަމިއްލަ އެދުން ބޮޑު މީހާ ލީޑް ކުރާ ތަނެއް އިންސާފު ނުވާނެ މިންވަރު ނިކަން ވިސްނާލަ ބަލާށެވެ.
ކުޑޭ
24 October 2019
ރާބިއު ކުރީ ކޮން ކުށެއްކަން ނޭނގެއޮއްވާ އޭނާ ވަކިކުރީ ރަނގަޅައްކަން ބުނަން ނޭނގެ! އައި ޑޯންޓޑޯންޓް ފްލީ ޓްރަސްޓް ޖޭއެސްސީ