28 އޮކްޓޯބަރ 2019 - 00:31
ލިވަޕޫލް (އޮކްޓޫބަރު 28) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފަހަތުން އަރައި 2-1 އިން ޓޮޓެންހަމް ހޮޓްސްޕާސް އަތުން މޮޅުވެ ލީގުގެ އެއް ވަނައިގައި ލިވަޕޫލުން ހަ ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.
މިރޭގެ މެޗަށް ލިވަޕޫލް ނުކުތްއިރު އެއް ވަނައިގައި އެ ޓީމުގެ ލީޑު އޮތީ ތިން ޕޮއިންޓަށް ކުޑަވެފަ އެވެ. އެކަމަކު ޓޮޓެންހަމް އަތުން ހޯދި މޮޅާ އެކު ލިވަޕޫލް ވަނީ 10 މެޗުން 28 ޕޮއިންޓް ހަަމަކޮށްފަ އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް ލިބިފައިވަނީ 10 މެޗުން 22 ޕޮއިންޓެވެ.
ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން 47 ސިކުންތު ތެރޭގައި ހެރީ ކޭން ވަނީ ޓޮޓެންހަމަށް ލީޑުނަގައިދީފަ އެވެ. ސޮއުން ހެއުން މިން ޖެހި ބޯޅަ އެއް ލިވަޕޫލްގެ ޑޭޔާން ލޮވްރެން ބޮލުން ޖައްސާލުމުން ދަނޑީގައި ޖެހިފައި ގޯލު ކުރިމައްޗަށް ހުރަސްވި ބޯޅަ ކޭން ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މި ގޯލާ އެކު ހެރީ ކޭން ވަނީ ޓޮޓެންހަމަށް 174 ގޯލު ހަމަކޮށް އެ ޓީމަށް ތިން ވަނަ އަށް އެންމެ ގިނަ ގޯލު ޖަހައިދިން މާޓިން ޗިވާސްގެ ރެކޯޑާ ހަމަކޮށްފަ އެވެ.
ނަތީޖާ ހަމަހަމަކުރަން ލިވަޕޫލްގެ މުހައްމަދު ސަލާހާއި ރޮބާޓޯ ފިރްމީނޯ، އަލެކްސަންޑަ އާނޯލްޑްގެ އިތުރުން ވާޖިލް ވެން ޑައިކް ޖެހި ބޯޅަތައް ޓޮޓެންހަމް ގޯލުގައި ހުރި ޕައޮލޯ ގަޒަނީގާ ވަނީ މަތަކޮށްފަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ލީޑުފުޅާކުރަން ޓޮޓެންހަމްގެ ސޮން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޖެހީ 52 ވަނަ މިނިޓްގައި ކެޕްޓަން ޖޯޑަން ހެންޑަސަން އެވެ. ލިވަޕޫލް މޮޅުކޮށްދިން ލަނޑު މެޗުގެ 75 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ކާމިޔާބުކުރީ ސަލާހު އެވެ. މިއީ އޭރިއާތެރެއިން ލިވަޕޫލްގެ ސަޑިއޯ މާނޭ އަށް ޓޮޓެންހަމްގެ ސާޖް އޯރިއޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މެޗު ފަށަން ޖެހުނީ ވަރަށް ބަދުނަސީބު ގޮތަކަށް ކަމަށާއި އެހެން ނަމަވެސް ފަހުން މުޅި ޓީމު އެކުވެގެން ކުރި މަސައްކަތުން ބޭނުންވާ މަގުސަދު ހާސިލްުކުރެވުމުން ހިތްހަމަ ޖެހޭ ކަމަށެވެ.
"މިއީ ފުރިހަމަ މެޗެއް. ޓޮޓެންހަމްގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނުނު. އެކަމަކު އަހަރެމެން އަތުން ކޮންޓްރޯލެއް ނުގެއްލޭ. ބޭނުންވީ ތިން ޕޮއިންޓް އެކަން ކުރެވިއްޖެ،" ކްލޮޕް ބުންޏެވެ.
ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން ވަނީ ރަށުންބޭރުގައި ނޯވިޗް އަތުން 3-1 އިން މޮޅުވެފަ އެވެ. މި މޮޅާ އެކު ޔުނައިޓެޑް ވަނީ 10 މެޗުން 13 ޕޮއިންޓް ހަމަކޮށް ލީގުގެ ހަތް ވަނަ އަށް ޖެހިލައިފަ އެވެ.
ޔުނައިޓެޑްގެ މާކަސް ރެޝްފޯޑާއި އެންތަނީ މާޝިއަލް ފޮނުވާލި ދެ ޕެނަލްޓީ ނޯވިޗްގެ ކީޕަރު ޓީމް ކްރުލް ވަނީ މަތަކޮށްފަ އެވެ. އެހެން ނަމަވެސް މާޝިއަލް އާއި ރެޝްފޯޑް ވަނީ މި މެޗުގައި ލަނޑު ޖަހައިފަ އެވެ. ޔުނައިޓެޑަށް މި މެޗުގައި ލީޑުނަގައިދޭން ސްކޮޓް މެކްޓޮމިނޭ ޖެހި ގޯލަކީ ލީގު ތާރީހުގައި އެ ޓީމުން ޖެހި 2000 ވަނަ ގޯލެވެ. ޔުނައިޓެޑަކީ އެ އަދަދަށް ގޯލު ހަމަކުރި ފުރަތަމަ ޓީމެވެ.
އާސެނަލް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވަނީ ކްރިސްޓަލް ޕެލަސްއާ 2-2 އިން އެއްވަރުވެފަ އެވެ. މެޗުގެ ފުރަތަމަ 10 މިނިޓް ތެރޭ ސޮކްރަޓިސް ޕަޕަސްތޮޕަލަސް އާއި ޑޭވިޑް ލުއިޒްގެ ގޯލުތަކުން އާސެނަލް ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް ކްރިސްޓަލް ޕެލަސް އިން ވަނީ ފަހަތުން އަރައި ދެ ގޯލު ޖަހައިފަ އެވެ. ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުން ލޫކަ މިލިވޯޔެވިޗާއި ޖޯޑަން އަޔޫ އެވެ.
މި މެޗުން އާސެނަލަށް މޮޅުނުވެވުމުން އެ ޓީމު އޮތީ ލީގުގެ ފަސް ވަނައިގައި 10 މެޗުން 16 ޕޮއިންޓާ އެކު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފް ޝީނު
28 October 2019
ލިވަޕޫލްއަށް ލިބުނު ޕެނެލްޓީ އެއީ ވަރަށް ސުވާލުއުފެދޭ ޕެނެލްޓީއެއް. ސާޖް އޯރިއޭ ސާފުކޮށްލަން ޖަހަޖަހާ ހުއްޓާ މާނޭ ބޯޅައާ އޯރިއޭއާ ދެމެދަށް ވައްނަނީ އެހެންވީމަ ޝައްކުވަނީ ޕެނެލްޓީއަކާ މެދު. މީހަމަ އަޅުގަނޑުގެ ހިޔާލު. މިއާ ހިޔާލު ތަފާތުވާ އެއްވެސް ފަރާތަކުން ޒާތީ ނުވުން އެދެން.